ދަރިފުޅު އުނގުމަތީގައި ބާއްވައިގެން މަސަލަސް ކުރަން އުޅުމުންވެސް ގިނަ ފަހަރަށް ދަރިފުޅު ހުއްޓާލެއްވުމަކީ ވަރަށް އުނދަގޫ ކަމަކަށްވެއެވެ. އެވަގުތުގައި ކުޅޭއެއްޗެއް ދީގެން ދަރިފުޅުގެ ޝައުގުވެރިކަން ހޯދުންވެސް ވަނީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ދަރިފުޅު އުރާލައި، ކޮޅައްތެދުވެ މަޑުމަޑުން ތަޅުވައިލުމުން ވަރަށް ފަސޭހައިން ދަރިފުޅު މަސަލަސްކޮށްލެވެއެވެ. ތުއްތު ކުދިން އުފަންވާ ހިސާބުން ފެށިގެންވެސް ހަރަކާތްތަކަށް ވަރަށް ހުށިޔާރުވާނެއެވެ. ބަނޑުގައި އޮންނަ ދުވަސްވަރު މަންމަ ހިނގާހަދާއިރު ކުއްޖާއަށް ހުންނަނީ އެ ހަރަކާތްތަކުން އުނދޯއްޔެއް ހެއްލާކަހަލަ އިހުސާސްކުރެވި، އެކަމަށް އާދަވެފައެވެ. އެހެންކަމުން، ކުއްޖާ ގޮވައިގެން ކޮޅަށް ތެދުވެ، ހިނގާލާ ނުވަތަ ދެކޮޅަށް ހެއްލާލަ ހެއްލާލާ ހުރުމުން ބަނޑުގައި އޮތްއިރުގެ ދަންނަ ހަރަކާތް އިހުސާސްކުރެވި، ރައްކާތެރިކަން އިހުސާސްކުރެވެއެވެ.
ކުޑަކުދިން މިގޮތަށް އަމަލު ކުރަނީ ކީއްވެތޯ ބެލުމުގެ ގޮތުން އެމެރިކާގެ ރިސާޗުވެރިންތަކެއް ވަނީ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި އެއްމަހާއި ހަ މަހުގެ އުމުރުފުރާގެ 12 ކުދިން ވަނީ ބައިވެރިކޮށްފައެވެ. އަދި އެކުދިން ކުޑައެނދުގައި ބޭއްވުމުންނާއި، އުރައިގެން އިންނައިރު އަދި ކޮޅަށް ހުންނައިރު އެކުދިންގެ ހަރަކާތްތަކަށް އަންނަ ބަދަލުތައް ވަނީ ދެނެގަނެފައެވެ. އަދި އީސީޖީގެ އެހީގައި އެކުދިންގެ ހިތުގެ ހަރަކާތްތަކަށް އަންނަ ބަދަލުތައްވެސް ވަނީ އަޅާކިޔަފައެވެ.

މިދިރާސާއިން ދައްކާގޮތުގައި ދަރިފުޅުގޮވައިގެން އިށީނދެ އިންނައިރު ރޮއި ބޮޑާހާކައި ހަދައެވެ. ނަމަވެސް ކޮޅައްތެދުވުމުން ރުއިން ހުއްޓާލުމުގެ އިތުރުން އެހެން ހަރަކާތްތައްވެސް ހުއްޓާލައި ދަރިފުޅު މަޑުމައިތިރިވެއެވެ. އަދި އީސީޖީ އިން ދައްކާގޮތުގައި ކޮޅައްހުންނަ ވަގުތާއި އިށީނދެ އިންނަ ވަގުތާއި އަޅާބަލާއިރު ކޮޅައް ހުންނައިރު ދަރިފުޅުގެ ހިތުގެ ހަރަކާތްތައް މަދުކަން ފާހަގަ ކުރެވުނެވެ. ދަރިފުޅުގޮވައިގެން ކޮޅައްހުންނަވަގުތުގައި ޖިސްމާނީގޮތުން ލިބޭ ހަމަޖެހުމުގެ އިތުރުން ނަފްސާނީގޮތުންވެސް ދަރިފުޅަށް ހަމަޖެހުން ގެނުވާކަން މި ދިރާސާއިން ދެނެގެނެވިފައިވެއެވެ.
މީގެ އިތުރުން ރިސާޗްވެރިން ވަނީ ހިކަނދި ބޭނުންކޮށްގެން އޭތީގެ ހަރަކާތްތައް ބަލާފައެވެ. އެގޮތުން އެސޮރުމެންވެސް ކޮށީގައި ދޫކޮށްލާފައި ތިބޭއިރު ފެންނަނީ ވަރަށް ހަރަކާތްތައް ގިނަކޮށެވެ. ނަމަވެސް އޭގެ މައިއެތި ނެގުމުން ހިމޭންވެގެންދެއެވެ.
މިކުރެވުނު ދިރާސާގެ އެހީގައި ދަރިފުޅު މަސަލަސް ކުރުމުގައި ދަރިފުޅުގޮވައިގެން ކޮޅަށް ހުރުމަކީ ދަރިފުޅުގެ ހަރަކާތްތަކާއި ހިތުގެ ހިނގުމަށް އަސަރުފޯރުވާކަމެއްކަމާއި އަދި އެކަމަކީ ދަރިފުޅާއި މަންމައާ އޮންނަ ގުޅުން ދަމަހައްޓައިދޭ ކަމެއްކަން ވަނީ ހޯދިފައެވެ.