ޕްރީ-އެކްލެމްޕްސިއާ އަކީ މާބަނޑު އަންހެނުންނަށް ދިމާވާ، ހަށިގަނޑުގެ ގިނަ ގުނަވަންތަކަކަށް އަސަރުކުރާ ބައްޔެކެވެ. މި ބަލީގެ ސިފަތަކުގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވުމާއި، ކުޑަކަމުދާ އެއްޗެހީގައި ގިނަ އަދަދެއްގެ ޕްރޮޓީން ހުރުމާއި ޕްރޮޓީނުރިއާ (ކުޑަކަމުދާ އެއްޗެހީގައި ޕްރޮޓީން ހުރުން) ހުރުން އަދި މުހިންމު ގުނަވަންތަކަށް (ގިނަފަހަރު ކިޑްނީ ނުވަތަ ލިވަރއަށް) ބޮޑެތި ގެއްލުންތައް ވުން ހިމެނެއެވެ. މި ހާލަތު އާންމުކޮށް ކުރިމަތިވަނީ މާބަނޑުވުމުގެ 20 ވަނަ ހަފްތާއަށްވުރެ ފަހުންނެވެ. މިއީ ކޮންމެވެސް ވަރަކަށް އާންމު ކަމެކެވެ. ގާތްގަނޑަކަށް 5-7 ޕަސެންޓު މާބަނޑު މީހުންނަށް މިކަން ދިމާވެއެވެ. އަދި މިއީ މުޅި ދުނިޔެއަށް ބަލާއިރުވެސް މައިމީހާއާއި ބަނޑުގައިވާ ކުއްޖާއަށް ނުރައްކާތައް ކުރިމަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ. ފަރުވާ ނުކޮށްފިނަމަ، ޕްރީއެކްލެމްޕްސިއާގެ ސަބަބުން ވަރަށް ނުރައްކާތެރި މައްސަލަތައް ކުރިމަތިވެދާނެއެވެ. މީގެ ތެރޭގައި މައިމީހާއަށް ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި ފިޓްޖެހުން (އެކްލެމްޕްސިއާ)، ސްޓްރޯކް، އަދި އެންމެ ނުރައްކާތެރި ހާލަތެއްގެގޮތުން މައިމީހާގެ ގުނަވަންތައް ފެއިލްވެ މަރުވުންވެސް ހިމެނެއެވެ. ބަނޑުގައިވާ ކުއްޖާއަށް ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި، ދުވަސް ނުފުރާ ވިހެއުމާއި ބަރުދަން މާބޮޑަށް ލުއިވުމާއި މަރުވުންވެސް ހިމެނެއެވެ. އުފާވެރި ޚަބަރަކީ، ގަވާއިދުން ޕްރީނޭޓަލް ފަރުވާ ހޯދުމުން، ގިނަ ހާލަތްތަކުގައި މިކަން ވަރަށް އަވަހަށް ދެނެގަނެވެއެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ލޭގެ ޕްރެޝަރާއި ކުޑަކަމުދާ އެއްޗެހި ޗެކްކޮށް، އެއްވެސް ނުރައްކާތެރި ނިޝާނެއް ހުރިތޯ ބަލަމުން ގެންދެއެވެ.
ޕްރީއެކްލެމްޕްސިއާ ދިމާވާން މެދުވެރިވެދާނެ ސަބަބުތައް

ޕްރީއެކްލެމްޕްސިއާ ޖެހެނީ ކީއްވެގެންކަން މި ދާއިރާގެ މާހިރުންނަށް ސީދާ ޔަގީނެއް ނުވެއެވެ. ނަމަވެސް ގިނަ މާހިރުން އެއްބަސްވާ ގޮތުގައި މިކަން ފެށެނީ ޕްލަސެންޓާ (މަންމައާއި ދަރިފުޅު ގުޅުވައިދޭ ގުނަވަން) އިންނެވެ. ޕްލަސެންޓާ ތަރައްގީވުމުގައި ނުވަތަ މަސައްކަތްކުރުމުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން މަންމަގެ މުޅި ހަށިގަނޑަށް ފުޅާ ދާއިރާއެއްގައި އަސަރުކުރެއެވެ. ޔޭލް ޔުނިވަރސިޓީގެ ޑރ. އެނަލީސް ޑެނޯބަލް ވިދާޅުވާ ގޮތުގައި، “ބޮޑަށް ބެލެވޭ ގޮތުގައި މާބަނޑު ދުވަސްވަރުގެ ކުރީކޮޅު ޕްލަސެންޓާ ތަރައްގީވުމުގައި ހުންނަ އާދަޔާ ހިލާފު ނުވަތަ އެބްނޯމަލް ކަމެއްގެ ސަބަބުން ހަށިގަނޑަށް ނުރައްކާތެރިކަމުގެ ސިގްނަލެއް ލިބި ލޭގެ ޕްރެޝަރު މައްޗައް ދިއުމާއި، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަސަރުކުރުމަށް މެދުވެރިވަނީއެވެ. މިއީ އަދި ބައެއް މީހުންނަށް ވިހެއުމަށްފަހު ޕްރީއެކްލެމްޕްސިއާ ޖެހޭ ސަބަބުކަމަށް ވެސް ވެދާނެއެވެ. އެއީ ޕްލަސެންޓާ ނެތްކަމުގައި ވިޔަސް، އޭގެ ސަބަބުން އުފެދުނު އިންފްލެމޭޝަން ދެމިހުންނާތީއެވެ.” އެހެން ގޮތަކަށް ބުނާނަމަ، ޕްލެސެންޓާގެ ލޭހޮޅިތަކުގައި ހުންނަ މައްސަލަތަކުގެ ސަބަބުން އިންފްލެމޭޝަން އުފެދި، އޭގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ގޮސް މަންމަގެ ގުނަވަންތަކަށް ބުރަ ބޮޑުވެއެވެ.
ބައެއް ކަންތައްތަކުގެ ސަބަބުން ޕްރީއެކްލެމްޕްސިއާ ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އަލަށް ބަލިވެ އިނުން (ޚާއްޞަކޮށް އައު ބައިވެރިއަކާއެކު ފުރަތަމަ ފަހަރަށް ބަލިވެ އިނުން).
- ޕްރީއެކްލެމްޕްސިއާގެ ހިސްޓްރީއެއް އޮތުން: ކުރިން މާބަނޑު ދުވަސްވަރު ޕްރީއެކްލެމްޕްސިއާ ޖެހިފައިވުން، ނުވަތަ އާއިލާގެ މިކަން ދިމާވެފައިވާ މީހުން ތިބުން.
- ދާއިމީ ބަލިތައް: ދިގު މުއްދަތަކަށް ލޭގެ ޕްރެޝަރު މަތިވެފައި ހުރުން، ކިޑްނީ ބަލި، ހަކުރު ބަލި، ނުވަތަ ލޫޕަސް ފަދަ އޮޓޯއިމިއުން ބަލިތައް ހުރުން.
- އެއްމާބަނޑު ކުދިންނަށް ބަލިވެއިނުން: ދެކުދިން، ތިން ކުދިން ފަދަ ގޮތަކަށް އެއްފަހަރާ ބަލިވެ އިނުން، ނުވަތަ އިން-ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) މެދުވެރިކޮށް ބަލިވެ އިނުން.
- ފަލަވުން ނުވަތަ އުމުރުން 40 އަހަރު ފަހަނަޅާފައިވުން: ހަށިގަނޑުގެ ބަރުދަން މަތިވުމާއި މަންމަގެ އުމުރުން ދުވަސްވުމުން ރިސްކު މަތިވެއެވެ.
ފާހަގަކުރެވިފައިވާ އެހެނިހެން ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން، ލޭގަނޑުވުމުގެ ސަބަބުން ނުވަތަ ދިރިއުޅުމުގެ ހާލަތާއި ގުޅިގެން ނަފްސާނީގޮތުން ލިބޭ ވަރުބަލިކަން ހިމެނެއެވެ. މިފަދަ އެއްވެސް ނުރައްކަލެއް ހުރިކަމަށް ފާހަގަ ކުރެވޭނަމަ، މާބަނޑު ދުވަސްވަރު އިތުރަށް ސަމާލުވެ ފާރުވާތެރިރިވާންވާނެއެވެ. އަވަހަށް މައްސަލަ ދެނެގަތުމަކީ ފަރުވާ ކުރުމަށް ފަސޭހަވާ ކަމެކެވެ.
ޕްރީއެކްލެމްޕްސިއާގެ އަލާމާތްތައް
ޕްރީއެކްލެމްޕްސިއާގެ ކުރީކޮޅު ނުވަތަ ކުޑަކޮށް ޕްރީއެކްލެމްޕްސިއާ ހުންނަ ގިނަ މީހުނަށް މާބޮޑު އުނދަގޫތަކެއް ނުވެދާނެއެވެ. އެހެންކަމުން ގަވާއިދުން ކުރެވޭ ޕްރީނޭޓަލް ޗެކަޕްތައް ވަރަށް މުހިންމެވެ. އަލާމާތްތައް ފެންނަ ހިނދު، އޭގެ ތެރޭގައި ހިމެނެނީ:
- ލޭގެ ޕްރެޝަރު މަތިވުން: “mmHg 90/140” ނުވަތަ އެއަށްވުރެ މަތީ ރީޑިންގތަކަކީ (ޚާއްޞަކޮށް 20 ހަފުތާއަށްވުރެ ފަހުން) އިންޒާރެކެވެ. ގިނަފަހަރު ފާޅުކަން ބޮޑު އަލާމާތްތަކެއް ނުހުރެއެވެ. އެހެންކަމުން ގަވާއިދުން ލޭގެ ޕްރެޝަރު ބެލުން ވަރަށް މުހިންމެވެ.
- ކުޑަކަމުދާ އެއްޗެހީގައި ޕްރޮޓީން ހުރުން: މިއީ އާދައިގެ ލެބޯޓްރީ ޓެސްޓަކުން ދެނެގަނެވޭ ކަމެކެވެ. މިއީ ކިޑްނީއަށް ކުރާ ނޭދެވޭ އަސަރެއްގެ ނިޝާނެކެވެ.
- ގަދަޔަށް ބޮލުގައިރިހުން: އާންމު ފަރުވާތަކުން ރަނގަޅުނުވާ، އަލަށް ފެށޭ، ވަރަށް ބޮޑަށް ތަދުވާ ބޮލުގައިރިހުމެކެވެ.
- ލޮލުގެ ފެނުމަށް އަންނަ ބަދަލުތައް: ލޯ ފުސްވުން، ކަޅު ތިކިތަކެއްގޮތަށް ލޯ ކުރިމަތިން ފެނުން ނުވަތަ ލޯ ކުރިމަތިން އަލިތަކެއް ފެނުން އަދި ގަދަ އަލިތަކަށް އުނދަގޫވުންފަދަ ކަންކަން ހިމެނެއެވެ.
- މަތީ ބަނޑުގައި ރިހުން: ޚާއްޞަކޮށް ކަނާއަތްފަރާތު މޭ ކަށިގަނޑުގެ (ރިބްސް) ދަށުގައި ނުވަތަ މަތީ ބަނޑުގައި ރިހުން.
- މޭނުބައިކުރުން ނުވަތަ ހޮޑުލުން: މާބަނޑު ދުވަސްވަރު ކުރީކޮޅު ދިމާވާ ހޮޑުލުމުގެ މައްސަލަ ހުއްޓުމަކަށް އަންނަފަހުން، ކުއްލިއަކަށް މޭނުބައިކޮށް ހޮޑުލެވެން ފެށުމަކީ އަލާމާތަކަށް ވެދާނެއެވެ.
- ކުއްލިއަކަށް މީހާ ފޮއްސިވުން ނުވަތަ ދުޅަވުން: މޫނުމަތި، އަތްތިލަ ނުވަތަ ފައިތިލަ ފާޅުކަން ބޮޑު ގޮތެއްގައި ދުޅަވުން، ނުވަތަ ހަށިގަނޑުގައި ދިޔަ ޖަމާވުމުގެ ސަބަބުން ކުއްލިއަކަށް ބަރުދަން އިތުރުވުން. މިއީ އާންމުކޮށް މާބަނޑުދުވަސްވަރު ދުޅަވާ މިންވަރަށްވުރެ ބޮޑު ދުޅަވުމެކެވެ.
- ނޭވާ ހާސްވުން: ނޭވާލަން އުނދަގޫވުން ނުވަތަ އާދަޔާ ޚިލާފަށް ނޭވާ ކުރުވުން. މިއީ ފުއްޕާމޭގައި ދިޔަ ޖަމާވުމުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ.
މި އަލާމާތްތަކުގެ ތެރެއިން ގިނަ އަލާމާތްތަކަކީ އާންމު ގޮތެއްގައި މާބަނޑު ވުމާއެކު އަންނަ ބަދަލުތަކާ އެއްގޮތް އަލާމާތްތަކެކެވެ. އެހެންކަމުން، އަލަށް ފެންނަ ނުވަތަ އަވަހަށް ހާލަތުގޯސްވަމުންދާ އެއްވެސް އަލާމާތެއް ވާނަމަ އެކަން ޑޮކްޓަރަށް އެންގުމަކީ މުހިންމު ކަމެކެވެ. މާބޮޑަށް ބޮލުގައި ރިހުމެއް، ނުވަތަ ލޮލަށް ފެނުމުގައި މައްސަލައެއް، ނުވަތަ ބަނޑުގެ މަތީ ބައިގައި ރިއްސުން، ނޭވާލުމަށް އުނދަގޫވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން ސިއްހީ ފަރުވާ ހޯދަން ޖެހޭނެއެވެ.
ބަލި ދެނެގަތުން
ޑޮކްޓަރުން ޕްރީއެކްލެމްޕްސިއާ ހުރިކަން ދެނެގަންނަނީ މައިގަނޑު ގޮތެއްގައި ލޭގެ ޕްރެޝަރު ބަލައިގެންނާއި ކުޑަކަމުދާ އެއްޗެހި އަދި ލޭ ޓެސްޓުކޮށްގެންނެވެ. އާންމު ގޮތެއްގައި މި ބަލި ދެނެގަނެވެނީ ބަނޑަށް 20 ހަފްތާ ވާފަހުން އަލަށް ލޭގެ ޕްރެޝަރު “90/140 mmHg” ނުވަތަ އެއަށްވުރެ މަތިވާން ފެށުމުގެ އިތުރުން އެހެން މައްސަލައެއް ހުރުމުންނެވެ. މި އިތުރު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުޑަކަމުދާ އެއްޗެހީގައި ޕްރޮޓީން ހުރުން، ލޭގައި ޕްލޭޓްލެޓްގެ އަދަދު މަދުވުން، ލިވަރގެ އެންޒައިމްތައް މައްޗަށް ދިއުން، ނުވަތަ ފުއްޕާމޭގައި ދިޔަ ޖަމާވުން ފަދަ ކަންކަމެވެ.
ލޭގެ ޕްރެޝަރު މަތިވެފައި ހުރިނަމަ، އާންމު ގޮތެއްގައި ޑޮކްޓަރު އަލުން ލޭގެ ޕްރެޝަރު ބަލާނެއެވެ. (އެއީ ރަނގަޅަށް އެކަން ޔަގީންކުރުމަށްޓަކައެވެ). އެހެނިހެން ޓެސްޓުތަކުގެ ތެރޭގައި، ލޭގެ ޓެސްޓުތައް، (ލިވަރ، ކިޑްނީ އަދި ޕްލޭޓްލެޓްތައް ޗެކްކުރުމަށް) ހެދުމާއި، 24 ގަޑިއިރުގެ ތެރޭގައި ކުޑަކަމުދާ އެއްޗެހީގައި ހުރި ޕްރޮޓީންގެ މިންވަރު ބެލުން، އަދި ދަރިފުޅުގެ ދުޅަހެޔޮކަން ބެލުމަށް ގަވާއިދުން އަލްޓްރާސައުންޑް ސްކޭން ހެދުން ހިމެނެއެވެ. ގަވާއިދުން ޕްރީނޭޓަލް ޗެކަޕްތަކަށް ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ މި ބައްޔަކީ ފުރަތަމަ ކޮޅުގައި ފާހަގަ ކުރެވޭފަދަ ބޮޑެތި އަލާމާތްތައް ފެންނަ ބައްޔެއް ނޫންކަމުން، މިބަލިހުރިކަން އެންމެ ފަސޭހައިން ދެނެގަނެވޭނީ ޑޮކްޓަރުންނަށް ކަމަށް ވާތީއެވެ.
ބަލީގެ ފަރުވާ
ޕްރީއެކްލެމްޕްސިއާގެ ހަމައެކަނި ފަރުވާއަކީ ކުއްޖާ ވިހެއުން ކަމަށްވާތީ، ޑޮކްޓަރުން މާބަނޑު ދުވަސްވަރު ދެމެހެއްޓުމުގެ ނުރައްކާތެރިކަމާއި ކުއްޖާގެ ހަށިގަނޑު ތަރައްޤީވުމަށް އިތުރު ވަގުތު ދިނުމުގެ ފައިދާތައް އަޅާކިޔައެވެ. ޕްރީއެކްލެމްޕްސިއާ މާބޮޑަށް ގޯސްވެފައި ނުވާނަމަ އަދި މާބަނޑު މުއްދަތު މާކުރިއަށް ގޮސްފައި ނުވާނަމަ، ގާތުން މޮނިޓަރ ކުރުމަށް ޑޮކްޓަރު ހިޔާލުދޭނެއެވެ. މީގެ ތެރޭގައި ޕްރީނޭޓަލް ޗެކަޕްތަށް ގިނަކުރުމާއި، ގޭގައި ލޭގެ ޕްރެޝަރު ބެލުމާއި، އަދި ހޮސްޕިޓަލުގައި ދުވަސްކޮޅެއް މަޑުކުރުން ހިމެނެއެވެ. ލޭގެ ޕްރެޝަރު ރައްކާތެރި މިންވަރެއްގައި ބެހެއްޓުމަށް ލޭގެ ޕްރެޝަރަށް ޑޮކްޓަރުން ބޭސް ދިނުންވެސް އެކަށީގެންވެއެވެ.
ޕްރީއެކްލެމްޕްސިއާ މާބޮޑަށް ގޯސްވެފައިވާނަމަ، އާންމުކޮށް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހެއެވެ. ފަރުވާގެ ތެރޭގައި ހިމެނިދާނެ ކަންތައްތަކަކީ، ލޭގެ ޕްރެޝަރު ބޭސް، މެގްނީޒިއަމް ސަލްފޭޓް އިންފިއުޝަން (ފިޓް އައުން ހުއްޓުވުމަށް)، އަދި ކުއްޖާ ދުވަސްނުފުރާ ވިހެއުމުގެ ކުރިން ކުއްޖާގެ ފުއްޕާމޭ އަވަހަށް ތަރައްގީވެ ތައްޔާރުވުމަށް އެހީތެރިވެދިނުމަށްޓަކައި މަންމައަށް ކޯޓިކޯސްޓެރޮއިޑްސް ދިނުން ހިމެނެއެވެ. ޑޮކްޓަރުން މަންމައާއި ކުއްޖާ ވަރަށް ގާތުން މޮނިޓަރ ކުރާނެއެވެ. ގިނަފަހަރަށް، ކުއްޖާ ފުދޭވަރަކަށް ތައްޔާރުވުމުން ނުވަތަ މަންމައަށް އިތުރަށް ނުރައްކާވެދާނެކަމަށް ބެލެވޭނަމަ ވިހެއުމަށް ނިންމައެވެ. މިއީ އަވަހަށް ބަނޑުގައި ރިއްސުވައިގެން ގުދުރަތީގޮތުން ވިއްސުން ނުވަތަ ސީސެކްޝަން މެދުވެރިކޮށެވެ.
ވިހެއުމަށްފަހު، ޕްރީއެކްލެމްޕްސިއާ މަދު ދުވަސްކޮޅަކުން ނުވަތަ ހަފްތާތަކެއްގެ ތެރޭގައި ރަނގަޅުވެއެވެ. ބައެއް ފަރާތްތަކަށް ލޭގެ ޕްރެޝަރާއި ލެބް ޓެސްޓުތައް އިތުރަށް ކުރިއަށް ގެންދެއެވެ. އަދި ބައެއް ފަރާތްތަކަށް އެމީހުންގެ ލޭގެ ޕްރެޝަރު އާންމު ހާލަތަށް އަންނަންދެން ވިހެއުމަށްފަހުވެސް ލޭގެ ޕްރެޝަރަށް ބޭސް ބޭނުންކުރަން ޖެހިދާނެއެވެ. ކުއްޖާ ވިހެއުމަށްފަހުގައިވެސް، ބޭސް ބޭނުންކުރުމާއި ޑޮކްޓަރަށް ދެއްކުމާ ބެހޭގޮތުން ޑޮކްޓަރުގެ އިރުޝާދުތަކަށް ތަބާވުމަކީ މުހިންމު ކަމެކެވެ.
ޕްރީއެކްލެމްޕްސިއާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން
ޕްރީއެކްލެމްޕްސިއާ ކުރިމަތިވުން ހުއްޓުވުމަށް ކުރެވޭނެ ކަމެއް ނެތްނަމަވެސް، އޭގެ ނުރައްކާ ކުޑަކުރުމަށާއި އަދި އަވަހަށް ދެނެގަތުމަށް އެހީތެރިވާނެ އެތައް ފިޔަވަޅުތަކެއް އެބަހުއްޓެވެ:
- މާބަނޑުވުމުގެ ދުޅަހެޔޮ އާދަތައް: ދުޅަހެޔޮ ހަށިގަނޑެއްގައި މާބަނޑުވުމާއި، އަދި ދާއިމީ ބައްޔެއް (ލޭގެ ޕްރެޝަރ މައްޗަށް ދިއުން، ހަކުރުބަލި، ކިޑްނީގެ ބަލި) ހުރިނަމަ، މާބަނޑުވުމުގެ ކުރިން އެކަންކަން ކޮންޓްރޯލްކުރުމަށް ޑޮކްޓަރާއެކު މަސައްކަތްކުރުން.
- ރަނގަޅު ކާނާއާއި ކަސްރަތު: ސިއްހަތަށް ފައިދާހުރި ކާނާ (ލޮނާއި ހަކުރު މަދު) ކެއުމާއި އަދި މާބަނޑު މީހުންނަށް އެކަށީގެންވާ ގޮތަށް ހަރަކާތްތެރިވުން.
- މާބަނޑު މީހުންނަށް ދެވޭ ފަރުވާ: ޝެޑިއުލްކުރެވިފައިވާ ހުރިހާ ޗެކަޕްތަކަށް ގަވައިދުން ދިއުން ވަރަށް މުހިއްމެވެ. މިއީ ލޭގެ ޕްރެޝަރާއި ލޭގެ ޓެސްޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމުން ރައްކާތެރިވުމަށް އެންމެ ރަނގަޅު ގޮތެވެ.
- ރަނގަޅަށް ނިދުމާއި ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް މަސައްކަތް ކުރުން: އެކަށީގެންވާ ވަރަށް ނިދުމާއި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
- މަދު މިންވަރެއްގެ އެސްޕިރިން ބޭނުންކުރުން: ޕްރީއެކްލެމްޕްސިއާގެ ނުރައްކާ ބޮޑު މީހުންނަށް (މިސާލަކަށް، ކުރިން ޕްރީއެކްލެމްޕްސިއާ ޖެހިފައިވާ މީހުން، ދާއިމީކޮށް ލޭގެ ޕްރެޝަރ މަތިވެފައިވާ މީހުން، ނުވަތަ ވަކި ބާވަތެއްގެ ބަލިތައް ހުންނަ މީހުން)، ޑޮކްޓަރުން ގިނަފަހަރު ލަފާދެނީ ދުވާލަކު “ކުޑަ ޑޯޒެއްގެ އެސްޕިރިން” (ގާތްގަނޑަކަށް 81 މިލިގްރާމް) ފުރަތަމަ ޓްރައިމެސްޓަރުގެ ފަހުކޮޅު ނުވަތަ ދެވަނަ ޓްރައިމެސްޓަރުގެ ކުރީކޮޅުން ފެށިގެން ބޭނުންކުރުމަށެވެ. ދިރާސާތަކުން ދައްކާގޮތުގައި މިކަމުން ޕްރީއެކްލެމްޕްސިއާގެ ނުރައްކާ ކުޑަކުރެވިދާނެއެވެ. (އެސްޕިރިން ބޭނުންކުރާނީ އަބަދުވެސް ޑޮކްޓަރީ ލަފާގެ މަތިންނެވެ)
އެސްޕިރިން ފިޔަވައި އެހެން އެއްވެސް ކާނާއެއް ނުވަތަ ސަޕްލިމެންޓެއް ޕްރީއެކްލެމްޕްސިއާ ހުއްޓުވޭކަން ސާބިތުވެފައެއް ނުވެއެވެ. މުހިންމު ކަމަކީ އެނގިފައިވާ ނުރައްކާތަކަށް ރަނގަޅަށް ސަމާލުވުމާއި ސިއްހީ ފަރުވާދޭ ފަރާތުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމެވެ.
ވިހެއުމަށްފަހު ޖެހޭ ޕްރީއެކްލެމްޕްސިއާ
ގިނަފަހަރަށް ޕްރީއެކްލެމްޕްސިއާ ރަނގަޅުވަނީ ވިހެއުމަށްފަހުގައެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މި ބަލި ފުރަތަމަ ފާހަގަކުރެވެނީ ކުއްޖާ ވިހެއުމަށްފަހުގައެވެ. މިއަށް ކިޔަނީ “ޕޯސްޓްޕާޓަމް ޕްރީއެކްލެމްޕްސިއާ” އެވެ. މިއީ މަދުން ދިމާވާނަމަވެސް ނުރައްކާތެރި ހާލަތެކެވެ. މި ހާލަތު އާންމުކޮށް މެދުވެރިވަނީ ވިހެއުމަށްފަހު ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައެވެ. ނަމަވެސް މިކަން 6 ހަފްތާއާ ހަމައިންވެސް ފެށިގެންހިނގައިދާނެއެވެ. މީގެ އަލާމާތްތަކާއި ނުރައްކާތައް ހުންނަނީ ވިހެއުމުގެ ކުރިން ހުންނަ ގޮތާ އެއްގޮތަށެވެ. ލޭމައްޗަށް ދިއުން، ބޮލުގައި ރިއްސުން، ލޮލަށް އުނދަގޫވުން، ބަނޑުގެ މަތީ ބައިގައި ރިއްސުން، ދުޅަވުން، އަދި މިނޫންވެސް ކަންކަމެވެ. ވިހެއުމަށްފަހުވެސް ޕްރީއެކްލެމްޕްސިއާ ޖެހިދާނެ ކަމުގެ ނުރައްކާ އޮންނާތީ، ވިހެއުމަށްފަހުވެސް ހަފްތާތަކަކަށް ޑޮކްޓަރުން ލޭގެ ޕްރެޝަރު ބަލަމުން ގެންދެއެވެ.