މޭނުބައިކޮށް ހޮޑުލެވުމަކީ މާބަނޑުވުމުގެ އެންމެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިކަން އާނމުކޮށް ފެށެނީ ފުރަތަމަ ތިންމަހުގެ ތެރޭގައެވެ. ގާތްގަނޑަކަށް 6 ވަނަ ހަފްތާތެރޭގައެވެ. އަދި ދެވަނަ ޓްރިމެސްޓަރގައި މިކަމުން ލުއިލިބެއެވެ. ނަމަވެސް ބައެއް ފަރާތްތަކަށް މިކަން ދިގުލައިގެންވެސް ދެއެވެ. އިނގިރޭސިބަހުން މިކަމަށް “މޯނިންގ ސިކްނެސް” އޭ ކީނަމަވެސް މާބަނޑު ދުވަސްވަރު މޭނުބައި ކުރުމާއި ހޮޑުލެވުމަކީ ހަމައެކަނި ދުވަހުގެ ކުރީ ކޮޅުގެ ވަގުތުގައި ދިމާވާކަމެއްނޫނެވެ. އެހެން ވަގުތުތަކުގައިވެސް މިކަމާއި ކުރިމަތިލާން ޖެހެއެވެ. ގިނަ ފަރާތްތަކަށް މީގެ އަސަރު ކުޑަވެފައި ދިރިއުޅުމުގެ އެހެންކަންކަން ބަރާބަރަށް ކުރިއަށް ގެންދެވޭވަރުވީނަމަވެސް ބައެއް ފަރާތްތަކަށް މުޅިދުވަހުގެ ހަރަކާތްތަކަށް ބުރުއަރައި ތެދުވެ އުޅެންވެސް އުނދަގޫވާވަރުވެއެވެ. މޭނުބައިކުރަން ނުވަތަ ހޮޑުލަވަން ދިމާވާ ސަބަބު ދެނެގަނެ އެކަން މެނޭޖްކުރަން މަސައްކަތް ކުރުމަކީ އެފަރާތްތަކަށް ވަރަށް ބޭނުންތެރިކަމެކެވެ.
މާބަނޑު ދުވަސްވަރު މޭނުބައިކުރުމާއި ހޮޑުލެވެން ދިމާވާ ސަބަބަކީ ކޮބާ؟

މިކަން ދިމާވާން މެދުވެރިވާ ސީދާ ސަބަބު ކަނޑައެޅިގެން ބުނެދޭން ނޭންގުނަސް، ކަމާއިބެހޭ މާހިރުން ފާހަގަ ކުރައްވާގޮތުގައި މިކަން ދިމާވާން މެދުވެރިވާ މައިގަނޑު ސަބަބަކީ މާބަނޑުވުމާއި ގުޅިގެން ފުރަތަމަ ދުވަސްތަކުގައި ހަށިގަނޑަށް އަންނަ ހޯމޯންތަކުގެ އަވަސް ބަދަލުތަކުގެ ސަބަބުންނެވެ. އެގޮތުން މާބަނޑުވުމައި ގުޅިގެން ހިއުމަން ކްއޮރޮނިކް ގޮނަޑޯޓްރޮޕިން (އެޗްސީޖީ) އާއި އެސްޓްރޮޖެން އިތުރުވުމާ ގުޅިގެން މޭނުބައި ކުރުމާއި ހޮޑުލުން ކުރިމަތިވެއެވެ. މީގެ އިތުރު ސަބަބުތަކުގެ ތެރޭގައި މާބަނޑު ދުވަސްވަރު ވަސް ދެނެގަތުމުގެ ބާރު އިތުރުވުމުގެ ސަބަބުން ވަސްތަކަށް އިތުރަށް ސަމާލުކަން ދެވެއެވެ. އަދި ހަޖަމުކުރާ ނިޒާމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާތަކެތި ހަޖަމުވާ ސްޕީޑު ލަސްވުމަކީވެސް މޭނުބައިކުރުން ނުވަތަ ހޮޑުލެވުމަށް ދިމާވާ ސަބަބެކެވެ. އަދި ހަމައެހެންމެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވުމާއި ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބޭ ޕްރެޝަރު އިތުރުވުމަކީވެސް މިކަމަށް މެދުވެރިވާ ސަބަބުތަކެވެ. ދަތުރު ކުރުމުން ބޯއަނބުރާ ހޮޑުލެވުން ކުރިމަތިވާ ފަރާތްތަކާއި، މައިގްރޭން ހުންނަ ފަރާތްތަކާއި އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިންނަ ފަރާތްތަކަށް މިކަމާއި ކުރިމަތިލާން ޖެހުމުގެ ފުރުޞަތު ބޮޑެވެ.
މޭނުބައިކުރުން ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
މިކަން މެނޭޖްކުރުމަށް ކުރެވިދާނެ ވަރަށްގިނަ ކަންކަން ހުރެއެވެ. އެމީހަކަށް އެންމެ ރަނގަޅު ގޮތެއް ދެނެގަނެ އެގޮތަށް އަމަލުކުރުމަކީ މުހިންމުކަމެކެވެ.
ކާގަޑިތައް އިތުރުކުރުމާއި އެވަގުތުތަކުގައި ކާމިންވަރު މަދުކުރުން
ދުވާލަކު ތިންއިރު ބަނޑުފުރާކެއުމުގެ ބަދަލުގައި، ކާމިންވަރު މަދުކޮށް ކޮންމެ 2 ނުވަތަ 3 ގަޑިން ކޮންމެވެސް މިންވަރަކަށް ކެއުން ރަނގަޅެވެ. ބަނޑު މާބޮޑަށް ހުސްވިޔަ ނުދިނުމުން މޭނުބައިކުރުމުން ދުރުކޮށްދެއެވެ. އަދި އެހާ ރަހަ ގަދަނޫން، ފަސޭހައިން ހަޖަމުވާފަދަ ކާނާ ކެއުމަކީ ރަނގަޅުކަމެކެވެ. މިސާލަކަށް ޓޯސްޓް، ބަތް ، ދޮންކެޔޮ އަދި ޕްލެއިން ޔޯގަޓްއަކީ ރަނގަޅު ބާވަތްތަކެކެވެ.
ގިނައިން ދިޔާތަކެތި ބޭނުންކުރުން
ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ޓަކައި ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ މުހިންމުކަމެކެވެ. ނަމަވެސް އެއްފަހަރާ ގިނައިން ދިޔާތަކެތި ބުއިމަކީ މޭނުބައިކުރުން އިތުރަށް ގޯސްވެދާނެ ސަބަބެކެވެ. މުޅިދުވަހަށް ބަހާލައިގެން މަދުމަދުން ފެންބުއިމުން ރަނގަޅުވާނެއެވެ. ކުރުނބާ ފެނާއި، ސައި (ހާބަލް ޓީ)ގެ އިތުރުން ފެނަށް ލުނބޯ ފިތާލައިގެން ނުވަތަ މިންޓްގެ ކުޑަމިންވަރެއް އަޅައިގެން ފެން ބުއިމަކީވެސް މޭނުބައިކުރުމުގެ އުނދަގޫ ކުޑަވާކަމެކެވެ.
ހެނދުނު ހޭލެވޭވަގުތު އެއްޗެއް ކެއުން
ހޭލެވުމާއިއެކު ޓޯސްޓެއް ނުވަތަ ބިސްކޯދެއްފަދަ ހިކި އެއްޗެއް ކާލުމަކީ މޭނުބައިކުރުން ކުޑަކުރެވޭނެކަމެކެވެ. ހެނދުނު ހޭލެވޭއިރު ބަނޑު ހުންނާނީ ހުސްކޮށް ކަމުގައިވެފައި އެކަމަކީ މޭނުބައިކުރުން އިތުރަށް ގޯސްކުރުވާނެކަމެއްކަމަށް ވާތީ ހަޖަމުކުރަން ފަސޭހަ ފެޓްގެބައި މަދު އަދި ގަދަ ވަހެއް ނުހުންނަ މިފަދަ އެއްޗެއްސަކީ އެހެން ކާނާތަކާއި ހިލާފަށް މެއިނުބައިކުރަން މެދުވެރިވާ ސަބަބުތަކާއި ދުރުކުރުވާ އެއްޗެއްސެވެ. އެހެންކަމުން އެނދުގައި އޮންނައިރު އަތްޖެހޭ ހިސާބުގައި ބިސްކޯދުފަދަ ކާއެއްޗެއް ބެހެއްޓުމާއި އެނދުން ތެދުވުމުގެ ކުރިން މިފަދަ އެއްޗެއްކާލުމަކީ ވަރަށް ބޮޑު ތަފާތެއް ފާހަގަކުރެވޭނެ ކަމެކެވެ.
އިނގުރު ބޭނުންކުރުން
އިނގުރަކީ މޭނުބައިކުރުމަށް ގުދުރަތީ ފަރުވާއެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލަމުން ދާއެއްޗެކެވެ. ތާޒާ އިނގުރު ބޭނުންކޮށްގެން އިނގުރު ސައި ބުއިމާއި، އިނގުރު މެޓާ ބޭނުންކުރުމަކީ ކުރެވިދާނެކަމެކެވެ. 2014 ވަނަ އަހަރު “އޮބްސްޓެޓްރިކްސް އެނޑް ގައިނެކޮލޮޖީ” ގައި ޝާއިއު ކުރެވުނު ހޯދުމަކުން އެނގޭގޮތުގައި އިނގުރަކީ މާބަނޑު އަންހެނުން މޭނުބައިކުރުމާއި ހޮޑުލެވުން ކުޑަކޮށްދޭ އެއްޗެކެވެ.
ވިޓަމިން ބީ-6
ވިޓަމިން ބީ-6 އިންވެސް މޭނުބައި ކުރުމާއި ހޮޑުލެވުން ކުޑަކޮށްދެއެވެ. ނަމަވެސް އިތުރު ވިޓަމިނެއް ނުވަތަ ބޭހެއް ބޭނުން ކުރަން ފެށުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދުމަކީ މުހިންމުކަމެކެވެ.
އެކިއުޕްރެޝަރ އަދި ސީބޭންޑް
އަތުކުރީގެ އެތެރެފަރާތުގެ ވަކި ޕޮއިންޓަކަށް ފިތޭގޮތަށް ހަދާފައި ހުންނަ ސީބޭންޑަކީވެސް ބައެއް މާބަނޑު މީހުނަށް މޭނުބައިކުރުން ކުޑަކޮށްދޭ އެއްޗެކެވެ. މިބޭންޑަކީ އޭގައި އެއްވެސް ބޭހެއް އެކުނުލެވޭ ބޭނުންކުރަން ރައްކާތެރި އެއްޗެކެވެ. އަދި ގިނަ ފާމަސީތަކުން ލިބެންހުނަން އެއްޗެކެވެ.
އަރާމުކުރުން
ވަރުބަލިވުމަކީ މޭނުބައިކުރުން އިތުރަށް ގޯސްކުރުވާ ކަމެކެވެ. އެހެންކަމުން ލިބޭ ހުސްވަގުތުގައި އަރާމުކުރުމަކީ މުހިންމުކަމެކެވެ. ކުޑަކޮށް ނިދާލުން، ހަށިގަނޑު ހަމަޖައްސާލަފަދަ ހަރަކާތްތަށް އަދި ސްކްރީން ޓައިމް މަދުކުރުމަކީ ރަނގަޅަށް އަރާމުކޮށްލުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. ފުންކޮށް ނޭވާލުމާއި ޔޯގާ ކުރުމަކީވެސް މިއުނދަގޫ ކުޑަކޮށްދޭކަމެކެވެ.
މޭނުބައިކުރާ ކަންކަމާއި ދުރުވުން
ގަދަ ވަސް، ހޫނު އަދި ކުޅިތަކެތި ކެއުން ނުވަތަ އެއްޗެއްގެ ބޭރުފުށުން ހުންނަ ގޮތަކުންވެސް މޭނުބައިކުރުން އިތުރަށް ގޯސްވުމަށް މަގުފައިވެދާނެއެވެ. އެހެންކަމުން އެފަރާތަކަށް އުނދަގޫވާ ކަންކަން ފާހަގަކޮށް އެކަމާއި ދުރުވުމަކީ ކުރެވިދާނެކަމެކެވެ. މިސާލަކަށް ކައްކާއިރު ދުވާވަހަކުން އުނދަގޫވާނަމަ ރަނގަޅަށް ވައިދައުރުކުރާތަނެއްގައި ކެއްކުން ނުވަތަ ކެއްކުމަށް އެހެން މީހެއްގެ އެހީތެރިކަން ހޯދުމަކީ ކުރެވިދާނެކަމެކެވެ.
މޭނުބައިކުރުމާއި ހޮޑުލެވުމާއި ކުރިމަތިވުމަކީ މާބަނޑުއިރުގެ ކުރީކޮޅުގައި ދިމާވާ އެންމެ އުނދަގޫކަންތައް ތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ނަމަވެސް މިކަމަކީ ދުވަސްވާ ވަރަކަށް ރަނގަޅުވަމުން އަންނަ ކަންކަމެވެ. ކެތްތެރިކަން އިސްކުރުމާއި، މިކަމުގެ އަސަރު ކުޑަކުރުމަށް އަމިއްލައަށް ކުރެވޭނެ ކަންކަން ކުރުމާއި އެހީތެރިކަމެއް ބޭނުންވާނަމަ އެކަމަށް އެދުމަކީ ކުރަންޖެހޭނެކަމެކެވެ. އެކިމީހުންގެ ތަފާތުތަށް ހުންނަގޮތަށް އެކަށްކަށް މިކަމުގެ އަސަރު ކުޑަވާ ކަންތައްތައް އަނެކަކަށް ނުވެ ހިނގައިދާނެއެވެ. ހަށިގަނޑަށް ބޭނުންވާ ރަނގަޅު ކާނާ ބޭނުންކުރުމާއި، އަރާމުކުރުމާއި ޖަޒުބާތީގޮތުން ހިތްވަރު ލިބިގަތުމަށް ސަމާލުކަން ދޭށެވެ. މިއީ މަންމައަކަށް ވުމަށް ކުރެވޭ ދަތުރުގެ ބައެކެވެ.