ޑިސްލެކްސިއާއަކީ ކިޔުމާއި ލިޔުމުގެ ހުނަރަށް އަސަރުކުރާ، ބަސް ދަސްކުރުމުގައި ހުންނަ އުނދަގޫކަމެކެވެ. މީގެ ތެރޭގައި، ބަސްތައް ކިޔަންވާ ގޮތާ، ސްޕެލިންގ ނުވަތަ ބަސް ލިޔަންވާ ގޮތާ އަޑުތައް ނެރެންވާގޮތް ދެނެގަތުމަށް ދަތިވުންވެސް ހިމެނެއެވެ. މިއީ ކުއްޖާގެ ތޫނުފިލިކަމާއި ފެނުމުގެ އުނިކަމެއްގެ ސަބަބުން ދިމާވާ ކަމެއް ނޫނެވެ. މިއީ ލިޔުމާއި ވާހަކަ ދައްކާ ބަސް ސިކުނޑިން ޕްރޮސެސްކުރާ ގޮތުގެ ސަބަބުން ދިމާވާ ކަމެކެވެ. މިއީ އާންމުކަމެއް ނަމަވެސް، ގިނަ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ ފަރާތްތަކަށް އަދިވެސް އުނދަގޫވަނީ ޑިސްލެކްސިއާ ހުންނަ ކުއްޖަކަށް އެންމެ ރަނގަޅަށް އެހީތެރިވެވޭނެ ގޮތްތައް ދެނެގަނެ، ކުރީކޮޅުގައި ފެންނަ އަލާމާތްތައް ދެނެގަތުމަށެވެ.
ޑިސްލެކްސިއާ ހުންނަ ކުދިންނަށް މި ކަންތައްތަކުގައި ދަތިތަކެއް ހުރެދާނެއެވެ:

- އަކުރުތަކާއި އެ އަކުރުތަކުން ރަމްޒުކުރާ އަޑުތައް ދެނެގަތުން
- ލަފްޒުތަކުގެ އަޑުތައް ގުޅުވައިގެން ކިޔުން
- ލަފްޒުތައް އަކުރާއި ފިލި ބޭނުންކޮށްގެން ލިޔުން ނުވަތަ ސްޕެލިންގް މައްސަލަ
- ރަނގަޅަށް ސާފުވާނޭގޮތަށް ލިޔުން
ޑިސްލެކްސިއާ ދިމާވާ ސަބަބަކީ ކޮބާ؟
ސިދާ ސަބަބު ނޭންގުނުކަމުގައި ވީނަމަވެސް، ދިރާސާތަކުން ދައްކާގޮތުގައި ޑިސްލެކްސިއާއަކީ ވާރުތަވާ ނުވަތަ އާއިލާތެރޭ ދައުރުވާ ކަމެކެވެ. ސިކުނޑީގެ އެކި ސަރަހައްދުތައް މަސައްކަތް ކުރާ ގޮތުގެ ދިރާސާއަކުން ދައްކާގޮތުގައި، ޑިސްލެކްސިއާ ހުންނަ ކުދިން ކިޔުމުގައި ބޭނުންކުރަނީ ޑިސްލެކްސިއާ ނުހުންނަ ކުދިންނާ އަޅާބަލާއިރު ސިކުނޑީގެ މުޅިން ތަފާތު ސަރަހައްދެކެވެ. މި ތަފާތަކީ އުފަންވާއިރުން ފެށިގެންވެސް ހުންނަ ކަމެއްކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ސިކުނޑިން ބަސްތައް ގުޅުވައިދީ ނަގައިގަންނަ ގޮތް ތަފާތު ވަނީ ކަމަށް ބެލެވެއެވެ.
ފެނިދާނެ އަލާމާތްތައް
ޑިސްލެކްސިއާއަކީ ޕްރީ ސުކޫލާ ހިސާބުންވެސް ދެނެގަނެވިދާނެ ކަމެކެވެ. އާރލީ އިންޓަވެންޝަން ނުވަތަ ކުރީކޮޅު އެހީތެރިވެވިއްޖެނަމަ މިކުދިންނަށް ރަނގަޅު ކުރިއެރުމެއް ހޯދިދާނެއެވެ. ތިރީގައި މިވަނީ އެކި އުމުރުފުރާގައި ފެނިދާނެ އަލާމާތްތަކެވެ:
ޕްރީ ސުކޫލުގައި އުޅޭ އުމުރު:
- ވާހަކަ ދެއްކުމުގެ ލަސްކަމެއް
- އާ ބަސްތައް ދަސްކުރުމުގައި އުނދަގޫވުން
- އެއް ގޮތަކަށް އަޑު ނިކުންނަ ބަސްތައް ދެނެގަތުމުގައި ދަތިތައް ހުރުން
- އަކުރުތަކުގެ ނަންތައް ހަނދާން ނެތުން
ފްރައިމަރީ ގްރޭޑްގައި އުޅޭ އުމުރު:
- އެކި އަކުރުތަކުގެ އަޑުތައް ވަކިކޮށްގެން ބަސްތައް ކިޔުމުގައި އުނދަގޫވުން ނުވަތަ އަކުރުތައް ގުޅުވައިގެން ބަސްތައް ކިޔުން
- ބައެއްކަހަލަ އަކުރުތަކުގައި އޮޅުން އެރުން. ހާއްސަކޮށް އެއްގޮތްކޮށް ހުންނަ އަކުރުތައް. މިސާލަކަށް، އިނގިރޭސީގައިނަމަ ‘b’ އާއި ‘d’ ނުވަތަ ‘p’ އާއި ‘q’ ފަދަ އަކުރުތައް ހެމެނެއެވެ.
- ކިޔުން ނުފަރިތަވުމާއި، ކިޔުމުގައި ކުއްޖެހުން
- އަކުރުތައް ބޭނުންކޮށްގެން ބަސްތައް ލިޔަންޖެހޭގޮތް ނުވަތަ ސްޕެލިންގް ދަސްކުރުމުގައި އުނދަގޫވުން
- އަޑުވިއްލާ ކިޔަން ބޭނުން ނުވުން
- އަކުރުތައް އިސްފަސްކޮށްގެން ބަސްތައް ކިޔުން. މިސާލަކަށް “Pot” ލިޔެފަ އިންނަ ތަނަކަށް “Top” ކިޔުން
ބޮޑެތި ކުދިން
- ސްޕެލިންގެ މައްސަލަތަކާއި ލިޔުމުގެ މައްސަލަތައް
- ލިޔުންތައް ހުލާސާކުރުމުގައި އުނދަގޫވުން
- އެހެން ބަސްތައް ދަސްކުރުމުގައި އުނދަގޫތައް
- އަމިއްލަ ނަފްސައް އޮންނަ އިތުބާރު ކުޑަވެ ސުކޫލުގައި ކަންކަމާ އަވަހަށް ހިތްހަމަނުޖެހުން
- ކިޔުން އަދި ލިޔުން ހިމެނޭ މަސައްކަތްތައް ފުރިހަމަކުރުމަށް ގިނަވަގުތު ނެގުން
މަތީގައި ބަޔާންކުރެވުން ކަންތައްތަކުން ކަމެއް ހުރުމަކީ އަދި ޑިސްލެކްސިއާ ހުރުންކަމުގައި ނުވެދާނެއެވެ. ނަމަވެސް ލިޔުމާއި ކިޔުމުގައި ދަތިތަކެއް ހުންނަނަމަ އެކަމަށް ހާއްސަ ބޭފުޅެއްގެ އެހީތެރިކަން ހޯދާ ޓެސްތަކުގެ އެހީގައި މިކަން އަވަހަށް ދެނެގަތުން ވަރަށް މުހިއްމެވެ.
ޑިސްލެކްސިއާ ހުރިކަން ދެނެގަންނަނީ ނުވަތަ ޑައިގްނޯސް ކުރަނީ ކިހިނެއް؟
ޑިސްލެކްސިއާ ހުރިކަމަށް ޝައްކު ކުރެވޭނަމަ އެކަމަށް ހާއްސަ ޕްރެފަޝަނަލް އިވެލުއޭޝަނެއް ކުރިއަށް ގެންދިއުން މުހިއްމެވެ. އާއްމުގޮތެއްގައި އެޑިއުކޭޝަނަލް ސައިކޮލޮޖިސްޓުން، ކްލިނިކަލް ސައިކޮލޮޖިސްޓުން ނުވަތަ ސްޕީޗް ޕެތޮލޮޖިސްޓުން މިކުދިންގެ ފުރިހަމަ އެސެސްމެންޓެއް ހަދައެވެ. މީގެ ތެރޭގައި ހިމެނެނީ:
- ކިޔުމުގެ ޓެސްޓްތައް
- ބަހުގެ ހުނަރު ހުރިވަރު ވަޒަންކުރުން
- ހަނދާނާއި ވިސްނުމުގެ ޓެސްޓް
- ތަޢުލީމީގޮތުން ކުއްޖާގެ ފެންވަރާއި ކުރިއެރުން އައިއްސަ ހުރިގޮތުގެ ރިވިއުއެއް
އަވަހަށް މައްސަލަ ދެނެގަނެވުމަކީ މިކަމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް މުހިއްމުކަމެކެވެ.
ޑިސްލެކްސިއާ ހުންނަ ކުދިންނަށް އެހީތެރިވުން
ފުރިހަމަ އެހީތެރިކަމާއެކު، ޑިސްލެކްސިއާ ހުންނަ ކުދިންނަކީވެސް ތައުލީމީގޮތުންނާއި ޖަޒުބާތީގޮތުން ކާމިޔާބު ކުދިންނަށް ހެދިދާނެއެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަކީ:
1. ވަކިގޮތަކަށް ރޭވިގެން ކުރިއަށް ގެންދެވޭ ލިޔަންކިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު (ސްޓްރަކްޗާރޑް ލިޓްރަސީ)
ސްޓްރަކްޗަރޑް ލިޓަރަސީއަކީ ޑިސްލެކްސިއާ ހުންނަ ކުދިންނަށް އެހީތެރިވެދޭ ކިޔަވައިދިނުމުގެ އުސޫލެކެވެ. މިއީ ބަހުގެ އަސާސްތަކަށް އަމާޒުކޮށް، ސާފުކޮށް އަދި އެއްހަރުފަތުން އަނެއްހަރުފަތަށް ކުރިއަށްދާ ގޮތަކަށް ބައްޓަންކުރެވިފައިވާ އުސޫލެކެވެ. މި އުސޫލުން ކިޔުމާއި ސްޕެލިންގ ސީދާ ގޮތެއްގައި އުނގަންނައިދެއެވެ. އަދި ދަސްކޮށްފައިވާ ހުނަރުތައް އަލުން މުރާޖަޢާކުރުން ގިނަ ގިނައިން ހިމެނެއެވެ. މީގެ އިތުރުން، ދަސްކުރުން އިތުރަށް ފުރިހަމަކޮށް، ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި ފެނުމާއި، އަޑުއިވުމާއި، އަދި އަތްލުން ފަދަ ތަފާތު ހިއްސުތައް ބޭނުންކުރެއެވެ.
2. ސްކޫލު މާހައުލުގައި ހަމަޖައްސައިދެވޭ ހާއްސަ އިންތިޒާމްތައް
ޑިސްލެކްސިއާ ހުންނަ ކުދިންނަށް ކްލާސްރޫމުގައި ހަމަޖައްސައިދެވޭ ހާއްސަ އިނތިޒާމުތަކަކީ އެކުދިންނަށް ތަޢުލީމު ޙާޞިލުކުރުމަށް އެހީތެރިވެދޭ މުހިންމު ބަދަލުތަކެކެވެ. މިގޮތުން ތައުލީމީގޮތުން ހާސިލްކުރަން ބޭނުންވާ މިންގަނޑުތައް ދަށްނުކޮށް އެކުދިންނަށް ތަޢުލީމު ޙާޞިލުކުރެވޭނެ ގޮތްތައް ހޯދައިދެވެއެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ކިޔުމާއި ލިޔުމުގައި ދަތިތަކެއް ހުރި ނަމަވެސް، އެކުދިންނަށް އެނގޭ ކަންތައްތައް ދައްކުވައިދިނުމުގެ ފުރުސަތު ލިބެއެވެ. މިސާލަކަށް، އިމްތިޙާނުތަކުގައި އިތުރު ވަގުތު ދިނުމުން ޑިސްލެކްސިއާ ހުންނަ ކުދިންނަށް އެކުދިންގެ އަމިއްލަ ދުވެއްޔަށް މަސައްކަތް ނިންމުމަށް ހަމަހަމަ ފުރުސަތެއް ލިބި، ނަފްސާނީ ގޮތުން ކުރިމަތިވާ ބުރަ ކުޑަވެގެންދެއެވެ. އަނގަބަހުން އިމްތިޙާނު ކުރުމުގެ ފުރުސަތު ދިނުމުން، އެކުދިންނަށް ސުވާލުތައް އަޑުއަހައި އަނގަބަހުން ޖަވާބުދާރީވެވޭނެއެވެ. މިއީ ކިޔުމުގެ ގޮންޖެހުންތަކުން އެއްކިބާވެވޭނެ ގޮތެކެވެ. އޯޑިއޯ ފޮތްތަކާއި ޓެކްސްޓް-ޓު-ސްޕީޗް ވަސީލަތްލަތްތަކުގެ ސަބަބުން ކިޔަވާ މާއްދާތަކުގެ މެޓީރިއަލްތައް ފަސޭހައިން ލިބި، ކުދިންނަށް ކިޔުމުގެ ބަދަލުގައި އަޑުއެހުމުގެ ފުރުސަތު ލިބެއެވެ. މީގެ އިތުރުން، މުދައްރިސުން ތައްޔާރުކޮށްފައިވާ ނޯޓުތަކާއި ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަކީވެސް ލިޔެ ނަކަލުކުރުމާއި ލިޔުމުން މަޢުލޫމާތު އިންތިޒާމުކުރުމުގައި ދަތިތަކާ ކުރިމަތިވާ ކުދިންނަށް އެހީތެރިވެދޭނެ ކަމެކެވެ. މިފަދަ ސްޓްރެޓެޖީތަކުގެ ސަބަބުން ހުރިހާ ކުދިން ޝާމިލުކުރެވޭ ގޮތަށް ކްލާސްރޫމް ތައްޔާރުކުރެވެއެވެ. ގިނަފަހަރަށް މިކަންކަން ހިމެނެނީ އިންޑިވިޖުއަލައިޒްޑް އެޑިޔުކޭޝަން ޕްލޭން (އައި.އީ.ޕީ) ނުވަތަ އެފަދަ އެހެން އެހީތެރިކަން ފޯރުކޮށްދޭ ނިޒާމެއްގެ ތެރެއިންނެވެ. ޖުމްލަ ގޮތެއްގައި، މިފަދަ ކުދިންނަށް ކުލާސްރޫމުގައި ދެވޭ ހާއްސަ އިންތިޒާމްތަކަކީ ހަމަހަމަނޫން އެހީތެރިކަމެއް ދިނުމެއް ނޫނެވެ. އެއީ ހުރިހާ ކުދިންނަށް ކާމިޔާބު ލިބޭނެ ގޮތަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
3. ގޭގައި އެހީތެރިވުން
ޑިސްލެކްސިއާ ހުންނަ ކުދިންނަށް ގޭގައި ލިބޭ އެހީތެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިކަން އެންމެ ރަނގަޅަށް މަސައްކަތްކުރަނީ ސްކޫލުގެ ބައިވެރިވުމާއި އެކުގައެވެ. މައިންބަފައިންނަށް އެހީތެރިވެވޭނެ ގޮތްތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ދަރިފުޅާއެކު ފޮތްކިޔުން ހިމެނެއެވެ. މިކަމުން ދަރިފުޅުގެ އަމިއްލަ ނަފްސައް އޮންނަ އިތުބާރު އިތުރުވެ، ފޮތްކިޔުމަށް އޮންނަ ޝައުގުވެރިކަން އިތުރުވެ ފޮތްކިޔުމަކީ މަޖާކަމަކަށް ވެގެންދެއެވެ. “ނެސީ” ނުވަތަ “ގޮތިޓް” ފަދަ ޑިސްލެކްސިއާއަށް ރައްޓެހި އެޕްތަކަކީ މަޖާ އަދި ގިނަ ހިއްސުތައް ހިމެނޭނެ ގޮތަކަށް ހުނަރުތައް އިތުރުކުރެވޭނެ އެޕްތަކެވެ. ދަރިފުޅުގެ އަމިއްލަ އިތުބާރާއި ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ނަތީޖާގެ ބަދަލުގައި ކުރާ މަސައްކަތަށް ތަޢުރީފުކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ސްކޫލުގައި ދަރިފުޅަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި ދަރިފުޅަށް އެކަށީގެންވާ އެހީތެރިކަމާއި ފަސޭހަތައް ލިބޭކަން ޔަޤީންކުރުމަށް މުދައްރިސުންނާއެކު މަސައްކަތްކުރަންވާނެއެވެ. މި ހުރިހާ ފިޔަވަޅުތަކެއް އެކުގައި އަޅައިގެން، ތަޢުލީމީ ގޮތުންނާއި ނަފްސާނީ ދުޅަހެޔޮކަމަށް ވަރުގަދަ ބިންގަލެއް އެޅިގެންދެއެވެ.
4. ޖަޒުބާތީގޮތުންނާއި އިޖުތިމާއީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުން
ޑިސްލެކްސިއާ ހުންނަ ކުދިންނަށް ޖަޒުބާތީ އަދި އިޖުތިމާޢީ އެހީތެރިކަން ވަރަށް މުހިންމެވެ. އެކުދިންނަށް ކިޔެވުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ފޫހިވެ ނުވަތަ ކަންބޮޑުވުމުގެ ސަބަބުން އެކުދިންގެ އަމިއްލަ ނަފުސަށް އިތުބާރު ކުޑަވެދާނެއެވެ. މައިންބަފައިންނާއި މުދައްރިސުން ގުޅިގެން އެކުދިންނަށް އެހީތެރިކަން ލިބޭފަދަ މާހައުލެއް އުފައްދައި، ކުދިންގެ އިހުސާސްތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ހިތްވަރުދީ، އަދި ކުއްޖާގެ ހުނަރުވެރިކަން ހުރި ދާއިރާތަކަށް، މިސާލަކަށް ކުރެހުމާއި ކުޅިވަރުފަދަ ކަންކަމަށް އަހައްމިއްޔަތުކަން ދިނުމަކީ މުހިއްމުކަމެކެވެ. ބޭނުންވެއްޖެ ހިނދެއްގައި، ޖަޒުބާތީ ގޮތުން ދިމާވާ ދަތިތައް ހައްލުކުރުމަށް ކައުންސެލިންގެ އެހީތެރިކަން ހޯދިދާނެއެވެ. އަދި ރަނގަޅު ގުޅުންތަކާއި ރޯލް މޮޑެލްތަކުން އަމިއްލަ ނަފުސަށް އިތުބާރު އިތުރުކޮށްދެވިދާނެއެވެ. މިފަދަ އެހީތެރިކަމުން ކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ލިބި، ކުރިއަށްދިއުމުގެ ޝައުގުވެރިކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
ޑިސްލެކްސިއާއަކީ ކުއްޖާގެ ޤާބިލުކަން ކަނޑައަޅާ އެއްޗެއް ނޫނެވެ. މައްސަލަ އަވަހަށް ދެނެގަތުމާއި، އޭގެ މައްޗަށް ބިނާކޮށް އުނގަންނައިދިނުމުގެ ހަރުދަނާ ގޮތްތަކާއި، އަދި ނަފްސާނީ އެހީތެރިކަމާއެކު، ޑިސްލެކްސިއާ ހުންނަ ކުދިންނަށްވެސް ސްކޫލުގައާއި ދިރިއުޅުމުގައި ކުރިއެރުން ހޯދިދާނެއެވެ. މިކަމާ ގުޅޭ ހޭލުންތެރިކަން އިތުރުވަމުން ދިޔުމާއެކު، ހުރިހާ ކުދިންނަށްވެސް ކުރިއަރައި ދިއުމުގެ ފުރުސަތު އޮންނަ، ހުރިހާކުދިން ޝާމިލުވާ ތަޢުލީމީ މާޙައުލެއް އުފެއްދުމުގެ ފުރުޞަތުވެސް އިތުރުވެގެންދެއެވެ.