އެތައް ދުވަހެއްގެ އިންތިޒާރަށްފަހު އެންމެ ފަހުން ތުއްތު ދަރިފުޅާ މިއޮތީ ބައްދަލު ވެފައެވެ. މިއީ އުފަލާއި ހިތްހަމަ ޖެހުމުގެ އިތުރުން ވަރުބަލިކަމާއި ހާސް ކަމާއި ކުރިމަތިލާން ޖެހޭނެ ދުވަސްވަރެކެވެ.
ތުއްތު ދަރިފުޅުގެ ފުރަތަމަ މަހަށް ބަލާލަމާ!!

ތުއްތު ދަރިފުޅުގެ އުމުރުން ފުރަތަމަ ދުވަސްކޮޅު މާގިނަ ހަރަކާތްތަކެއް ނެތް ކަމުގައި ވީ ނަމަވެސް، ފުރަތަމަ ހަފްތާ ތެރޭގައިވެސް އަޑުތައް ވަކިކުރަން އިނގޭނެއެވެ. ހާއްސަކޮށް މަންމަ އާއި ބައްޕަގެ ނުވަތަ އާނމުކޮށް އިވޭ އަޑުތައް ދެނެގަނެއެވެ. ބުނާ ބަސްތައް ދެނެގަންނަން ނޭންގުނު ކަމުގައިވީ ނަމަވެސް އާންމުކޮށް އިވޭ އަޑުތައް ގިނަ ގިނައިން ދަރިފުޅަށް އިވުމުން މުޅިން މި އާ ދުނިޔެއަށް ހޭނެން ފަސޭހަވާނެއެވެ.
ބޮލުގެ ނާށިގަނޑު ރަނގަޅަށް ބެދި ދަރިފުޅުގެ ބޮލުގެ މެދުންނާއި ފަހަތުގައި އިންނަ މަޑު ތަންކޮޅު އާންމު ގޮތެއްގައި ދެއަހަރެއްހާ ދުވަސް ތެރޭގައި ހަރުވާނެއެވެ.
އާންމު ގޮތެއްގައި ފުރަތަމަ ހަފްތާގެ ތެރޭގައި ތުއްތު ދަރިފުޅުގެ ފޫޅު ވެއްޓޭނެއެވެ. ފޫޅުވެއްޓުން އަވަސް ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ވީ ވަރަކުން އެތަން ފެނުން ރައްކާތެރިކޮށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އެގޮތުން ދަރިފުޅު ފެންވަރުވާއިރު ފެންވަރުވާ ތައްޓަކަށް ލައިގެން ފެންވެރުވުމުގެ ބަދަލުގައި ސްޕޮންޖް ފަދަ އެއްޗެއް ބޭނުންކޮށްގެން ދަރިފުޅުގެ ގައި ދޮއްވުމަކީ ކުރެވިދާނެ ކަމެކެވެ.
ދަރިފުޅު އެންމެ ތުއްތު ދުވަސްވަރު އެކުދިންގެ ކުރިމަތިފަރާތް ދުޅަވެފައި ނުވަތަ ރަތްވެފައި ހުރިކަމަށް ފާހަގަ ކުރެވިދާނެއެވެ. މި ކަމަކީ އަންހެން އަދި ފިރިހެން ކުދިންނަށްވެސް ދިމާވެދާނެކަމެވެ. ނަމަވެސް މިކަމަކީ ހާސް ވާން ޖެހޭވަރުގެ ކަމެއް ނޫނެވެ. މިކަމަކީ މަންމަގެ ފަރާތުން ދަރިފުޅަށް ލިބިފައިވާ ހޯމޯން ދަރިފުޅުގެ ލޭގެ ތެރެއަށް ވާސިލްވުމުގައި ދިމާވާ ކަމެކެވެ. މިކަން ގިނަދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯއްދެވުން ރަނގަޅެވެ.
ދަރިފުޅު ނޭވާލާ ގޮތަކީވެސް ގިނަ ބަޔަކަށް ހާސްކަން އިތުރު ކުރުވާ ކަމެކެވެ. ބައެއްފަހަރު ވަރަށް އަވަސް އަވަހަށް ދަރިފުޅު ނޭވާލަފާނެވެ. އަދި ބައެއްފަހަރު ނޭވާލާން އުނދަގޫ ވާހެން ނުވަތަ ފުން ނޭވާއަކަށް ފަހު ދެން ނޭވާ ނުލާ އިރުކޮޅެއް ހޭދަވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ތުއްތު ކުދިން ނޭވާ ލުމުގައި މިފަދަ ތަފާތުތަކެއް ހުރުމަކީ އާންމު ކަމެކެވެ. ދަރިފުޅަށް ފުރަތަމަ މަހުގެ ތެރޭގައި މިކަން ހަމައަކަށް އެޅިގެން ދާނެއެވެ.
ދަރިފުޅު ނިންދަވާފައި ބޭއްވުން އެންމެ ރަނގަޅީ އުއްޑުން ވާގޮތަށެވެ. ނަމަވެސް ދަރިފުޅު ހޭލާ ހުންނަވަގުތުގެ ތެރެއިން ކޮންމެވެސް ވަގުތު ކޮޅެއްގައި ބަންޑުން ބޭއްވުން އެއީ ދަރިފުޅުގެ ކަރުގެ މަސްތަކުގައި ވަރު ޖެހޭނެ ކަމެކެވެ. އޭގެ ސަބަބުން ދަރިފުޅު ފުރޮޅުމަށާއި ފިރުކި ހެދުމަށް އެހީވެދެއެވެ. ދަރިފުޅަށް އެއް މަސް ފުރޭއިރު ބަންޑުން އޮވެ ބޯ ހިއްލަގެން ފަރާތް ފަރާތަށް ބަލާ ހަދާނެއެވެ. މިދުވަސްވަރު ދަރިފުޅުގެ ކުރިމަތީގައި އޮށޯވެ ދަރިފުޅުގެ މޫނަށް ބަލާ ހަދާނަމަ އެގޮތަށް އެ ހަރަކާތް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.