އޯޓިޒަމް އަކީ ނިއުރޮލޮޖިކަލް ޑިސްއޯޑަރ ނުވަތަ ސިކުނޑި މަސައްކަތް ކުރާ ގޮތުގައި ހުންނަ ތަފާތު ވުމެއްގެ ސަބަބުން ވާހަކަ ދެއްކުމާއި އިޖްތިމާއީ ގުޅުން ހީނަރުވެ އެހެނިހެން މީހުނާ މުޢާމަލާތު ކުރުމުގައި ދަތިތަކެއް ހުރުމެވެ. ބައެއް ކުދިންގެ ކިބައިން ވަރަށް ތުއްތު އިރުން ފެށިގެން އޯޓިޒަމްގެ އަލާމާތްތައް ފެންނަން ފަށާއިރު އަނެއްބައި ކުދިންގެ ކިބައިން މި އަލާމާތްތައް ފެންނަން ފަށާނީ އުމުރުން 2 އަހަރު ނުވަތަ 3 އަހަރު ހިސާބުގައެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ހަމަ އެ އުސޫލުން އޯޓިޒަމް ހުންނަ ކުދިންވެސް އެއްކުއްޖަކު އަނެއް ކުއްޖަކާ މުޅިން ތަފާތު ވާނެއެވެ. ވީމާ ފަރުވާދިނުމުގައިވެސް އެކުއްޖަކާ ގުޅޭ ގޮތައް ވަކިން ތެރަޕީ ޕްލޭން އެއް އެކުލަވާލަން ޖެހެއެވެ. އެކި ކުދިންގެ އޯޓިޒަމް ހުންނަނީ އެކި ލެވެލް އަށެވެ. އެހެން ކަމުން އޯޓިޒަމް އަށް އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާރ އޭ ކިޔައެވެ. އޯޓިޒަމްގެ އެންމެ މައިގަނޑު ސިފަތައް ނެތްކަމުގައި ވިޔަސް ބައެއް ސިފަތައް ހުރި ކަމުގައި ވާނަމަ މި ސްޕެކްޓްރަމް ތެރޭ ހިމެނޭނެއެވެ. އަދި ތަފާތު ތެރަޕީ ތައް ދީގެން ވަރަށް ބޮޑުތަން ރަނގަޅު ކުރެވިފާވެސް އެބަހުއްޓެވެ.
އޯޓިޒަމް ހުންނަ ކުދިންނަށް މާނަވީ ގޮތެއްގައި އެހެން ކުދިންނާ މުޢާމަލާތުކޮށް ވާހަކަ ދައްކާ އުޅެން ދަތިވެއެވެ. މި ސަބަބައްޓަކާ އެކުދިންނަށް ރައްޓެހިން ހޯދާ އެކުވެރި ގުޅުމެއް ގާއިމު ކުރަން އުނދަގޫ ވެއެވެ. އެހެންމީހުން ކިޔާ އެއްޗެހި ރިޕީޓް ކުރުމަކީ ވެސް އާންމުކޮށް އޯޓިޒަމް ކުދިންގެ ކިބައިން ފެންނަ ކަމެކެވެ.

އާންމުކޮށް އެއްކަހަލަ ހަރަކާތެއް ކުރުމަކީ ވެސް ބައެއް އޯޓިސްޓިކް ކުދިންގެ ކިބައިން ފެންނަ ކަމެކެވެ. މިސާލަކަށް ދެއަތްތިލަ ތެޅުވުން، އަމިއްލައަށް ހެއްލިލާ ހެއްލިލާ އިނުން ފަދަ ކަންތައް ހިމެނެއެވެ. އަދި މީގެ އިތުރުން ކުޅޭއެއްޗިއްސާ އެކު ކުޅުމުގާވެސް އެހެން ކުދިންނާ ތަފާތު ގޮތްތަކެއް ހުރެދާނެއެވެ. މިސާލަކަށް ކުދި ކާރުފަދަ ކުޅޭ އެއްޗެހި ބަރިއަކަށް އެތުރުމާއި ކުޅޭ އެއްޗެއްގެ ވަކި ބަޔަކަށް އެތައް އިރެއްވަންދެން ބަލަން އޮތުންފަދަ ކަންތައް ހިމެނެއެވެ.
މިފަދަ ކުދިން ދެނެގަނެވޭނީ އެކުދިންގެ ހަރަކާތައް ބަލާފައެވެ. ތަފާތު އެސެސްމަންޓް ތަކުގެ އެހީގާ ކުއްޖާ އަކީ އޯޓިޒަމް ހުންނަ ކުއްޖެއްތޯ ދެނެގަނެ، އެ ކުއްޖަކަށް ގުޅޭ ތެރަޕީ ޕްލޭން އެއް އެކުލަވާލުމަށްފަހު ލަސް ނުކޮށް ތެރަޕީ ފެށުމަކީ މުހިންމު ކަމެކެވެ.
Rajjeyga autismah ah hassa doctor in thibenee konkon hoespital thakehga .