ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ މެދުގައި މުނިފޫހިފިލުވުމުގެ އެންމެ މަޤްބޫލު ވަސީލަތަކަށް ވެފައިވަނީ ތަފާތު ވައްތަރުގެ ވީޑިއޯ ގޭމުތަކެވެ. ރޯބްލޮކްސް، ޕަބްޖީ، ފޯޓްނައިޓް، ކޯލް އޮފް ޑިއުޓި އަދި މި ނޫންވެސް މިފަދަ އެތައް ގޭމުތަކުގައި އެކުދިން ގަޔާވާފަދަ ގްރެފިކްސްތަކާއި، އެކި މީހުނާއި މުއާމަލާތްކޮށް ވާހަކަ ދައްކައިގެން ކުޅެވޭ ގޭމުތަކަކަށް މި ގޭމްތައް ވުމާއި ދިގުދެމިގެން ނިމުމެއް ނެތްގޮތަށް މި ގޭމްތައް ކުޅެވޭ ކުޅުމަކީ މި ކުދިން މި ގޭމްތަކަށް އެހާ ބޮޑަށް ޝައުގުވެރިވާ ސަބަބެވެ. މި ގޭމުތަކަކީ މުނިފޫހި ފިލުވުމުގެ އިތުރުން ބައެއް ހުނަރުތައް ކުދިންނަށް ދަސްވާނެ ގޭމުތަކަށްވީ ކަމުގައި ވިޔަސް، މިއިން ކުދިންނަށް ވާ ފައިދާއަށްވުރެ ލިބޭ ގެއްލުންތައް ބޮޑެވެ. ސަބަބަކީ މި ގޭމުތަކަކީ، ކާކުކަން ނޭންގޭ މަކަރުވެރި ފަރާތްތަކަށް ކުދިން ހުށަހެޅުމާއި، ސައިބަރ ބުލީން އާއި، އަނިޔާވެރި އަމަލުތަކާއި (ވައިލެންޓް ބިހޭވިއަރ)، ގޭމަށް ދެވިހިފުމުގެ އިތުރުން ފައިސާގެ ގޮތުންވެސް ބޮޑެތި ނުރައްކާތަކާ ކުދިން ކުރިމަތިލާން ޖެހޭފަދަ ގޭމުތަކަކަށް ވުމެވެ. މި ގޭމުތަކާ ގުޅިގެން ހިނގާފައި ހުރި ތަފާތު ހާދިސާތަކަށް ބަލާލުމުންވެސް މިކަން ދޭހަވެގެން ދެއެވެ.
ރޯބްލޮކްސް: އުފެއްދުންތެރިކަމާއި ގުޅުންތައް އުފައްދާ ވަސީލަތެއް ނުވަތަ ނުރައްކަލަށް ހުށައެޅުމަށް ކޮށިގެންދާ މަގެއްތަ؟

ދުވާލެއްގެ މައްޗަށް 100 މިލިއަނަށްވުރެ ގިނަ މީހުން ބޭނުން ކުރަމުންދާ މި ގޭމިން ޕްލެޓްފޯމަކީ ކުޑަކުދިންގެ މެދުގައިވެސް އެންމެ މަޤްބޫލު އެއް ގޭމިންގް ޕްލެޓްފޯމެވެ. މި ގޭމްގައި ކުޅޭ ފަރާތްތަކަށް އަމިއްލައަށް ތަޖުރިބާތައް ފަރުމާކޮށް، ޙިއްޞާކޮށް އަދި ކުޅުމުގެ އިތުރުން އެހެން ފަރާތްތަކާ ޗެޓްކޮށް ވިޔަފާރިކުރުމުގެ ފުރުޞަތު ލިބިދެއެވެ. ނަމަވެސް، އުފެއްދުންތެރިކަމަށް ހުޅުވާލެވިފައިވާ މި ފުރުސަތަކީ މި ގޭމިންގް ޕްލޭޓްފޯމްގެ ނުރައްކާ ކުދިންނަށް އެންމެ ބޮޑަށް އިތުރުކުރުވާ އެއްކަމެވެ.
2025 ވަނަ އަހަރު، ކެންޓަކީ ސްޓޭޓުން ރޮބްލޮކްސްއާ ދެކޮޅަށް ކުރި ދަޢުވާގައެއްގައި އެ ކުންފުންޏަށް ތުހުމަތުކުރެވުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި، ނުރައްކާތެރި ކޮންޓެންޓްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ފެއިލްވުމުގެ ކުށެވެ. ތަޙުޤީޤުތަކުން ހާމަވި ގޮތުގައި ބޮޑެތި މީހުން މި ޕްލެޓްފޯމް ބޭނުންކޮށްގެން ޕްރައިވެޓް މެސެޖްކުރުމާއި ރޮބަކްސް (ގޭމްގެ ފައިސާ) ފަދަ ވަރޗުއަލް ހަދިޔާތައް ހުށައަޅައިގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ ހާދިސާތައް ހިނގާފައިވެއެވެ. އެއް ހާދިސާއެއްގައި، 10 އަހަރުގެ އަންހެން ކުއްޖަކަށް ރޮބަކްސް ދިނުމަށް ހުށަހަޅައި، އޭނާގެ ބެހެއްޓުން އެކަށީގެން ނުވާ ފޮޓޯތައް ފޮނުވުމަށް އެދިފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. މިޒޯރީގައި ކުރެވުނު އެހެން ދަޢުވާއެއްގައި ބުނެފައިވާ ގޮތުން، 17 އަހަރުގެ އޯޓިޒަމް ހުންނަ ކުއްޖަކަށް، ފުރާވަރުގެ ކުޑަ ކުއްޖެއްގެ ގޮތުގައި ދައްކައިގެން ހުރި މީހަކު ގްރޫމް ކޮށްފައިވެއެވެ. މި ހާދިސާތަކުން ފާހަގަކުރެވެނީ ޖިންސީ ގޯނާކުރާ މީހުން ރޮބްލޮކްސްގެ އިޖުތިމާޢީ ފީޗަރތަކާއި ބަލިކަށި މޮޑަރޭޝަން ނިޒާމުތައް ނަހަމަ ގޮތުގައި ބޭނުންކުރާ މިންވަރެވެ.
2024 ވަނަ އަހަރު ފްލޮރިޑާގައި އުމުރުން 10 އަހަރުގެ ކުއްޖަކު 2 މަހުގެ ތުއްތު ކުއްޖަކު ތަޅުންގަނޑުމައްޗަށް ވައްޓާލުމާ ގުޅިގެން މިތުއްތު ކުއްޖާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ކުއްޖާ މިގޮތަށް އަމަލު ކޮށްފައިވަނީ އުމުރުން 36 އަހަރުގެ އަންހެނަކު ރޯބްލޮކްސް މެދުވެރިކޮށް މިގޮތަށް ކަންތައް ކުރުމަށް ކުއްޖާއަށް އިރުޝާދު ދިނުމުންނެވެ. ތަހުޤީޤީ ރިޕޯޓްތަކުން ބުނާގޮތުގައި މި އަންހެންމީހާ ވަނީ ބާތްޓަބްގައި ކުއްޖާ ގަންބުވާލުމަށާއި، ހޫނު ފެން އަޅާ ފިއްސާލާ އަދި ކުއްޖާ ތަޅުން މައްޗަށް ވައްޓާލާ ކުއްޖާ މަރާލުމަށް 10 އަހަރުގެ ކުއްޖާއަށް އިތުޝާދު ދީފައެވެ. މީގެ އިތުރުންވެސް، މި މީހާ ވަނީ އެ ކުއްޖާ ވަގުތީ ގޮތުން ދިރިއުޅެމުން ދިޔަ ގޭގެ ބޮޑެތި މީހުން މަރާލާނެ ގޮތްތައްވެސް ކިޔާދީފައެވެ. މިގޮތުން އެމީހުންގެ ކަރުގައި ވަޅި އެޅުމާއި ނިދާފައި ތިއްބާ ބެޑްޝީޓްގައި ރޯކޮށްލުން ހިމެނެއެވެ.
ރައްކާތެރިކަމާ ގުޅުން ހުރި ކަންބޮޑުވުންތަކުގެ އިތުރުން، ރޮބްލޮކްސްގެ ގޭމްގައި ހިމެނޭ ފައިސާއާއި ގުޅުންހުރި ކަންކަމާއި ގުޅޭގޮތުންވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެހެންކުދިންނާ އޮންނަ ގުޅުމާއި ކުދިން ދެކޭގޮތް ދެމެހެއްޓުމަށްޓަކާ ކުދިންނަށް މިފަދަ ވާރޗުއަލް ފައިސާ ހޯދުމަށް އަސްލު ފައިސާ ހަރަދު ކުރުމަށް ޕްރެޝަރ އާދެއެވެ. މިގޮތަށް ހަރަދު ނުކުރެވޭ ކުދިންނަށް ބާކީވުމާއި ހަނގާކުރުމާ ކުރިމަތިލާން ޖެހެއެވެ. ޕޭރެންޓަލް ކޮންޓްރޯލް ހުރިކަމުގައިވިޔަސް، ގިނަ ބެލެނިވެރިންނަށް މީގެ ބޭނުން ކުރަން އެންމެ ރަނގަޅަކަށް ނޭންގެއެވެ. އެހެންކަމުން ބެލެނިވެރިއެއް ކައިރީ ނެތި މި ގޭމު ކުދިން އެކަނި ކުޅެން ދޫކޮށްލުމަކީ ކުދިންނަށް ހީނުކުރާނެފަދަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. އަދި މިފަދަ ގޭމުތަކަކަކީ ކުދިން ވަރަށް ބޮޑަށް ދެވިހިފާ އެއްޗަކަށް ވުމާއެކު ކުދިންގެ އުޅުމާ އަހުލާގަށްވެސް މީގެ ނޭދެވޭ އަސަރު ކުރެއެވެ.
ޕަބްޖީ: ދެވިހިފުން، އަނިޔާވެރިކަން، އަދި ނަފްސާނީ ސިއްޙަތަށް ހުރި ނުރައްކާތައް
ޕްލޭޔަރ އަންނޯންސް ބެޓަލްގްރައުންޑްސް (ޕަބްޖީ) އަކީ އޭގެ ހަލުވި ކުޅިވަރުގެ ސިފައާއި، ކުޅުންތެރިން އެންމެ ފަހަށް ދެމިތިބުމަށް ކުރާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި މަޤްބޫލުވި ކުޅިވަރެކެވެ. ނަމަވެސް، ދިރާސާތަކާއި ޙަޤީޤީ ދުނިޔޭގެ ރިޕޯޓުތަކުން ދައްކާގޮތުގައި، ޚާއްޞަކޮށް ޅައުމުރުގެ ކުޅުންތެރިންގެ މެދުގައި ކަންބޮޑުވާންޖެހޭ ނޭދެވޭ އަސަރުތަކެއް ފެންނަމުންދެއެވެ. 2024 ވަނަ އަހަރު ޕާކިސްތާނުގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ޕަބްޖީއަށް ދެވިހިފުމާއި އަނިޔާވެރިކަން އިތުރުވުމާއި އިޖްތިމާޢީ ގުޅުންތައް ދަށްވުމާއި ދެމެދު ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ލާހޫރުގައި ކުރެވުނު އިތުރު ދިރާސާއަކުން ހާމަވިގޮތުގައި ޕަބްޖީ ގަވާއިދުން ކުޅޭ ފަރާތްތަކުގެ މެދުގައި ކެތްތެރިކަން ކުޑަވުމާއި އެހެން މީހުންގެ އިހުސާސްތަކަށް އަޅާލުން ކުޑަކަން ފާހަގަވެފައިވެއެވެ. މިއިން ދޭހަވަނީ މި ކުޅިވަރުގެ އަނިޔާވެރި އަދި ވާދަވެރި ސިފަތަކުން މީހުންގެ އިހުސާސްތައް ކޮންޓްރޯލްކުރުމާއި އުޅުމަށް އަސަރުކުރުން އެކަށީގެންވާކަމެވެ.
ބައެއް ޤައުމުތަކުގައި ދެވިހިފުމާއި ނަފްސާނީ ސިއްޙަތަށް ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޕަބްޖީ ވަގުތީގޮތުން މަނާވެސް ކުރެވިފައިވެއެވެ. އިންޑިޔާ އަދި ނޭޕާލްގައި ފުރާވަރުގެ ކުދިން މި ކުޅިވަރަށް ވަރަށް ބޮޑަށް ދެވިހިފައިގެން، ބައެއް ކުދިން ސްކޫލަށް ނުދިޔުމާއި، އަނިޔާވެރިވުމާއި، ކުޅެން ނުލިބޭ ހާލަތުގައި ޑިޕްރެޝަންއަށް ދިއުންފަދަ ކަންކަން ރިޕޯޓުކުރެވިފައިވެއެވެ. މި މިސާލުތަކުން ދައްކައިދެނީ ޕަބްޖީއަކީ ފޯރިގަދަ އަދި އިންޓަރެކްޓިވް ކުޅިވަރެއް ނަމަވެސް، ކުދިން މިންވަރަށްވުރެ އިތުރަށް އެއްވެސް ހަމައެއް ނުވަތަ ބެލެހެއްޓުމެއް ނެތި ކުޅޭނަމަ، އުޅުމުގެ އަދި ނަފްސާނީ މައްސަލަތަކަށް މަގުފަހިވެދާނެ ގޭމެއްކަމެވެ.
ފޯޓްނައިޓް: މަޖާ، މަޝްހޫރުކަން، އަދި މާލީ ގޮތުން ހައްލައިލުން (މެނިޕިއުލޭޝަން)
އެޕިކް ގޭމްސް އިން ތައްޔާރުކޮށްފައިވާ ފޯޓްނައިޓް އަކީ ބަޑިޖެހުމާއި، ބިނާކުރުމާއި، ޑާންސްކުރުން ފަދަ ކަންކަން އެއްކޮއްލައިގެން، ކުލަގަދަ އަދި ވަރަށް ބޮޑަށް ދެވިހިފާފަދަ ގޮތަކަށް، ގިނަ ކުޅުންތެރިން ބައިވެރިވެގެން ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ ގޭމެކެވެ. ކާޓޫނު ސްޓައިލްގެ ގްރެފިކްސް ހުރި ނަމަވެސް، ފޯޓްނައިޓްގައި ފޮރުވިފައިވާ އެތައް ނުރައްކާތަކެއް ހުރެއެވެ. މާރޗް 2025 ގައި، އެމެރިކާގައި ހައްޔަރުކުރެވިފައިވާ ކުއްވެރިޔަކު ފޯޓްނައިޓް ބޭނުންކޮށްގެން 10 އިން 12 އަހަރާ ދެމެދުގެ މަދުވެގެން 6 ފިރިހެން ކުދިންނާ ގުޅުން ބާއްވައި އެކުދިންގެ ނާޖާއިޒު ފައިދާ ނަގާފައިވާކަން ފާހަގަކުރެވުނެވެ. މިފަދަ މީހުން ގޭމް ތެރޭގައި ހުންނަ ޗެޓް މެދުވެރިކޮށް ކުދިން އެމީހުންގެ ވާހަކައިގައި ޖެއްސުމަށްފަހު ބޭއަދަބީ ތަކެތި ފޮނުވާފައިވެއެވެ. ޔޫކޭގެ ނޭޝަނަލް ސޮސައިޓީ ފޯރ ދަ ޕްރިވެންޝަން އޮފް ކްރުއަލްޓީ ޓު ޗިލްޑްރަން (އެންއެސްޕީސީސީ) އިން ތަކުރާރުކޮށް އިންޒާރުދީފައިވަނީ ފޯޓްނައިޓްގެ ޓެކްސްޓް އަދި ވޮއިސް ޗެޓް ސިސްޓަމްތަކުން ކުޑަކުދިން އެކުދިންނަށް ނޭނގޭ މީހުންނާއި ގުޅުވައިދީ، އެކުދިން ނުރަނގަޅު ކަންކަމަށް ހިތްވަރުދީ ހުށަހެޅުމުގެ ފުރުޞަތު ބޮޑުކަމަށެވެ.
މި ނުރައްކާތަކުގެ އިތުރުން، ފޯޓްނައިޓް ވަނީ ބޮޑެތި ޤާނޫނީ އަދި އަޚްލާޤީ މައްސަލަތަކާ ކުރިމަތިލާންޖެހިފައެވެ. އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން އެޕިކް ގޭމްސް އަށް 520 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައިވަނީ އޮޅުވާލުމުގެ ޑިޒައިން އުކުޅުތައް ބޭނުންކުރުމުގެ ސަބަބުންނެވެ. މީގެ ތެރޭގައި ބެލެނިވެރިންގެ ހުއްދަ ހޯދުމަކާއި ނުލާ ކުޑަކުދިންނަށް ގޭމްކުޅުމުގެ ތެރެއިން ނޭންގި ނުވަތަ އޮޅިގެންވެސް ގޭމްގައި ހިމެނޭ އައިޓަމް ގަތުމުގެ ފުރުޞަތު ފަސޭހަކޮށްދިނުން ހިމެނެއެވެ. 2024 ގައި، ޑަޗް އޮތޯރިޓީތަކުން އެޕިކް ގޭމްސް އަށް 1.1 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ކޮށްފައިވަނީ “މިހާރު ގަންނާށެވެ، ނޫނީ ނެތިދާނެއެވެ!” ފަދަ މެނިޕިއުލޭޓިވް ގޭމް އިޝްތިހާރުތައް މެދުވެރިކޮށް ކުޑަކުދިންްނަށް ޕްރެޝަރ ކުރުމުގެ ސަބަބުންނެވެ. މި މައްސަލަތަކުން ހާމަވަނީ ބައެއް ގޭމިންގ ކުންފުނިތަކުން ކުޑަކުދިން އިތުރަށް ޚަރަދުކުރުމަށް ހިތްވަރުދިނުމަށް ނަފްސާނީ ހީލަތްތައް ބޭނުންކުރާކަމާއި، މުނިފޫހިފިލުވުމާއި ނަހަމަ ފައިދާ ނެގުމާއި ދެމެދު އޮތް ރޮނގު ފަހަނައަޅައި ދާކަމެވެ.
ކޯލް އޮފް ޑިއުޓީ: އަސްލާއި އެއްގޮތް އަނިޔާވެރިކަމާއި ނުރަނގަޅު މާޙައުލު
ކޯލް އޮފް ޑިއުޓީ (ސީއޯޑީ) ސިލްސިލާއަކީ މާކެޓުގައި ލިބެންހުރި އެންމެ ހަޤީޤަތާ ގާތްކޮށް ފަރުމާކުރެވިފައިވާ އަދި އެންމެ އަނިޔާވެރި ޝޫޓިންގ ގޭމްތަކުގެ ތެރެއިން އެއް ސިލްސިލާއެވެ. މިއީ ޅަފުރައިގެ ކުދިންނާއި ބޮޑެތި މީހުންނަށް ރޭޓްކުރެވިފައިވާ ގޭމެއް ކަމުގައިވިޔަސް، ގިނަ ކުޑަކުދިން މި ގޭމަށް ވަންނަނީ ރައްޓެހިންގެ ނުވަތަ އާއިލާގެ އެކައުންޓްތައް މެދުވެރިކޮށެވެ. ދިރާސާތަކުން ދައްކާގޮތުގައި ފަސްޓް-ޕަރސަން ޝޫޓަރ ގޭމްތަކަށް ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ކުޅޭ މީހުންނަށް ހަޤީޤީ ދިރިއުޅުމުގައި ހިނގާ އަނިޔާވެރިކަމަށް އާދަވެ، އެހެން މީހުންނަށް ހަމްދަރުދީވުން ކުޑަވެ، އަދި އަނިޔާވެރި ޚިޔާލުތައް އިތުރުވެގެންދެއެވެ. ޚާއްޞަކޮށް ޅަފުރައިގެ ކުޅުންތެރިންގެ މެދުގައެވެ. މަލްޓިޕްލޭޔަރ މޯޑްތަކުގައި، ކުޅުންތެރިން އާންމުކޮށް ކުރިމަތިލާންޖެހެނީ ނުދަންނަ މީހުންގެ ފަރާތުން އަންނަ ހަޑިހުތުރު ބަހުރުވައާއި، ފުރައްސާރައާއި، ހަނގާކުރުމަށެވެ.
2024ވަނަ އަހަރު ކޯލް އޮފް ޑިއުޓީ: މޮޑަން ވޯފެއަރ II ގެ ކުޅުންތެރިންގެ އަމަލުތައް ހުންނަގޮތް ދިރާސާކުރުމުން ފެނިފައިވާ ގޮތުގައި ނުރަނގަޅު އަމަލުތައް ކުޅުންތެރިންގެ މެދުގައި ފެތުރިގެންދެއެވެ. ޓީމްމޭޓުން އާންމުކޮށް އެކަކު އަނެކަކުގެ އަނިޔާވެރިކަމާއި މަލާމާތް ތަކުރާރުކުރެއެވެ. މިފަދަ ނުރަނގަޅު އަމަލުތަކަށް އަބަދުމެ ހާމަވުމުގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އިޙްސާސްތައް ބަލަހައްޓަން ދަސްކުރުމަށް ނޭދެވޭ އަސަރުކުރެއެވެ. އަނިޔާވެރި ގޭމްތައް ކުޅޭ ހުރިހާ ކުދިންނަކީ އަނިޔާވެރިވާ ކުދިން ނޫންކަމުގައި ވިޔަސް، ކުދިންނަށް ރަނގަޅު މަގުދެއްކުމާއި އިޙްސާސްތަކަކަށް އެހީތެރިކަން ނުލިބޭ ހާލަތްތަކުގައި މި ނުރައްކާ އިތުރުވެގެންދެއެވެ.
މި ގޭމުތަކުގެ އިތުރުންވެސް ކުދިންނަށް ނުރައްކަލާއި ނޭދެވޭ އަސަރުތައް ކުރުވާނެ މިފަދަ އެހެން ގޭމުތަކަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮށް އެ ޕްލެޓްފޯމެއް މެދުވެރިކޮށް ކުދިންނަށް ނުދަންނަ މީހުނާ މުޢާމަލާތްކޮށް ގުޅުން ބޭއްވުމަށް ފުރުޞަތު ލިބިދޭ ގޭމުތަކާއި، އަނިޔާވެރި ތަޅާފޮޅުންތައް ގިނަ ގޭމުތަކާއި، ފައިސާ ހަރަދުކުރަން ޖެހޭ ގޮތަށް ތައްޔާރުކޮށްފައިވާ ގޭމުތަކާއި މިނޫންވެސް ކުދިންނަށް ނޭދެވޭ ކަންކަން ދަސްވާފަދަ އަދި ދެވިހިފާގޮތަށް ތައްޔާރުކުރެވިފައިވާ ގޭމުތައް ކުދިން ކުޅޭނަމަ އެކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމުކަމެވެ. ސަބަބަކީ މީގެ ސަބަބުން ކުދިންގެ އަހުލާގާއި ކިޔެވުމާއި ނިދުން އަދި ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރުކޮށް، ކުދިންގެ ކިބައިގައި އަނިޔާވެރި އަދި ރުޅިވެރިކަން އިތުރުވުމަށް މަގުފަހިވާތީއެވެ. އަދި މީގެ އިތުރުން ކުދިންނަށް ޖިންސީ ފުރައްސާރައާއި ހަނގާކުރުމާއި ފުރާނަ އަށް ނުރައްކާފަދަ ހާލަތްތަކަށްވެސް ކުދިން ހިނގައިދާނެއެވެ.
