އުމުރުން 4 ވަނަ މަހަކީ ކުއްޖާގެ ވިސްނުން ތަރައްގީވެ، އެކުދިންގެ ވަށައިގެންވާ ކަންތައްތައް ދެނެގަންނަން ފަށާ މަހެކެވެ. މީގެ ތެރޭން ކަންކަމަށް ސަމާލުކަންދޭ މިންވަރު ރަނގަޅުވުމާއި، އުމުރާއި ގުޅޭގޮތުން ކުޅުމުގެ ތެރެއިންވިޔަސް ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކުރުމާއި، ހަނދާނުގައި ކަންކަން ހަރުލެއްވުންފަދަ ކަންކަން ރަނގަޅުވެއެވެ. އަދި ކަމެއް ކުރުމުން އޭގެ ސަބަބުން ނުކުނާނެ ނަތީޖާ (މިސާލަކަށް އެއްޗެއް ވެއްޓުމުން އަޑުކިޔާނެކަން) ކޮންމެވެސް ވަރަކަށް ދެނެގަނެއެވެ. އެމެރިކަން އެކަޑެމީ އޮފް ޕީޑިއެޓްރިކްސް އިން ފާހަގަ ކޮށްފައިވާ ގޮތުގައި، މިއުމުރަކީ ކަންކަން ދަސްކުރަން ފަށައިގަންނަ ދުވަސްވަރެވެ. މިއުމުރުގައި ދަރިފުޅުގެ އެކިއެކި ހިއްސުތައް ބޭނުންކޮށް ކަންކަން ތަޖުރިބާ ކުރަން ފަށައެވެ. އަދި ވަށައިގެން ވާ މާހައުލު ދެނެގަންނަން ފަށައެވެ.
1. ފެންނަ މަންޒަރުތަކަށް ސަމާލުކަން ދިނުން.

މިއުމުރުގައި ކައިރީގައި ހަރަކާތްތެރިވާ ތަކެތި ނުވަތަ މީހުންނާއި އެއްވަރަށް ކަޅިހިންގައި އެހަރަކާތްތަށް ކުރިއަށްވުރެ ރަނގަޅަށް ދެނެގަނެއެވެ. މީގެން އަންގައިދެނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވެފައިވާކަމާއި، ލޮލާއި ސިކުނޑިއާއި ހުރި ގުޅުން އިތުރަށް ތަރައްގީވެގެން ކުރިއަރަމުން ދާކަމެވެ. އާންމުކޮށް އެކުގައި އުޅޭމީހުން އެއްކޮޅުން އަނެއްކޮޅަށް ހިންގާއިރު އެމީހަކާއި އެއްވަރަށް ދަރިފުޅުގެ ލޮލުގެ ހަރަކާތްތައްވެސް ދަތުރު ކުރެއެވެ. އަދި ހަމައެގޮތަށް ދަރިފުޅުގެ ކުރިމަތީގައި ކުޅޭއެއްޗެއް ނަގައި ދެކޮޅަށް ހަރަކާތްކޮށްލާ ހެދުމުން އެހަރަކާތާއިއެއްގޮތަށް ދަރިފުޅުގެ ލޮލުގެ ހަރަކާތްތައްވެސް އެއާއިއެއްވަރަށް ކުރެއެވެ. ހާއްސަކޮށް ކުލަ ގަދަތަކެއްޗަށް އެކުދިންގެ ސަމާލުކަން އިތުރުކަން ފާހަގަ ކުރެވޭނެއެވެ. މިގޮތަށް ފެނުމުގެ ހިއްސު ރަނގަޅަށް މަސައްކަތް ކުރާނަމަ އެއީ ކިޔުމަށާއި، ފެންނަ މަންޒަރާއި އެއްގޮތަށް އަތުގެ ހަރަކާތްތައް ކުރުމަށް ކުރިއަށް އޮތްތަނުގައި ލިބޭނެ އިތުރު ބާރެކެވެ. މިހުނަރު އިތުރުކުރުމުގެ ގޮތުން ކުޅޭއެއްޗެހި ދައްކައި މަޑުމަޑުން އެކި ފަރާތަށް ގެންގޮސް ހެދުމާއި، ފިކޯތް (ޕީކަބޫ) ކުޅުން ފަދަކަންކަން ކުރުމަކީ ބެލެނިވެރިންނަށް ކުރެވިދާނެ ރަނގަޅު ކަމެކެވެ.
2. ކަންކަން ފާހަގަކުރަން ފެށުން / ހަނދާނުގައި ހަރުލެއްވުން.
ކަންކަން ފާހަގަކުރުމުގެ ހުނަރު ކުރިއަރަމުންދާކަން މިއުމުރުގައި ވަރަށް ސާފުކޮށް ފާޅުވެގެން ދެއެވެ. އެގޮތުން އާންމުކޮށް ފެންނަ މީހުންގެ ސިފައާއި، އަޑާއި އަދި ބައެއްތަކެތިވެސް ފާހަގަ ކުރެއެވެ. މަންމަ ބައްޕަ ނުވަތަ ބޭބެ ދައްތަ ފެނުމުން ހިނިތުންވުމާއި އުފާވެރިކަން އެކުދިންގެ ފަރާތުން ފެނިގެންދެއެވެ. ބައެއް ކުދިން އެކުދިންނަށް ކަމުދާ ކުޅޭއެއްޗެއް ފެނުމުން ނުވަތަ ދަންނަ ލަވައެއް އަޑުއިވުމުން އެއެއްޗަކަށް ނުވަތަ އެއަޑަށް އެކުދިންގެ ސަމާލުކަންދެއެވެ. މިއީ ކަންކަން ހަނދާނުގައި ހަރުލަން ފަށައިފިކަން އަންގައިދޭކަމެކެވެ. އަދި ބެލެނިވެރިޔާއާއި ދަރިފުޅާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވާކަން އަންގައިދޭ ނިޝާނެކެވެ. މިހުނަރު އިތުރުކުރުމުގެ ގޮތުން ކުދިންގެ ނަމުން ގޮވުމާއި، އެކުދިންނާއި ވާހަކަދައްކައި ކަންކަން ފާގަކޮށް ހަނދާނުގައި ހަރުލެއްމަށް އެހީތެރި ވެދިނުމަކީ ބެލެނިވެރިންގެ ފަރާތުން އެކުދިންނަށް ދެވޭނެ އިތުރު ހިތްވަރެކެވެ.
3. ސަބަބާއި އެކަމުގެ ނަތީޖާ ދެނެގަތުން
އުމުރުން 4 މަހުގައި އެކުދިންގެ އުމުރާއި ގުޅޭގޮތުން، ކަމެއްކުރުމުން އެކަމަކުން ނުކުންނާނެ ނަތީޖާ ދެނެގަންނަން ފަށައެވެ. މިސާލަކަށް ރައިބޮލި ތަޅުވާލުމުން އެއިން އަޑެއް ނުކުންނަކަން ދެނެގަނެއެވެ. ނުވަތަ ކުޅޭ އެއްޗެއްގައި ޖެހުމުން އޭތި ދިއްލޭކަން ދެނެގަނެއެވެ. މިފަދަ ކަންކަމަކީ އެކުދިން އަލަށް ހޯދައިގަނެވޭ ކަންކަން ކަމުގައިވާތީ ދެންވާނީ ކިހިނެއްތޯ ބަލާލުމުގެ ބޭނުމުގައި ތަކުރާރުކޮށް އެކަން ކުރުމުގެ ފޯރި އެކުދިންގެ ގައިގައި ހުރެއެވެ. މިއީ މައްސަލަތަކަށް ހައްލު ހޯދުމުގެ ހުނަރު ގާއިމްކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކުދިން އުޅޭ މާހައުލުގެ ތެރެއިން ކަންކަން ޓެސްޓްކޮށް އޭގެން ފިލާވަޅު ލިބިގަނެއެވެ. ބެލެނިވެރިންގެ ފަރާތުން މިކަމަށް ބާރުއެޅުމުގެ ގޮތުން ކުދިންނަށް ކުޅޭ އެއްޗެހި ހޯދައި ދިނުމުގައި އަތްލުމުން އަޑުކިޔާ ނުވަތަ ހަރަކާތްކުރާ ނުވަތަ ދިއްލޭ ފަދަ ތަކެތި ހޯދައި ދިނުމަކީ މިފަދަ ކަންކަން ހޯދައިގަނެ ދަރިފުޅުގެ ވިސްނުން ތޫނު ކުރުމަށް އެޅޭނެ އިތުރު ބާރެކެވެ.
4. ކަންކަމަށް ޝައުޤުވެރިވުމާއި ސަމާލުކަން ގިނަވަގުތަށް ދެމެހެއްޓުން.
މިއުމުރުގައި ދަރިފުޅު ކަމަކަށް ސަމާލުކަން ދީގެން އިންނަ ވަގުތު ގިނަކަމުގައި ފާހަގަ ކުރެވެއެވެ. އެގޮތުން ފަރުވާތެރިކަމާއި އެކު އަތައް ބަލަން އޮވެދާނެއެވެ. ނުވަތަ މީހެއްގެ މޫނަށް ބަލަން ކުރިއަށްވުރެ ގިނަ ވަގުތު ސަމާލުވެ އޮވެދާނެއެވެ. މިއީ ދަރިފުޅުގެ ވިސްނުން ތަރައްޤީވަމުން އަންނަކަމާއި އައުކަންކަން ހޯދައި ބެލުމަށް ހުންނަ ޝައުޤުވެރިކަން އަންގައިދޭ ކަމެކެވެ. މިކަމަށް ބާރުއެޅުމުގެ ގޮތުން، ސަމާލުކަން ގެއްލޭކަނަތައްތައް މަދުކުރުމާއި، މަޑުމައިތިރި އަޑުތައް ބޭނުންކުރުމާއި، ކުޅުމުގައި ކުދިން މަސްއޫލުވެ އުޅޭފަދަ ކުޅޭތަކެތި ހޯދައިދިނުން އަދި ބޯޑު ފޮތް ކިޔައިދިނުންފަދަ ކަންކަން ކުރުމަކީ ދަރިފުޅުގެ ވިސްނުމާއި، ބަސްދަސްކުރުމުގެ ހުނަރު ކުރިއެރުވުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.