ބިންބި އަކީ ޒަމާނުއްސުރެ ކުޑަކުދިންނަށް ކާންދެމުން އަންނަ ކާނާއެކެވެ. އަދި މިއީ ތުއްތު ދަރިފުޅުގެ ސިއްޙަތައް އެހާމެ ފައިދާވެސް ކުރުވަނިވި ކާނާއެކެވެ. ހަނޑޫ ފަދަ އެހެނިހެން ގޮވާމުގެ ބާވަތްތަކާ ބަލާ އިރު ބިންބި އަކީ ފައިބަރ ގިނައިން އެކުލެވިގެން ވާ އެއްޗެކެވެ. މީގެ ސަބަބުން ކާ އެއްޗެހި ހަޖަމުވުމަށް ފަސޭހަވެ ގިނަ ވަގުތު ދަރިފުޅު ބަނޑުހައި ނުވެ ބަހައްޓާދެއެވެ. އަދި ފައިބާރ ގިނައިން އެކުލެވުމުގެ ސަބަބުން ހަކުރު ބަލިންވެސް ދަރިފުޅު ދުރުކޮއްދެއެވެ. އަދި މީގެ އިތުރުން ބިންބީގައި އެކުލެވޭ އެމިނޯ އެސިޑްގެ ސަބަބުން ތުއްތު ދަރިފުޅުގެ ކޮލެސްޓްރޯލް ދައްކޮއްދެއެވެ.
މީގެ އިތުރުން ބިންބި އަކީ ދަގަނޑުގެ މާއްދާ ގިނައިން އެކުލެވިގެންވާ ކާނާއަކަށް ވުމުގެ ސަބަބުން އެނީމިއާ ހުންނަ ކުދިންނަށް ނުވަތަ ލޭގައި ހިމަގްލޮބިން ދައްކޮށް ހުންނަ ކުދިންނަށް ދިނުން ވަރަށް ރަނގަޅު ކާނާއެކެވެ. އަދި މީގައި އެކުލެވިގެންވާ ވިޓަމިން ސީ ގެ ސަބަބުން ދަގަނޑުގެ މާއްދާ ފަސޭހައިން ހަށިގަނޑަށް ނަގައިދެއެވެ.

ބިންބިއަކީ އެންޓިއޮކްސިޑެންޓް އަދި އެމިނޯ އެސިޑް ގިނަ އެއްޗަކަށް ވުމުގެ ސަބަބުން ހަށިގަނޑަށް ހަމަޖެހުން ގެނުވައި ބޮލުގައި ރިއްސުމާއި، ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ކަންތައްތަކުން ދުރުކޮއްދެއެވެ.
ބިންބި އަކީ ކެލްސިއަމް އާއި ވިޓަމިން ޑީ ވެސް އެކުލެވިގެންވާ ކާނާއެއް ކަމުން ދަރިފުޅު ހެދިބޮޑުވަމުން އަންނަ ދުވަސް ވަރު ކެއުމުގައި ބިންބި ހިމެނުމުން ދަރިފުޅުގެ ކަށިތަކާއި ދަތްތައް ވަރުގަދަ ކޮށްދެއެވެ. އަދި މީގެ ސަބަބުން ކަށީގެ މައްސަލަތަކުން ދަރިފުޅު ދުރުކޮށްދެއެވެ.
މިސަބަބު ތަކަށްޓަކާ ހުރިހާ ގޮތަކުން ބެލިޔަސް ބިންބި އަކީ ދަރިފުޅުގެ ކެއުމުގައި ހިމެނުން ވަރަށް ރަނގަޅު އަދި އެހާމެ ފައިދާ ހުރި ކާނާއެކެވެ.