ޕޯސްޓްޕާޓަމް ޑިޕްރެޝަންއަކީ ވިހެއުމަށްފަހު ވަރަށް ގިނަ މައިންނަށް ދިމާވާ ނަފްސާނީ މައްސަލައެކެވެ. ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ، މިއީ މަންމަގެ އަމިއްލަ ނަފްސަށާއި ދަރިފުޅަށް ރަނގަޅަށް އަޅާލުމުގެ ޤާބިލުކަމަށްވެސް އަސަރުކުރާނެ ކަމެކެވެ. ޕޯސްޓްޕާޓަމް ޑިޕްރެޝަންއަކީ ވިހެއުމަށްފަހު ފުރަތަމަ އަހަރުތެރޭ ދިމާވާ ކްލިނިކަލް ޑިޕްރެޝަންގެ ވައްތަރެކެވެ. މިކަމުގެ ސަބަބުން، މީހާ އާދަޔާ ހިލާފަށް ވަރުބަލިވެ، ނަފްސާނީ ދުޅަހެޔޮކަމާއި، މޫޑާއި އުޅުމާއި ޖިސްމާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރެއެވެ. ވިހެއުމުގެ ފަހުން ދެހަފްތާއަށް ވުރެ ގިނަދުވަހަށް އާދަޔާ ހިލާފަށް ދެރަވުން ނުވަތަ ހިތާމަވެރިކަން އިހުސާސްކުރެވުން، ކަންކަމާ ޖެހިލުންވެ ބިރުގަނެ ކަންކަން ކުރުމަށް ޝައުގުވެރިކަން ނުހުންނަ ނަމަ މިއީ މިކަމުގެ އަލާމާތެއްކަމަށް ވުން އެކަށީގެންވެއެވެ.
ޕޯސްޓްޕާޓްމް ޑިޕްރެޝަންގައި އާއްމުކޮށް ފެންނަ އަލާމާތްތައް

- އަބަދުވެސް ހިތާމަވެރިކަމާއި އެކަނިވެރިކަން އަދި ހުސްކަމެއް އިހުސާސްކުރެވުން.
- މާގިނައިން ރޮވުން ނުވަތަ ފަސޭހައިން ހިތުގައިޖެހުން.
- ދަރިފުޅާ ގުޅުން ބަދަހިކުރުމަށް ދަތިވުން.
- އާއިލާއާއި ދުރުވެ، މީހުން އެއްވެ އުޅޭ ތަންތަނަށް ގޮސް އުޅެން ބޭނުން ނުވުން.
- އާދަޔާ ހިލާފަށް ވަރުބަލިވުން.
- ނިދުމުގެ މައްސަލަތައް (ނިދަން އުނދަގޫވުން ނުވަތަ މާގިނައިން ނިދުން).
- ކެއުމަށް ބަދަލު އައުން.
- އާދަޔާ ހިލާފަށް ކަންކަމާ ބިރުގަނެ ޖެހިލުންވެ ޕެނިކް އެޓޭކް އައުން.
- އަމިއްލަ ނަފްސަށް ނުވަތަ ދަރިފުޅަށް ގެއްލުން ވާކަހަލަ ކަންކަން ކުރުމަށް ހިތައްއެރުން.
- ފަސޭހައިން ރުޅިއައުން.
- ކަންކަމަށް ހުންނަ ޝައުގު ގެއްލުން.
- ދަރިފުޅާމެދު މާ ބޮޑު ޝައުގުވެރިކަމެއް ނެތި އަމިއްލަ ވިސްނުމެއްގައި މާގިނައިން އިނުން.
ޕޯސްޓްޕާޓްމް ޑިޕްރެޝަން ދިމާވަނީ ކީއްވެ؟
މިކަން ދިމާވާ ސީދާ ސަބަބު ނޭންގުނު ކަމުގައި ވިޔަސް، މިކަން މެދުވެރިވުމަށް ދިމާވެދާނެ ބައެއް ސަބަބުތަކުގެ ތެރޭގައި:
- ވިހެއުމަށް ފަހު ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން: މާބަނޑު ދުވަސްވަރު އެސްޓްރޮޖަން އަދި ޕްރޮޖެސްޓްރޯން ކިޔާ ހޯމޯނެއް ވަރަށް ބޮޑަށް އިތުރުވެގެން ދެއެވެ. ވިހެއުމުގެ ދުވަސްކޮޅެއްތެރޭ ކުއްލިއަކަށް މި ހޯމޯންތައް ވަރަށް ބޮޑަށް ތިރިއަށް ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މިކަން ދިމާވެދާނެއެވެ.
- އާ ޒިންމާތަކާއި ކުރިމަތިލާން ޖެހުމުން ނަފްސާނީގޮތުން ކުރާ އަސަރާއި ކަންބޮޑުވުންތައް.
- މާބަނޑު ދުވަސްވަރު ހަށިގަނޑަށް އައިއްސަ ހުރި ބަދަލުތަކުން އަރައިގަތުން.
- ނިދި މަދުވުން.
- އެހެންމީހުންގެ ފަރާތުން ލިބެންވާ އެހީތެރިކަން ނުލިބުން.
- މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމަށްފަހު ހާސްވެ ކަންބޮޑުވާކަހަލަ ކަންކަމާ ކުރިމަތިލާން ޖެހުން.
- ވިހެއުމުގެ ކުރިންވެސް ޑިޕްރެޝަންގެ މާޒީއެއް އޮތުން.
- ވިހެއުމުގެ ތެރޭ މައްސަލައެއް ދިމާވުން.
- ގާތުން ދިނުމުގައި ދަތިތަކެއް ހުރުން.
އެހެނިހެން ބައެއް ސަބަބުތަކުގެ ތެރޭގައި:
- މާލީގޮތުން ދަތިތަކާ ކުރިމަތިވުން
- ގެވެށި އަނިޔާ
- އާއިލާގެތެރޭގައި ޑިޕްރެޝަންގެ މާޒީއެއް އޮތުން
ޕޯސްޓްޕާޓަމް ޑިޕްރެޝަން ދެނެގަތުން
ޕޯސްޓްޕާޓަމް ޑިޕްރެޝަން ދެނެގަތުމަށް މިކަމަށް ހާއްސަ ޑޮކްޓަރުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހާއްސަ ސްކްރީނިންގ އެއް ހަދައެވެ. މީގެ ތެރޭގައި އަލާމާތްތަކަށް ބެލުމާއި، ސުވާލުކުރުމާއި އެއަލާމާތްތައް މެދުވެރިވާ އެހެން ސަބަބެއް ނުވާކަން ކަށަވަރުކުރުން ހިމެނެއެވެ. މިކަން ދެނެގަތުމަށްޓަކާ އާއްމުކޮށް ބޭނުންކުރާ މިންގަނޑުތައް ނުވަތަ ގޮތްތަކުގެ ތެރޭގައި ހިމެނެނީ:
- އެޑިންބާރގް ޕޯސްޓްނޭޓަލް ޑިޕްރެޝަން ސްކޭލް: މިއީ ޕޯސްޓްޕާޓަމް ޑިޕްރެޝަން ހުރިތޯ ދެނެގަތުމަށްޓަކާ 10 ސުވާލުގެ މައްޗައް އެކުލެވިފައިވާ އަމިއްލަ އަށް ޖަވާބު ދޭންޖެހޭ ސުވާލު ކަރުދާހެކެވެ. މި ސުވާލުތަކުން މީހާގެ އެންޒައިޓީ (ކަންކަމާ ބިރުގަނެ ޖެހިލުންވުން) ހުރި މިންވަރާއި ނިދުމާއި، ކަންކަމާ އަމިއްލަ ނަފްސު ކުއްވެރި ކުރާ މިންވަރާއި އަމިއްލަ ނަފްސައް ގެއްލުންދޭން ހިތައް އަރާ މިންވަރު ބަލައެވެ.
- ކްލިނިކަލް އިންޓަވިއު އަދި އޮބްޒަވޭޝަން: ސުވާލުތައް ބޭނުންކޮށްގެން ފުރަތަމަ ހެދި ސްކްރީނިންގައި ޑިޕްރެޝަން ހުންނަ ކަމަށް ފެންނަ ނަމަ އިތުރަށް މިކަން ޔަގީން ކުރުމަށް ސުވާލުތަކެއް ކޮށް، އިތުރަށް މިކަން ބަލައެވެ. މިގޮތުން، ފެންނަން ހުރި އަލާމާތްތަކާ ގުޅޭގޮތުން، އަލާމާތްތައް ހުރި މިންވަރާއި މުއްދަތާއި، އާއްމު ދިރިއުޅުމަށް މީގެން ކުރާ އަސަރާ ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރެއެވެ. މީގެ އިތުރުން، މީހާގެ ޖިސްމާނީ އަދި ނަފްސާނި ދުޅަހެޔޮކަމާއި ގުޅޭ މާޒީއަށް ބަލައެވެ. އަދި ވިހެއުމުގެ ތެރޭގައި ދިމާވެފައިހުރި ކަންކަމާއި، ދިރިއުޅޭ މާހައުލާއި އެހެން މީހުނާ އޮންނަ ގުޅުމާއި، ދަރިފުޅާ އޮންނަ ގާތްކަމާއި ގުޅުމަށްވެސް ބަލައެވެ.
- އެހެން ހާލަތެއް ނެތްކަން ކަށްވަރުކުރުން: ތައިރޮއިޑް، އެނީމިއާ ކަހަލަ ބައެއް ކަންކަމަކީވެސް ޑިޕްރެޝަންގެ އަލާމާތްތައް ފެނިދާނެ ކަންކަމަށްވާތީ، ލޭގެ ޓެސްޓް ތަކެއް ހެދުމަށްފަހު މިފަދަ ކަމެއް ނެތްކަން ކަށަވަރު ކުރުމަކީވެސް މިކަން ދެނެގަތުމަށް ވަރަށް މުހިއްމު ކަމެކެވެ.
އަވަހަށް މިކަން ދެނެގަތުން މުހިއްމުވަނީ ކީއްވެ؟
- އަވަހަށް ފަރުވާ ކުރެވިއްޖެނަމަ، މިކަމުން ނުކުންނަ ނަތީޖާ އިތުރަށް ރަނގަޅުވެ، ދަރިފުޅާއޮންނަ ގުޅުން ރަނގަޅުވެއެވެ.
- ހާލަތު އިތުރަށް ގޯސްވުން ހުއްޓުވައިދެއެވެ.
- ދަރިފުޅުގެ ހެދިބޮޑުވުން ރައްކާތެރިކޮށްދެއެވެ.
ޕޯސްޓްޕާޓަމް ޑިޕްރެޝަންއަށް ދެވޭ ފަރުވާތައް
ޓޯކް ތެރަޕީ
ޓޯކް ތެރަޕީއަކީ ތެރަޕިސްޓްއަކާއެކު ނުވަތު މިކަން ތަހައްމަލްކުރަމުން ދާ އެހެން މަންމައިންނާއެކު ކުރިއަށް ގެންދެވޭ ކައުންސެލިންގ ސެޝަންތަކެކެވެ. މި ތެރަޕީގެ ވައްތަރުތަކުގެ ތެރޭގައި ހިމެނެނީ:
- ޓްރެއިންވެފައިހުރި މެންޓަލް ހެލްތް ތެރަޕިސްޓް އާއި އެކަމެއް ތަހައްމަލު ކުރަމުންދާ މީހައާއި ދެމީހުން އެކަނި ތިބެގެން ކުރިއަށް ގެންދާ ސެޝަން. މި ސެޝަންތަކުގައި، މިކަން ދިމާވެފައިވާ މީހާގެ އިހުސާސްތަކާއި، ޖެހިލުންވުންތަކާއި ދިމާވާ ދަތިތަކާއި ކުރިމަތިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ރައްކާތެރި މާހައުލެއް ގާއިމުކުރުއެވެ. އަދި މީގެ އިތުރުން، ކަންކަމާ ކުރިމަތިލާނެ ގޮތާއި، ދިގުމުއްދަތުގެ ލަނޑުދަނޑިތަކެއް ކަނޑައެޅުމާއި، ސްޓްރެސް މެނޭޖްކުރާނެ ގޮތާއިގުޅޭގޮތުންވެސް ދެމީހުން މަޝްވަރާ ކުރެއެވެ. މިގޮތަށް ތެރަޕީ ގެންދިއުމުގެ ސަބަބުން، އެމީހަކަށް އެވަގުތު ކުރިމަތިވެފައިވާ ހާލަތަށް ސީދާ ސަމާލުކަން ދެވެއެވެ.
- މިކަންތައް ކުރިމަތިވެފައިވާ އެހެންމީހުނާއެކު ގްރޫޕްކޮށް ކުރިއަށް ގެންދާ ތެރަޕީ: މިއީ ޓްރެއިނިން ލިބިފައި ހުރި ތެރަޕިސްޓްއެއްގެ ބައިވެރިވުމާއެކު، ޕޯސްޓްޕާޓަމް ޑިޕްރެޝަން ކުރިމަތިވެފައިވާ މީހުންގެ ކުޑަ ގުރޫޕެއް ބައިވެރިވެގެން ކުރިއަށްގެންދާ ތެރަޕީއެކެވެ. މި ސެޝަންތަކުގައި، ބައިވެރިންނަށް ދިމާވެފައި ހުރި ތަފާތު ހާދިސާތައް ހިއްސާކުރުމާއި، އެކަކު އަނެކަކު ކައިރިން ހިތްވަރު ލިބުން ފަދަ ކަންކަމާއި، އެކަހެރިކަމާއި އެކަނިވެރިކަމުން ދުރުކޮށްދިނުންފަދަ ކަންކަމަށް ބާރުއަޅައެވެ. މީގެ ސަބަބުން، މިފަދަ ކަންކަމާ ކުރިމަތިލަނީ އެމީހަކު އެކަނި ނޫންކަން އިހުސާސްކުރެވުމާއި، އަމިއްލަ ނަފުސު ކުއްވެރިކުރުމާއި ނާކާމިޔާބީ އިހުސާސްކުރެވުން ކުޑަކޮށްދެއެވެ.
- ދެމަފިރިންނަށް ނުވަތަ އާއިލާއަށް ދެވޭ ތެރަޕީ: މި ތެރަޕީގައި މުއާމަލާތް ކުރުން ރަނގަޅުކުރުމާއި، މައްސަލަތައް ހައްލުކުރުމާއި، މިކަން ކުރިމަތިވެފައިވާ މީހާއަށް އާއިލާގެ ފަރާތުން ނުވަތަ ބައިވެރިޔާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަ ދެކެވެއެވެ.
- ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ: މިއީ ޑިޕްރެޝަން އަށް މަގުފަހިވާފަދަ ނެގެޓިވެ ހިޔާލުތަކާއި އަމަލުތައް ދެނެގަނެ، އެ ކަންކަން ބަދަލުކުރުމަށް އަމާޒުކޮށްގެން ރޭވުންތެރިގޮތަކަށް ކުރިއަށް ގެންދެވޭ ތެރަޕީއެކެވެ. މި ސެޝަންތަކުގައި ހިމެނެނީ ފައިދާއެއްނެތް ބޭކާރު ހިޔާލުތައް (މިސާލަކަށް ތިމަންނައަކީ ގޯސް މަންމައެކޭ) ދެނެގަންނަން ދަސްކުރުމާއި މި ހިޔާލުތައް ފައްސި ގޮތަކަށް އަލުން ބައްޓަން ކުރުމާއި މައްސަލަތައް ހައްލުކޮށް ހަމަޖެހިލާނެ އުކުޅުތައް ކިޔައިދިނުމެވެ.
ޑިޕްރެޝަންއިން ދުރުކޮށްދޭ ބޭސް ބޭނުންކުރުން
މެދުމިނަކަށް ޑިޕްރެޝަންގެ އަސަރުކޮށްފައިވާ ނުވަތަ ބޮޑުވަރުވެފައިވާ މީހަކަށްނަމަ ސިކުނޑީގެ ކެމިކަލްތައް ބެލެންސްކޮށް މޫޑު ރަނގަޅު ކުރުމަށްޓަކާ މިކަމަށް ހާއްސަ ކުރެވިފައިވާ ބޭސްދީގެންވެސް ފަރުވާކުރެއެވެ. ޑިޕްރެޝަންއަށް ބޭނުންކުރާ ބައެއް ބޭސްތަކަކީ ގާތުން ދޭއިރު ދަރިފުޅަށް އޭގެ ކޮންމެސް މިންވަރެއް ހިނގައިދާނެ ބޭސްކަމުގައިވީނަމަވެސް، ގާތުންދޭ މައިން ބޭނުންކުރުން ރައްކާތެރި ބޭސްވެސް ހުރެއެވެ. ބޭސް ބޭނުންކުރުމުގައި ވިސްނަންވީ ކަމަކީ، ބޭހުގެ އަސަރު ކުރުމަށް ވަގުތު ނަގާނެކަމާއި، މީގެ ތަފާތު ސައިޑް އިފެކްޓްތައް ހުންނާނެކަމާއި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން މެނުވީ ބޭސް ބޭނުން ކުރަން ނުފެށުމާއި ބޭސް ބޭނުންކުރުން ނުހުއްޓުމެވެ.
ސަޕޯޓް ގުރޫޕް
މި ހާލަތު ކުރިމަތިވެފައިވާ އެހެން މައިންނާ ވާހަކަ ދައްކާ މަޝްވަރާ ކުރުމަކީ އެކަނިވެރިކަން އިހުސާސްވުން ކުޑަކޮށްދޭނެ ކަމެކެވެ. އެކި މީހުނަށް ދިމާވެފައިވާ ވާހަކަތައް އަޑުއަހާ ހިއްސާ ކުރުމަކީ މިކަމުން އަރައިގަތުމަށް ހިތްވަރު ލިބި ފަސޭހަވާނޭ ކަމެކެވެ.
ޕޯސްޓްޕާޓަމް ޑިޕްރެޝަންއާ ދުރުވުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަން
- ރަނގަޅަށް އަރާމުކޮށް ނިދި ހަމަކުރުން
- ސިއްހަތަށް ރަނގަޅު ކާނާ ކެއުން
- އިތުބާރުކުރެވޭ ފަދަ މީހަކާ މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކުން
- އެކަހެރިވެ ނޫޅުން
- ގަވައިދުން ކުދި ކުދި ކަސްރަތުކޮށް އުޅުން ނުވަތަ ހިނގަން ދިއުން
ޕޯސްޓްޕާޓަމް ޑިޕްރެޝަންއަކީ ފަރުވާކުރެވިދާނެ ނަފްސާނީ ބައްޔެއްކަމުން، މިކަމާ ގުޅުން ހުރި އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީ ހޯދުމަކީ މުހިއްމު ކަމެކެވެ.