އާއިލާއަށް އައު ކުއްޖަކު އުފަންވުމަކީ ވަރަށް އުފާވެރި ވަގުތެކެވެ. ނަމަވެސް ދޮށީ ދަރިފުޅަށް މިއީ އޮޅުންބޮޅުންވުމާއި އެކި ކަހަލަ އިހުސާސްތަކުގެ ވަގުތަކަށް ވެދާނެއެވެ. މައިންބަފައިން ގިނަފަހަރު އުފަލާއި އުންމީދުން ފުރިފައި ތިބޭއިރު، އެހެން ދަރިންނަށް އަލަށް އަންނަ ކުއްޖާ މާނަކުރެވެނީ އާއިލާގައި އެމީހުންގެ މަގާމަށް ދެންވާނެ ގޮތަކާއިމެދު ކަންބޮޑުވުމެއްގެ ގޮތުގައިކަމަށް ވުމަކީ އެކަށީގެންވާކަމެކެވެ.
މި ބަދަލުގެ ތެރެއިން ދޮށީ ދަރިފުޅަށް އޯގާތެރިކަމާއި، ކެތްތެރިކަމާއި އަދި ލޯބިން އެހީތެރިވުމަކީ ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެކެވެ. އޭގެ ސަބަބުން ދަރިފުޅު މިކަމާ ކުރިމަތިލާ ގޮތަށާއި، މުސްތަގުބަލުގައި އާއިލާގައި އެކުއްޖާގެ އައު ދައުރަށް ހޭނުވުމަށްވެސް ފަސޭހަވެގެން ދާނެއެވެ.

ދޮށީ ދަރިފުޅުގެ އިހުސާސްތައް ދެނެގަތުން
ގިނަ ކުދިންނަށް، ހާއްސަކޮށް 6 އަހަރުން ދަށުގެ ކުދިންނަށް، އާ ކޮއްކޮއެއް ލިބުމަކީ އިހުސާސީ ގޮތުން ވަރަށް ބޮޑު އަސަރެއްކުރާ ކަމަކަށް ވެދާނެއެވެ. މިހާތަނަށް ހުރިހާ ސަމާލުކަމެއް ލިބެމުން އައި ކުއްޖާ ކުއްލިއަކަށް ބާކީވާކަމަށް ނުވަތަ އަލަށް އުފަންވާ ކުއްޖާއަށް ހުރިހާ ސަމާލުކަމެއް ދޭ ކަމަށް އިހުސާސް ކުރެވެން ފަށާފާނެއެވެ. އެކުދިންނަށް އަދި މި އިހުސާސްތައް ކިޔައިދެވޭ ވަރުގެ އިހުސާސީ ހަރުދަނާކަމެއް ނުހުރެދާނެއެވެ. އެހެންކަމުން އެކުދިން މި އިހުސާސްތައް ދައްކަނީ އުޅުމުންނެވެ. ބޮޑާހޭކުމާއި މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ގައިގަ ހިފަހައްޓައިގެން ވަކިނުވާން އުޅުމާއި، ރުޅިއައިސް ހަޅޭއްލެވުމާއި، ކުރިން ދޫކޮށްލާފައިވާ އާދަތަކަށް އަނބުރާ ދިއުން (މިސާލަކަށް އަނެއްކާވެސް ބުއްފުޅި ބޭނުންކުރަން ބޭނުންވުން)، އަދި އަލަށްލިބޭ ކޮއްކޮއާއި ދޭތެރޭ ކުޑަކޮށް އަނިޔާވެރިވުން ފަދަ ކަންކަމުންނެވެ.
ކުޑަކުދިންގެ ހެދިބޮޑުވުމާއި ގުޅޭ ދިރާސާތަކުން ދައްކާގޮތުގައި މި އުމުރުފުރާގެ ކުދިންނަކީ އާދަވެފައިވާ ކަންތައްތަކާއި ގުޅުންތަކަށް އަންނަ ބަދަލުތަކަށް ވަރަށް ހައްސާސް ބައެކެވެ. އެކުދިން ކުރިއަރައި ދަނީ އެއްގޮތަކަށް ކަންތައްތައް ކުރުމާއި އިހުސާސީ ގުޅުންތަކުގެ މައްޗަށެވެ. އައު ކުއްޖަކު އަންނަ ހިނދު، މި ގުޅުން މެދުކެނޑޭ ކަމަށް ނުވަތަ ނުރައްކަލެއް ކުރިމަތިވާ ކަމަށް އިހުސާސްވެދާނެއެވެ.
ހަގުދަރިފުޅު އުފަންވުމުގެ ކުރިން ތައްޔާރުވުން
ދަރިފުޅު ބައިވެރިކުރުން
ދަރިފުޅު ބަނޑުގައި އޮންނަ ދުވަސްވަރުންފެށިގެން ވިހެއުމަށް ތައްޔާރުވުމުގެ ކަންކަމާއި އަދި ކަންކަން ހިނގަމުންދާގޮތް ދޮށީ ދަރިފުޅަށް ކިޔައިދެމުން ގެންދިޔުމަކީ ރަނގަޅުކަމެކެވެ. މިސާލަކަށް ކުޑަދަރިފުޅަށް ހެދުން ނުވަތަ ބޭނުންވާ އެހެނިހެން ސާމާނު ހޯދުމުގައި ދަރިފުޅު ބައިވެރިކުރެވިދާނެއެވެ. އަދި އަލްޓްރާސައުންޑް ފޮޓޯތައް ދައްކައި ކުޑަކުދިންނަށް ވިސްނޭ ފަދަ ބަހުރުވައަކުން ކަންތައްތައް ހިނގަމުންދާ ގޮތް ކިޔައިދޭށެވެ.
ބަދަލުތަކާ ބެހޭގޮތުން ތެދުވެރިކަމާއެކު ވާހަކަދެއްކުން
އައުމެމްބަރަކު އާއިލާއާއި ގުޅޭ ހިސާބުން އަންނާނެ ބަދަލުތަކާއިމެދު ދަރިފުޅަށް ތެދުވެރިކަމާއެކު ވާހަކަ ދެއްކުމަކީ މުހިންމު ކަމެކެވެ. އެގޮތުން އެއްވެސް ކަމެއް ބަދަލުނުވާނެއޭ ބުނުން ފަދަ ވައުދުތައް ނުވާށެވެ. އޭގެ ބަދަލުގައި،
ކަންތައްތައް ތަފާތުވާނެކަމާއި އެކަމަކު ދަރިފުޅުދެކެ މަންމަމެން ލޯބިވާ މިންވަރު ދުވަހަކުވެސް ބަދަލުނުވާނެކަން ބުނެދޭށެވެ.
އާއިލާއާއި އައުމެމްބަރެއް އުފަންވުމާއި ގުޅޭގޮތުން ލިޔެފައިހުންނަ ފޮތްތައް ކިޔުން
ތުއްތުކުދިންނަކީ ކޮން ކަހަލަ ބައެއްކަމާއި އާއިލާގެ ދިރިއުޅުން ބަދަލުވެދާނެ ގޮތްތައް ކުދިންނަށް ވިސްނައިދޭ، އެކުދިންގެ އުމުރާ ގުޅޭ ވާހަކަ ފޮތްތައް ކިޔާދޭށެވެ.
ކުޑަދަރިފުޅު އުފަންވުމަށްފަހު ދޮށީ ދަރިފުޅާ ދޭތެރޭ ކަންތައް ކުރަންވީ ގޮތް
ކުޑަކުއްޖާ އުފަންވުމަށްފަހު ފުރަތަމަ ދުވަސްތަކާއި ހަފްތާތަކަކީ އެންމެ ނާޒުކު ވަގުތެވެ. މައިންބަފައިން ގިނަފަހަރު ތިބޭނީ ވަރުބަލިވެ، ކަންބޮޑުވެފައެވެ. ނަމަވެސް ކުޑަކުޑަ ސަމާލުކަމެއް ދިނުމުން ވެސް ވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ.
އެކަހެރިކޮށް ވަގުތު ހޭދަކުރުން
ކޮންމެ ދުވަހަކު މަދުވެގެން 10-15 މިނިޓު، ދޮށީ ދަރިފުޅާއެކު އެކަހެރިކޮށް ވަގުތު ހޭދަކުރާށެވެ. އެކީ ފޮތެއް ކިޔުން، ކުރެހުން، ނުވަތަ ހިނގާލަން ދިއުން ފަދަ ކަމަކަށް ހެދިދާނެއެވެ. މި ވަގުތުތަކުން އެކުދިންނަށް ޔަގީންކަން ލިބޭނީ އެކުދިންނަކީވެސް މުހިންމު ބައެއްކަމެވެ.
އެކުދިންނަށް ހާއްސަ ދައުރެއް ދިނުން
ކުޑަދަރިފުޅުގެ ކަންކަން ކުރުމުގައި ދޮށީ ދަރިފުޅުގެ އުމުރާ ގުޅޭ ގޮތުން އެހީތެރިވުމުގެ ފުރުސަތު ދޭށެވެ. އެކުދިންނަށް ނެޕީއެއް ގެނެސްދިނުން، ކުޑަކުއްޖާއަށް ލަވައެއް ކިޔައިދިނުން، ނުވަތަ ޕުޝްޗެއަރ ދުއްވާލުމަށް އެހީތެރިވެދިނުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ. އެކުދިންގެ މަސައްކަތްތަކަށް ތައުރީފުކޮށް، އެކުދިންގެ އެހީތެރިކަމުގެ އަގުވަޒަންކުރާކަން ބުނެދޭށެވެ.
އެކުދިންގެ އިހުސާސްތަކަށް އިހުތިރާމް ކުރުން
ދަރިފުޅު ކޮއްކޮ ދެކެ ލޯބި ނުވާ ކަމަށް ނުވަތަ އެފަދަ އެއްޗެއް ބުނި ނަމަވެސް ރުޅި އައުމުގެ ބަދަލުގައި މަންމަ އާއި ބައްޕަގެ ސަމާލުކަން ދަރިފުޅުގެ އިތުރުން ކޮއްކޮއަށް ދޭތީ ދަރިފުޅަށް އުނދަގުވެދާނެކަން ވިސްނޭ ކަމަށް ބުނުމުން، އެކުދިންގެ ޖަޒުބާތުތައް ބަލައިގަންނަކަން އެކުދިންނަށް އިހުސާސްކުރެވި ގުޅުން ރަނގަޅުވެއެވެ.
އަހުލުވެރިވުމަށް ފަސޭހަ ގޮތްތަކެއް
އާ ކުއްޖަކާ އެކު އުޅެން ދަސްކުރުމަކީ އެއްފަހަރުން ކުއްލިއަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވިސްނުންތެރިކަމާއިއެކު ކަންތައްތައް ރާވާލައިގެން، ކޮންމެ ދުވަހަކު ކުރާ ކުދިކުދި ކަންތައްތަކުން މި ދުވަސްވަރު ދޮށީ ދަރިފުޅަށް އިހުސާސްކުރެވޭ ގޮތަށް ބޮޑު ބަދަލެއް ގެނެވިދާނެއެވެ.
އެއްފަހަރާ ބޮޑެތި ބަދަލުތައް ގެނައުމުން ދުރުހެލިވުން
ޕްރީސްކޫލް ފެށުމާއި، ފާހާނާ ބޭނުންކުރަން ދަސްކުރުމާއި، އައު އެނދަކަށް ނުވަތަ ކޮޓަރިއަކަށް ބަދަލުވުމާއި، ނުވަތަ ގާތުން ކިރު ދިނުން ހުއްޓާލުން ފަދަ ބޮޑެތި ބަދަލުތަކަކީ އާ ކުއްޖަކު ނުލިބުނު ނަމަވެސް ސްޓްރެސް ލިބިދާނެ ކަންކަމެވެ. އެއްފަހަރާ އެއް ބޮޑު ބަދަލަށްވުރެ ގިނަ ބަދަލު ނުގެނައުމަށް މަސައްކަތްކުރާށެވެ. ދަރިފުޅު އަލަށް އެއްޗެއް ދަސްކުރަމުންދާނަމަ، މިސާލަކަށް ފާހާނާ ބޭނުންކުރަން ނުވަތަ އެކަނި ނިދަން ދަސްކުރަމުންދާނަމަ، އެކަން މަޑުޖައްސާލައި، ކުއްޖާ ކޮއްކޮއާއި އަހުލުވެރިވުމަށްފަހު އެކަން ކުރިއަށް ގެންދިއުމަށް ވިސްނުމަކީ ރަނގަޅު ގޮތެކެވެ.
ކުޑަކުދިންނަށް އެންމެ ރައްކާތެރިކަން އިހުސާސްކުރެވެނީ ކަންތައްތައް ވާނެގޮތް އެނގޭ ހިނދުއެވެ. ދިރިއުޅުމުގެ އެހެން ކަންތައްތައް އާދަވެފައި ހުންނަ ގޮތަށް ބޭއްވުމުން، ގޭތެރޭގައި އުފެދޭ އައު ބަދަލުތަކާ ކުރިމަތިލުމަށް ފަސޭހަވެއެވެ. ކޮންމެހެން ބަދަލުކުރަންޖެހޭ ކަމެއް ވާނަމަ، ކުއްޖާ އެކަމަށް ތައްޔާރުކުރުވާށެވެ. ކަންތައްތައް ވާ ގޮތް ފަސޭހަ، ހިތްހަމަޖެހޭ ބަހުރުވައަކުން ކިޔައިދޭށެވެ.
ޒިޔާރަތްކުރާ މީހުންގާތު ފުރަތަމަ ދޮށީދަރިފުޅާއި މުއާމަލާތުކޮށްލުމަށް އެދުން
އާއިލާއާއި ރަހުމަތްތެރިން އަލަށް އުފަންވާ ތުއްތު ކުއްޖާ ދެކިލަން އަންނައިރު، ތަބީއީގޮތެއްގައި އެމީހުންގެ ސަމާލުކަން ފުރަތަމަ ދާނީ އަލަށް އުފަންވި ކުއްޖާއަށެވެ. މިއީ ރަނގަޅު ނިޔަތުގައި ކުރާ ކަމެއް ނަމަވެސް، މިކަމުގެ ސަބަބުން ނުސީދާކޮށް ޒިޔާރަތް ކުރާ ފަރާތްތަކަށް އޭނާ ނުފެންނަކަމުގެ އިހުސާސް ދޮށީ ދަރިފުޅަށް ކުރެވިދާނެއެވެ. މިއީ އަދިވެސް އެކުދިން މުހިންމުކަން ދައްކުވައިދިނުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.
ޒިޔާރަތްކުރާ މީހުންނަށް ދޮށީ ކުއްޖާއާ ވާހަކަދައްކަން ހިތްވަރުދޭށެވެ. އެކުއްޖާގެ ހާލު އަހާލުމަށާއި، އެކުއްޖާގެންގުޅޭ ކުޅޭ ތަކެއްޗާއި ކުރެހުންތައްފަދަ ކަންކަމަށް ތައުރީފުކުރުމަށް، ނުވަތަ އެކުއްޖާ ބޮޑުވަމުންދާ ގޮތާ މެދު އެއްޗެއް ބުނެލުމަށް އެދޭށެވެ. މި ސަމާލުކަމުން ދޭހަކޮށްދެނީ އެކުއްޖާއަށް އަދިވެސް އާއިލާގައި އަދި އެހެން މީހުންގެ ހިތުގައި އަގުހުރި މަގާމެއް އޮތްކަމެވެ.
ދޮށީ ދަރިފުޅަށް ހާއްސަ އެކްޓިވިޓީ ފޮއްޓެއް ތައްޔާރުކުރުން
ހަމައެކަނި އެ ކުއްޖަކަށް ނިސްބަތްވާ އެއްޗެއް އޮތުމަށް ކުޑަކުދިން ލޯބިކުރެއެވެ. މިފަދަ ފޮއްޓަކީ މަންމަ ކުޑަދަރިފުޅާއިއެކު އުޅޭއިރު ދޮށީ ދަރިފުޅަށް ކުރެވިދާނެ މަޑުމައިތިރި އަދި ޝައުގުވެރި ހަރަކާތްތަކުން ފުރިފައިވާ ހާއްސަ ކޮންޓެއިނަރެކެވެ. މީގެ ތެރޭގައި ކުލަޖެއްސުމުގެ ފޮތްތަކާއި، ޕަޒަލްތަކާއި، ސްޓިކަރތަކާއި، ލުއިކާނާތަކާއި، ނުވަތަ އެކުއްޖާގެ އުމުރާ ގުޅޭ އަދި ފަސޭހައިން ކުރެވޭ ހުނަރުވެރި މަސައްކަތްތައް ހިމެނިދާނެއެވެ.
އިތުރަށް ޝައުގުވެރިކުރުމަށާއި ފޯރިގަދަކޮށްލުމަށް ކޮންމެ ހަފްތާއަކު އެ ފޮށި ތެރޭގައިވާ ތަކެތި ބަދަލުކުރެވިދާނެއެވެ. މިއިން ދަރިފުޅު ފޫހިފިލުވާ މަޖާކޮށްލުމަށް ފުރުސަތު ލިބުމުގެ އިތުރުން، އެތައް ކަމެއް ދަރިފުޅުގެ ކޮންޓްރޯލުންދާކަމަށް ހީވެގެންދާ ދަނޑިވަޅުގައި ނަފްސު ކޮންޓްރޯލްކުރުމާއި އަދި މިނިވަންކަމުގެ އިހުސާސްވެސް ކުރެވިގެންދެއެވެ.
އެކުދިންގެ އަމިއްލަ ދުވެއްޔެއްގައި އައުރޯލަށް ހޭނުމަށް ދޫކޮށްލުން
ކޮންމެ ކުއްޖަކީ ކުޑަދަރިފުޅަށް އެހީތެރިވުމަށް ބޭނުންވާ ކުއްޖަކަށް ނުވެދާނެއެވެ. ނުވަތަ ފުރަތަމަކޮޅު ކޮއްކޮއާއި ކައިރިވާން ބޭނުންނުވެދާނެއެވެ. އެއީ މައްސަލައެއްނޫނެވެ. އެކުދިންނަށް އެކަމަށް ހޭނުމަށް ވަގުތު ދޭށެވެ. ބައެއް ކުދިން ޝައުގުވެރިކަން ފާޅުކުރަންފެށުމުގެ ކުރިން ހަފްތާތަކެއް ވަންދެންވެސް ދުރުން ބަލަން ތިބެފާނެއެވެ. އަނެއްބައި ކުދިން ވަގުތުން ކޮއްކޮގެ ކަންކަމުގައި ބައިވެރިވާން ބޭނުންވެދާނެއެވެ. ދަރިފުޅުގެ ޝަހްސިއްޔަތާއި އެހާލަތަށް ހޭނުމުގެ ދުވެލި ދެނެގަނެ އެކަން ބަލައިގަތުމަކީ އެކުދިންނަށް ރައްކާތެރިކަމާއި އޯގާތެރިކަން ލިބޭކަމުގެ އިހްސާސް ކުރެވޭނެ ކަމެކެވެ.
ދަރިފުޅު އެހެން ކުދިންނާ އަޅާކިޔުމާއި، އެކުދިން އެހާލަތަށް ނަފްސާނީގޮތުން ތައްޔާރުނުވަނީސް ކޮއްކޮއެއް ލިބުމުން އުފާވެރިކަން ދެއްކުމަށް މަޖުބޫރުވާފަދަ ގޮތަކަށް އަމަލުކުރުމުން ދުރުހެލިވާށެވެ. އޭގެ ބަދަލުގައި ފުރަތަމަ ފަހަރަށް އެކުދިން ކޮއްކޮގެ އަތުގައި ހިފާލުން ނުވަތަ ކައިރީގައި ނާނާއެއް ކިޔާލުން ފަދަ ގުޅުން ބަދަހިވުމުގެ ކުދިކުދި ކަންކަން ފާހަގަކޮށް ހިތްވަރު ދޭށެވެ. މިފަދަ ވަގުތުތަކަކީ މުހިންމު ވަގުތުތަކެކެވެ، އަދި ދުވަސްވަމުން ދާވަރަކަށް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެއެވެ.
ހުޅުވިފައިވާ މުއާމަލާތްތަކަށް ހިތްވަރުދިނުން
ދަރިފުޅުގެ ހުރިހާ އިހްސާސްތަކަކަށްވެސް މަރުހަބާ ކިޔާކަން ދަރިފުޅަށް އަންގައިދޭށެވެ. އެކުދިން ޝައުގުވެރިވާ ކަންކަމާއި، ހިތްނުތަނަވަސްވާ ކަންކަމާއި، ހިތާމަވެރި އިހުސާސްތަކާއި އުފާވެރި ކަންކަމާއި ގުޅިގެންވެސް އެކުދިންނަށް އަބަދުވެސް ބެލެނިވެރިންނާއި ވާހަކަދެއްކޭނެކަން ހަނދާންކޮށްދޭށެވެ.
އަމިއްލަ އިހްސާސްތަކާ ބެހޭގޮތުން ވާހަކަދައްކާއިރުވެސް މަޑުމައިތިރި ސާފު ބަހުރުވައެއް ބޭނުންކޮށް ދަރިފުޅަށް ނަމޫނާ ދައްކާށެވެ. އޭގެ ސަބަބުން ކުދިންގެ އިހްސާސްތައް ފާޅުކުރުމުގައި ޖެހިލުންވާން ނުޖެހޭކަމާއި އަދި އެކުދިންނަށް އިހުސާސްވާ ކަންކަން ބުނެދިނުމަކީ އެކުއްޖާދެކެ ބެލެނިވެރިންވާ ލޯތްބަށް ބަދަލެއް އަންނާނެ ކަމެއްނޫންކަން ދަސްވެއެވެ.
އާދައިގެ މަތިން ކުރަމުން އަންނަ ކަންތައްތައް ބަދަލުނުކުރުން
އާންމުކޮށް ކޮންމެދުވަހަކުހެން ކުރަމުން އަންނަ ކަންތައްތައް ވީހާވެސް ބޮޑަކަށް ބަދަލުނުކޮށް ކުރިއަށް ގެންދިއުމަކީ ދަރިފުޅަށް ހިތްހަމަޖެހުން ލިބިދޭ ކަމެކެވެ. މިސާލަކަށް ނިދަން އޮށޯންނަ ވަގުތު ވާހަކަ ކިޔައިދިނުން ކަމުގައިވިޔަސް، ހެނދުނު ބައްދާލާއި ލޯބިދީ ހެދުން ކަމުގައިވިޔަސް، ނުވަތަ ކައިރީ ހުންނަ ފިހާރައަށް ވިޔަފާރިކޮށްލަން އެކުގައި ދަރިފުޅު ގެންދިޔުން ކަމުގައިވިޔަސް، މިފަދަ ކުދިކުދި އާދަތަކުން އެކުދިންނަށް ހަމަޖެހުމުގެ އިހުސާސެއް ލިބިދެއެވެ.
ހަމައެގޮތަށް ނިދުމާއި ކެއުމުގައިވެސް ކުރިން ޢަމަލުކުރަމުން އައި އާދަތަކަށް ބަދަލު ނުގެނެސް ހިފަހައްޓަން މަސައްކަތްކުރާށެވެ. އަދި ޝެޑިއުލަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ދަރިފުޅު އެކަމުގައި ބައިވެރިކުރާށެވެ. މިސާލަކަށް ކުޑަދަރިފުޅު ނިދާވަގުތު ގިނަވުމުން ދޮށީދަރިފުޅަށް ވާހަކަ ކިޔައިދޭ ވަގުތު ބަދަލުކުރާނަމަ ދަރިފުޅަށް އެކަން ކިޔައިދީ ވާހަކަ ދައްކައިގެން އަލުން ވަގުތެއް ކަނޑައެޅިދާނެއެވެ.
ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ، އަދި ކޮންމެ ބަދަލަކީވެސް ތަފާތު ބަދަލެކެވެ. ނަމަވެސް ބެލެނިވެރިންނަށް ދަރިފުޅުގެ ފަރާތުން ފެންނަ ކަންކަމަށް އަޅާލުމާއި، ބޭނުންކުރާ ބަސްތަކާއި، ދޭސަމާލުކަމަކީ މުހިންމު ކަންތައްތަކެވެ. މިއައި ބަދަލަކީ ހަމައެކަނި ކުޑަކުއްޖަކު އުފަންވުމެއް ނޫނެވެ. އެއީ އާއިލީ އައުގުޅުމެއް އުފަންވުމެވެ. ލޯތްބާއި އަޅާލުމާއިއެކު ދޮށީދަރިފުޅު މިބަދަލުގެ ތެރެއަށް ހޭނިގެންދާނެއެވެ. އެންމެ މުހިންމުކަމެއް ދޭންވީ އެކުދިންގެ އިހުސާސްތަކަށް އިހުތިރާމްކުރާކަމާއި، އެދަރިފުޅުދެކެވެސް ލޯބިވާކަމާއި، ދަރިފުޅުގެ އަޑުއަހާކަން އެކުދިންނަށް އިހުސާސްކޮށް ދިނުމެވެ.
