މަގުމަތީގައި ބަހައްޓާ އާދައިގެ ލެމަނޭޑް ސްޓޭންޑުތަކުން ފެށިގެން، ޝާރކް ޓޭންކުގައި އިންވެސްޓަރުންނަށް ހުށަހަޅާ ހުނަރުވެރި ޕްރެޒެންޓޭޝަންތަކާ ހަމައަށް، މިއަދުގެ ޅަ ވިޔަފާރިވެރިން ނުވަތަ އާންމުކޮށް ކިޔައި އުޅޭގޮތުންނަމަ “ކިޑްޕްރެނުއަރުން” ވަނީ އުމުރަކީ އައު އީޖާދުތަކާއި، ކެރުންތެރިކަމާއި، ވިޔަފާރީގެ ކާމިޔާބީއަށް ހުރަހެއް ނޫންކަން ސާބިތުކޮށްދީފައެވެ. ދުނިޔޭގައި ސްޓާރޓްއަޕް ސަގާފަތް ކުރިއަރަމުންދާއިރު، 6 އަހަރުގެ ކުދިން ވެސް ވަނީ އައު ހިޔާލުތަކާއި، މޮޅު އީޖާދުތަކާއެކު ކުދި ހުވަފެންތައް ބޮޑެތި ބްރޭންޑްތަކަށް ބަދަލުކުރުމުގެ ގާބިލުކަމާއެކު ވިޔަފާރީގެ ދުނިޔެއަށް ނުކުމެފައެވެ.
މި ލިޔުމުގައި ބަލައިލާނީ ކުޑަކުދިންގެ ވިޔަފާރިވެރިކަން ތަރައްގީވެފައިވާ ގޮތާއި، ކިޑްޕްރެނުއަރުންގެ މުހިންމު ވާހަކަތަކާއި، އަދި މައިންބަފައިންނާއި މުދައްރިސުންނަށް މި ފޮނި ދަތުރު ކުރިއެރުވިދާނެ ގޮތްތަކަށެވެ.

ކުޑަކުދިން ވިޔަފާރީގެ ތެރެއަށް ވަނުމުގެ ސަގާފަތް ފެށިގެން އައި ގޮތް: ލެމަނޭޑް ސްޓޭންޑުގެ އާދަކާދަ
ޖީލުތަކެއް ވަންދެން، ލެމަނޭޑް ސްޓޭންޑަކީ ޅަފުރައިގެ ކުދިންގެ ވިޔަފާރީގެ ނިޝާނެއްގެ ގޮތުގައި ބެލެވިފައިވާ ކަމެކެވެ. މިއިން ކުދިންނަށް ވިޔަފާރީގެ އަސާސީ އުސޫލުއް ދަސްވެއެވެ. އުފެއްދުން ތައްޔާރުކުރުމާއި، އަގު ކަނޑައެޅުމާއި، ކަސްޓަމަރ ސަރވިސްއާއި، ފައިސާ ގެންގުޅުންފަދަ މުހިއްމު ހުނަރުތައް މިކަމުގެ ތެރޭން ދަސްވެގެންދެއެވެ. މި ކުދި މަސައްކަތްތައް، ގިނަފަހަރަށް ފެށެނީ ކުދިންގެ އާ ކަންތައްތައް ކުރުމަށް ހުންނަ ޝައުގުވެރިކަމާއި ނުވަތަ ބޭނުންވާ ކުދި ކުދި ހަރަދުތައް ކޮށްލަން އަމިއްލައަށް ފައިސާ ހޯދުމުގެ ބޭނުމުގައެވެ. މިއީ މިކުދިންގެ ވިޔަފާރީގެ ވިސްނުމުގެ ފެށުމެވެ.
ނަމަވެސް ޑިޖިޓަލް ވަސީލަތްތަކާއި، އީ-ކޮމާސް ޕްލެޓްފޯމްތަކާއި، ވިޔަފާރިވެރިކަމުގެ ތައުލީމަށް ލިބޭ ފުރުސަތުތަކުގެ ސަބަބުން ކިޑްޕްރެނުއަރުންނަށް އެކުދިން ގޭގެ ބޭރުން މާދުރަށް ދިއުމުށް ފުރުސަތުތައް ހުޅުވިގެން ދެއެވެ.
ކުޑަކުދިންގެ ތެރެއިން ވިޔަފާރީގައި ކާމިޔާބު ހޯދާފައިވާ ބައެއް ކުދިން
މިކޭލާ އުލްމަރ – މީ އެންޑް ދަ ބީސް ލެމަނޭޑް
އުމުރުން އެންމެ 4 އަހަރުގައި، މިކޭލާ އާއިލާގެ ލެމަނޭޑް ރެސިޕީއަކާއި އޭނާގެ ކުޅަނދުރަށް ކުރާ ލޯބި ވިޔަފާރިއަކަށް ބަދަލުކުރިއެވެ. އުމުރުން 11 އަހަރުގައި، އޭނާ ޝާރކް ޓޭންކް ޕްރޮގްރާމުން 60،000 ޑޮލަރުގެ އެއްބަސްވުމެއް ހޯދައި، ހޯލް ފުޑްސް އަދި ޓާގެޓް ފަދަ ބޮޑެތި ވިޔަފާރިތަކުގައި އޭނާގެ ލެމަނޭޑް ވިއްކަން ފެށިއެވެ. މީގެ އިތުރުން މިކޭލާ ހެލްތީ ހައިވް ފައުންޑޭޝަން ގާއިމްކޮށް ކުޅަނދުރު ސަލާމަތްކުރުމުގެ މަސައްކަތް ފެށިއެވެ. މިއީ ވިޔަފާރިއަކުން އިޖްތިމާއީ ބަދަލެއް ގެނެވިދާނެކަން ދައްކުވައިދޭ މިސާލެކެވެ. މިހާރު އުމުރުން 20 އަހަރުގެ މިކޭލާއަކީ އޭނާ ކުޑަކުއްޖެއްގެ ގޮތުގައި ފެށި ލެމަނޭޑް ސްޓޭންޑް ފުޅާވެ 1500 އަށް ވުރެ ގިނަ ފިހާރައިގައި އޭނާގެ އުފެއްދުން ވިއްކަމުންދާ ކާމިޔާބު ވިޔަފާރިވެރިއެކެވެ.
މޮޒައިއާ ބްރިޖަސް – މޯސް ބޯސް
ކުޑަކުދިންނަށް ފަރުމާކޮށްފައިވާ ޒަމާނީ ބޯ ޓައި ނުލިބުމުން، މޮޒައިއާ އުމުރުން 9 އަހަރުގައި އަމިއްލައަށް ބޯ ޓައި ފަރުމާކޮށް ފަހަން ފެށިއެވެ. އޭނާގެ މި ތަފާތު ސްޓައިލް އެތައް ބައެއްގެ ސަމާލުކަން ހޯދައި، ޝާރކް ޓޭންކް ޕްރޮގްރާމުގައި ޑޭމަންޑް ޖޯންއާއެކު އެއްބަސްވުމެއް ހެދިއެވެ. މިއަދު، މޯސް ބޯސް އަކީ ކުރިއަރަމުންދާ ފެޝަން ބްރޭންޑެކެވެ.
އަލީނާ މޯސް – ޒޮލިޕޮޕްސް
އަލީނާގެ މައިންބަފައިން އަލީނާ މެޓާ ކެއުމަށް ހުއްދަ ނުދިނުމުން، އޭނާ އުފެއްދީ ޒޮލިޕޮޕްސް އެވެ. މިއީ ހަކުރު ނުލާ އުފައްދާފައިވާ، ދަތްތަކަށް ރަނގަޅު ލޮލިޕޮޕްއެކެވެ. އުމުރުން 9 އަހަރުގައި މި ވިޔަފާރި ފެށި އަލީނާގެ ކެންޑީ، އުމުރުން 13 އަހަރުގައި ވޯލްމާޓް އަދި އެމެޒޯން ފަދަ އެމެރިކާގެ ބޮޑެތި ވިޔަފާރިތަކުގައި ވިއްކަން ފެށުނެވެ. މީގެ އިތުރުން އަލީނާ ވަނީ ދަތުގެ ސިއްހަތާ ބެހޭ ތައުލީމު ފެތުރުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްވެސް އުފައްދާފައެވެ. މިހާރު އުމުރުން 20 އަހަރުގެ އަލީނާގެ ވިޔަފާރިން އުފައްދާ ޕްރޮޑަކްޓްތައް 9 ގައުމެއްގައި އަދި އެމެރިކާގެ 25000 ފިހާރައެއްގައި ވިއްކަމުންދެއެވެ.
މި ވާހަކަތަކުން ދައްކުވައިދެނީ ތުއްތު ވިޔަފާރިވެރިންގެ އުފެއްދުންތެރިކަމާއި، މައްސަލަ ހައްލުކުރުމުގެ ހުނަރާއި، ޝައުގުވެރިކަމާއެކު ހަގީގީ ދުނިޔޭގައި ކާމިޔާބު ހޯދާ ގޮތެވެ.
ކުޑަކުދިންގެ ވިޔަފާރީގެ ދަތުރުގެ މައިގަނޑު ބައިތައް
ކުރިއަށްދިއުމުގެ ޝައުޤުވެރިކަމާއި އުފެއްދުންތެރިކަން
ޅަ ވިޔަފާރިވެރިން ގިނަފަހަރު ފަށަނީ އާދައިގެ ސުވާލަކުން: “މި(އެއްޗެއް ނުވަތަ ކަމެއް) އަހަރެންނަށް ނުފެންނަނީ ކީއްވެ؟” ނުވަތަ “އަހަރެން އަމިއްލައަށް އެއްޗެއް އުފެއްދިއްޔާ ކިހިނެއްވާނެބާ؟” މިފަދަ އުފެއްދުންތެރި ވިސްނުމަކީ އައު ގޮތްތައް ހޯދުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.
ބޮޑެތި މީހުންގެ ހިތްވަރު ދިނުމާއި އެހިތެރިކަން ލިބުން
ކޮންމެ ކާމިޔާބު ޅަ ވިޔަފާރިވެރިއެއްގެ ފަހަތުގައި ގިނަފަހަރު ހުންނަނީ މަންމައެއް ނުވަތަ ބައްޕައެއް، މުދައްރިސެއް، ނުވަތަ އިރުޝާދު ދޭ މީހެކެވެ. މިފަދަ މީހުން ހިތްވަރުދީ، މަގުދައްކައިދީ، އަދި ބޭންކު އެކައުންޓެއް ހުޅުވުން ނުވަތަ އުފެއްދުންތައް ބެލެހެއްޓުން ފަދަ ކަންކަމުގައި އެހީތެރިވެދެއެވެ.
ތަޖުރިބާކުރުމުގެ ތެރެއިން ދަސްވުން
އާންމު ތައުލީމާ ހިލާފަށް، ވިޔަފާރިވެރިކަމުން ކުދިންނަށް ދަސްވަނީ ހަގީގީ ދިރިއުޅުމުގެ ގޮންޖެހުންތަކުގެ ތެރެއިންނެވެ. މިސާލަކަށް މާކެޓްކުރުން، ބަޖެޓް ހެދުން، ނާކާމިޔާބީއާ ކުރިމަތިލުން، އަދި ކަސްޓަމަރުންގެ ހިޔާލު ހޯދުން ފަދަ ކަންކަމެވެ. މި ތަޖުރިބާތަކުން ކުދިންގެ ކެތްތެރިކަމާއި އިތުބާރު އިތުރުވެއެވެ.
ވަސީލަތްތަކާއި މަންސަތަކަށް ވާސިލުވުން
އެޓްސީ، ޝޮޕިފައި، އަދި ޔޫޓިއުބް ފަދަ ވެބްސައިޓްތަކުގެ ސަބަބުން، ކުޑަކުދިންނަށް މިހާރު މުޅި ދުނިޔެއަށް އެމީހުންގެ ވިޔަފާރިތައް މާކެޓްކޮށް، ވިއްކައި، އަދި ހިއްސާކުރެވެއެވެ. މިހުރިހާ ކަމެއްވެސް ކުރެވޭނީ މައިންބަފައިންގެ ބެލުމުގެ ދަށުންނެވެ.
މައިންބަފައިންނާއި މުދައްރިސުންނަށް ކުރެވޭނީ ކޮން ކަމެއް؟
ހިޔާލު ހިއްސާކުރުމަށް ހިތްވަރުދިނުން: ކުދިންގެ ހިޔާލުލުތައް އަޑުއަހައި، އެ ހިޔާލުތައް އާދައިގެ ކުޑަ ޕްލޭންތަކަކަށް ބަދަލުކުރުމަށް އެހީތެރިވުން.
މާލީ ހޭލުންތެރިކަން އުނގަންނައިދިނުން: ބަޖެޓް ހެދުން، ފައިސާ ރައްކާކުރުން، ފައިދާ، އަދި އިންވެސްޓްކުރުން ފަދަ ކަންތައްތައް އުމުރުގެ ކުރީކޮޅު ތައާރަފުކުރުން.
ފުރުސަތުތައް ހޯދައިދިނުން: ކުދިންނަށް ވިޔަފާރި ކުރެވޭނެ ތަނެއް ހަމަޖައްސަދިނުން (މިސާލަކަށް ރަށުގެ ކޮންމެވެސް ތަނެއްގައި ކުޑަ ސްޓޭންޑެއް ބެހެއްޓޭނެ ގޮތް ހަދާދިނުން)، ކުޑަކުދިންގެ ވިޔަފާރި މުބާރާތްތަކުގައި ބައިވެރިވުމަށް ނުވަތަ އޮންލައިން ފިހާރަތައް ހުޅުވުމަށް އެހީތެރިވުން.
އިރުޝާދު ދިނުން: ހިޔާލާއި ލަފާ ހޯދުމަށްޓަކައި ކުދިންނަށް ނަމޫނާ ބަޔަކާ ނުވަތަ ޒުވާން ވިޔަފާރިވެރިންނާ ގުޅުވައިދިނުން.
މިކަމުގެ މުހިންމުކަން
ކުޑަކުދިންގެ މެދުގައި ވިޔަފާރިވެރިކަން އިތުރުވަމުން އައުމަކީ ހަމައެކަނި ޓްރެންޑެއް ނޫނެވެ. އެއީ ޅަފަތުގައި މިނިވަންކަމާއި، ލީޑަރޝިޕާއި، އައު ގޮތްތައް ހޯދުމަށް މަގުފަހިކޮށްދޭ ހަރަކާތެކެވެ. އަދި މީގެ އިތުރުން، ކުދިންނަށް ނާކާމިޔާބުވެ، އަލުން މަސައްކަތްކޮށް، ކުރިއަރައިގެން ދިއުމަށް ދަސްވެއެވެ. މިއީ ކޮންމެ ދާއިރާއެއްގައި ވެސް ކުރިމަގުގައި ކާމިޔާބު ހޯދުމަށް ކޮންމެހެން ބޭނުންވާނެ ހުނަރުތަކެކެވެ.
އުފެއްދުންތެރިކަމާއި ބަދަލުތަކަށް ހޭނުމުގެ ގާބިލުކަމަކީ އެންމެ އަގުހުރި ސިފަތަކުގެ ގޮތުގައި ބެލެވޭ ކަންކަންކަމުގައި ވީހިނދު، ކުދިންނަށް އަމިއްލަ މަސައްކަތްތައް ފަށައި، އެކަންކަން އިސްވެ ހިންގުމަށް ހިތްވަރުދިނުމަކީ ވަރަށް ފައިދާހުރި ކަމެކެވެ އަދި އެއީ ކޮންމެހެން ކުރަންޖެހޭވެސް ކަމެކެވެ.
މަގުމަތީގައި ބެހެއްޓޭ ލެމަނޭޑް ސްޓޭންޑުތަކުން ފެށިގެން، ގައުމީ ޓީވީއެއްގައި ހުށަހެޅޭ މިލިއަން ޑޮލަރުގެ ވިޔަފާރިތަކާ ހަމައަށް، ތުއްތު ވިޔަފާރިވެރިންގެ ގޮތުގައި ކުރާ ދަތުރަކީ އެކުދިން ބާރުވެރިކުރުމުގެ ވާހަކައެކެވެ. މި ޅަ އުފެއްދުންތެރިން ވަނީ އެކުދިންގެ އަމިއްލަ ކުރިމަގު ބައްޓަންކުރުމުގެ އިތުރުން އެކުދިންގެ ޖީލަށްވެސް ކަންކަމާއި މެދު ބޮޑުކޮށް ވިސްނައި، ހިތްވަރާއެކު މަސައްކަތްކޮށް ތަފާދު ދެއްކުމަކީ މީހާގެ އުމުރުން ޅަ ނަމަވެސް ކުރެވިދާނެ ކަމެއްކަމގައި ގަބޫލުކުރުމަށް ނަމޫނާ ދައްކައިދީފައެވެ.
