ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑަށް ތަފާތު ބޮޑެތި ބަދަލުތަކެއް އާދެއެވެ. މި ބަދަލުތައް އައުމުގައި އެކިމީހުންނަށް ތަފާތެވެ. މީގެތެރޭގައި:-
މައްސަރުކަންތައް ނުޖެހުން

ތަބީޢީ ގޮތުން ކޮންމެ މަހަކު ޖެހޭ މައްސަރުކަންތައް ނުޖެހުމަކީ ގިނަފަހަރަށް މިކަމުގެ ފުރަތަމަ ޢަލާމާތެވެ. މައްސަރުކަންތައް ނުޖެހިއްޖެނަމަ ނުވަތަ ލަސްވެއްޖެނަމަ ބަލިވެ ބަލިވެއިންތޯ ބެލުމަށް ޓެސްޓް ކޮށް ޔަގީންކުރުން މުހިންމެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ ކަމަކީ ސިއްޙީ އެހެން މައްސަލައެއްގެ ސަބަބުންވެސް މިހެން ދިމާވެދާނެކަމެވެ.
މޭނުބައިކުރުމާއި ހޮޑުލުން
މާބަނޑު ދުވަސްވަރުގެ ކުރީކޮޅު ހަށިގަނޑަށް އަންނަ ހޯމޯން ބަދަލުތަކަކާއި ގުޅިގެން ބައެއް މީހުންނަށް މޭނުބައި ކޮށް، ހޮޑުލެވެން މެދުވެރިވެއެވެ. މިކަން ދިމާވުމުގައި އެކި މީހުންނަށް ތަފާތެވެ. ގިނަމީހުންނަށް ހެދުނުގެ ވަގުތުގައި މިކަމުގެ އުނގަދޫވީނަމަވެސް ބައެއް މީހުންނަށް އެހެން ވަގުތުތަކުގައިވެސް މިކަމުގެ އުނދަގޫވާގޮތް ވެއެވެ.
މޭނުބައިކުރުމާއި ހޮޑުލުން މަދުކުރުމަށް ކުރެވިދާނެ ކަންތައްތައް:
- ހެނދުނު ތެދުވާ ވަޤުތުގައި ހޮޑު ލަވާ ނަމަ ހިކި ކާނާ ބޭނުން ކުރުން
( ފާރޮށި، ލޮނު ބިސްކޯދު އަދި މުރަނަ ރޮށި ފަދަ ތަކެތި ބޭނުން ކުރުމުން ހޮޑުލެވުމަށް ލުޔެއް ލިބެއެވެ)
- ތެލުލި އަދި ހަވާދުލީ ކާއެއްޗެތި ބޭނުން ކުރުމުން ދުރުހެލިވުން
- އެއްފަހަރާ ގިނައިން ނުކެއުން
- މަދު އެތި ކޮޅު ކޮޅުން ދޭތެރެ ކައިރިކޮށް ކެއުން
- ހުސްގޮހޮރާ ގިނަވަގުތު ނުހުރުން
- ދިޔާތަކެތި ގިނަ ވަގުތު ތަކަށް ބަހާލައިގެން ބޭނުންކުރުން
މި ހުރިހާ ގޮތަކުންވެސް ހައްލެއް ނުލިބެއްޖެނަމަ ޑޮކްޓަރުގެ ލަފާ ހޯދަން ވާނެއެވެ.
އުރަމައްޗަށް އަންނަ ބަދަލުތައް
ބަލިވެ އިނުމާއި ގުޅިގެން ހޯމޯނަށް އަންނަ ބަދަލެއްގެ ސަބަބުން އުރަމަތި ބޮޑުވެ ބައެއް މީހުންނަށް ތަދު އިހްސާސް ވެއެވެ. ނަމަވެސް މިކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. މިހެން ދިމާވާ ސަބަބަކީ އުފެދެމުން އަންނަ ދަރިފުޅަށް ގާތުން ކުރުދިނުމަށް މައިމީހާ ތައްޔާރުކުރުމުގެ ގޮތުން އަންނަ ބަދަލު ތަކެކެވެ.
މީގެ އިތުރުން ބައެއް މީހުންނަށް ބޯ އެނބުރުމާއި ވަރުބަލި ވުން، ހަށިގަނޑުގެ ހޫނުމިން އާންމުކޮށް ހުންނަ ވަރަށްވުރެ މަތީގައި ހުރުމާއި، ވަސްދުވުމާއި ރަހަތަކަށް ވެސް ބަދަލު އާދެއެވެ. އަދި ކުޑަކަމުދާން ޖެހުމުގައިވެސް އެހެނިހެން ދުވަސްވަރަށްވުރެ އިތުރުވެއެވެ.