ޖަޒުބާތީ ހުނަރަކީ އަމިއްލަ އިހުސާސްތައް ދެނެގަނެ، ދޭހަކޮށް އަދި ބަލަހައްޓަން އެނގުމާއެކު، އެހެން މީހުންގެ އިހުސާސްތަކަށް އަހުލުވެރިވުމުގެ ގާބިލުކަމެވެ. ޕްރީސްކޫލް ކުދިންނަށް ( އާންމުކޮށް 3 އަހަރާއި 6 އަހަރާ ދެމެދުގެ) މިއީ ޖަޒުބާތީ ގޮތުން ތަރައްގީވުމުގެ ވަރަށް މުހިންމު މަރުހަލާއެކެވެ. ކުދިންގެ ކިބައިގައި ޖަޒުބާތީ ހުނަރު ބިނާކުރުމަކީ އެކުދިންގެ އުޅުން ރަނގަޅުކުރުމަށް އެހީވުމުގެ އިތުރުން، ދުޅަހެޔޮ ގުޅުންތަކާއި، ތަޢުލީމީ ކާމިޔާބީއާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ބިންގަލެއް އެޅުމެވެ.
ޅަފަތުގައި ޖަޒުބާތީ ހުނަރު މުހިންމުވާ ސަބަބު

ޖަޒުބާތީ ހުނަރު ވަރުގަދަ ކުދިން:
- ރުޅިއައުމާއި ހިތްހަމަނުޖެހުން ފަދަ ކަންކަމާއި މާރަނގަޅަށް ކުރިމަތިލައެވެ.
- ބޮޑެތި މީހުންނާއި އެކުދިންގެ އުމުރުފުރައިގެ ކުދިންނާއެކު އެކުވެރި ގުޅުންތައް ބިނާކުރެއެވެ.
- ސާފުކޮށް އަދި އިތުބާރާއެކު އަމިއްލަ ޚިޔާލު ފާޅުކުރެއެވެ.
- އޯގާތެރިކަމާއި ހަމްދަރުދީ ދައްކުވައިދެއެވެ.
- ބަދަލުތަކަށް ފަސޭހައިން ހޭނެއެވެ.
ޕްރީސްކޫލް އުމުރުގައި ކުއްޖާގެ ސިކުނޑި އަވަސް ދުވެއްޔެއްގައި ބޮޑުވަމުން އާދެއެވެ. މިއީ ޖަޒުބާތުތަކާ ގުޅޭ ބަސްތައް ތަޢާރަފުކޮށް، ޖަޒުބާތީ ގޮތުން ކުރިއެރުމަށް ބާރުއަޅާ އެކަންކަން އަމަލުން ދައްކުވައިދިނުމަށް އެންމެ އެކަށީގެންވާ ވަގުތެވެ.
ޕްރީސްކޫލް ކުދިންގެ ކިބައިން ފެންނަ ޖަޒުބާތީ ހުނަރުގެ ނިޝާންތައް
ދަރިފުޅުގެ ކިބައިގައި ޖަޒުބާތީ ހުނަރު ހުރިކަން ފެންނަ ނިޝާންތަކުގެ ތެރޭގައި:
- އުފާވެރި”، “ހިތާމަވެރި” ނުވަތަ “ރުޅިއައުން” ފަދަ އިހްސާސްތަކުގެ ނަން ކިޔުން.
- އެހެން މީހުން އިހްސާސްކުރާ ގޮތް އަހާލުން ނުވަތަ މީހަކު ކަންބޮޑުވެފައި ހުރިނަމަ އޭނާ ހިތްހަމަޖައްސާދޭން މަސައްކަތް ކުރުން.
- ފުން ނޭވާލުން ނުވަތަ އެހީތެރިކަމަށް އެދުން ފަދަ ހަމަޖެހުމުގެ ސްޓްރެޓެޖީތައް ބޭނުންކުރުން
- (އުނދަގޫ ކަމަކަށްވިޔަސް) އެކުއްޖާއަށް ފުރުޞަތު ލިބެންދެންމަޑުކުރުން ނުވަތަ ކުޅޭ ތަކެތި ހިއްސާކުރުން
މި ހުނަރުތަކަކީ ކުއްލިއަކަށް އުފެދެންފަށާ ހުނަރުތަކެއް ނޫނެވެ. އެ ހުނަރުތައް ދަސްވަނީ ބެލެނިވެރިންގެ އެހީތެރިކަމާއި، ކެތްތެރިކަމާއެކު އުނގަންނައިދިނުމާއި، ހަމަޖެހޭ މާހައުލެއްގެ ތެރެއިންނެވެ.
މައިންބަފައިންނަށް ކުދިންގެ ޖަޒުބާތީ ހުނަރު އިތުރުކުރުމަށް ކުރެވިދާނެ ކަންކަން
1. އިހްސާސްތަކުގެ ނަން ކިޔުން
ފަސޭހަ ބަސްތައް ބޭނުންކޮށްގެން އިހްސާސްތަކަށް ނަން ކިޔާށެވެ. މިސާލަކަށް:
“.ދަރިފުޅު ދެރަވެފަ ތިހިރީ ދަރިފުޅުގެ ކުޅޭއެތި ހަލާކުވީމަ”
“މާމަ ފެނުނީމަ ދަރިފުޅު ވަރަށް އުފާވެފަ ދޯ ތިހިރީ”
އިހްސާސްތަކަށް ނަން ކިޔުމުން ކުދިންނަށް އެނގޭނީ އެމީހުން އިހްސާސްކުރާ ގޮތަކީ އާންމު އަދި ރަނގަޅު ކަމެއްކަމެވެ.
2. ހަމަޖެހިލައިގެން ކަންކަމާ ކުރިމަތިލާނެގޮތް އަމަލުން ދެއްކުން
ކުދިން ދަސްކުރަނީ ބަލައިގެންނެވެ. ކަންބޮޑުވެފައި ހުރިނަމަ، ބުނާށެވެ:
“މިވަގުތު މަންމަ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި މިހުރީ. އެހެންވީމާ މަންމަ މިއުޅެނީ ފުން ނޭވައެއްލާން”.
ބެލެނިވެރިޔާ އިހްސާސްތައް ކޮންޓްރޯލްކުރާ ގޮތް ދައްކާލުމުން، ދަރިފުޅަށް ދަސްކޮށްދެވެނީ ހަމަޖެހިލައިގެ އިހްސާސްތައް މެނޭޖްކުރެވިދާނެކަމެވެ.
3. އެކުދިންގެ އިހްސާސްތައް ބަލައިގަތުން
ކުއްޖަކު ބަލައިނުގަނެވޭފަދަ އަމަލެއް ކުރިނަމަވެސް، އޭގެ ފަހަތުގައިވާ އިހްސާސް ގަބޫލުކުރެވިދާނެއެވެ:
“ރުޅިއައުމަކީ މައްސަލައެއް ނޫން، އެކަމަކު ޖަހުމަކީ ރަނގަޅު ކަމެއް ނޫން.”
އިހުސާސްތައް ގަބޫލުކުރުމުގެ ސަބަބުން ކުދިންނަށް އެނގެނީ ބައެއް އަމަލުތަކަކީ ކޮށްގެން ވާނެ ކަންތައްތަކެއް ނޫން ނަމަވެސް ހުރިހާ އިހްސާސްތަކަކީވެސް ކުރެވިދާނެ ކަމެއްކަމެވެ.
4. އިހުސާސްތަކާ ބެހޭ ފޮތްތައް ކިޔުން
ވާހަކަތަކުން ކުދިންނަށް އެހެން ނަޒަރަކުން އިހުސާސްތައް ދެނެގަނެވެއެވެ. އިހުސާސްތަކާ ގުޅޭގޮތުން ތައްޔާރުކުރެވިފައި ހުންނަ، ކުރެހުން ހިމެނޭ ފޮތްތައް ބޭނުންކުރުމަށް މަސައްކަތްކުރާށެވެ. މިފަދަ ފޮތްތައް ކިޔުމަށްފަހު، ވާހަކައިގައި ހިމެނޭ ކެރެކްޓަރުތަކަށް އިހުސާސްވި ގޮތާއި އެމީހުންނަށް އެކަމުން ސަލާމަތްވާން އެހީތެރިވި ކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކާށެވެ.
5. ކަންތައްތަކާ ކުރިމަތިލާނެ އާދައިގެ ގޮތްތައް އުނގަންނައިދިނުން
ޕްރީސްކޫލް ކުދިންނަށް އުނދަގޫ އިހުސާސްތައް ބަލަހައްޓާނެ ގޮތްތައް ދަސްކޮށްދެވިދާނެއެވެ:
- ފުންކޮށް ނޭވާލުން
- އިހުސާސްވާ ގޮތް ކުރެހުމުން ދައްކުވައިދިނުން
- މަޑު ކުޅޭ އެއްޗެއްގައި (ސޮފްޓް ޓޯއި) ބައްދާލުން
- ހަމަހިމޭންކޮށް އިރުކޮޅަކު ހުރުމަށް އެދުން
މި އުކުޅުތައް ދަރިފުޅު ހަމަޖެހިފައި ހުންނަ ވަގުތުތަކުގައި އަމަލީގޮތުން ދަސްކޮށްދޭށެވެ. އެއީ އެ ކުދިން ރުޅިގަދަވެ ނުވަތަ ހިތްހަމަނުޖެހި ނުވަތަ ދެރަފަ ހުންނަ ވަގުތުތަކުގައި މި އުކުޅުތައް ބޭނުންކުރުމަށް ދަސްކޮށްދިނުމަށެވެ.
6. އިސްލާމްދީނުގައިވާ ކަންކަމާ ކުރިމަތިލުމުގެ ރީތި އާދަތައް ކުދިންނަށް ދަސްކޮށްދިނުން
ރުޅި އިސް ނުކުރުމާއި އެހެން މީހުންގެ އިހުސާސްތައް ބަލައިގަތުމަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާކަން ކުދިންނަށް ބުނެދޭށެވެ.
7. ތަފާތު އިހުސާސްތައް ދައްކުވައިދޭ ކާޑު ނުވަތަ ޗާޓު ބޭނުންކުރުން
އިހުސާސްތައް ދައްކުވައިދޭ ޗާޓު ފަދަ ތަކެއްޗަކީ ވާހަކަ ނުދެއްކޭ ނުވަތަ ލަދުވެތި ކުދިންނަށް އެމީހުންގެ އެތެރޭގައި ހިނގާ ކަންތައްތައް ހާމަކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އާދައިގެ އިމޯޖީ މޫނުތައް ބޭނުންކޮށްގެން ގޭގައި މިފަދަ އެއްޗެއް ހެދިދާނެއެވެ.
ޖަޒުބާތީ ގޮތުން ހޭލުންތެރި ކުދިން ތަރުބިއްޔަތުކުރުމަށް ބޭނުންވަނީ ކެތްތެރިކަމާއި، ކުދިންނާއެކު ވަގުތު ހޭދަކުރުމާއި، ހަރުދަނާ އަދި ދެމެހެއްޓެނިވި އުކުޅުތަކެވެ. އިހުސާސްތަކުގެ ނަންތައް ދަސްކޮށްދީ، އަމަލުކުރާނެ ގޮތުގެ ނަމޫނާ ދައްކުވައިދީ، އަދި އިހުސާސްތައް ފާޅުކުރުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމުން، ކުދިންނަކީ އޯގާތެރި، ކެތްތެރި، އަދި ޖަޒުބާތީގޮތުން ދުޅަހެޔޮ ބަޔަކަށް ވުމަށް މަގުފަހިވެގެންދެއެވެ. މިފަދަ މާހައުލަކުން ކުދިންނަށް ލިބެނީ އިހުސާސްތައް ބަލައިގަތުމާއި، އެ އިހުސާސްތަކާ ގުޅިގެން އެކަށީގެންވާ ގޮތަށް އަމަލުކުރަން ދަސްވުމުގެ ފުރުސަތެވެ.
