ކުއްޖާގެ އުމުރުން 4 ވަނަ މަހަކީ ޖިސްމާނީ ހެދިބޮޑުވުމުގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރައިގެންދާ މަހެކެވެ. މިއުމުރުގައި ކުދިންގެ މަސްތަކުގެ ބާރު ގަދަވެ، މައުނަވީގޮތެއްގައި ހަރަކާތްތައް އިތުރުވެގެން ދެއެއެވެ. މިއީ ރަނގަޅު ގޮތުގައި ހެދިބޮޑުވުމާއި އެހެން މީހުނާއި އޮންނަ ގުޅުން ރަނގަޅުވެ ކަންކަން ދަސްކުރުމުގެ ފުރުޞަތު އިތުރުވެގެންދާ ކަމެކެވެ.
1. ބޮލުގެ ހަރަކާތްތައް ކޮންޓްރޯލްކުރުން

އުމުރުން 4 މަސްފުރޭއިރު އާނމުގޮތެއްގައި ކުދިންގެ ކަނދުރާ ހަރުލައި ބޮލުގެ ހަރަކާތްތައް ކޮންޓްރޯލް ކުރަންފަށައެވެ. އުރާލައިގެން ހުންނައިރު ރަނގަޅަށް ބޯ ކޮންޓްރޯލް ކުރެވެއެވެ. އަދި ބަންޑުން ބާއްވާފައި އޮންނައިރު 45 ދަރަޖަ އާއި 90 ދަރަޖައާއި ދެމެދުގެ މިންވަރަކަށް ބޯހިއްލާ ހަދާނެއެވެ. މިކުރިއެރުންތަކަކީ އިށީންދެ އިނުމާއި ފިރުކެންފެށުންފަދަ ކުރިއަށް ހާސިލްކުރުމަށް ހުރި މޭލުގާތައް ހާސިލްކުރުމުގައި ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. އަދި ކައިރީގައި ހިނގާ ކަންކަން ބަލައި ހަރަކަތްތަކާއި އެއްވަރަށް ކުރިއަށްވުރެ ރަނގަޅަށް ކަޅިހިންގައި ބަލާހަދައެވެ. ދަރިފުޅު ކަނދުރާ ތެދަށް މައްޗަށް ވާގޮތަށް އުރައިގެން ހުރުމާއި، ދަރިފުޅު ބޭއްވުމަށްފަހު ފަރުވާތެރިކަމާއިއެކު ނަގައި ބޭންދުން އަދި ގަވައިދުން ވަގުތު ކޮޅަކު ބަންޑުން ބޭއްވުން (ޓަމީ ޓައިމް) މިއީ ބޮލުގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވުމަށްޓަކައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކެކެވެ. ޓަމީ ޓައިމްގެ އަސަރު އެންމެ ރަނގަޅަށް ކުރާނީ އެއްދުވަހެއްގައި ގިނަ ފަހަރު ބޭއްވުމުންނެވެ. ނަމަވެސް ފަށައިގަންނަންވާނީ ކުރު ސެޝަން ތަކަކަކުންނެވެ. މިވަގުތަކީ ބެލެނިވެރިންވެސް އެކުދިންނާއިއެކު މޫނާއި މޫނު ދިމަވާގޮތަށް އޮށޯވެލާ އެކުދިންގެ ހަރަކާތްތަކަށް ނުވަތަ ލައްވާ އަޑުތަކަށް ސަމާލުކަންދީ، ބެލެނިވެރިންވެސް އެކުދިންނަށް އޭގެ ރައްދުގައި ހިނިތުންވެލައި އަޑުލައްވާލާހަދާ އެކުދިންނާއި ގުޅުން ވަރުގަދަކުރުމަށް ވަރަށް ރަނގަޅު ވަގުތެކެވެ.
2. ފުރޮޅެންފެށުން
ހަތަރު މަހުގައި ކުދިން ފުރޮޅެން ފަށައެވެ. އާންމުކޮށް މިކަން ދަސްވެގެން ދަނީވެސް ބަންޑުން ބާއްވާފައި އޮންނަ ވަގުތުގައި އޮޅުމަކުން ފުރޮޅިލެވި އުއްޑުން ޖެހެވިގެންނެވެ. ހެދިބޮޑުވަމުންދާ މިންވަރުން، މަސްތަކުގެ ބާރުޖެހުމާއި ގުނަވަންތައް ކޮންޓްރޯލްކޮށް ހަރަކާތްތައް ކުރަން ދަސްވުމުގެ ސަބަބުން އަމިއްލަ އިހްތިޔާރުގައި މިހަރަކާތްތައް ކުރަން ފަށައެވެ. ފުރޮޅެންފެށުމުގެ ސަބަބުން ބަނޑާއި، ބުރަކައްޓާއި، އުނަގަނޑުގައި ބާރުޖެހެންފަށައެވެ. އަދި ސިކުނޑިއާއި ހަށިގަނޑުގެ ގުޅުން ރަނގަޅުވެގެން ދެއެވެ. މިކަންކަމަކީ އިށީނދެ އިނުމާއި ފިރުކެންފެށުމަށް ބާރުލިބިދޭ ކަންކަމެވެ. ފުރޮޅުމަށް ކުދިންނަށް މަގުފަހިކޮށްދިނުމަށްޓަކައި ކުޅޭތަކެތި އެއްފަރާތްކުރުމަށްފަހު ރައްކާތެރިކަމާއިއެކު ބޮޑުމީހެއްގެ ބެލުމުގެ ދަށުން ތަޅުންމައްޗަށް ދަރިފުޅު ދޫކޮށްލެވިދާނެއެވެ. އަދި އުނދޯލި ނުވަތަ ބައުންސަރ ފަދަ ތަކެއްޗަށް ދަރިފުޅުލާފައި ބޭއްވުންފަދަ ވަގުތު މަދުކޮށް ދަރިފުޅު ހަރަކާތްތެރިވެ އުޅެވޭނެ ގޮތެއް ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެވަގުތުގައިވެސް ދަރިފުޅާއި ބައިވެރިވެ، ދަރިފުޅަށް ހިތްވަރުދީ ހެދުމަކީ ގުޅުން ބަދަހިވެ އިތުބާރު އުފެދިގެންދާނެކެމެކެވެ.
3. ބަންޑުން އޮންނަ ވަގުތުގައި ހަށިގަނޑު (ބޯކޮޅު) މައްޗަށް ހިއްލުން
މިއުމުރުގައި ބަންޑުން އޮންނަ ވަގުތު ދެއަތްވިއްދައި ބޯކޮޅު މައްޗަށް ހިއްލަން ފަށައެވެ. އޭގެ ސަބަބުން މާހައުލުގައިވާ ތަންތަން އިތުރަށް ފެނި ކަންކަން ހޯދުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެ ގުޅުން އިތުރަށް ބަދަހިވެގެން ދެއެވެ. އަދި މިއުމުރުގައި ބައެއްކުދިން ހަށިގަނޑުގެ ބަރުދަން ހަށިގަނޑުގެ އެއްފަރާތުން އަނެއްފަރާތަށް ނުވަތަ އެއްގުނަވަނުން އަނެއްގުނަވަށް ބަދަލުކުރަން ދަސްކުރެއެވެ. އަދި މަޑުމަޑުން ހަށިގަނޑު ހެއްލާލައި ހެދުމަކީވެސް ބައެއްކުދިންގެ ފަރާތުން ފާހަގަ ކުރެވޭކަމެކެވެ. މިކަންތައްތަކަކީ ފިރުކެންފަށަން އުޅޭކަމުގެ ނިޝާންތަކެކެވެ. އަދި މީގެ ސަބަބުން ހަށިގަނޑާއި ، އަތާއި އަދި ބުރަކަށީގެ މަސްތަކުގެ ބާރު ގަދަވުމުގެ އިތުރުން ފެނުން ވަރަށް ބޮޑަށް ތަރައްގީ ވެގެންދެއެވެ. ބެލެނިވެރިންގެ ފަރާތުން މިކަމަށް ބާރުއެޅުމައްޓަކައި ތުވާލިކޮޅެއް އޮޅާފައި ނުވަތަ ކުޑަ ބާލީހެއް ދަރިފުޅުގެ މެޔާއިދިމާލުން ދަށަށްލާފައި ބޮލާދިމާލު މަތީގައި ކުޅޭ އެއްޗެއް ނުވަތަ ލޯގަނޑެއް ބެހެއްޓުމަކީ ކުރެވިދާނެ ކަމެކެވެ. މިވަގުތުގައިވެސް ދަރިފުޅާއި ގުޅިގެން އެކުގައި ވަގުތު ހޭދަކުރުމުން އިތުބާރާއި، ހިތްވަރު ލިބުމުގެ އިތުރުން ޖަޒުބާތީގޮތުންވެސް ގުޅުން ބަދަހިވެގެން ދެއެވެ.
4. އަތުގެ ހަރަކާތްތައް
އުމުރުން 4 މަހުގައި ދަރިފުޅުގެ އަތުގެ ހަރަކާތްތައްވެސް އިތުރަށް ތަރައްޤީވެގެން ދެއެވެ. އެގޮތުން ފެންނަ އެއްޗެހީގައި އަތްލަން މަސައްކަތް ކުރުމާއި އަމިއްލަ އިޚްތިޔާރުގައި ތަކެތީގައި ހިފައި ނަގަންފަށައެވެ. އެގޮތުން ކުޅޭއެއްޗެހި ނެގުމާއި އިނގިލީގައި ހިފުމާއި އަދި ބައެއްފަހަރު އަމިއްލަ ފައިތިލައިގައި ހިފުންވެސް ހިމެނެއެވެ. މީގެ އިތުރުން އެއްޗެހި އަނގަޔަށް ލުމަކީވެސް ވަރަށް އާންމުކަމެކެވެ. މިކަންތައްތަކަކީ އަތާއި – ލޮލުގެ ހަރަކާތްތައް ގުޅުވާލަން ފެށުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި ކުރިމަގުގައި، ލިޔުމާއި ކެއުންފަދަ ހުނަރުތައް ދަސްކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ދަރިފުޅުގެ އަތުގެ ހަރަކާތްތައް އިތުރު ކުރުމުގެ ގޮތުން ދަރިފުޅު އަތައް ލުއި އަދި ހިފަހައްޓާލަން ފަސޭހަ ކުޅޭއެއްޗެއް ދިނުމަކީ ކުރެވިދާނެކެމެކެވެ. އަދި ބޭބީ ޕްލޭ ޖިމްއެއް ނުވަތަ ކުޑަ އެނދުގައި އެލުވާ ކަހަލަ ކުޅޭއެއްޗެއް ދައްކައި އެއަށް އަތް ހަރަކާތް ކުރުމަށް އިރުޝާދު ދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ދަރިފުޅަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއްބުނެލާ ތައުރީފުކޮށް ހެދުމަކީ އިތުބާރާއި، ޔަގީންކަމާއި އަދި ޖަޒުބާތީ ގޮތުން އެކުދިންގެ ހަމަޖެހުން ގެނެސްދޭނެކަމެކެވެ.
މިލިޔުމުގައި މިފާހަގަކޮށްލެވުނީ އުމުރުން 4 މަހުގައި އާންމުކޮށް ކުދިންގެ ހެދިބޮޑުވުމުގައި ޖިސްމާނީގޮތުން ތަރައްގީވެގެންދާ ބައެއް ކަންތައްތަކެވެ.