މިޒަމާނަކީ ދިރިއުޅުމުގެ ގިނަކަންކަން އަވަސް އަވަހަށް ނިންމަންޖެހޭ އަދި އެއްފަހަރާ ގިނަ ކަންކަމަކަށް ސަމާލުކަން ދޭންޖެހޭފަދަ ގޮތަކަށް ކަންކަން ބައްޓަންވެފައިވާ ޒަމާނެކެވެ. ނަމަވެސް ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ކަންކަމަށް ދޭންޖެހޭ ސަމާލުކަން ގެއްލުމަކީ ޒަމާނަށް އައި ބަދަލާއިއެކު ކުރިމަތިލާންޖެހިފައިވާ ކަމެކެވެ. ކިޔެވުމުގެ ވަގުތުގައި ކުދިންގެ ސަމާލުކަން ދެމެހެއްޓުމަކީ މައިންބަފައިންނާއި މުދައްރިސުންނަށް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ގޮންޖެހުމަކަށްވަނީ ވެފައިވެއެވެ. ސަމާލުކަމަކީ ހަމައެކަނި ހުނަރެއް ނޫނެވެ. އެއީ އުނގެނުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި، އަދި ތަޢުލީމީ އަދި އިޖްތިމާޢީ ދާއިރާތަކުގައި ކާމިޔާބު ހޯދުމަށް ބޭނުންވާ އަސާސީ ޤާބިލިއްޔަތެކެވެ.
މި ލިޔުމުގައި އަލިއަޅުވާލާނީ ސަމާލުކަން ދެމެހެއްޓުމަށް އުނދަގޫވަނީ ކީއްވެގެންކަމާއި، ކުޑަކުދިންގެ ކިބައިގައި ސަމާލުކަން ތަރައްޤީވަމުން އަންނަ ގޮތާއި، އަދި ކިޔެވުމުގެ ވަގުތުގައި ކުދިންގެ ޝައުޤުވެރިކަން ދެމެހެއްޓުމަށް ބޭނުންކުރެވިދާނެ ޢަމަލީ ގޮތްތަކާ ބެހޭ ހެކިތަކުގެ މައްޗަށް ބިނާކޮށްފައިވާ މަޢުލޫމާތުތަކަށެވެ.

ކުދިންގެ ކިބައިގައި ސަމާލުކަން ތަރައްޤީވަމުން އަންނަ ގޮތް ދެނެގަތުން
ހާވަޑް ސެންޓަރ އޮން ދަ ޑިވެލޮޕިންގ ޗައިލްޑްއިން ބުނާގޮތުގައި، ސަމާލުކަމަކީ ކުދިންގެ ކިޔެވުމާއި، ކަންކަން ތަރުތީބުން ކުރުމާއި އަދި އުޅުން ބައްޓަން ކުރުމަށް ސިކުނޑި ބޭނުންކުރާ ވަރަށް މުހިއްމު ހުނަރެކެވެ. ސަމާލުކަމުގެ ތަފާތު ވައްތަރުގެ ތެރޭގައި:
1. ވަކި ކަމަކަށް ސަމާލުކަން ދިނުން (ސިލެކްޓިވް އެޓެންޝަން)
ވަކި ކަމަކަށް ސަމާލުކަން ދިނުން ނުވަތަ ސިލެކްޓިވް އެޓެންޝަންއަކީ ވަށައިގެންވާ އެހެން ހުރިހާ ކަމަކަށް އަޅައިނުލައި، ވަކި ކަމަކަށް އަމާޒު ހިފެހެއްޓުމުގެ ގާބިލިއްޔަތެވެ. މިސާލަކަށް މޭޒުދޮށުގައި ކުލަ ޖެއްސުމުގެ މަސައްކަތެއްގައި ކުއްޖަކު އުޅެނިކޮށް، ފަހަތުގައި ޓީވީ ހުޅުވިފައި ހުރެ ނުވަތަ ކައިރީގައި މީހުން ވާހަކަދައްކަމުންދަނިކޮށް، ފަހަތުން އެ އިވޭ އަޑުތަކަށް ސަމާލުކަން ނުދީ، ހަމައެކަނި ކުލަޖެއްސުމަށް ސަމާލުކަންދީގެން އިނުން އެއީ ސިލެކްޓިވް އެޓްންޝަންއެވެ.
މީގެ މުހިންމުކަން:
މި ހުނަރަކީ، ކުލާހުގައި މުދައްރިސް ކިޔަވާދެއްވަމުންދާ ވަގުތު ކުއްޖަކު ވާހަކަ ދެއްކުންފަދަ އަޑުގަދަ ނުވަތަ ސަމާލުކަން ގެއްލޭފަދަ ކަންކަމުން ދުރުވުމަށް ކުއްޖާއަށް އެހީތެރިވެދޭނެ ހުނަރެކެވެ.
2. ދެމެހެއްޓެނިވި ސަމާލުކަން (ސަސްޓެއިންޑް އެޓެންޝަން)
ދެމެހެއްޓެނިވި ސަމާލުކަމަކީ އެހެން ކަންކަމަށް ސަމާލުކަން ނުދީ ވަކި އިރެއްވަންދެން އެއް ކަމަކަށް ސަމާލުކަން ދެމެހެއްޓުމުގެ ގާބިލުކަމެވެ. މިސާލަކަށް ކުއްޖަކު 15 މިނެޓު ވަންދެން އެހެން އެއްޗަކާ ކުޅޭން ނުހުއްޓި ޕަޒްލްއެއް ނިންމުމުގައި ނުވަތަ ކުރު ފޮތެއް ކިޔުމުގައި ހޭދަކުރާނަމަ، އެއީ ދެމެހެއްޓެނިވި ސަމާލުކަމެވެ.
މީގެ މުހިންމުކަން:
މަސައްކަތްތައް ނިންމުމަށާއި، އައު ހުނަރުތައް ދަސްކުރުމަށާއި، ކެތްތެރިކަމާއި އެކު އެކަމުގައި ދެމިހުރުމަށް ބާރުއެޅުމަށް މިކަން ވަރަށް މުހިންމެވެ.
3. ބެހިފައިވާ ސަމާލުކަން (ޑިވައިޑަޑް އެޓެންޝަން)
ބެހިފައިވާ ސަމާލުކަމަކީ އެއްފަހަރާ އެއް ކަމަށްވުރެ ގިނަ ކަންކަމަށް ސަމާލުކަން ދިނުމުގެ ޤާބިލުކަމެވެ. މިސާލަކަށް ކުއްޖަކު އިރުޝާދުތަކަށް އަޑުއަހަމުން އޭނާގެ ފަންސުރުތައް ތަރުތީބުކުރަމުން ގެންދިއުން.
މީގެ މުހިންމުކަން:
މިކަމުން އެއްފަހަރާ ގިނަ ކަންކަން ކުރުމަށާއި އަދި އުނދަގޫ ޙަރަކާތްތައް ކުރުމަށް އެހީތެރިވެދެއެވެ. މިސާލަކަށް މުދައްރިސްގެ ވާހަކައަށް އަޑުއަހަމުން ނޯޓު ނެގުން، ނުވަތަ ބޫޓަށް އަރަމުން މިއަދު ގޭގައި ނިންމަން ދީފައިހުރި މަސައްކަތްތައް ހަނދާންކުރުން.
މި ހުނަރުތަކަކީ މަޑުމަޑުން ތަރައްގީވަމުންދާ ހުނަރުތަކެކެވެ:
- 3 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިން- މިކުދިންނަށް 5 މިނެޓާއި 15 މިނެޓާއި ދެމެދުގެ ވަގުތަކަށް ސަމާލުކަން ދެމެހެއްޓޭނެއެވެ. ހާއްސަކޮށް އަމިއްލައަށް ތަޖުރިބާ ކޮށްގެން ކުރިއަށް ގެންދެވޭ ދަސްކުރުމުގެ ހަރަކާތްތަކުކައި ސަމާލުކަން ދެމެހެއްޓުމަށް ފަސޭހަވެއެވެ.
- 6 އަހަރާއި 9 އަހަރާއި ދެމެދު- ސަމާލުކަން ދެމެހެއްޓޭވަރު 20 މިނެޓާއި 30 މިނެޓާއި ދެމެދުގެ ވަގުތަކަށް އިތުރުވެގެން ދެއެވެ.
- 10 އަހަރާއި 12 އަހަރާއި ދެމެދު- ރަނގަޅު އެހީތެރިކަމެއް ލިބިއްޖެނަމަ މި އުމުގެ ކުދިންނަށް 30 މިނެޓާއި 45 މިނެޓާއި ދެމެދުގެ ވަގުތަކަށް ސަމާލުކަން ދެމެހެއްޓެއެވެ.
މިހެން ނަމަވެސް ސަމާލުކަމަކީ މި މިންގަނޑަށް ހިފެހެއްޓިފައި ހުންނަ އެއްޗެއް ނޫނެވެ. ވަކި ތާވަލެއްގެ ދަށުން ރޭވިގެން ކަންތައްތައް ކުރުމާއި، ބައިވެރިވުން އިތުރު ކުރެވޭފަދަ ހަރަކާތްތަކާއި ހިތްވަރާއި ތަރުހީބު ލިބޭފަދަ މާހައުލެއް ގާއިމު ކުރެވިއްޖެނަމަ މި ކުދިންގެ ސަމާލުކަން ދެމެހެއްޓޭ ވަގުތު އިތުރުކުރެވިދާނެއެވެ.
ކިޔެވުމުގެ ވަގުތުގައި ސަމާލުކަން ދެމެހެއްޓުމަށް ދަތިވާ ސަބަބުތައް
1. ޝައުގުވެރިކަން ނެތުމާއި ދިރިއުޅުމާއި ގުޅުން ނެތުން
ކުދިންނަކީ ޠަބީއީ ގޮތުން އާ ކަންކަން ދަސްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ އަދި އުނގެނުމަށް ފޯރި ހުންނަ ބައެކެވެ. އެހެންނަމަވެސް އެ ކުދިންނަށް ސަމާލުކަން ދެމެހެއްޓޭ މިންވަރު ބިނާވެގެންވަނީ ކިޔެވުމުގެ ހަރަކާތަކީ މާނަހުރި އަދި ޝައުގުހުވެރި ހަރަކާތެއްކަމަށް އެކުދިންނަށް އިހުސާސްކުރެވޭ މިންވަރަށެވެ. ކިޔަވައިދޭ ކަމެއް އެކުދިންގެ ތަޖުރިބާއާ މުޅިން ގުޅުމެއް ނެތް ނުވަތަ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނިއްޖެނަމަ، އެކުދިންގެ ސަމާލުކަން ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް، ދަނޑުވެރިކަމާ ބެހޭ ގޮތުން ލިޔުމަށް ކުއްޖަކަށް އެންގުމުން، އެކުއްޖާ އެއްވެސް ދަނޑެއް ދެކިފައި ނުވާނަމަ ނުވަތަ އެކަމާ ބެހޭ ގޮތުން ކިޔާފައި ނުވާނަމަ، އެ މަސައްކަތް އެކުއްޖާއަށް ފެނިގެންދާނީ ފޫހި އަދި އެކުއްޖާއާ ގުޅުމެއް ނެތް ކަމެއްގެ ގޮތުގައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ އެތެރެއިން އުފެދިގެން އަންނަ ޝައުގުވެރިކަން (އިންޓްރިންސިކް މޯޓިވޭޝަން) ނުވަތަ ކުދިން އަމިއްލައަށް އެމަސައްކަތަކުން އުފާވެރިކަމެއް ނުވަތަ އެކަން ކުރުމަށް ބޭނުންވާ މަޤްޞަދެއް ހޯދުމަކީ އެކުދިންގެ ސަމާލުކަން ދެމެހެއްޓުމާއި އުނގެނުމަށް އެންމެ ބޮޑަށް މަގުފަހިކޮށްދޭ ކަންކަމެވެ. ކުދިންގެ ޝައުޤުވެރިކަން ދެމެހެއްޓުމަށްޓަކައި، އެކުދިންގެ ޙަޔާތާ ގުޅުންހުރި މިސާލުތައް ބޭނުންކުރުމަކީ ބޭނުންތެރި ކަމެކެވެ. އަދި މީގެ އިތުރުން، އެކުދިންނަށް އެދުވަހަކު ދަސްކުރާނެ ޓޮޕިކް ނުވަތަ ފިލާވަޅެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިނުމާއި، ކަރުދާހުގައި ލިޔެގެން ކުރާ މަސައްކަތްތަކުގެ ބަދަލުގައި ކުޅިވަރުގެ ތެރެއިން ނުވަތަ އަމަލީ ގޮތުން ކުރެވޭ މަސައްކަތްތައް ކުރުވުމަކީވެސް އެކުދިންގެ ޝައުގުވެރިކަން އިތުރުކޮށް، ސަމާލުކަން އިތުރުކުރުމަށް މަގުފަހިވާނެ ކަންކަމެވެ.
2. ހިއްސުތަކަށް ބާރުބޮޑުވުން (އޯވަރސްޓިމިއުލޭޝަން)
ކުޑަކުދިންނަކީ އެކުދިންގެ ވަށައިގެންވާ މާހައުލަށް ވަރަށް ހައްސާސް(ސެންސިޓިވް) ބައެކެވެ. އަދި އިހުސާސްތަކުގެ ގިނަ މަސެޖްތަކެއް އެއްފަހަރާ ސިކުނޑިއަށް ލިބުމުން އަވަހަށް ސަމާލުކަން ގެއްލިގެން ހިނގައިދާނެއެވެ. އަޑުގަދަ، މީހުންގިނަ ނުވަތަ އެކިދިމަދިމާލަށް ހިނގާބިނގާވެ އުޅޭ، މުޅިތަނަށް ތަރުތީބެއްނެތި އެއްޗެހި އުކާފައިވާ ނުވަތަ ގިނަ ކަންތައްތަކެއް އެއްފަހަރާ ހިނގަމުންދާ މާހައުލެއްގައި އެކުދިންގެ ސިކުނޑިއަށް ބާރުބޮޑުވެ، ސަމާލުކަން ދިނުމަށް ދަތިވެއެވެ. މިސާލަކަށް، ޓީވީ ހުޅުވިފައިވާ ކޮޓަރިއެއްގައި ނުވަތަ ކުޅޭ ތަކެތި އެތަންމިތަނަށް އުކާފައިވަނިކޮށް ނުވަތަ ކައިރީގައި އެހެން ކުއްޖަކު ކުޅެމުންދާއިރު ކިޔަވަން މަސައްކަތްކުރާ ކުއްޖެއްގެ ސަމާލުކަން އެ ހުރިހާ ކަމަކަށް ދިއުމަކީ ގާތްކަމެކެވެ. ސަމާލުކަން ގެއްލޭ މިފަދަ ކަންކަން ފިލްޓަރ ކުރުމަށް ސިކުނޑިން އިތުރު ހަކަތަ ބޭނުންކުރަން ޖެހުމުގެ ސަބަބުން ކިޔެވުމަށް ދެވޭ ސަމާލުކަން ކުޑަވެ ދަސްކުރުމުގެ ގާބިލުކަން ކުޑަވެއެވެ. އަޑުމަޑު، ހަމަހިމޭން މާހައުލެއް ގާއިމުކޮށްދެވުމުން ކުދިންނަށް މަސައްކަތުގައި ދެމިތިބުމަށް އެހީތެރިވެދެއެވެ.
3. ކޮގްނިޓިވް އޯވަލޯޑް (ސިކުނޑި އޯވަރލޯޑްވުން)
ކޮގްނިޓިވް އޯވަރލޯޑްވުން ދިމާވަނީ ކުއްޖާގެ މިހާރުގެ ޤާބިލުކަމަށްވުރެ މާބޮޑަށް އުނދަގޫ، ދިގު، ނުވަތަ ގިނަ މަސައްކަތް ކުރަންޖެހޭ ކަމެއް ކުރަން ޖެހުމުންނެވެ. ކުދިންނަށް އެއްފަހަރާ މާގިނަ މަޢުލޫމާތު ޕްރޮސެސްކުރަން ޖެހުމުން، އެކުދިންގެ ވަރކިންގ މެމޮރީ ނުވަތަ ސިކުނޑީގައި ވަގުތީގޮތުން ރައްކާކޮށް ބޭނުން ހިފަންޖެހޭމައުލޫމާތު ހިފެހެއްޓުމަށް ބާރުބޮޑުވެ، އެކުދިން އެކަމުން ދުރުވެ ނުވަތަ އެކަން ކުރުން އެއްކޮށް ދޫކޮށްލަން މެދުވެރިވެއެވެ. މިސާލަކަށް، 6 އަހަރުގެ ކުއްޖަކަށް، ގިނަ ސުވާލުތަކަކާއި ހުލާސާއެއް ހިމެނުމަށްފަހު، ދިގު ވާހަކައެއް ކިޔަން ހަވާލުކުރުމުން، ހާސްވުން އިތުރުވެ، ސަމާލުކަން ގެއްލުމަށް މެދުވެރިވުމަކީ ގާތްކަމެކެވެ. ކުދިންގެ ސަމާލުކަން ދެމެހެއްޓުމާއި، ހަނދާނުގައި ކަންކަން ހަރުލެއްވުމުގެ ހުނަރަކީ ތަރައްގީވަމުންދާ ކަންކަންކަމުން، ހަވާލުކުރެވޭ މަސައްކަތްތައް، ކުދި ކުދި އަދި ފަސޭހައިން މެނޭޖް ކުރެވޭފަދަ ގޮތަކަށް ރާވާލުމަކީ މުހިއްމުކަމެކެވެ. ސާފުވާނޭހެން، ވަކިވަކިން ދެވޭ އިރުޝާދުތަކާއި، ދޭތެރެއަކުން ހުސްވަގުތުކޮޅެއް ދިނުމާއި، ޗާޓުފަދަ ފެންނަން ހުންނަ ވަސީލަތްތައް ބޭނުންކުރުމަކީ ކުދިންގެ ޖެހިލުންވުން ކުޑަކޮށްދީ، ހަރަކާތްތައް ނިންމުން ފަސޭހަކޮށްދޭނެ ކަމެކެވެ.
4. ޖިސްމާނީ އަދި ނަފްސާނީ ބޭނުންތަކެއް ފުރިހަމަ ނުވެހުރުން
ކުދިންގެ ޖިސްމާނީ ނުވަތަ ނަފްސާނީ ބޭނުންތައް ފުރިހަމަނުވާނަމަ، އެކުދިންނަށް ރަނގަޅަށް ސަމާލުކަން ދިނުމަށް އުނދަގޫވެއެވެ. ބަނޑުހައިހޫނުކަން، ވަރުބަލިކަން، ނަފްސާނީ ގޮތުން ބޮޑު ޕްރެޝަރެއް އޮތުން، ނުވަތަ ބެލެނިވެރިޔަކާ އޮންނަ ގާތްކަން ކުޑަކަމަށް އިހުސާސް ކުރެވުން ފަދަ ކަންކަމަކީ ކުއްޖާގެ ސަމާލުކަން ދިނުމުގެ ޤާބިލުކަމަށް ހުރަސްއެޅޭނެ ކަންކަމެވެ. މިސާލަކަށް، ސްކޫލުން އައިސް ބަނޑުހައިހޫނުކަމުގައި ހުންނަ ކުއްޖަކު ކިޔެވުމުގެ ވަގުތުގައި އަތްފައިގެ ހަރަކާތްތައް ގިނަވުމާއި ކިޔެވުމުން ބޭރުގެ ހަރަކާތްތައް ގިނަވުމަކީ އެކުއްޖާ ބަސްނާހާ ކުއްޖެއްވެގެން ހިނގާ ކަންކަމެއް ނޫނެވެ. އެހެން އެކަން ވަނީ އެކުއްޖާގެ ހަށިގަނޑާއި ސިކުނޑި ކިޔެވުމަށް ތައްޔާރުވެފައި ނެތުމުގެ ސަބަބުންނެވެ. މެސްލޯގެ ބޭނުންތަކުގެ ފަންތި (ހައިރާކީ އޮފް ނީޑްސް) އާ އެއްގޮތްވާ ގޮތުގެ މަތިން، ކުއްޖަކަށް ފުރިހަމައަށް ކިޔެވުމުގެ ހަރަކާތުގައި ބައިވެރިވުމަށްޓަކާ، ކާނާ، އަރާމު، އަދި ނަފްސާނީ ރައްކާތެރިކަން ފަދަ އަސާސީ ބޭނުންތައް ފުރިހަމަވެފައި ހުރުން މުހިއްމެވެ. ސަމާލުކަން ދިނުމަށް އެހީތެރިވުމަށްޓަކައި، ކިޔެވުމުގެ ވަގުތުގެ ކުރިން ރަނގަޅު ކެއުމެއް ދިނުމާއި ކުޑަ ހުސްވަގުތުކޮޅެއް ދިނުން މުހިންމެވެ. ހިތްހެޔޮ އަދި އޯގާތެރި މާހައުލެއް އުފެއްދުމާއި، ހިނިތުންވުމަކުން ނުވަތަ ކުރު ވާހަކައަކުން ފެށުން ފަދަ ކަންކަމަކީވެސް ސަމާލުކަން ދިނުމަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
5. ކަންތައްކުރަންވީގޮތުގެ ރަނގަޅު އޮނިގަނޑެއް ކަނޑައެޅިފަ ނެތުން
ކުދިންނަށް ކަންތައްތައް ކުރަންވީ ގޮތްތައް ރަނގަޅަށް އެނގޭނޭހެން އުސޫލުތަކެއް ކަނޑައެޅިފައިވާ މާހައުލެއްގައި ކުދިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެއެވެ. ރަނގަޅު ގަވައިދުތަކަކާއި އުސޫލުތަކެއް ކަނޑައެޅިފައި ނެތްނަމަ ކުދިންގެ ޖެހިލުންވުން އިތުރުވެ، ޝައުގުވެރިކަން ގެއްލުމުގެ އިތުރުން ސަމާލުކަން ދިނުމަށް ދަތިވެއެވެ. މިސާލަކަށް، އެއްވެސް ގަވައިދެއް އުސޫލެއް ނެތި ބައެއް ކުދިން ކުޅިވަރުގައި، އަނެއްބައިކުދިން ފިލާވަޅު ހެދުމުގައިތިބި ކުލާހަކަށް ކުއްޖަކު ގޮސް ވަންނައިރު، އެ ކުއްޖަ ކަންތައް ކުރަންވީ ގޮތް ރަނގަޅަށް ނަގައިގަތުމަށް އުނދަގޫވާނެއެވެ. ގަވައިދުން އެއަށް އަމަލުކުރާ އުސޫލުތަކެއް އޮތުމަކީ ކުއްޖާއަށް ރައްކާތެރިކަން އިހުސާސްވެ، ސިކުނޑިއަށް ކަންކަމަށް ސަމާލުކަން ދިނުމަށް ފަސޭހަވާނެ ކަމެކެވެ.
ކުދިންގެ ސަމާލުކަން ދެމެހެއްޓޭ ކަމަށް ދިރާސާއިން ސާބިތުވާ އުކުޅުތައް
1. މަސައްކަތްތައް ކުރު އަދި ސާފު ބައިތަކަކަށް ބަހާލުން
ކުޑަކުދިންގެ ސިކުނޑީގައި އެއް ކަމަކަށް ނުވަތަ މަސައްކަތަކަށް ގިނަ ވަގުތު ސަމާލުކަން ދަމަހައްޓައިގެން ތިބުމުގެ ގާބިލުކަން ކުޑައެވެ. މިކަން ހައްލު ކުރުމަށް ބޭނުން ކުރެވިދާނެ އެއް އުކުޅަކީ، 15 މިނެޓާއި 20 މިނެޓާއި ދެމެދުގެ ވަގުތަކަށް ކުދި ބައިތަކަކަށް ބަހާލައިގެން، ދޭތެރެއަކުން ހުސްވަގުތުކޮޅެއް ދީގެން މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. ޕޮމަޑޯރޯ ޓެކްނީކް އަސްލަކަށް ބެލިފައިވާ މި އުކުޅު ބޭނުންކުރުމުން، ކުއްޖާ ފޫހިކަމާއި ވަރުބަލިކަމާ ދުރުކޮށްދެއެވެ. ޓައިމަރެއް ބޭނުންކުރުން، ނުވަތަ ފެންނަ ގޮތަށް ބެހެއްޓިފައި ހުންނަ ތާވަލުފަދަ ތަކެއްޗަކީ ސަމާލުކަން ދޭންޖެހޭ ވަގުތުތަކަކީ ކޮބައިކަމާއި، އަރާމު ކުރަންޖެހޭ ވަގުތުތަކަކީ ކޮބައިކަން ކުދިންނަށް ސާފުކޮށް އެނގޭނެ ކަމެކެވެ. މިސާލަކަށް،15 މިނެޓަށް މަސައްކަތަށް ސަމާލުކަން ދިނުމަށްފަހު 5 މިނެޓުގެ ކުޑަ ހުސްވަގުތުކޮޅެއް ނެގުމަށް ކުދިންނަށް ހިތްވަރުދެވިދާނެއެވެ. މިގޮތަށް ކުދި ބައިތަކަކަށް ބަހާލައިގެން މަސައްކަތް ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ސަމާލުކަން ދެމެހެއްޓުމަށް ފަސޭހަވެއެވެ.
2. ކުދިންގެ އަމަލީ ބައިވެރިވުން ގިނަ އަދި ތަފާތު ހިއްސުތައް ބޭނުންކޮށްގެން އުނގަންނައިދިނުން
ކުދިންނަށް އަމަލީ ގޮތުން ބައިވެރިވެވޭ، އަތްލުމާއި، އަޑުއެހުމާއި ފެނުންފަދަ ގިނަ ހިއްސުތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދެވޭ އުނގެނުމުގެ ހަރަކާތްތަކަކީ، ކުދިންގެ ސަމާލުކަން އިތުރުކޮށްދީ މައުލޫމާތުތައް ހަނދާނުގައި ހަރުލެއްވުމަށް އެހީތެރިވެދޭ ކަމެކެވެ. ޖާރނަލް އޮފް އެޑިއުކޭޝަނަލް ސައިކޮލޮޖީގެ ހޯދުމަކުން ދައްކާގޮތުގައި، އަމިއްލައަށް ތަޖުރިބާކޮށްގެން ކުރިއަށް ގެންދެވޭ ހަރަކާތްތަކުން، އަޑުއަހައިގެނާއި ކިޔައިގެން ދަސްކުރުމަށްވުރެ ކުދިންގެ ޝައުގުވެރިކަމާއި ބައިވެރިވުން އިތުރުވެއެވެ. މިސާލަކަށް، ވޯޓަރ ސައިކަލްއާ ބެހޭ ގޮތުން ހަމައެކަނި ކިޔައިގެން ދަސްކުރުމުގެ ބަދަލުގައި، ވޯޓަރ ސައިކަލް ދައްކުވައިދޭ މޮޑެލްއެއް ކުދިން އަމިއްލައަށް ތައްޔާރުކުރުމުން ސަމާލުކަންދީގެން ދަސްކުރެވި، ގިނަ ދުވަހަށް ހަނދާނުގައި ހަރުލާފައި ހުރެއެވެ.
3. ސާފުކޮށް އެނގޭނޭ ގޮތަށް، ހާސިލްކުރެވޭނެފަދަ ލަނޑުދަނޑިތަކެއް ކަނޑައެޅުން
ކުދިންގެ ކިބައިން އުއްމީދު ކުރާ ކަންކަން ސާފުކޮށް އެ ކުދިންނަށް އެނގޭނަމަ، ކުދިން އެކަމަކަށް ސަމާލުކަން ދޭވަރު އިތުރުވެއެވެ. މިސާލަކަށް، ފިލާވަޅު ހަދާށޭ ބުނުމުގެ ބަދަލުގައި، މި ފަސް ސުވާލު ނިންމާލަން ހިނގާށޭ ފަދަ ގޮތަކަށް ބުނުމުން މަސައްކަތް ކުރަންވީ ސީދާ މަގުސަދު ކުދިންނަށް އެނގެއެވެ. ޗެކްލިސްޓް، މަސައްކަތް ކުރިއަށްދާ ގޮތުގެ ޗާޓެއް ނުވަތަ މަސައްކަތްތައް އެކި ބައިބަޔަށް ބަހާލުމަށްފަހު ފުރަތަމަ ކުރަންވީ ކަންކަމާއި ފަހުން ކުރަންވީ ކަންކަން ތަރުތީބުން އެގޭނެ ގޮތަށް ބެހެއްޓުމަކީވެސް ކުދިންނަށް އެކުދިންގެ މަސައްކަތްތައް ރަނގަޅަށް ރާވާލެވި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ލިބޭނެ ކަމެކެވެ.
4. ސަމާލުކަން ގެއްލޭފަދަ ކަންކަން ދުރުކުރުން
ކިޔަވަން ތިބޭ މާހައުލަކީ ސަމާލުކަން ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. ތަރުތީބެއް ނެތް ނުވަތަ އަޑުގަދަ މާހައުލަކީ ކުދިންގެ ސަމާލުކަން ކިޔެވުމާ ދުރަށް ހިނގައިދާނެ ކަންކަމެވެ. ކުޅޭ އެއްޗިއްސާއި ސަމާލުކަން ގެއްލޭފަދަ އެހެނިހެން ސާމާނު އެއްފަރާތްކޮށް، ސާފު، ހަމަހިމޭން، ކިޔެވުމަށް އެކަށީގެންވާނެ ގޮތަކަށް ހުންނަ މާހައުލަކީ އުނގެނުމުގެ މަސައްކަތައްދޭ ސަމާލުކަން ދަމަހައްޓަން ފަސޭހަވާނެ ކަމެކެވެ. އަޑުގެ ސަބަބުން އުނދަގުވާ ކުދިންނަށް ނޮއިސް ކެންސަލޭޝަން ހެޑްފޯނެއް ބޭނުން ކުރުމަކީވެސް ސަމާލުކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
5. ހަރަކާތްތެރިކަމާއި ސިކުނޑީގެ ހުސްވަގުތުކޮޅުތައް ހިމަނާށެވެ
ޖިސްމާނީ ހަރަކާތްތެރިކަމަކީ ސިކުނޑީގެ މަސައްކަތްތެރިކަމާއި ސަމާލުކަމާ ވަރަށް ގާތްގުޅުމެއް އޮތް ކަމެކެވެ. އެމެރިކާގެ ސެންޓަރ ފޮރ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލަފާދެނީ ކުދިން ހޭލުންތެރިކަމާއި ސަމާލުކަމާއެކު ތިބުމަށް އެހީތެރިވުމަށްޓަކައި ދޭތެރެއަކުން ހަރަކާތްތެރިކަމުގެ ހުސްވަގުތުކޮޅުތަކެއް ނެގުމަށެވެ. ކިޔެވުމުގެ މެދުތެރޭން ނެގޭ ސިކުނޑީގެ ހުސްވަގުތުކޮޅުތަކަކީ ކުދިންނަށް ހަށިގަނޑު ހަރަކާތްތެރިކުރުމަށާއި ، ގައިގެ މަސްތައް ދަމާލުމަށާއި، ފުންމުން ފަދަ ކުދިކުދި ކަސްރަތުކުރުމުގެ ފުރުސަތުދޭ ކަމެކެވެ. މި ހުސްވަގުތުކޮޅުތަކުން ސިކުނޑީގެ ވަރުބަލިކަން ކުޑަކުރުމަށް އެހީތެރިވެ، ސިކުނޑިއަށް އަލުން ހަކަތަ ލިބި، އައު ހިތްވަރަކާއެކު ކިޔެވުމަށް އެނބުރި އައުމުގެ ފުރުސަތު ލިބެއެވެ. އަދި މިކަމުން ކުދިން އެނބުރި ކިޔެވުމަށް އަންނައިރު ފަސޭހައިން ސަމާލުކަން ދެމެހެއްޓުމަށް މަގުފަހިވެގެންދެއެވެ.
6. ވަގުތުން އަދި މާނަހުރި ފީޑްބެކް ދިނުން
ފީޑްބެކް ދިނުމުން ކިޔެވުމުގެ ވަގުތުގައި ކުދިންގެ ސަމާލުކަމާއި މަސައްކަތްތެރިކަން އިތުރުކުރުމަށް އެހީތެރިވެދެއެވެ. މޯޓިވޭޝަނާ ބެހޭގޮތުން ނަފްސާނީ ޢިލްމުވެރިޔާ ކެރޮލް ޑްވެކް ކުރެއްވި ދިރާސާގައިވާ ގޮތުން، ކުދިން ކުރާ ބުރަ މަސައްކަތަށް ތަޢުރީފުކުރުމުން، އެކުދިންގެ ކެތްތެރިކަން އިތުރުވެ، ކުރިއެރުމުގެ ވިސްނުމެއް އުފެދިގެންދެއެވެ. މިބާވަތުގެ ފީޑްބެކްއިން ކުދިން އުނދަގޫ މަސައްކަތްތަކާ ކުރިމަތިލުމަށް އިތުރަށް ޝައުގުވެރިވެ، ދިގު މުއްދަތަކަށް ސަމާލުކަން ދެމެހެއްޓުމަށް ބާރުއަޅައެވެ. ސަމާލުކަމާއެކު މަސައްކަތްކުރާ ވަގުތުތަކަށްފަހު ސްޓިކާ، ތަރި، ނުވަތަ ކުދި ހަދިޔާތައް ފަދަ އިނާމުތައް ދިނުމުން އިތުރު ހިތްވަރު ލިބިދެއެވެ. ވަގުތުން ފީޑްބެކް ދިނުމުގެ ސަބަބުން އެކުދިން ކުރާ މަސައްކަތް، އެ ކަމުން ނިކުންނަ ޕޮޒިޓިވް ނަތީޖާއާ ގުޅުވައިދީ، ސަމާލުކަންދިނުމާއި ބުރަކޮށް މަސައްކަތް ކުރުމުގެ އާދަ އެކުދިންގެ ކިބައިގައި ހަރުލެއްވެއެވެ.
7. ސަމާލުކަން ދިނުމަށް ދަތިވި ކަންކަމާ ގުޅޭގޮތުން ކުދިންނާ މަޝްވަރާކުރުން
ސަމާލުކަން ދިނުމުގައި ކަންކުރަންވީގޮތާއި، ސަމާލުކަން އެއްކިބާވާ ކަންކަމާ ކުރިމަތިލުމާއި ބެހޭގޮތުން ވާހަކަދެއްކުމުން ކުދިންނަށް އެމީހުންގެ އަމިއްލަ ސަމާލުކަމާމެދު ވިސްނުމަށް އުނގަންނައިދެއެވެ. އޭގެ ސަބަބުން ކުދިންނަށް ސަމާލުކަން ދިނުމުގައި އެހީތެރިވެދޭ ކަންކަމަކީ ކޮބާކަމާއި، ހުރި ގޮންޖެހުންތަކަކީ ކޮބާކަމާމެދު ވިސްނުމަށް ހިތްވަރު ލިބެއެވެ. “މިއަދު ސަމާލުކަން ދިނުމަށް އެހީތެރިވެދިނީ ކޮން ކަމެއް ހެއްޔެވެ؟” ނުވަތަ “އުނދަގޫވީ ކޮންކަމެއްތޯ، އަދި އެކަން ހައްލުކުރީ ކިހިނެއްތޯ؟” މިފަދަ އާދައިގެ ކުދިކުދި ސުވާލުތައް އަމިއްލަ ނަފްސަށް ހޭލުންތެރިކަން އިތުރުކޮށް، ކުރިއަށް އޮތް ތަނުގައި ސަމާލުކަން ދިނުން ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ.
ކުދިން ކިޔެވުމުގައި ސަމާލުކަން ދެމެހެއްޓުމަށް އެހީތެރިވުމަކީ ހަމަހިމޭންކަން ނުވަތަ ހަރުކަށި އަދަބުތައް ތަންފީޒުކުރުމެއް ނޫނެވެ. އެއީ ޝައުޤުވެރިކުރުވުމާއި، އޮނިގަނޑެއް އެކުލަވާލުމާއި، ހަރަކާތްތެރިވުމާއި، ގުޅުން ބަދަހިކުރުމާ ބެހޭ ކަމެކެވެ. ރަނގަޅު ސްޓްރެޓެޖީތަކާއެކު، ބެލެނިވެރިންނާއި އުނގަންނައިދޭ ފަރާތްތަކުން އަމާޒުހިފައިގެން، ދަސްކުރުމުގެ ކަންކަމާއި ގުޅޭ ރަނގަޅު ހަރަކާތެއްގެ ބިންގާ އެޅިދާނެއެވެ. ހަނދާންބަހައްޓާންވި ކަމަކީ ސަމާލުކަމަކީ ހުނަރެކެވެ. އަދި ހުރިހާ ހުނަރެއްފަދައިން، އެކަން ކުރިއަރައިދަނީ އެކަން ކުރުމުންނާއި، ކެތްތެރިވުމުންނާއި، އަދި ހިތްވަރުދަރުދިނުމުންނެވެ.
