މިއަދުގެ ޑިޖިޓަލް ޒަމާނުގައި، ކުދިން އެކުދިންގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރަނީ އޮންލައިންކޮށެވެ. ސޯޝަލް މީޑިއާއާއި، ގޭމިންގ ޕްލެޓްފޯމްތަކާއި، ނުވަތަ ވަރޗުއަލް ކްލާސްރޫމްތަކުގައެވެ. އިންޓަރނެޓުން ދަސްކުރުމަށާއި ގުޅުން ބަދަހިކުރުމަށް ނުހަނު ގިނަ ފުރުސަތުތަކެއް ލިބޭއިރު، މިއީ ކުދިންނަށް ސައިބަރ ބުލީންއަށްވެސް ހުޅުވިގެންދާ ދޮރެކެވެ. އެއީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރާ ފުރައްސާރައިގެ ބާވަތެކެވެ. ސައިބަރ ބުލީއިން އަކީ ނަފްސާނީ ގޮތުންނާއި އަދި ޖަޒްބާތީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމަކަށްވާތީ، މައިންބަފައިން މިކަމުގެ ނުރައްކާތައް ދެނެގަނެ، އެމީހުންގެ ދަރިން ރައްކާތެރިކޮށް ބާރުވެރިކުރުވުމަށް ޢަމަލީ ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
ސައިބަރ ބުލީންއަކީ ކޮބާ؟

ސައިބަރ ބުލީންގެ ތެރޭގައި ޓެކްސްޓް މެސެޖުންނާއި، ސޯޝަލް މީޑިއާ ނުވަތަ އޮންލައިން ގޭމްތައް ފަދަ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރާ ފުރައްސާރައާއި، ބިރުދެއްކުން ނުވަތަ ލަދުގަންނުވާލުން ހިމެނެއެވެ. މީގެ ތެރޭގައި ކުއްޖަކާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމާއި، ބިރުދައްކާ މެސެޖްތައް ނުވަތަ ވީޑިއޯތައް ފޮނުވުމާއި، ވަކި މީހެއްގޮތަށް ހެދިގެން ސައްހަ ނޫން އެކައުންޓެއް ހަދާ މެސެޖް ކުރުންފަދަ ކަންކަން ކުރުމާއި، ހުއްދަނެތި ލަދުގަންނަންޖެހޭފަދަ ފޮޓޯތައް ޙިއްސާކުރުމާއި، ޖިންސީ ފުރައްސާރަ ކުރުމާއި އޭއައި ބޭނުންކޮށްގެން ފޮޓޯ ވީޑިއޯ ހަދައިގެން ފެތުރުން އަދި ގަސްތުގައި ކުއްޖަކު އޮންލައިން ގްރޫޕްތަކުން ބޭރުކޮށްލުންފަދަ ކަންކަން ހިމެނެއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި 10 އަހަރާއި 17 އަހަރާ ދެމެދުގެ ގާތްގަނޑަކަށް %30 ކުދިން ސައިބަރ ފުރައްސާރައާ ކުރިމަތިލާފައިވެއެވެ. އަދި މީގެ ތެރެއިން އަންހެން ކުދިންނަށް ބޮޑަށް މިކަމުގެ އަސަރުކުރެއެވެ. މިފަދަ ފުރައްސާރައާ ކުރިމަތިލާންޖެހޭ ގިނަ ކުދިންނަށް ކަންބޮޑުވުމާއި، ހިތްދަތިކަމާއި، އަމިއްލަ ނަފްސަށް އިތުބާރު ކުޑަވުމާއި ، ޑިޕްރެޝަންއާއި ކުރިމަތިލާން ޖެހެއެވެ. އަދި މީގެ ސަބަބުން ބައެއްފަހަރު ކުދިން ސްކޫލަށް ދިއުން މުޅިން ހުއްޓާލުންފަދަ ކަންތައްތައް ވެސް ދިމާވެއެވެ.
ކުޑަކުދިންނަށް ނުރައްކާ ބޮޑުވަނީ ކީއްވެ؟
ކުޑަކުދިންނަކީ ސައިބަރ ބުލީންއަށް ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑު ބައެކެވެ. މީގައި އެތައް ސަބަބުތަކެއް ވެއެވެ. އެންމެ ފުރަތަމަ ކަމަކީ، ސްމާޓްފޯނާއި ޓެބްލެޓް މެދުވެރިކޮށް އަބަދުމެ ގުޅިފައި ހުރުމުގެ ސަބަބުން އޮންލައިން މުޢާމަލާތްތަކުން އެއްކިބާވުމަށް އުނދަގޫވުމެވެ. ދެވަނަ ކަމަކީ، ކުޑަކުދިންގެ ކިބައިގައި ޖަޒުބާތުތަކާ ކުރިމަތިލުމުގެ ހުނަރުތައް މަދުވުމުގެ ސަބަބުން އޮންލައިންގައި ކުރިމަތިވާ މައްސަލަތަކުން ކުރާ އަސަރު ބޮޑުވެގެން ދިއުމެވެ. އަދި ހަމަ އެހެންމެ، އެކުވެރިންގެ ނުފޫޒާއި އެހެން ކުދިން ބަލައިގަންނަ ކުއްޖަކަށް ވުމުގެ ބޭނުން އިތުރުވުމުގެ ސަބަބުން، ބާކީކުރެވުމުގެ ނުވަތަ ނިކަމެތިކުރެވުމުގެ އިހުސާސްތައް އިތުރުވެގެންދެއެވެ. އެހެންކަމުން، އޮންލައިން މުޢާމަލާތްތަކުގައި ކާކުކަން ނޭނގޭ ގޮތަށް ކަންތައްތައް ކުރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން، ވަގުތުން ފިޔަވަޅު އެޅުމުގެ ފުރުސަތު ނެތުމާއިއެކު ފުރައްސާރަކުރުމަށް ފަސޭހަވެގެންދެއެވެ. މި ހުރިހާ ކަމެއް އެކުވެގެން އޮންލައިންގައި ހޭދަކުރާ ވަގުތުގައި ނޭދެވޭ ތަޖުރިބާތަކާ ކުރިމަތިލާންޖެހުމުގެ ނުރައްކާ އިތުރުވެއެވެ.
މައިންބަފައިންނަށް އެމީހުންގެ ދަރިން ރައްކާތެރިކުރެވޭނެ ގޮތް
ސައިބަރ ބުލީން ހުއްޓުވުމުގައި މައިންބަފައިންގެ ދައުރު ވަރަށް މުހިންމެވެ. މިނިވަންކަމާއިއެކު މުޢާމަލާތު ކުރުމުގެ ފުރުސަތު އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކުދިންނަށް އަދަބެއް ލިބިދާނެކަމުގެ އެއްވެސް ޖެހިލުމެއް ނެތި އެމީހުންގެ އޮންލައިން ތަޖުރިބާތަކާ ބެހޭ ގޮތުން ވާހަކަދެއްކުމަށް ފަސޭހަވާންވާނެއެވެ. ދަރިފުޅަށް ބަލަން އުނދަގުވާކަހަލަ ނުވަތަ ނުތަނަވަސްކަން ގެނުވާފަދަ އެއްވެސް އެއްޗެއް އޮންލައިންކޮށް ފެނިފައިވޭތޯ ސުވާލުކުރެވިދާނެއެވެ. މިފަދަ އާދައިގެ ސުވާލުތައް ކޮށްގެން ކުދިންނަށް އެކުދިންގެ މިފަދަ ވާހަކަ ދެއްކުމަށް ހިތްވަރު ދެވިދާނެއެވެ. އިންޓަނެޓް ބޭނުންކުރުމުގައި ރައްކާތެރިވުމާއި ބެހޭ ގޮތުން ކުދިންނަށް މަޢުލޫމާތު ދިނުމަކީވެސް ހަމަ އެހާމެ މުހިންމުކަމެކެވެ. ޕާސްވޯޑު ހިއްސާނުކުރުމާއި، އިންޓަނެޓްގައި ކުރާ ކޮންމެ ކަމެއްގެ ނުވަތަ އަޅާ ކޮންމެ ފިޔަވަޅެއްގެ ދާއިމީކަމާ ބެހޭ ގޮތުން މަޝްވަރާކުރުމާއި، އެކަށީގެން ނުވާ ޢަމަލުތައް ބްލޮކްކުރާނެ ނުވަތަ ރިޕޯޓުކުރާނެ ގޮތް ދަސްކޮށްދިނުމުން ކުދިންނަށް އޮންލައިން ދުނިޔޭގައި ރައްކާތެރިކަމާއެކު އުޅެވޭނެއެވެ. މީގެ އިތުރުން، ނުދަންނަ މީހުނާ ވާހަކަ ދެއްކުމުގަ ހުރި ނުރައްކާތަކާ، އަމިއްލަ މައުލޫމާތުތަކާ ފޮޓޯފަދަތަކެތި މީހުނާ ހިއްސާކުރުމުން ނިކުމެދާނެ ނަތީޖާތަކާ ގުޅޭގޮތުން ކުދިންނާ ވާހަކަ ދެއްކުމަކީވެސް މައިންބަފައިންނަށް ކުރެވިދާނެ ކަމެކެވެ. ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ގަވާއިދުތައް ކަނޑައެޅުން، މިސާލަކަށް ވަކި ސަރަހައްދުތަކެއްގައި ޑިވައިސް ބޭނުންނުކުރުމާއި، އެކުއްޖެއްގެ އުމުރާ އެކަށީގެންވާ ގޮތަށް ބަލައިގެން، ބައެއް އެޕްތަކާއި ގޭމްތަކުގެ ބޭނުންކުރުމުގައި ވަކި މިންގަނޑެއް ކަނޑައެޅުމުން ދަރިންނަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެއެވެ. މޮނިޓަރކުރުމަކީ މުހިންމު ކަމެއް ނަމަވެސް، އެކަން ބިނާވާންވާނީ އިރުޝާދު ދިނުމުގެ މައްޗަށެވެ. ޖާސޫސްކުރުމުގެ މައްޗަކަށް ނޫނެވެ. މިގޮތުން ދަރިފުޅާއި ބެލެނިވެރިންނާއި ދެމެދު އިތުބާރު އުފެދި، ދަރިން އަމިއްލައަށް ކަންކަން ރިޕޯޓުކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ.
ދަރިން ބާރުވެރިކުރުވާނެ ގޮތް
ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މައިންބަފައިންނަށް ދަރިން ބާރުވެރިކުރުވައި، އޮންލައިންގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލުމަށް މަގުފަހިކޮށްދެވިދާނެއެވެ. ކުޑަ ހުސްވަގުތުކޮޅެއް ނެގުމާއި، ފުންކޮށް ނޭވާލުމާއި ނުވަތަ އިތުބާރުކުރެވޭ މީހަކާ ވާހަކަދެއްކުން ފަދަ ކަންކަމާ ކުރިމަތިލުމުގެ ހުނަރުތައް ދަސްކޮށްދިނުމުން، ދަރިންނަށް ސައިބަރ ބުލީކުރުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ފިއްތުންތަކާ ކުރިމަތިލާން ފަސޭހަވެއެވެ. ހަރުކަށި ގޮތްތަކުގެ ބަދަލުގައި ކެރިގެން ކުރިމަތިލުމަށް ހިތްވަރުދިނުމަކީ މުހިންމު ކަމެކެވެ. ބަދަލު ހިފުމުގެ ބަދަލުގައި ބުލީކުރާ ފަރާތްތައް ބްލޮކްކުރުމަށް ނުވަތަ ރިޕޯޓުކުރުމަށް ދަރިންނަށް އިރުޝާދު ދޭންވާނެއެވެ. މެސެޖުތަކާއި، ޕޯސްޓުތަކާއި ސްކްރީންޝޮޓުތަކުގެ ރެކޯޑު ބެހެއްޓުމަކީ މައިންބަފައިންނަށާއި ސްކޫލްތަކަށް އެކަށީގެންވާ ގޮތެއްގައި އެކަމަށް އިޖާބަދިނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އަދި މީގެ އިތުރުން، ސްކޫލްގެ ކައުންސެލަރުން ނުވަތަ ނަފްސާނީ ދުޅަހެޔޮކަމުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަކީ ދަރިންނަށް ނަފްސާނީ އަސަރުތަކާ ކުރިމަތިލުމަށާއި ކެތްތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ނުރައްކަލެއް އުޅޭކަން ދެނެގަނެވޭނެ ގޮތްތައް
ދަރިފުޅަށް ސައިބަރ ބުލީން ކުރިމަތިވާކަން ދެނެގަނެވޭނެ ނިޝާންތަކައް މައިންބަފައިން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. އިލެކްޓްރޯނިކް ވަސީލަތްތައް ނުވަތަ ސޯޝަލް މީޑިއާ ބޭނުންކުރަމުން އައި ކުއްޖަކު ކުއްލިޔަކަށް އެ ވަސީލަތްތައް ބޭނުންކުރަން ޖެހިލުންވުން، ސްކޫލަށް ނުވަތަ އިތުރު ހަރަކާތްތަކަށް ދިއުމަށް ދެކޮޅުހެދުން، ނަފްސާނީގޮތުން ކަންބޮޑުވުން، ރުޅިއައުން، އެކަހެރިވުން، އަދި ނިދުމާއި ކެއުމުގެ އާދަތަކަށް ބަދަލުއައުން މިއީ އެފަދަ އިންޒާރުގެ ނިޝާންތަކެވެ. މިފަދަ ކަންތައްތައް އަވަހަށް ދެނެގަނެ، ވަގުތުން ފިޔަވަޅު އެޅުމަކީ ކުއްޖާގެ ނަފްސާނީ އަދި ޖަޒްބާތީ ދުޅަހެޔޮކަމަށް ދިގު މުއްދަތަކަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
މިއަދުގެ ގުޅިފައިވާ ދުނިޔޭގައި އިންޓަނެޓުގެ ޒަރީއާއިން ގަނާ ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، މައިންބަފައިން އަމަލީގޮތުން ހަރަކާތްތެރިވެ، ދަރިން ހިމާޔަތްކޮށް، ބާރުވެރިކުރުވިދާނެއެވެ. ހުޅުވިފައިވާ މުއާމަލާތްތައް ބޭއްވުމާއި، ޒިންމާދާރު ޑިޖިޓަލް އަޚްލާޤު ދަސްކޮށްދިނުމާއި، ޕްރައިވެސީއަށް އިޙްތިރާމްކުރުމާއެކު ސާފު ޤަވާއިދުތަކެއް ކަނޑައެޅުމާއި، އަދި ކަންކަމާ ކުރިމަތިލުމުގެ ހުނަރުތަކާއި ޔަޤީންކަމާއެކު ވާހަކަދެއްކުމުގެ ހުނަރުތައް އުނގަންނައިދިނުން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން އިންޓަނެޓު މާހައުލު އިތުރަށް ރައްކާތެރިވެގެންދާނެއެވެ. ރައްކާތެރިކަން ކަށަވަރުކުރުމާއި، ތަޢުލީމު ދިނުމާއި، އަދި ޖަޒްބާތީ އެހީތެރިކަން ފޯރުކޮށްދިނުން އެއްކޮށްލައިގެން، މައިންބަފައިންނަށް އެމީހުންގެ ދަރިންނަށް އިންޓަނެޓުގެ ދުނިޔެ ރައްކާތެރިކަމާއި އިތުބާރާއެކު ބޭނުންކުރަން އެހީތެރިވެވިދާނެއެވެ.
