ދސ
ކިޔުމަކީ ކުއްޖަކަށް ދަސްކުރެވިދާނެ އެންމެ މުހިންމު ހުނަރުތަކުގެ ތެރެއިން އެއް ހުނަރެވެ. އަދި ކިޔުމުގެ ހުނަރު ތަރައްގީވާން ފަށަނީ ގިނަ މީހުން ހީކުރާވަރަށްވުރެ މާ އަވަހަށެވެ. އެތައް އަހަރެއްގެ ދިރާސާތަކުން ދައްކާގޮތުގައި ޅަފަތުގައި ކިޔުމުގެ ހުނަރު އަށަގެންނެވިފައިވާ ކުދިން، ތައުލީމީ ގޮތުން ކާމިޔާބު ވުމުގެ ފުރުސަތު ބޮޑެވެ. ބަހުގެ ތަރައްގީއިން ފެށިގެން، ވިސްނުމުގެ ކުރިއެރުމާއި ނަފްސާނީ ދުޅަހެޔޮކަމާ ހަމައަށް، ޅަފަތުގައި ކިޔަން ދަސްކުރުމަކީ ކުއްޖާގެ ތައުލީމީ ދަތުރަށް އެޅޭ ބިންގަލެކެވެ.

ޅައުމުރުގައި ކިޔުމަކީ ކޮބާ؟
ޅައުމުރުގައި ކިޔުމުގެ ތެރޭގައި ހިމެނެނީ ކުއްޖާ ސްކޫލަށް ވަނުމުގެ ކުރިން ލިބޭ ހުރިހާ ކިޔުމާ ގުޅުންހުރި ތަޖުރިބާތަކެކެވެ. މީގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި:
- އަޑުހަރުކޮށް ކިޔާ ވާހަކަތައް އަޑުއެހުން
- އަކުރުތަކާއި އަޑުތައް ދެނެގަތުން
- ފޮތްތަކުގައި ނުވަތަ ވަށައިގެންވާ މާހައުލުގައި ހުންނަ އާންމު ބަސްތައް “ކިޔަން” ދަސްކުރުން (މިސާލަކަށް ބޯޑުތަކުގައި ހުންނަ “ހުއްޓޭ” ފަދަ ބަސްތައް)
- ލިޔުމުގެ ހޭލުންތެރިކަން އުފެއްދުން (ލިޔުމަކީ މާނައެއް އޮތް އެއްޗެއްކަމާއި، ކިޔަންވީ ކޮޅު ދެނެގަތުން)
އެމެރިކަން އެކެޑަމީ އޮފް ޕީޑިއެޓްރިކްސް (އޭ.އޭ.ޕީ) އިން ބުނާގޮތުގައި، ކުޑަކުދިންނަށް އެންމެ ތުއްތު އިރުންފެށިގެން ވާހަކަ ކިޔައިދިނުމުން ސިކުނޑީގެ ތަރައްގީއަށް އެހީތެރިވެދެއެވެ. އަދި މައިންބަފައިންނާއި ދަރިންގެ ގުޅުން ބަދަހިވެއެވެ.
ޅަފަތުގައި، ކިޔުމަށް އާދަކުރުމުން ސިކުނޑި ތަރައްގީވުމަށް ކުރާ އަސަރު
އުމުރުގެ ކުރީކޮޅު ކިޔުމަށް އާދަކުރުމުން ބަހާއި، ވިސްނުމާއި، ފިކުރުކުރުމާ ގުޅުންހުރި ސިކުނޑީގެ ނާރުތައް ތަރައްގީވުމަށް މަގުފަހިވެއެވެ. 2015 ވަނަ އަހަރު އޭ.އޭ.ޕީގެ ޖާނަލްއެއް ކަމުގައިވާ ޕީޑިއެޓްރިކްސްގައި ޝާއިއުކުރެވުނު،އެމް.އާރް.އައި ސްކޭންތައް ބޭނުންކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާއަކުން ފާހަގަކުރެވުނު ގޮތުގައި، ގިނައިން ފޮތް ކިޔައިދެވޭ ކުދިންގެ ސިކުނޑީގެ ތެރޭގައިވާ، ފެންނަ މަންޒަރުތައް ދެނެގަތުމާއި ވާހަކަ ދޭހަކުރުމާ ގުޅުންހުރި ސަރަހައްދުތަކުގައި ހަރަކާތްތެރިކަން އިތުރުވެފައިވެއެވެ.
މައިގަނޑު ފައިދާތަކުގެ ތެރޭގައި ހިމެނެނީ:
- ބަހުގެ ހުނަރު އިތުރުވުން
- އަޑުތައް ދެނެގަތުމުގެ ގާބިލުކަން އިތުރުވުން (ބަސްތަކުގައި ހުންނަ އަޑުތައް ދެނެގަތުން)
- އަޑުއެހުމާއި ވިސްނުމުގެ ހުނަރު ވަރުގަދަވުން
- މި ހުނަރުތަކަކީ ބަސް ދަސްކުރުމުގެ އިތުރުން، ހިސާބު، ސައިންސް އަދި އެހެނިހެން މާއްދާތައް ދަސްކުރުމަށްވެސް ވަރަށް މުހިންމު ހުނަރުތަކެކެވެ.
އުމުރުގެ ކުރީކޮޅު ކިޔަން ދަސްކުރުމާއި ސްކޫލަށް ތައްޔާރުވުން
ގިނަ ދިރާސާތަކުން ދައްކާގޮތުގައި އުމުރުގެ ކުރީކޮޅު ކިޔުމުގެ ހުނަރުތައް ދަސްކުރުމާއި، ކުދިން ސްކޫލުގެ މާހައުލަށް ރަނގަޅަށް ތައްޔާރުވުމުގެ ފެންވަރާއި، މުސްތަގުބަލުގައި ތައުލީމީ ގޮތުން ރަނގަޅު ކުރިއެރުންތަކެއް ހާސިލުކުރުމާއި ދެމެދު ގުޅުމެއް ވެއެވެ.
ދިރާސާތަކުން ފެންނަ ކަންތައްތައް:
އެމެރިކާގެ ނެޝަނަލް އަރލީ ލިޓަރަސީ ޕެނަލް (އެން.އީ.އެލް.ޕީ) އިން ދައްކާގޮތުގައި އަކުރު ދެނެގަތުމާއި އަޑުތައް ވަކިކުރުން ފަދަ ލިޔަންކިޔަން ދަސްކުރަން ފަށައިގަތުމުގެ ހުނަރުތަކަކީ ފަހުން ކިޔުމާއި ލިޔުމުގެ ގާބިލުކަން ލިބޭނެކަން ދައްކުވައިދޭ ވަރުގަދަ ހެކިތަކެކެވެ.
އޯ.އީ.ސީ.ޑީގެ ޕްރޮގްރާމް ފޮރ އިންޓަރނޭޝަނަލް ސްޓޫޑަންޓް އެސެސްމަންޓް (ޕީސާ) އިން ދައްކާގޮތުގައި ސްކޫލަށް ދިއުމުގެ ކުރިން ފޮތްތަކާއި ކިޔުމަށް ހުށަހެޅިފައިވާ ދަރިވަރުން، އުމުރުން 15 އަހަރު ފުރޭއިރު، ދޭހަ ވުމުގައާއި މުޅި ތަޢުލީމީ ކުރިއެރުމުގައި ފާހަގަ ކުރެވޭވަރުގެ ރަނގަޅު މާކުސް ހޯދައެވެ.
ނެޝަނަލް އިންސްޓިޓިއުޓް ފޮރ ލިޓަރަސީއިން ކުރި ދިގު މުއްދަތުގެ ދިރާސާއަކުން ދައްކާގޮތުގައި ހަފްތާއަކު ތިން ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ފޮތް ކިޔައިދެވޭ ކުދިންނަށް، ޕްރީސްކޫލް (ކިންޑަރގާޓަނަށް) ދިއުމުގެ ކުރިން ހުރިހާ އަކުރެއް ދެނެގަތުމާއި، 20 އާ ހަމައަށް ގުނުމާއި، އަމިއްލަ ނަން ލިޔަން އެނގުމުގެ ފުރުސަތު ދެގުނައަށްވުރެ ބޮޑުވެއެވެ.
ބަހާއި ލިޔަންކިޔަން ދަސްކުރުމުގެ ކުރިއެރުން
ވާހަކަދެއްކުމުން އެކަނި ލިބޭ މިންވަރަށްވުރެ ކިޔުމުން ކުއްޖާގެ ބަހުގެ ހުނަރު އިތުރަށް ތަރައްގީވެއެވެ. ކުރެހުން ހިމެނޭ ފޮތްތަކުގައި އާންމުކޮށް ވާހަކަ ދައްކާއިރު ބޭނުންކުރުން މަދު އަދި އުނދަގޫ ބަސްތައް ގިނައިން ހިމެނެއެވެ.
ހާޓް އަދި ރިސްލީ (1995) ގެ ދިރާސާއިން ޅައުމުރުގައި ބަހުގެ ތަޖުރިބާ ލިބުމާ ގުޅޭގޮތުން ފާހަގަކުރެވުނީ، އުމުރުން 3 އަހަރު ވާއިރު، ބަހުގެ ގޮތުން މުއްސަނދި (ފޮތްކިޔުމާއި، ލިޔުމާއި ވާހަކަ ކިޔައިދިނުން ފަދަ ހަރަކާތްތައް ގިނަ) ގޭބިސީތަކުގެ ކުދިން، އެނޫން ގޭބީސީތަކުގެ ކުދިންނާ އަޅާބަލާއިރު 30 މިލިއަން ބަސް އިތުރަށް އަޑުއަހާފައިވާކަމެވެ. މިއިން ފާހަގަކޮށްދެނީ ޅައުމުރުގައި ކިޔުމާއި ކިޔައިދިނުމުގެ މުހިންމުކަމެވެ.
ދިގު މުއްދަތުގެ ތަޢުލީމީ އަސަރު
އުމުރުގެ ކުރީކޮޅު ކިޔެވުމުގެ ފައިދާ ފެންނަނީ ހަމައެކަނި ދައް ގްރޭޑް ތަކަކުނޫނެވެ. އޭގައި ދިގު މުއްދަތުގެ ތައުލީމީ ފައިދާތައްވެސް ހުރެއެވެ:
2011 ވަނަ އަހަރު ޗައިލްޑް ޑިވެލޮޕްމަންޓްގައި ޝާއިއުކުރެވުނު ދިރާސާއަކުން ދައްކައިދިނީ، ގްރޭޑް 1 ސްޓޭޖްގައި ކިޔުމުގެ ހުނަރު ވަރުގަދަ ކުދިން ހައި ސްކޫލުން ގްރެޖުއޭޓްވެ، ކޮލެޖަށް ދިއުމުގެ ފުރުސަތު ބޮޑުކަމެވެ.
އެނީ އީ. ކޭސީ ފައުންޑޭޝަނުން ބުނާ ގޮތުގައި، ގްރޭޑް 3 އަށް ދާއިރު ފަރިތަކޮށް ކިޔުމުގެ ހުނަރު އަށަނުގެންނެވޭނަމަ، ފާސްނުވުމުގެ ފުރުސަތު 4 ގުނަ ބޮޑެވެ.
މިއިން ދައްކައިދެނީ ޅައުމުރުގައި ލިޔެކިޔަން އެނގުމާއި މުސްތަގުބަލުގެ ތައުލީމީ ކާމިޔާބީއާ ހުރި ސީދާ ގުޅުމެވެ.
މައިންބަފައިންނަށް ގޭގައި ކުރެވޭނެ ކަންތައްތައް
މައިންބަފައިންނަކީ ދަރިފުޅުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު މުދައްރިސުންނެވެ. ތިރީގައި މިވަނީ ޅައުމުރުގައި ކިޔެވުމަށް އެހީތެރިވެދެވޭނެ ގޮތްތަކެވެ.
- ކޮންމެ ދުވަހަކު އަޑުހަރުކޮށް ކިޔައިދިނުން: އުފަންވާ ދުވަހުން ފެށިގެން، ދުވާލަކު މަދު ވަގުތުކޮޅެއް ނަމަވެސް ކިޔައިދޭށެވެ.
- ލިޔުންތަކުން މުއްސަނދި މާހައުލެއް އުފެއްދުން: ދަރިފުޅުގެ ވަށައިގެންވާ ސަރަހައްދުގައި ދަރިފުޅަށް ފަސޭހައިން ފެންނާނެހެން ފޮތް، ލޭބަލް، ނިޝާންތައް އަދި އަކުރުތައް ފަދަ ތަކެތި ބަހައްޓާށެވެ.
- ކިޔާ ތަކެއްޗާ މެދު ވާހަކަދެއްކުން: ސުވާލުކޮށް، ވާހަކައިގައި ވީގޮތް ދަރިފުޅު ލައްވާ އަލުން ކިޔުއްވާށެވެ.
- ކިޔާނެ ފޮތެއް ދަރިފުޅު ލައްވާ ހިޔާރުކުރުން: މިއިން ކިޔުމުގެ ޝައުގުވެރިކަމާއި ފޯރި އިތުރުވާނެއެވެ.
- ކިޔުމުގެ ނަމޫނާ ދެއްކުން: ބެލެނިވެރިންވެސް ފޮތް، ނޫސް ނުވަތަ މަޖައްލާ ކިޔާ މަންޒަރު ދަރިފުޅަށް ދައްކާށެވެ.
އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސްއިން ލަފާދެނީ އުފަންވާ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މަދުވެގެން 15-20 މިނެޓު އެކުގައި ކިޔުމަށެވެ.
ސަގާފަތާއި މުޖުތަމައުގެ އަސަރު
ހުރިހާ މުޖުތަމައުތަކެއްގައި ފޮތްތަކަށް އަދި ކިޔުމަށް އެހީތެރިވެދޭ ވަސީލަތްތަކަށް ހަމަހަމަ ގޮތެއްގައި ވާސިލުވުމުގެ ފުރުސަތު ނުލިބެއެވެ. ޔުނެސްކޯއިން ބުނާ ގޮތުގައި، ހާއްސަކޮށް ރަށްފުށުގެ ނުވަތަ އެކަށީގެންވާ ހިދުމަތްތައް ނުލިބޭ ސަރަހައްދުތަކުގައި، ޅައުމުރުގެ ލިޔަންކިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަކީ ހަމަހަމަކަން އިތުރުކުރުމަށާއި ޤައުމީ ފެންވަރުގައި ތައުލީމީ ނަތީޖާ ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ލައިބްރަރީތަކާއި، މައިންބަފައިންނަށް ހިންގޭ ވާރކްޝޮޕްތަކާއި، ފޮތް ހަދިޔާކުރުން ފަދަ މުޖުތަމައުގެ ފައިދާއަށް ހިންގޭ ހަރަކާތްތަކަކީ ވަރަށް ބޮޑު ބަދަލެއް ގެނެވިދާނެއެވެ.
ޅައުމުރުގައި ކިޔުމަކީ ކުއްޖާގެ މުސްތަގްބަލު ބައްޓަންކުރުމަށް އޮތް އެންމެ ބާރުގަދަ ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތެވެ. އެއިން ސިކުނޑި ވަރުގަދަވެ، ކަންކަން ދެނެގަތުމުގެ ޝައުގުވެރިކަން އުފެދި، ތައުލީމީ ގޮތުންނާއި ދިރިއުޅުމުގެ ކާމިޔާބީއަށް ބޭނުންވާ ބިންގާ އެޅިގެންދެއެވެ. ކުޑައިރުއްސުރެ ފޮތްތަކަށް ލޯބިޖެއްސުމަށް މަސައްކަތްކުރުމުން، މައިންބަފައިންނަށާއި، ބަލެނިވެރިންނަށާއި، އަދި މުޖުތަމައުތަކަށް ކްލާސްރޫމުން ބޭރުގައިވެސް ކުދިންނަށް ކުރިއެރުން ހޯދައިދިނުމަށް އެހީތެރިވެވޭނެއެވެ.
