ދެބެންގެ ދެދަރި ކުދިންނާއި ބޮޑުދައިތަމެނާއި ބޮޑުބޭބެމެން އަދި މާމަ އާއި ކާފަމެނާއެކީ އެއް ގެއެއްގައި ދިރިއުޅޭ ނުވަތަ އަބަދުހެން އެ ގޭގެއަށް ގޮސް، އެކުއެކީއުޅެ ކުދިން ބޮޑުވަމުން އަންނަ މި މުޖުތަމައުގައި އެކަކު އަނެކަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމުގެ އިތުރުން އެކަކު އަނެކަކުގެ ފަރާތުން ދަސްވެގެންދާ ދިރިއުޅުމުގެ އާދަކާދަތައްވެސް ވަނީ ގުޅި ލާމެހިފައެވެ. ހަމަ އެއާއިއެކު ކުރިން ލަފާކޮށްލަންދަތި ބައެއް ގޮންޖެހުންތަކާވެސް ކުރިމަތިލާން ޖެހެއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ ކުދިންގެ މެދުގައި އަޅާކިޔުމުގެ އާދައެވެ.
ކުޑަކުއްޖަކާ ދިމާލަށް އެކުއްޖާ ކޮންމެވެސް އެހެން ކުއްޖަކާ އެއްގޮތަށް ކަންތައް ނުކުރަނީ ކީއްވެތޯ ނުވަތަ އަނެއްކުއްޖާ ބުނާއަޑު އަހާ ކަމަށާއި ނަމަވެސް ވާހަކަ ރައްދުވާ ކުއްޖާ ބުނާއަޑު ނާހާކަމަށް ބުނެ އަޅާ ކިޔުމަކީ އެހެން ބުނާ ފަރާތަށް މާބޮޑު ކަމަކަށް ނުވަތަ ސަމާސާ ގޮތަކަށް ބުނާ ބުނުމަކަށް ވީނަމަވެސް އެބަސް ރައްދުވާ ކުޑަ ކުއްޖާއަށް އެއީ ހިތުގައި އެޅޭ ވަރަށް ބޮޑު ޒަހަމަކަށްވެސް ވެދާނެއެވެ. މިގޮތަށް ތަކުރާރުކޮށް އަޅާކިޔާ ހަދާނަމަ އެކުއްޖާ އަމިއްލަ ނަފްސާމެދު ދެކޭގޮތް އަދި ކުރާއިތުބާރު ގޯސް ގޮތަކަށް ބަދަލުވުމަކީ ވެދާނެކަމެކެވެ.

“ޗައިލްޑް ޑިވެލޮޕްމަންޓް” އިން 2023 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާގޮތުގައި އާންމުގޮތެއްގައި / ތަކުރާރުކޮށް އާއިލާގެ އެހެން ކުއްޖަކާއި އަޅާކިޔާނަމަ އެކުއްޖެއްގެ އަމިއްލަ ނަފްސާ މެދު ދެކޭގޮތް ނުވަތަ އަގު އެކުއްޖާގެ ކުރިމަތީގައި ދައްވެގެން ދެއެވެ. އަދި ކަންކަމާ ހާސްވެ ބިރުގަތުމާއި، ތިމާއަކީ ރަނގަޅު މީހެއް ނޫންކަމަށް އިހުސާސް ކުރެވެން ފަށައެވެ. މީގެ ސަބަބުން އެކުދިން ގޭގައި އުޅޭ އުޅުމުގައާއި އަދި ސްކޫލުގައި އުޅޭ އުޅުމުގެ އިތުރުން އެކުއްޖަކާއި އަޅާކިޔޭ އާއިލާގެ މެމްބަރާއި ކުރިމަތިވާހިނދު އަމަލުތައް ބަހައްޓާގޮތުން އެކަން ދައްކުވައިދެއެވެ.
ދެބެންގެ ދެދަރި ގުޅުމުގައި މިފަދަ އަޅާކިޔުމުގެ ސަބަބުން އެކުދިންގެ މެދުގައި ހަމަހިމޭން ވާދަވެރިކަމެއް އުފެދިގެން ދެއެވެ. އެހެން މީހުންގެ ރުހުން ހޯދުމަށްޓަކައި ވަކިގޮތަކަށް ކަންކަން ކުރުމަށް ނުވަތަ ފެންނަ ފެނުމަށް ވަގިގޮތަކަށް ހުރުމަށް މަޖުބޫރުވާކަމަށް އިހުސާސް ކުރެވިދާނެއެވެ. އަދި ދިރިއުޅުމުގައި އަނެއް ކުއްޖާއާއި ހަމައަށް ނުފޯރޭނެކަމަށް ގަބޫލުކޮށް ފަހަތައް ޖެހުމަކީވެސް އެކަށީގެންވާކަމެކެވެ. ވަރުގަދަ ގާތް ގުޅުމަކަށް ފުރުސަތު އޮތް ދެބެންގެ ދެދަރި ކަމުގެ ތިމާގެ ގުޅުމަށް، ވަގުތު ފާއިތުވަމުންދާވަރަކަށް މި އިހްސާސްތަކުގެ ސަބަބުން ގެއްލުން ލިބިގެންދާނެއެވެ. ހިނިތުންވުމާއި ހަނދާންތަކުން ފުރިގެންވާ ގުޅުމަކަށް ވާންޖެހޭ މިގުޅުން ބަދަލުވެގެންދަނީ ހަމަހިމޭން ވާދަވެރިކަމަކާއި ހިތްދަތިކަމަކަށެވެ.
ބޮޑެތި އާއިލާތައް އެކަކު އަނެކަކުގެ ދިރިއުޅުމުގައި ފުންކޮށް ބައިވެރިވާ ގޮތަށް ބައްޓަންވެފައި އޮންނަ ހިނދު، މިފަދަ އަޅާކިޔުންތައް ވަރަށް އާންމެވެ. މައިންބަފައިންނަށް ނޭނގި ވެސް އެމީހުން އެކަން ކުރަމުން ގެންދެވެއެވެ. އެއީ އެއް ކުއްޖަކަށް އަނެއް ކުއްޖާގެ ކުރިމަތީގައި ތައުރީފުކުރުން ފަދަ ކުޑަކުޑަ ކަމަކަށް ވެސް ވެދާނެއެވެ. ނުވަތަ އާއިލީ ބައްދަލުވުންތަކުގައި އަބަދުވެސް އެއް ކުއްޖެއްގެ ކާމިޔާބީތައް ފާހަގަކުރުން ކަމުގައި ވެސް ވެދާނެއެވެ. ކާމިޔާބީތައް ފާހަގަކުރުމަކީ މުހިންމު ކަމެއް ނަމަވެސް، އެއް ކުއްޖެއްގެ އަގު މަތިކުރުމަށްޓަކައި އަނެއް ކުއްޖާގެ އަގު ވައްޓާލާ ގޮތަށް އެކަން ކުރުމުން ދިގު މުއްދަތަކަށް ދެމިގެންދާ ނަފްސާނީ އަސަރުތަކެއް ކޮށްފާނެއެވެ.
ކުދިން ހަމައެކަނި ބުނާ އެއްޗެއް އަޑުއަހަނީއެއް ނޫނެވެ. އެކުދިން އެކަން ހިތުގައި ހަރުލައްވައެވެ. އެ ކުއްޖާގެ ދެބެންގެ ދެދަރި ކުއްޖަކު މާރަނގަޅަށް ކިޔަވާކަމަށް ނުވަތަ މޮޅުކަމަށް ބުނެ އާއިލާގެތެރޭގައި އަޅާ ކިޔާއަޑުއިވޭ ކުއްޖާ، އެކުއްޖާއަކީ ވިސްނުންތޫނު (ސްމާރޓް) ކުއްޖެއް ނޫންކަމަށް ގަބޫލުކުރަން ފަށައިފާނެއެވެ. އެއް ކުއްޖަކު އަނެއްކުއްޖަކަށްވުރެ މާބޮޑަށް އެހީތެރިވެދޭކަމަށް ބުނާނަމަ، އެކުއްޖާއަށް ކުރެވޭ އެންމެ ރަނގަޅަކަށް މަސައްކަތް ކުރިޔަސް ކުރާކަންކަމުގެ އަގުވަޒަންނުކުރެވޭ އަދި ލޯބި ނުލިބޭ ކުއްޖެއްގެ ގޮތުގައި އަމިއްލައަށް އިހުސާސް ކުރެވިދާނެއެވެ.
ކަންތައް ކުރަންވީ ރަނގަޅު ގޮތަކީ ކޮބާ؟
ފުރަތަމަ ކަމަކީ، ބޭނުންކުރާ ބަސްތަކާމެދު އިތުރަށް ސަމާލުވުމެވެ. އަޅާކިޔުމުގެ ބަދަލުގައި، ކޮންމެ ކުއްޖެއްގެ ވެސް ހާއްސަ ހުނަރުތަކަށް އަމާޒުކުރެވިދާނެއެވެ. ކޮންމެ ކުއްޖެއްގެ ހުންނަ ތަފާތު ހުނަރުތައް ފާހަގަކުރުމުގެ ސަބަބުން އެކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެގެންދެއެވެ.
ދެވަނަކަމަކަށް، އެއް ކުއްޖެއްގެ ކާމިޔާބީތަކާ ބެހޭ ގޮތުން އެހެން ކުދިންގެ ކުރިމަތީގައި އަޅާކިޔުމަށް މަގުފަހިވާ ގޮތަކަށް ވާހަކަ ދެއްކުމުން ދުރުހެލިވާން ޖެހެއެވެ. ފަހުރުވެރިވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެއްކުއްޖެއްގެ ކާމިޔާބީއަށް ތައުރީފުކުރުމުގައި އެހެން ކުއްޖަކާ އަޅާކިޔާކަށް ނުޖެހެއެވެ. އަދި ކޮންމެ ކުއްޖަކަށްވެސް އެހެން މީހަކާ އަޅާކިޔުމެއް ނެތި ހާއްސަކަމެއް ލިބިގަތުމުގެ ހައްގު އޮވެއެވެ. ތައުރީފު ކުރުމަކީ ވާދަވެރި ކަމަކަށް ވާކަށް ނުޖެހެއެވެ.
އެންމެ ފަހުކަމަކަށް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ ހުރިހާ ކުދިންވެސް ތަރައްގީވަނީ އެ ކުދިންގެ އަމިއްލަ ދުވެއްޔެއްގައި ކަމެވެ. ބައެއް ކުދިން އަވަހަށް ހިނގަން ފަށައެވެ. އަނެއްބައި ކުދިން ލަހުން ވާހަކަދައްކަން ފަށައެވެ. ބައެއް ކުދިން ފޮތް ކިޔަން ލޯބިކުރެއެވެ. އަނެއްބައި ކުދިން މިއުޒިކަށް ލޯބިކުރެއެވެ. އަދި މި ތަފާތުތަކަކީ ވަކިގޮތަކަށް ގޮތްނިންމުމުގެ ބަދަލުގައި ބަލައިގަންނަން ޖެހޭ ކަމެކެވެ.
އަޅުގަނޑުމެންގެ ދަރިން އެއްވެސް އަޅާކިއުމެއް ނެތި ތަރުބިއްޔަތު ކުރަމާ ހިނގާށެވެ. އެ ކުދިންނަކީ ކޮން ބައެއްކަން ބަލައިގަނެގެން އަގު ވަޒަންކުރެވޭ އާއިލާތަކެއްގައެވެ. އަޅުގަނޑުމެންގެ ބަސްތަކަކީ އިތުބާރު އުފައްދާ، ވާދަވެރިކަން ނުއުފައްދާ ބަސްތަކެއްކަން ޔަގީން ކުރަމާ ހިނގާށެވެ. އާއިލާގެ ތެރޭގައި ހުރިހާ ކުދިންގެވެސް ރަނގަޅު ކަންތައްތައް ފާހަގަކޮށް އެއްހަމައެއްގައި ލޯބި ދޭށެވެ.
