ސިއްޙަތު ރަނގަޅު ދުޅަހެޔޮ ކުއްޖަކު ހޯދުމަށްޓަކައި، ބަލިވެ އިނުމަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް:-
- ބަލިވެ އިނުމުގެ ކުރިން ޑޮކްޓަރަށް ދައްކާ ޗެކްއަޕް ހެދުން
ދެމަފިރިންގެ ސިއްޙީ ހާލަތު ހުރި ގޮތާއި ވޭތުވެ ދިޔަ ތަނުގައި އެއްވެސް ސިއްޙީ މައްސަލައެއް ދިމާވެފާވާނަމަ އެކަން ބަލާ އެކަމަށް ފަރުވާ ހޯދުން

ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ އެބައްޔެއް ކޮންޓުރޯލް ކުރެވިފައި ހުރުން
ދާއިމީކޮށް ބޭހެއް ކަމުން ދަނީނަމަ އެކަން ޑަކްޓަރއަށް ދެންނެވުން، ސަބަބަކީ ބައެއް ބޭހަކީ މާބަނޑު ދުވަސްވަރު ބޭނުން ކުރުން ރައްކާތެރި ބޭސްތަކަކަށް ނުވުމާއިއެކު ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އެބޭސްތައް ބަދަލު ކުރަން ޖެހިދާނެތީއެވެ.
- ފޯލިކް އެސިޑް
ފޮލިކް އެސިޑްއަކީ ބަނޑުގައި އުފެދެމުން އަންނަ ދަރިފުޅަށް ދިމާވެދާނެ ބައެއް މައްސަލަތަކުން ދުރުކޮށްދޭ ވިޓަމިން އެކެވެ. އެގޮތުން ސިކުނޑި އަދި މައިބަދަ ރަނގަޅަށް ނުއުފެދުމުގެ ސަބަބުން ދިމާވާ ނުކުޅެދުންތެރިކަމުން ދުރުކޮށްދެއެވެ. ޢާންމުގޮތެއްގައި ޑަކްޓަރ އަށް ދައްކަން ދަނީ ބަލިވެ އިނުމަށްފަހުގައި ކަމަށްވާތީ ފޮލިކް އެސިޑް ކާން ފެށެނީވެސް ބަލިވެ އިނުމަށްފަހުގައެވެ. ނަމަވެސް ބަލިވެއިނުމުގެ 3 މަސް ކުރިން މި ވިޓަމިން ނަގަންފެށުމަކީ މުހިންމު ކަމެކެވެ.
- ބަރުދަން
ބަލިވެ އިނުމަށް ތައްޔާރުވުމުގައި ބަރުދަން ހުންނަންޖެހޭ މިނަވަރަށް ހުރުމުން މާބަނޑު ދުވަސްވަރު ފުރިހަމަ ސިއްޙަތެއްގައި ހުރުމުގެ ފުރުޞަތު ބޮޑެވެ. މާބަނޑު ދުވަސްވަރު ބަރުދަން މާބޮޑަށް އިތުރުވެފައި ހުރުމަކީ ހަކުރު ބަލި، ލޭމަށްޗަށް ދިއުންފަދަ ބަލިތަށް ޖެހުމަށް މަގުފަހިވެދާނެ ކަމެކެވެ. އަދި ބަރުދަން ހުންނަން ޖެހޭ މިންގަޑުގައި ހުރުމުން ވިހެއުމަށް ފަސޭހަވެއެވެ.