ހަލުވިމިނެއްގައި ދުނިޔޭގެ ކަންކަން ބަދަލުވެ ކުރިއަރަމުން މިދާދިޔުމުގައި ހިތްހެޔޮ އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާބަޔަކަށް ދަރިން ހެދުމަކީ ވަރަށް ނާޒުކު ކަމެކެވެ. ނަމަވެސް މިދެކަމަކީ ގުޅިލާމެހިފައިވާ ދެކަންތަކެވެ. އަދި މިދެކަންތައް އެކުގައި ހަރުލެއްވުމަށް މަސައްކަތް ކުރުމަކީ ހުރިހާ ހާލަތަކާއިވެސް ކުރިމަތިލާން އެނގޭ، ތޫނުފިލި ބައެއްގެ ގޮތުގައި ކުދިން ބޮޑުކުރެވޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި އެހެން މީހުނަށް އާޅާލައި ހިންހެޔޮ ވުމަށް ދަސްކޮށްދިނުމުން އެކުދިން ސްކޫލުގައި ރަނގަޅު ނަތީޖާތައް ހޯދުމުގެ އިތުރުން އެހެން މީހުނާއިއެކު އޮންނަ ގުޅުން ރަނގަޅުވެ ބޮޑުމީހެއްގެ ގޮތުގައިވެސް ކާމިޔާބު މީހަކަށް ވެގެންދެއެވެ. އެހެންކަމުން މިއާދަ ހަރުލެއްވުމަށް ބެލެނިވެރިއެއްގެ ގޮތުން ކުރެވިދާނެ ކަންކަމާއިމެދު ވިސްނާލުން ރަނގަޅެވެ.
- ކުދިންނަށް ނަމޫނާ ދެއްކުން.
ބެލެނިވެރިން ބުނާ ބަހަށްވުރެ އަމަލުން ދައްކާކަންކަން ދަރިފުޅު ދަސްކުރާލެއް ފަސޭހައެވެ. އެހެންކަމުން ބެލެނިވެރިން އެހެންމީހުނަށް ހެޔޮފޯރުކޮށްދީ އުޅޭނަމަ ނުވަތަ އަމިއްލަ ނަފްސާއިމެދު ފައްސި ވިސްނުމަކުން ވާހަކަދައްކައި، ކަމެއް ގޯސްކޮށް ކުރެވުނަސް އޯގާތެރިކަމާއެކު އެކަމެއް ހަމަޖައްސާލުންފަދަ ކަންކަން ބެލެނިވެރިންގެ ފަރާތުން ފެނިގެން ދިއުމަކީ ކުއްޖާގެ އުޅުމަށް ރަނގަޅު އަސަރުތަކެއް ކުރާނެކެމެކެވެ.

- ތައުރީފުކުރުން.
ހަމައެކަނި ކުދިން ހާސިލްކުރާ ކާމިޔާބީތައް ފާހަގަކުރުމުގެ ބަދަލުގައި އެކުދިން ކުރާމަސައްކަތާއި ލާހިތްވަރު ފާހަގަކޮށް ތައުރީފުކުރުމަކީ މުހިންމުކަމެކެވެ. ކުދިންކުރާ ހުރިހާ ކަމެއްގައި އެކުއްޖާއަކީ އެންމެ މޮޅު ކުއްޖާކަމަށް ބުނެދިނުމަކީ އެކުދިން އަމިއްލަ ނަފްސައްކުރާ އިތުބާރު ދެމެހެއްޓޭނެ ކަމެއްނޫނެވެ. ދިރާސާތަކުން ފާހަގަކުރެވޭ ގޮތުގައި، ހިތްވަރާއިއެކު މަސައްކަތްކުރުމުން ކަންކުރުމުގެ ކުޅަދާނަކަން އިތުރު ވެގެންދެއެވެ. އެހެންކަމުން ދަރިފުޅު ކުރާ ބުރަމަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ބަސްބުނުމަކީ ވަރަށް މުހިންމު ކަމެކެވެ.
- އެހެންމީހުންގެ އިހުސާސްތައް ދެނެގަންނަން ދަސްކޮށްދިނުން.
އެހެންމީހުންގެ އިހުސާސްތައް ދެނެގަތުމަކީ ހިތްހެޔޮކަން އަށަގެންނެވުމަށް އެންމެ މުހިންމު އެއްކަމެވެ. ހާވަޑް އިން 2019 ވަނަ އަހަރު ކުރި ދިރާސާއަކުން ފާހަގަކުރެވުނު ގޮތުގައި ޖަޒުބާތުތަކާއި ގުޅޭގޮތުންނާއި އަހްލާގީ ގޮތުން ރަނގަޅު ކަންކަން އިޚްތިޔާރު ކުރުމާއިގުޅޭގޮތުން ގޭގައި މަޝްވަރާކޮށް ނުވަތަ ވާހަކަ ދައްކާ ހަދާނަމަ ކުދިން ބޮޑުވެގެން އަންނަނީ އެހެންމީހުންގެ އިޙުސާސްތަކަށް ގަދަރުކުރާ އެހީތެރި ބައެއްގެ ގޮތުގައެވެ. އެގޮތުން އެއާދަ އަށަގެންނެވުމުގެ ގޮތުން ކުދިންގާތު އެކުއްޖާގެ ރައްޓެއްސަކަށް ކަމެއްދިމާވުމުން އެރަހްމަތްތެރިޔާއަށް ކުރެވޭނީ ކޮންކަހަލަ އިހުސާސްތަކެއްތޯ ނުވަތަ އެހީތެރިވުމުގެ ގޮތުން ދަރިފުޅަށް ކޮށްދެވޭނީ ކޮންކަހަލަ ކަމެއްތޯ މިފަދަ ސުވާލުކޮށް ހެދިދާނެއެވެ.
- އުމުރާއި ގުޅޭ ޒިންމާތައް ހަވާލުކުރުން.
ގޭތެރޭގެ މަސަކަތްތަކުގައި އެހީތެރިވުމަކީ ކުދިން ޒިންމާދާރުވެ ނަފްސުގެ އަގު ވަޒަންކުރެވި އެކުދިންނަކީވެސް ބޭނުންތެރި ބައެއްކަން ވިސްނިގެންދާނެ ކަމެކެވެ. ހާވާރޑް ގްރާންޓް ސްޑަޑީއިން ހޯދާފައިވާ ގޮތުގައި ގޭތެރޭގެ މަސައްކަތްތައް ކުރާކުދިން ބޮޑުވަނީ އެހެންމީހުނަށް ބަރޯސާނުވާ ކާމިޔާބު ބައެއްގެ ގޮތުގައެވެ. މިއާދަ އަށަގެންނެވުމަށް ކުދިންގެ އުމުރާއިގުޅޭ ކުދިކުދި ކަންތައްތައް ހަވާލުކުރެވިދާނެއެވެ. މިސާލަކަށް ކުޅޭއެއްޗެހިތައް ނަގައި ތަރުތީބުކުރުން، ގެންގުޅޭ ޖަނަވާރު ނުވަތަ ދޫނި ފަދަ ތަކެއްޗަށް ކާންދިނުން ނުވަތަ ކެއުމަށް ސުފުރާ ތައްޔާރުކުރުމުގައި އެހީތެރިވެދިނުން ހިމެނެއެވެ.
- ނާކަމިޔާބީއާއި ކުރިމަތިލުމަށް ރައްކާތެރި މާހައުލެއް ހޯދައިދިނުން.
ގޯސްކޮށްކުރެވޭ ބައެއް ކަންކަމަކީ އިބުރަތް ހާސިލްކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައިދެކި ނޭންގުމުގެ ތެރޭގައި ހެދޭ ގޯސްތަށް ވަގުތުން ރަނގަޅުކުރުމަށް ބާރުއެޅުމުގެ ބަދަލުގައި އެހިނގި ކަންތަކާއިމެދު މަޝްވަރާކޮށް އެކަން ރަނގަޅުކުރުމަށް ކުރިއަށްއޮތްތާންގައި ގެންނާނީ ކޮންބަދަލެއްކަން ބުނެދިނުމަކީ ކުދިންނަށް އެފަދަ ހާލަތްތަކާއި ކުރިމަތިލާނޭގޮތް ދަސްވެ، ޔަގީންކަން އިތުރުވެގެންދާނެ ކަމެކެވެ. މިއީ ކުދިންގެ ގައިގާ ކަންކަމާއި ކުރިމަތިލުމާއި މައްސަލަ ހައްލުކުރުމުގެ ހުނަރު އަށަގަންނުވައިދޭ ކަމެކެވެ.
- ހިތްހެޔޮކަމުގެ ގޮތުން ކުރާކަންކަން ފާހަގަ ކުރުން.
ކިޔެވުމުގެ ތެރެއިން ނުވަތަ ކުޅިވަރުގެ ތެރެއިން ހޯދާ ވަނަތައް ފާހަގަކުރާފަދައިން، ހިތްހެޔޮ ކަމުގެ ގޮތުން ދަރިފުޅު ކުރާކަންކަން ފާހަގަކުރުމަކީ ވެސް މުހިންމުކަމެކެވެ. އޭގެ ސަބަބުން އޯގާތެރިވުމުގެ އަގުވަޒަންކުރެވިގެން ދެއެވެ. އަދި އެފަދަ ކަންކަން ކުރުމަށް އިތުރު ބާރަކަށް ވެގެން ދެއެވެ.
ހިތްހެޔޮ އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ކުދިންތަކެއް އުފެއްދުމަކީ އެކުއްޖާއަކީ އެންމެ ފުރިހަމަ ކުއްޖަކަށް ވުމެއްނޫނެވެ. ނަމަވެސް އާދަކޮށް މިފަދަ އަމަލުތައްކުރާ ކުއްޖަކަށް ހެދުމެވެ. އާންމު ދިރިއުޅުމުގައި ކުރާ ކުދިކުދި ކަންތައްތަކުގެ ތެރެއިން ބެލެނިވެރިންގެ އިރުޝާދުގެދަށުން ކުރުވުމަކީ މިއާދަ އަށަގެންނެވުމަށް މުހިންމުކަމެކެވެ. ކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރާއި ޔަގީންކަންއޮތް އަދި ހަމަ އެހެންމެ އެހެންމީހުންގެ އިހްސާސްތައް ދެނެގަނެ އަޅާލާބަޔަކަށް ހެދުމަކީ ބެލެނިވެރިންގެ ލޯތްބާއި އަޅާލުމާއިއެކު ކުރެވޭނެ ކަމެކެވެ.