އުމުރުން ދިހަމަހުގައި ދަރިފުޅު އިތުރަށް ހެލިފެލިވެ ކަންކަން ތަޖުރިބާކުރުމާއި، މުއާމާލަތުކުރުމާއި ކަންކަމާއިމެދު ޝައުގުވެރިކަން ފާޅުކުރަން ފަށައެވެ. ކޮންމެ ކުއްޖެއްވެސް ހެދި ބޮޑުވުމުގައި ތަފާތުކެއް ހުންނަ ނަމަވެސް އާންމުކޮށް މިއުމުރުގައި ފާހަގަ ކުރެވޭ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި މޯޓަރ ސްކިލްސްއާއި ، މުއާމަލާތުކުރުމާއި، ސިކުނޑީގެ ހެދިބޮޑުވުމާއި ޖަޒުބާތީ އަދި އިޖުތިމާއި ގޮތުން އަންނަ ކުރިއެރުންތައް ހިމެނެއެވެ. މިކަންކަން އެނގުމަކީ ކުދިންގެ ހެދިބޮޑުވުމުގައި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ލަސްވުމެއް އުޅޭކަން ފާހަގަ ވާނަމަ އެކަމަށް ސަމާލުވުމަށް މުހިންމު ކަމެކެވެ.
ޖިސްމާނީ ތަރައްގީ

ގްރޮސް މޯޓަރ ސްކިލްސް
އުމުރުން 10 މަހުގެ ކުދިން ރަނގަޅަށް ފިރުކެން ފަށައެވެ. އަދި ތަންތާގައި ހިފަހައްޓައިގެން ކޮޅަށް ތެދުވުމާއި ހިނގަން ފެށުމަކީ މިއުމުރުގެ ކުދިންގެ ފަރާތުން ފާހަގަ ކުރެވޭނެ ކަންކަމެވެ. އާންމުކޮށް އެކަނި ހިގެންފެށެނީ 12 މަހުގައި ކަމުގައިވީނަމަވެސް 10 މަހުގެ ބައެއް ކުދިން ކޮންމެވެސް ވަރަކަށް އެކަނި ކޮޅައްހުނަން ފަށައެވެ.
އާންމު މޭލުގާތަށް:
- އަތާއި ކަކޫޖައްސައިގެން ފިރުކުން.
- ތަންތާގައި ހިފަހައްޓައިގެ ކޮޅަށްހުރުން.
- ތަންތާގައި ހިފަހައްޓައިގެން ހިނގަން ފެށުން.
- އިށީނދެ އިނުމުން ފިރުކުމަށް އަދި ފިރުކުމުން ހިނގުމަށް އަމިއްލައަށް ބަދަލުވުން.
- އިތުރު އެހީތެރިކަމަކާއި ނުލައި އިށީނދެ އިނުން.
ފައިން މޯޓަރ ސްކިލްސް
މިއުމުރުގައި ކުދިންގެ އަތާއި ލޮލުގެ ކޯޑިނޭޝަން އިތުރަށް ފުރިހަމަވެގެން ދެއެވެ. އެގޮތުން އަތުގެ ބޮޑުވާ އިނގިއްޔާއި ޝާހާދަތް އިނގިލި ބޭނުންކޮށްގެ ކުދި ކުދި އެއްޗެހި ނެގުން ފަދަ ކަންކަން ކުރާކަން ފާހަގަ ކުރެވޭނެއެވެ.
އަތުގެ ކުދިމަސްތަކުގެ ހުނަރުގެ މޭލުގާތައް:
- ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލި ބޭނުންކޮށްގެ ކުދިކުދި ތަކެތި ނެގުން.
- އެއްއަތުން އަނެއްއަތައް ފަސޭހަކަމާއިއެކު ތަކެތި ބަދަލުކުރުން.
- ދެ އެއްޗެއް އެކަތި އަނެކައްޗާއި ކައިރިއަށް ގެނައުން.
- އަމިއްލައަތުން ކެއުމަށް މަސައްކަތް ކުރުން.
ސިކުނޑީގެ ތަރައްގީ
މިއުމުރުގައި ކުދިން ކަންކަން ދަސްކުރަނީ ތަޖުރިބާ ކޮށްގެންނެވެ. ކަންކަމުގެ ސަބަބާއި ނަތީޖާ ގުޅުވާލަން އެކުދިންނަށް އެނގޭނެއެވެ. މިސާލަކަށް ކުޅޭ އެއްޗެއް ވައްޓާލުމުން ނަގައިދޭނަމަ އެކަން ތަކުރާރުކޮށް ކުރުންފަދަ ކަންކަން ފާހަގަ ކުރެވޭނެއެވެ.
ސިކުނޑީގެ ތަރައްގީއާއި ގުޅޭ މޭލުގާތައް:
- ތަފާތު ގޮތްގޮތައް ތަކެތި ތަޖުރިބާކުރުން. މިސާލަކަށް އެއްޗެއް ތެޅުވުން، ޖެހުން ނުވަތަ އެއްލާލުން.
- އެއްޗެއް ފޮރުވުމުން އެހޯދުން.
- އާންމުހަރަކާތްތައް ބަލައި ކޮޕީކުރުން.
- ބައެއް ބަސްތައް އެނގުން. ( މިސާލަކަށް ‘ނޯ / ނޫން، ބައި-ބައި)
- ފޮތާއި ކުރެހުންތަކަށް ޝައުގުވެރިވުން.
ބަސް ދަސްކުރުމާއި ވާހަކަދެއްކުން
މިއުމުރުގައި ސާފުކޮށް ބަސްތައްކިޔަން ނޭންގުނުނަމަވެސް ތަފާތު އަޑުތައް ލައްވައި ބަސް ދަސްވަމުން ދާކަން ފާހަގަ ކުރެވޭނެއެވެ.
ބަސްދަސްކުރުމާއިގުޅޭ މޭލުގާތަށް:
- ތަކުރާރުކޮށް އެއްވައްތަރެއްގެ އަޑުތައްލެއްވުން (މިސާލަކަށް މާ،މާ ނުވަތަ ބާ،ބާ ފަދަ އަޑުތައް)
- މަންމަ ނުވަތަ ބައްޕަ އެމާނައިގައި ކިޔުން.
- ނޫނެކޭ ބުނުމުން އޭގެ މާނަ ދެނެގަނެވުން އަދި އެކަމަށް އިޖާބަ ދިނުމުގެ ގޮތުން އެކަމެއް މަޑުޖައްސާލުން ނުވަތަ ހުއްޓުން.
- ނަމުން ގޮވާލުމުން ނުވަތަ އާންމުކޮށް އިވޭ ބަސްތަކަށް އިޖާބަ ދިނުން
- ބޭނުންވާކަމެއް އިޝާރާތުން ނުވަތަ އިނގިލި ދިމާކޮށް ދެއްކުން.
އިޖުތިމާއީ އަދި ޖަޒުބާތީ ގޮތުން ލިބޭ ކުރިއެރުން
އުމުރުން 10 މަހުގައި އިޖުތިމާއީ ގޮތުން އިތުރަށް ހޭލުންތެރިވެގެން ދެއެވެ. އަދި ބައެއް ފަރާތްތަކާއި ވަރަށް ގާތް ގުޅުމެއް އުފެދުމާއި ބެލެނިވެރިންނާއި ވަކިވާނަމަ ދެރަވެ ހިތްދަތިވުމަކީވެސް މިއުމުރުގައިވެސް ފާހަގަވާ ކަންކަމެވެ. މީގެ އިތުރުން މިއުމުރުގެ ކުދިން، އަތުން ހަނާ އެޅުމާއި އަތްތިލަބަޑި ޖެހުންފަދަކަންކަން ކޮޕީކޮށް ހަދައެވެ.
އިޖުތިމާއީ އަދި ޖަޒުބާތީ ގޮތުން ފާހަގަ ކުރެވޭ މޭލުގާތައް:
- ބެލެނިވެރިންނާއި އޮންނަ ގުޅުން ހަރުދަނާވުން.
- ނުދަންނަ މީހުންނާއި ދިމާވުމުން ލަދުން ނުވަތަ ހާސްވެގެން އުޅުން
- އެހެން މީހުންގެ މޫނުމަތިން ފެންނަ އަސަރުތައް ނުވަތަ އިވޭ އަޑުތައް ނަކަލުކުރުން.
- މާޔޫސްކަން ފާޅުކުރުން ރުޅިއައުން ފަދަ ވަރުގަދަ ޖަޒުބާތުތައް ފާޅުކުރުން
- ފިކޯތް ފަދަ ގުޅިގެން ކުޅޭ ކުޅިވަރުތަކަށް ޝައުގުވެރިވުން.
ކާންދިނުން
މިއުމުރުގެ ކުދިން މައިމީހާގެ ގާތުންދޭ ކިރު ނުވަތަ ފޯމިއުލާގެ އިތުރުން ތަފާތު ވައްތަރުގެ މަޑު ނުވަތަ ކޮށާފައި ނުވަތަ ޗަސްކޮށްފައި ހުންނަ ކާނާ ކައި އުޅެއެވެ.
ކާންދިނުމުގައި އަމަލުކުރެވިދާނެ ގޮތްތައް:
- ދުވާލެއްގެ މައްޗަށް ކުޑަ މިންވަރަކަށް 3 އިރު ކާންދިނުން އަދި އޭގެ އިތުރުން 1 ނުވަދަ 2 ލުއި ކާނާއެއް ދިނުން.
- އިނގިލިތަކުން ހިފާލެވޭ މަޑު ކާނާއެއް ބޭނުންކޮށްގެން އަމިއްލައަށް ކެއުމަށް ބާރުއެޅުން.
- ކަރުގައި ތާށިވެދާނެފަދަ ތަކެތި ނުދިނުން. (މިސާލަކަށް ޕޮޕްކޯރން، މޭބިސްކަދުރުއޮށް ނުވަތަ ނަޓްސް)
- ކާނާގެ އެންމެ މުހިންމު އެއްޗެއްގެ ގޮތުގައި މައިމީހާގެ ކިރު ނުވަތަ ފޯމިއުލާ ދެމުން ގެންދިއުން.
ނިދުމުގެ އާދަތައް
އާންމުގޮތެއްގައި 10 މަހުގެ ކުދިން ދުވާލަކު 12 ގަޑިއިރާއި 16 ގަޑިއިރާއި ދެމެދު، ރޭގަނޑާއި ދުވާލުގެ 1 ނުވަތަ 2 ފަހަރު ނިދާލާ ކުޑަ ވަގުތުކޮޅެއް ހިމަނައިގެން، ނިދައެވެ.
ނިދުމުގެ އާންމު އާދަތައް:
- ގިނަ ކުދިން ރޭގަނޑު 10 ގަޑިއިރާއި 12 ގަޑިއިރާއި ދެމެދު ނިދާނެއެވެ. ދޭތެރެއަކުން ކޮންމެވެސް ވަރަކަށް ހޭލުމަކީ އެކަށީގެންވާކަމެކެވެ.
- ދުވާލު 1 ނުވަތަ 2 ފަހަރަށް ނިދުން. ޖުމްލަ 2 އާއި 4 ގަޑިއިރާއި ދެމެދުގެ ދުވާލު ނިދުމުގައި ހޭދަކުރުމަކީ އެކަށީގެންވާކެމެކެވެ.
- ދަތް ފެޅުން ނުވަތަ ދަސްވާ އައު ހުނަރުތަކާއި ގުޅިގެން ނިދުމަށް އުނދަގޫވުން.
ރައްކާތެރިކަމުގެ ފިޔަވަޅުތައް
މިއުމުރުގައި ދަރިފުޅުގެ ހެލިފެލިވުން އިތުރުވުމާއިއެކު ދަރިފުޅަށް އަނިޔާއެއް ލިބުމުގެ ފުރުސަތުވެސް އިތުރުވެގެންދެއެވެ. އެހެންކަމުން އެފަދަ ހާލަތަކުން ސަލާމަތް ވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި:
- ސިޑި ފަދަ ތަންތާކައިރީ ކުޑަކުދިންނަށް އެކަނި ނޭރޭނެ ގޮތަށް “ޗައިލްޑް ގޭޓެއް” ހަރުކުރުން.
- ފަރުނީޗަރުތައް ފާރަށް ހަރުކޮށްފައި ބެހެއްޓުން.
- ކުދި ނުވަތަ ތޫނު އެއްޗެހި ކުދިންގެ އަތުގައި ޖެހޭ ހިސާބުގައި ނުބެހެއްޓުން.
- ފެންވަޅު، ޕޮންޑު، ޕޫލް ނުވަތަ މޫދު ކައިރީގައި އުޅޭއިރު އަބަދުވެސް ކުދިންގެ ހަރަކާތްތަކަށް ބެލުން.
ޑޮކްޓަރެއްގެ ލަފާހޯދުން މުހިންމު ހާލަތްތައް
- ފިރުކެން ނުފެށުން ނުވަތަ އަމިއްލައަށް އެއްތަނުން އަނެއްތަނަށް ދިއުމަށް މަސައްކަތް ނުކުރުން.
- ގުޅިގެން ކުރާކަންކަމަށް ނުވަތަ ކުޅޭއެއްޗެއްސަށް ޝައުގުވެރިކަމެއް ނެތުން.
- ނަމުން ގޮވާލުމުންވެސް އަޅާނުލުން.
- އެއްވެސް އަޑެއް ނުލެއްވުން ނުވަތަ މުއާމަލާތުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރުން.
- އެކަނި އިށީނދެ ނީންދެވުން.
ދަރިފުޅުގެ އުމުރުން 10 މަސް ހަމަވާއިރު، މިއުމުރުފުރާއަކީވެސް ބެލެނިވެރިންނާއި ކުދިންވެސް ވަރަށް އަވަދިނެތި އުޅޭ، އެކި ހުނަރުތައް ދަސްކުރުމާއި ދެފަރާތުގެ ގުޅުން ބަދަހިކުރުމުގައި އުޅޭ ދުވަސްވަރެކެވެ. ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދީ ފާހަގަކުރެވުނު މޭލުގާތައް ހާސިލްކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ކޮންމެ ބެލެނިވެރިއަކަށްވެސް ކުރެވިދާނެކަމެކެވެ.
