ގިނަ އަންހެނުންނަށް ރިހުންގަދަ ޕީރިއަޑްތަކަކީ “އާދައިގެ” ކަމެއްގެ ގޮތުގަ ދެކެވެއެވެ. އެ ރިހުމާއި، ވަރުބަލިވުމާއި، ނުވަތަ ހަޖަމުކުރުމުގެ އުނދަގޫތަކަކީ ވަރަށް އާންމު ބައްޔެއްގެ އަލާމާތްތަކަކަށް ވީނަމަވެސް މި ބައްޔަކީ މީހުންގެ ތެރޭގައި ހޭލުންތެރިކަން ވަރަށް ކުޑަ ބައްޔެކެވެ. މީ އެންޑޮމީޓްރިއޯސިސްގެ ފޮރުވިފައިވާ ހަޤީގަތެވެ.
ދުނިޔޭގެ ކޮންމެ 10 ން 1 އަންހެނަކީ މިބަލި ތަހައްމަލުކުރަމުންދާ މީހެކެވެ. އެންޑޮމީޓްރިއޯސިސް އަކީ ހަކުރު ބައްޔަށް ވުރެ އާންމު ބައްޔެކެވެ. ގިނަފަހަރަށް އެންޑޮމީޓްރިއޯސިސް ބައްޔަކީ ވަރަށް ވޭންހުރި ބައްޔެކެވެ. މިބަލީގެ ވޭން ހާޓް އެޓޭކް ނުވަތަ ވިހެއުމުގެ ވޭނަށްވުރެ ބޮޑުކަމަށް ބައެއް ރިސާރޗް ތަކުން ދައްކައެވެ. ނަމަވެސް މި ރިސާރޗް ތަކާއި ޙިލާފަށް އެންޑޮމީޓްރިއޯސިސް ގިނަފަހަރަށް ފޮރުވެނީ ހިމޭންކަމުގެ ތެރޭގައެވެ. ގިނަ އަންހެނުންގެ ބަލި ޑައިގްނޯސް ނުކުރެވި ނުވަތަ އެކަށީގެންވާ ފަރުވާ ނުލިބި ބަލި މީހުން އެތައް އަހަރެއް ވަންދެން ތަކުލީފު އުފުލަން ޖެހެއެވެ.

އެންޑޮމީޓްރިއޯސިސް އަކީ ކޮބާ؟
އެންޑޮމީޓްރިއޯސިސް އަކީ މުޅި ހަށިގަނޑަށް ފެތުރޭ އެކިއެކި ގުނަވަންތަކާއި އޭގެ ދައުރަށް އަސަރުކުރާ އިންފްލެމޭޓަރީ ބައްޔެކެވެ. އަދި ރަހިމުގެ އެތެރެ ފަށަލަ “އެންޑޯމެޓްރިއަމް” އާއި އެއްގޮތް (އެހެނަސް ސީދާ އެންޑޯމެޓްރިއަމްއެއް ނޫން) އެންޑޮމީޓްރިއޯސިސް ސެލްތަކަކީ ގުނަވަންތަކުގެ އެތެރެއާއި ބޭރުގައި ރިހުން ހުންނަ ފޮޅުތަކެއް ނުވަތަ ފާރުކޮޅުތަކެއް ފަދަ އެއްޗެކެވެ. މި ސެލްތައް އަންހެނުންގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފެތުރުމުގެ ފުރުސަތުއޮވެ، ގުނަވަންތަކުގެ ދައުރަށް އަސަރުކޮށް ގުނަވަންތައް ތަތްލަވާ، ވަރަށް ބޮޑެތި އުނދަގޫތަކާއި، ރިހުމާއި، ވޭން ކުރިމަތިކުރުވައެވެ. އެންޑޮމީޓްރިއޯސިސް އަކީ ސައިލެންޓް ކެންސަރގެ ގޮތުގައިވެސް ބުނެވެއެވެ.
އެންޑޮމީޓްރިއޯސިސްގެ އަލާމާތްތައް
އެންޑޮމީޓްރިއޯސިސްގެ ޢަލާމާތްތަކުގެ ތެރޭގައި މައްސަރުދުވަސްވަރު ނުވަތަ އަބަދުމެ އާދަޔާ ޚިލާފަށް ބަނޑުގައި އަދި ފައިގައި ރިއްސުން، އުނަގަނޑުގައި ނުވަތަ ބުރަކަށީގައި ރިއްސުން، ދަށްބަނޑުގައި ދިގުދެމިގެންވާ ގޮތެއްގައި ރިއްސުން، މައްސަރުދުވަސްވަރު ގިނައިން ލޭ އައުން، ޖިންސީގުޅުމުގެ ސަބަބުން ރިއްސުން ނުވަތަ ލޭއައުން، އަރާމުކޮށްލުމުންވެސް އެއްވެސް މިންވަރަކަށް ލުއިނުވާ ވަރުބަލިކަން އިހުސާސުވުން އަދި މައިގްރެއިން ހިމެނެއެވެ. ގިނަ ބަޔަކަށް މި ހާލަތުގެ ސަބަބުން މަސައްކަތާއި އާއިލީ ގުޅުންތަކާއި ދިރިއުޅުމުގެ ހާލަތަށް އަސަރުކުރި ނަމަވެސް މިވާހަކަ ދެކެވެނީ ވަރަށް މަދުންނެވެ. މިއަލާމާތްތަކުގެ އިތުރުންވެސް އެންޑޮމީޓްރިއޯސިސް އަށަގެންފައިވާ ގުނަވަންތައް ތަތްލަވާ، ނާރުތައް ޝާމިލްވާ އަދި ވަރަށް ބޮޑެތި އުނދަގޫތައް ކުރިމަތި ކުރުވާ، ތަފާތު އިތުރު އަލާމާތްތައް ހުރެދާނެއެވެ. އެގޮތުން ބްލެޑަރ، ގޮހޮރު، އޯވަރީ، ރެކްޓަމް، ޔޫރެޓަރ، ޔޫޓެރޯ ސެކްރަލް ލިގަމަންޓްސް، ޕެލްވިކް ނާރވްސް ފަދަ ތަންތަނުގައި އެންޑޯމެޓްރިއޯޓިކް ސެލް ނުވަތަ ނޮޑިއުލް ހުރިކަމުގައިވާނަމަ އިތުރު އަލާމާތްތައް ފެނިދާނެއެވެ. މިތަންތަނުގެ އިތުރުން ކިޑްނީ، ޑައިފްރަމް، ފުއްޕާމޭ، ހިތް އަދި ސިކުނޑިއަށްވެސް މިބަލީގެ އަސަރުކޮށްފައި އެބަހުއްޓެވެ.
މި ބައްޔަކީ މިހާތަނަށް ދާއިމީ ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. ނަމަވެސް ބަލި މެނޭޖްކުރުމަށްޓަކައި ތަފާތު ޓްރީޓްމެންޓްތައް ލިބެންހުރެއެވެ. އެގޮތުން މިހާރު ދެވޭ އެންމެ ރަނގަޅު (ގޯލްޑް ސްޓޭންޑާރޑް) ފަރުވާއަކީ އެންޑޮމީޓްރިއޯސިސް އެކްސިޝަން ސަރޖަރީއެވެ. އެކްސިޝަން ސަރޖަރީގައި އެންޑޮމެޓްރިއޯޓިކް ސެލްތައް ބުޑުން ކަނޑާ ނަގައެވެ. މި ސާޖަރީ ކުރެވެނީ މިކަމުގެ ޚާއްސަ އެކްސްޕާރޓުންނާއި އެކު މަލްޓި ޑިސިޕްލިނަރީ ޓީމް އަކަށެވެ. އެންޑޮމީޓްރިއޯސިސް އެކްސިޝަން ސާޖަރީ ހަދާ ޓީމެއްގައި ކޮލޮރެކްޓަލް ސާރޖަން، ޔޫރޮލޮޖިސްޓް، ކާޑިއޯ-ތޮރެސިކް ސާރޖަން، ޕެއިން ސްޕެޝަލިސްޓުން އަދި މީގެ އިތުރުން ވެސް އެކި ޚާއްސަ ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ. އާންމު އަންހެނުންގެ ޙާއްސަ ޑޮކްޓަރުންނަކީ އެންޑޮމީޓްރިއޯސިސް އެކްސްޕާރޓުންނަށް ނުވެދާނެއެވެ.
އަލާމާތްތައް މެނޭޖްކުރެވިދާނެ ގޮތްތައް
- މެޑިކަލް ކެއަރ ، ސަރޖަރީ ނުވަތަ ބޭހަކީ ދާއިމީ ހައްލަކަށް ނުވާއިރު، ދުޅަހެޔޮ ދިރިއުޅު އާދަތަކުން އަލާމާތްތައް ލުއިކުރުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.
- އެންޓި އިންފްލެމެޓަރީ ކާނާ (މޭވާ، ތަރުކާރީ، ހޯލް ގްރޭންސް، ސިއްހަތަށް ފައިދާހުރި ފެޓްސް) އިން އިންފްލެމޭޝަން ދަށްކުރެވިދާނެއެވެ. ޕްރޮސެސްޑް ކާނާ، ހަކުރު، އަދި ބައެއް ހާލަތްތަކުގައި ގްލޫޓެން، ކެފެއިން އަދި ޑެއިރީ ފަދަ ބާވަތްތައް މަދު ކުރުމަކީ ވެސް ބަލީގެ އަލާމަތްތައް ލުއިވެދާނެ ކަމެކެވެ.
- މަޑުމަޑުން ނަމަވެސް ގަވާއިދުން ހަރަކާތްތެރިވުން
- ދިގުދެމިގެންދާ ވޭންގަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންވެސް މަޑުމަޑުން ނަމަވެސް ކަސްރަތު ކުރުމަކީ ފައިދާހުރި ކަމެކެވެ. ކޮންމެ ދުވަހަކުވެސް ހަރަކާތްތެރި ވުމަކީ މުހިންމުކަމެވެ. ޕިލާޓޭސް، ސްޓްރެންތް ޓްރެއިނިންގް، ފެތުން، ހިނގާލުން އަދި ޕެލްވިކް ފްލޯރ އަށް ޙާއްސަ ކަސްރަތުތަކުން ލޭ ދައުރުވުން އިތުރުކޮށް، ނަފްސާނީ ގޮތުން ލުއިލިބި، އަދި ހޯމޯންސް ބެލެންސް ކުރުމަށް އެހީވެދެއެވެ.
- އަރާމުކުރުމާއި ނިދުމަށް އިސްކަންދޭށެވެ.
- ދިގުދެމިގެންދާ ވަރުބަލިކަމަކީ އެންޑޯމެޓްރިއޯސިސްގައި އެންމެ ބޮޑަށް އިހުސާސްވާ ނަމަވެސް ފަރުވާކުޑަކޮށްލެވޭ އަލާމާތެވެ. ޤަވާއިދުން ނިދުމުގެ ރޫޓީންއެއް ގެންގުޅުމާއި، އަރާމުކުރުމަށް ވަގުތު ދިނުމާއި، ހަށިގަނޑުގެ ލިމިޓްތަކަށް އަހުލުވެރިވުމަށް ދަސްކުރުމަކީ ބަލި މެނޭޖްކުރުމަށް ހަޤީޤީ ތަފާތެއް ގެނެސްދޭނެ ކަމެކެވެ.
ރިހުން ލުއިކުރުމަށް ގޭގައި ކުރެވިދާނެ ކަންކަން
ހޫނު ނުވަތަ ފިނި ކޮމްޕްރެސް ހީޓިން ޕެޑް ބޭނުންކުރުމުން ރިހުމަށާއި މަސްތަކުގެ ޓެންޝަން އަށް ލުއި ލިބިދެއެވެ. އިނގުރު ނުވަތަ ކެމޮމައިލް ފަދަ ހާރބަލް ސައިތަކުން އިތުރު ލުއިތައް ލިބިދާނެ އެވެ.
ހަށިގަނޑުގެ ދުޅަހެޔޮކަމާއި އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަކީ މުހިންމުކަމެއް
އެންޑޮމީޓްރިއޯސިސްގެ ސަބަބުން ބަލިމީހުންގެ ނަފްސާނީ އަދި ޖަޒްބާތީ ދުޅަހެޔޮކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވައެވެ. މިފަދަ ހާލަތުގައި އަޅުކަން އިތުރުކުރުމާއި، ދުޢާއާއި ޒިކުރު ކުރުމާއި، އަމިއްލަ އިހުސާސް ތައް ލިޔެ ރިކޯރޑް ކުރުމާއި، ނަފްސާނީ ފަންނުވެރިއެއްގެ އެހީ ހޯދުން (ކައުންސިލިން)، އެންޑޯ އެޑްވޮކޭޓްސް ފަދަ ސަޕޯރޓް ޤްރޫޕްތަކުގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.
މިބަލި ތަހައްމަލުކުރަމުންދާ އެހެން ބަލިމީހުންގެ ތަޖުރިބާތަކާއި، އެމީހުންގެ ފަރާތުން ލިބޭ ހިތްވަރާއި އިރުޝާދުތަކަކީ ބަލި މެނޭޖްކުރުމަށް ފައިދާހުރިކަމެކެވެ. މިފަދަ އެހީތެރިކަމަކީ ބަލިމީހުންނަށް މި ބައްޔާއިއެކު ކުރިއަށް ދިއުމަށް ލިބޭ އިތުރު ހިތްވަރެކެވެ.
މިއީ ގިނައިން ދައްކަން ޖެހޭ ވާހަކައެއް
އެންޑޮމީޓްރިއޯސިސް އަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރިހުމެއް ނޫނެވެ. ހޭލުންތެރިކަން ކުޑަވުމެވެ.
ދަރިމައިވުމުގެ ސިއްހަތުގެ ވާހަކަ އަކީ ވަރަށް މަދުން ދެކެވޭ ވާހަކައެކެވެ. އެންޑޯމެޓްރިއޯސިސް އަކީ އަންހެނުންގެ ސިއްހީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ފަރުވާކުޑަ ކުރެވޭ އެއް މައްސަލަ އެވެ. މި ހާލަތަކީ “ޕެއިންފުލް ޕީރިއަޑް” އަކަށްވުރެ މާ ސީރިއަސް ހާލަތެކެވެ. ގިނަފަހަރަށް އަހެރެމެންނަށް ދެކެވެނީ ބަލީގެ އަލާމާތްތަކަކީ އާދައިގެ ނުވަތަ އާންމު ކަމެއްގެ ގޮތުގައެވެ. ގިނައިން މިވާހަކަ ދައްކާ ހޭލުންތެރިކަން އިތުރުކުރުމުން ބަލިމީހާ ވޭނުގައި ތަހައްމަލު ކުރާ މުއްދަތު ކުރުވެ، އެންޑޮމީޓްރިއޯސިސް އެކްސްޕާރޓެއްގެ ފަރާތުން އެކަށީގެންވާ ފަރުވާ ލިބި، ކުރަން ނުޖެހޭ ސާރޖަރީ ތަކާއި ބޭސް ބޭނުން ކުރުން މަދުވެގެން ދެއެވެ.
އެންޑޮމީޓްރިއޯސިސް އަކީ މަދުން ދިމާވާ ކަމެއް ނޫނެވެ . އެތައް މަންމައެއް، އެތައް އަނބިންނެއް، އެތައް ދައްތައެއް ނުވަތަ އަންހެން ކޮށްކޮ އެއް ތަހައްމަލުކުރަމުންދާ ބައްޔެކެވެ. މުޖްތަމައުގައި ބަލީގެ ހޭލުންތެރިކަން އިތުރުވެ ، ބަލި މެނޭޖްކުރުމަށް ހޮލިސްޓިކް އާދަތައް އިޚްތިޔާރުކުރުމާއި، އެންމެންގެ ސަޕޯޓް ލިބުމަކީ ކުރިޔަށް ދިޔުމަށް ހިތްވަރާ އުންމީދު ލިބިގެންދާނެކަމެކެވެ.
