ފައިން މޯޓަރ ސްކިލްއަކީ އަތުގެ ކުދި މަސްތައް ބޭނުން ކޮށްގެން ކުރެވޭ ކުދި ކުދި ހަރަކާތްތައް ރަނގަޅަށް ކޮންޓްރޯލް ކުރަން އެނގުމެވެ. ފަންސުރުފަދަ ތަކެތި ހިފަހައްޓައިގެން ލިޔުމާއި، ގޮށް އެޅުވުމާއި، ކަތުރު ފަދަ ތަކެތި ބޭނުން ކުރުމާއި މިފަދަ އެހެނިހެން އަތުގެ އިނގިލިތައް ނުވަތަ ހުޅުތައް ބޭނުންކޮއްގެން ކުރާ ހުރިހާކަމަކީވެސް ފައިން މޯޓަރ ސްކިލް ބޭނުންކޮށްގެން ކުރެވޭ ކަންކަމެވެ. ވީމާ މީ ދަރިފުޅުގެ ކިޔެވުމުން ފެށިގެން ކުޅުމާއި ދުވަހުން ދުވަހަށް ކުރަންޖެހޭ އަމިއްލަ ކަންކަން ކުރުމަށްވެސް ކޮންމެހެން ބޭނުންވާ ހުނަރެކެވެ.
ކިޔެވުމަށް މި ހުނަރު މުހިންމުވަނީ ރަނގަޅަށް ފަންސުރު ހިފެހެއްޓުމާއި ރީތިކޮށް ލިޔަން ބޭނުންވާ ވަރަށް ފަންސުރަށް ބާރު ލެވި ރީތިކޮށް ލިޔެވުމުގެ އިތުން، ކުރެހުމާއި ކުލަޖެއްސުމަށް އަދި ކަތުރުން ކުލާހުގާ ކަފާ އެއްޗެހި ކެފުމާއި ތަތްކުރުން ފަދަ ކަންކަމަށް މި ހުނަރު ބޭނުން ވާތީއެވެ.

ކިޔެވުމެކޭ އެއްގޮތައް ކުޅިވަރަށްވެސް ފައިން މޯޓަރ ސްކިލް އަކީ ވަރަށް މުހިންމު ހުނަރެކެވެ. ކުޅުމުގައި ބުލޮކްސް ފަދަ ތަކެތި ބޭނުން ކުރުމާއި، ކުޅޭ ބުދު ހެދުން ލެއްވުމާއި، ތަފާތު ވައްތަރުގެ ބޯޑު ގޭމު ކުޅުމާއި، ޕަޒްލް ހެދުމާއި، ކޮމްޕިއުޓަރު ބޭނުން ކުރުމުގައި މައުސް ފަދަ ތަކެތި ބޭނުން ކުރުމުގެ އިތުރުންވެސް ތަފާތު ކުޅޭއެއްޗެހި ކުޅުމުގާ މި ހުނަރު ބޭނުން ކުރަން ޖެހެއެވެ.
ކިޔެވުމާއި ކުޅިވަރުގެ އިތުރުން އާންމު ދިރިއުޅުމުގާ ކޮންމެ ދުވަހަކުމެ ކުރަން ޖެހޭ މަސައްކަތްތަކަށް ބަލާއިރުވެސް ފައިން މޯޓަރ ސްކިލް އަކީ ކޮންމެހެން ހުންނަންޖެހޭ ހުނަރެކެވެ. ގޮށް އެޅުވުމާއި، ނާޑުވާ އެއްސުމާއި، ޒިބު ދެމުމުން ފެށިގެން ދަތް އުނގުޅުމާއި ފުނާ އެޅުމުގެ އިތުރުން ކެއުންފަދަ ހުރިހާ ކަމެއް ކުރުމަށް މި ހުނަރަކީ ކޮންމެހެން ހުންނަންޖެހޭ ހުނަރެކެވެ.
ދަރިފުޅު ބޮޑުވަމުން ދާއިރު މި ހުރިހާ ކަމެއް ދަރިފުޅަށް ނުކުރެވޭނަމަ ދަރިފުޅު އަމިއްލަ ނަފްސައް އޮންނަ އިތުބާރު ކުޑަވެ، އެހެން މީހެއްގެ އެހީތެރިކަމާ ނުލާ އުޅެން ދަތިވެ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ހުރަހަކަށް ވެއެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު ދަރިފުޅުގެ ކިޔެވުމަށް ވެސް ފޯރާ ކުޅިވަރު ކުޅުމުގައި ދަތިތަކާ ކުރިމަތިލާން ޖެހި އެހެން ކުދިންނާ އޮންނަ ގުޅުން ހީނަރު ވެގެން ދެއެވެ. ވީމާ ހެދި ބޮޑުވުމުގައި ފައިން މޯޓަރ ސްކިލް އަކީ ވަރަށް މުހިންމު ލަނޑުދަނޑިއެކެވެ.
ވީމާ މިފަދަ ކަންކަން ކުރުމުގާ ދަރިފުޅަށް ދަތިތައް ހުންނަ ކަމުގައި ވަނީނަމަ މި ހުނަރު ކުދިންގެ ކިބައިގާ އަށަގެންނެވުމަށް ނުވަތަ ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް އެކުދިން ލައްވާ ކުރެވިދާނެއެވެ. މިނާ ލެއްވުމާއި ކުދިކުދި އޮށްފަދަ ތަކެތި ނަގައިގެން ވަކި އެއްޗަކަށް އެޅުންފަދަ ކުދި ހަރަކާތްތަކުންވެސް މި ހުނަރު އިތުރުވުމަށް މަގުފަހި ވެއެވެ. މީގެ އިތުރުން ދަރިފުޅު އަމިއްލައަށް ހެދުން ބޭލުމާއި، ގޮށް އެޅުވުމާއި ދަތް އުނގުޅުމުގެ އިތުރުން މިފަދަ އެހެނިހެން ކަންތައްތައް ކުރުމަށް ހިތްވަރުދީ ދަރިފުޅު އަމިއްލައަށް މިކަންކަން ކުރުމަށް އާދަކުރުވާށެވެ. ފުރަތަމަ ކޮޅުގާ ދަތިތަކެއް ހުރިކަމުގާ ވީ ނަމަވެސް މިކަން ދުވަހުން ދުވަހައް ރަނގަޅު ވަމުން ދާނެއެވެ.