ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރަމް
ހަށިގަނޑުގައި ހުންނަ ހޯމޯންސްއަށް އަންނަ ބަދަލަކާއި ގުޅިގެން އޯވަރީގައި ކުދިކުދި ސިސްޓް އުފެދުމުގެ ސަބަބުން އޯވަރީގައި ބިސްރަނގަޅަށްބޮޑުވާން ހުރަސް އެޅެއެވެ. މިއީ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޮމްގެ ސަބަބުން ދިމާވާކަމެކެވެ. ހޯމޯންސްއަށް މި އަންނަ ބަދަލުގެ ސަބަބުން ހަށިގަޑުގައި ފިރިހެން ހޯމޯން ގިނައިން އުފެދެން މެދުވެރިވެ، މައްސަރުކަންތައް ޖެހުމުގައި މައްސަލަތައް ދިމާވެއެވެ. މިއީ ދަރިމައިނުވުމުގައި ގިނަފަހަރަށް ދިމާވާ މައްސަލައެކެވެ. މިކަން ރަނގަޅުކުރުމަށްޓަކައި ކެއުން ބުއިމަށް އެދެވޭ ބަދަލު ގެނައުމާއި، އެކަށީގެންވާ މިންވަރަކަށް ބަރުދަން ބެހެއްޓުމާއި، ގަވައިދުން ކަސްރަތުކުރުމަކީ ކުރެވިދާނެ ވަރަށް މުހިންކަމެކެވެ. މީގެ އިތުރުން މައްސަރުކަންތައް ޖެހުމުގައި ދިމާވާ މައްސަލަ ރަނގަޅު ކުރުމަށް ޑޮކްޓަރުގެ ލަފާގެ މަތިން މަސައްކަތްކުރުން މުހިންމެވެ.

އޯވިއުލޭޝަން މައްސަލަ
އޯވިއުލޭޝަން މައްސަލަ އަކީ އޯވަރީގައި ރަނގަޅަށް ބިސް ބޮޑު ނުވުން ނުވަތަ އޯވަރީއިން ބިސް ބޭރުކޮށްނުދެވުމެވެ. މައްސަރުކަންތައް ގަވައިދުން ނުޖެހުމަކީ އޯވިއުލޭޝަން މައްސަލަ ހުރި ކަމުގެ އަލާމާތެކެވެ. މީގެ އިތުރުން އާދަޔާ ހިލާފަށް މަދުން ނުވަތަ ގިނައިން ލޭ އައުމަކީ ވެސް އޯވިއުލޭޝަންގެ މައްސަލައެއްކަމަށް ބެލެވިދާނެއެވެ. އޯވިއުލޭޝަން މައްސަލަ ހައްލުކުރުމަށްޓަކާ ޑޮކްޓަރަށް ދައްކައިގެން ބޭސް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އަދި ގަވައިދުން ކަސްރަތު ކުރުމާއި، އެކަށީގެންވާ ބަރުދަނެއްގައި ހުރުން މުހިންމެވެ.
އެންޑޯމިޓްރިއޯސިސް
އެންޑޯމިޓްރިއޯސިސް އަކީ ރަހިމުގެ އެތެރޭ ދުލިފަށުގެ ސެލްސްތައް ރަހިމުގެ ބޭރުގައި އަށަގަތުމެވެ. ދިރާސާ ތަކުން ދައްކާގޮތުން މިހާލަތު މެދުވެރިވުމަށް ދިމާވާ އެތައް ސަބަބުތަކެއް ވެއެވެ. މިހާލަތުގައި ބައެއް އަންހެނުންނަށް އެއްވެސް އުނގަދުލެއް މެދުވެރި ނުވިނަމަވެސް އަނެއްބައި ފަރާތްތަކަށް މައްސަރުކަންތަކުގެ ދުވަސްވަރު މާ ބޮޑަށް ބަނޑުގައި ރިއްސުމާއި، މާގިނައިން ލޭ އައުމާއި ބަނޑުގެ ތިރިން ދެފަރާތުގައި ރިއްސުންފަދަ ކަންކަން މެދުވެރި ވެއެވެ. އަދި އަނބިފިރިކަމުގެ ގުޅުނހިންގުމުގައި ތަދުވާގޮތް ވެއެވެ. މިކަމުގެސަބަބުން ދަރިމައިވުން ލަސްވުން ނުވަތަ ދަރިމައިވުމުގައި ހުރަހަކަށް މިކަން ވެއެވެ.
ޓިޔުބަލް ފެކްޓާރސް
ބައެއް އަންހެނުންނަށް ފެލޯޕިއަންޓިއުބް (ބިސްދަތުރުކުރާ ހޮޅީގެ) މައްސަލަތަށް ދިމާވެއެވެ. އެގޮތުން ދިމާވެދާނެ މައްސަލަތަކުތެރޭ ގައި އިންފެކްޝަނެއްގެ ސަބަބުން ނުވަތަ އުފެދުމުގައ ފެލޯޕިއަންޓިއުބް ގެއެތެރޭ ދުލިފަށުގެ ސިލިއަރީ ހެއާ ގައި މައްސަލަހުރުމުގެ ސަބަބުން ރަހިމަށް ބިސްދަތުރުކުރުމުގައި ދަތިތައްކުރިމަތިވެ ބަލިވެ އިނުމަށް ހުރަސް އެޅޭގޮތް މެދުވެރިވެއެވެ. މީގެއިތުރުން ޓިޔުބް ބެދިފައި ހުރުމަކީ ވެސް ދިމާވެދާނެ މައްސަލައެކެވެ.