އެހެން މީހުން ދައްކާ ވާހަކަ ތަކުރާރުކުރުން (އިކޮލޭލިއާ)
އިކޮލޭލިޔާ އަކީ އެހެންމީހުން ކިޔާ އެއްޗެއް އެ އިވުނު ގޮތަކަށް ތަކުރާރު ކުރުމެވެ. އާންމުކޮށް ހުރިހާ ކުދިންވެސް ފުރަތަމަ ވާހަކަ ދައްކަން ފަށާއިރު މިގޮތަށް ތަކުރާރު ކުރާނެ އެވެ. ނަމަވެސް އުމުރުން 3 އަހަރުވާއިރު މިކަން ހުއްޓި އަމިއްލަ ޖުމްލަތައް ބޭނުން ކޮއްގެން ވާހަކަ ދައްކަން ފަށައެވެ. 3 އަހަރަށްވުރެ ބޮޑުވެގެންދާއިރުވެސް މިގޮތަށް ރިޕީޓްކުރުން ނުހުއްޓި ކުރިއަށް ދާ ކަމުގައި ވަނީނަމަ މިއީ އޯޓިޒަމްގެ އަލާމާތަކަށް ވެދާނެއެވެ. މިގޮތައް ތަކުރާރު ކުރާ ކުދިން އާންމުގޮތެއްގައި އެހެން މީހުން ދައްކާ ވާހަކަތައް އެމީހުން ބުނިގޮތަކަށް އަދި އެ ރާގަކަށް ތަކުރާރު ކުރެއެވެ.

އެހެން މީހުން ދައްކާ ވާހަކައަށް އަޅާ ނުލުމާއި ހަތަރު ކަޅި ހަމަ ނުކުރުން
އެހެން މީހުން ދައްކާ ވާހަކަޔަށް އަޅާނުލުމާއި ވާހަކަ ދައްކާއިރު އެހެންމީހުންގެ ލޮލަށް ނުބަލާ ވާހަކަ ދެއްކުމަކީވެސް އޯޓިޒަމް ކުދިންގެ ކިބައިން ފެންނަ ކަމެކެވެ. މިގޮތުން އެކުއްޖެއްގެ ނަމުން ގޮވާލުމުން އެމީހަކަށް ބަލާނުލުމާއި ވާހަކަ ދެއްކުމުންވެސް ނުވަތަ ކަމެއްކުރުމަށް ބުނުމުން އަޅާނުލާ ހުރުން ހިމެނެއެވެ.
ވާހަކަ ދެއްކުމާއި މުޢާމަލާތް ކުރުމުގައި ދަތިތަކެއް ހުރުން
އެހެން މީހުން ދައްކާ ވާހަކަ ރަނގަޅަށް ދެނެގަތުމާއި ބުނަން ބޭނުންވާ އެއްޗެއް ރަނގަޅަށް ބުނެދޭން ނޭންގުމަކީވެސް އޯޓިޒަމް ހުންނަ ކުދިންނަށް ދިމާވާ ދަތިކަމެކެވެ. އާންމު ގޮތެއްގާ ވާހަކަ ދައްކާ އޯޓިސްޓިކް ކުދިންނަށްވެސް ނުސީދާކޮށް ނުވަތަ ސަމާސާއަކަށް މީހަކު އެއްޗެއް ބުނުމުން އެ ރަނގަޅަށް ދެނެގަންނަން އުނދަގުވެއެވެ. މީގެ އިތުރުން އެކަކު އަނެކަކާ ވާހަކަތަކެއް ބަދަލު ކުރެވިގެން ފުރިހަމަ މުޢާމަލާތެއް ކުރިއަށް ގެންދަން ނޭންގުމަކީވެސް އޯޓިޒަމް ހުންނަ ކުއްޖެއްގެ ކިބައިން ފެނިދާނެ ކަމެކެވެ.
އެއްކަހަލަ ހަރަކާތްތަކެއް ހުރުން ނުވަތަ އެއް ކަމެއްގައި ކޮންމެ ދުވަހަކުވެސް އެތައް ވަގުތެއް ހޭދަކުރުން
އެއް ކަމެއްގައި ދުވަހުގެ ބޮޑުބައެއް ހޭދަކުރުމާއި އެއްކަހަލަ ހަރަކާތްތަކެއް ކުރުމަކީވެސް އޯޓިސްޓިކް ކުދިންގެ ކިބައިން އާންމުކޮށް ފެންނަ ކަމެކެވެ. މިސާލަކަށް ދެއަތް ތަޅުވާލަ ތަޅުވާލަ ހުރުން، ދެކޮޅަށް ހެއްލިލަ ހެއްލިލާ އިނުން، ކުޅޭ ކާރު ފަދަ އެއްޗެހި ލައިނަކަށް އެތުރުން ފަދަ ކަންތައް ހިމެނެއެވެ.
ސަމާލުކަން ފަސޭހައިން ގެއްލުން
އޯޓިޒަމް ހުންނަ ކުދިންނަށް އާންމު ގޮތެއްގާ ކަމަކަށް ސަމާލުކަން ދީގެން ގިނަ އިރު އިނުން ދަތިވެއެވެ. ހާއްސަކޮށް އެ ކުދިން ޝައުގުވެރި ނުވާ ކަމެއްކަމުގައި ވަނީނަމަ ފަސޭހައިން އެހެން ދިމާލަކަށް ސަމާލުކަން ދެއެވެ. މިސާލަކަށް މަސައްކަތެއް ކުރަން އިނދެފާ އެކަމެއް ނުނިމެނިސް އެހެން ކަމެއްގެ ތެރެއަށް ދިއުން ފަދަ ކަންތައްތައް ހިމެނެއެވެ.
ކުޅުމުގައި ތަފާތުތަކެއް ހުރުން
އެހެން ކުދިން ކުޅޭ ކުޅިވަރެއް ފެނި އެގޮތަކަށް އެ ކުޅިވަރެއް ކުޅެން ނޭންގުން އަދި ކުޅޭ އެއްޗެހިން ކުޅުމުގާ އެ ތަކެތިން ކުޅެންވާ ގޮތައް އެންމެ ރަނގަޅަށް ކުޅެން ނޭންގުން ނުވަތަ ބޭނުން ކުރަންވާ ގޮތް ނޫން އެހެން ގޮތަކަށް ބޭނުން ކުރުމަކީވެސް އޯޓިޒަމް ހުންނަ ބައެއް ކުދިންގެ ކިބައިން ފެންނަ ކަމެކެވެ. މިސާލަކަށް ކުޅޭ ކާއެއްޗެއް ދިނުމުން އޭގެން ކާ ގޮތައް ހަދާ ކުޅެން ނޭންގުން، ކުޅޭ މަތިންދާ ބޯޓެއް ދިނުމުން މަތިން އުދުހޭ ގޮތައް ކުޅެން ނޭންގުންފަދަ ކަންތައް ހިމެނެއެވެ.
މީގެ އިތުން ބަތްކައްކާ ކުޅުން ނުވަތަ އެހެނިހެން “ޕްރިޓެންޑް ޕްލޭ” ކުޅިވަރުތައް ކުޅެން ނޭންގުމާއި ޝައުގުވެރިކަން ނުހުރުން އަދި ވަކި ތަރުތީބަކުން ކުޅޭ ކުޅިވަރުތައް ކުޅުމުގައި އުނދަގުތަކެއް ހުރުން. މިސާލަކަށް މޮނޮޕޮލީ، ކެރަމް ފަދަ ފަހަރަކު މީހަކު ކުޅޭ ކުޅިވަރުތައް ކުޅުމާއި ވަކި ގަވައިދެއްގެ ދަށުން ކުޅެން ޖެހޭ ކުޅިވަރުތައް ކުޅުމުގައި ދަތިތަކެއް ހުރުން ހިމެނެއެވެ.
ހިއްސު ތަކުގައި ހުންނަ ތަފާތު
ކުދިންގެ ހިއްސުތައް މަސައްކަތް ކުރުމުގައި އެކުދިންގެ ވަށައިގެން ވާ މާހަލުގާ ހިނގާ ކަންކަމުން ބޭނުންތެރި މައުލޫމާތު ނުވަތަ ކަންތަށް ސިކުނޑި މެދުވެރިކޮށް ފުރާނާލައެވެ. ސެންސަރީ މައްސަލަ ދިމާވުމަށް މެދުވެރިވަނީ ގުނަވަންތަކުން އެ ނަގައިގަންނަ މައުލޫމާތުތައް ސިކުނޑިއަށް ފޯރުކޮއްދިނުމުގައި ދިމާވާ މައްސަލައަކުންނެވެ. މީގެ ސަބަބުން، ބީހުމާއި، ވަސްދުވުމާއި، ފެނުމާއި، ރަހަތައް ލުމުގާ މާބޮޑަށް އިހުސާސްވުން ނުވަތަ މާ ކުޑަކޮށް އިހުސާސް ވުމަށް މެދުވެރި ވެއެވެ. މިކަމުގެ ސަބަބުން މި ކުދިންނަށް އެހެން މީހުނާ އެއްގޮތައް އާދައިގެ ދިރިއުޅުމެއް އުޅެން އުނދަގޫވެ، އާންމު ދިރި އުޅުމުގާ ކުރަންޖެހޭ ކުދިކުދި ކަންތައްތައް ކުރަން ދަތިވެއެވެ. މިސާލަކަށް ގައިގާ ބީހުމުން ނުވަތަ ތަނެއްގާ ޖެހުމުން މާ ބޮޑަށް ނުވަތަ މާ ކުޑަކޮށް އިހުސާސް ވުން، ބައެއް އަޑުތަކަށް ބިރުގަތުން، މާ ކުޑަކޮށް ވަސް ދުވުން ނުވަތަ މާ ބޮޑަށް ވަސް ދުވުންފަދަ ކަންތައްތައް ހިމެނެއެވެ.