އުމުރުން 3 މަހުގައި ތުއްތު ކުދިންގެ ޖިސްމާނީ، ވިސްނުމުގެ (ކޮގްނިޓިވް) އަދި ނަފްސާނީ ކުރިއެރުމަށް ބޮޑެތި ކުރިއެރުންތަކެއް އާދެއެވެ. އެކުދިން އިތުރަށް ކަންކަމަށް ސަމާލުވެ، އެހެންމީހުނާ މުއާމަލާތްކުރުން އިތުރުވެއެވެ. މިއީ ތުއްތު ދަރިފުޅާ އިތުރަށް ގުޅުން ބަދަހިކޮށް، ދަރިފުޅުގެ ހެދިބޮޑުވުމަށް އިތުރަށް އެހީތެރިވުމަށް ތަފާތު ކުދި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ރަނގަޅު ދުވަސްކޮޅެކެވެ. މި އުފާވެރި މަރުހަލާގައި އުއްމީދު ކުރަންވީ ކަންކަމާއި، އެހީތެރިކަން ފޯރުކޮށްދޭނެ ގޮތާމެދު ވަރަށް ގާތުން ބަލާލާނަމެވެ.
ޖިސްމާނީ ހެދިބޮޑުވުން

ތިންވަނަ މަހާ ހަމައަށް ދާއިރު ތުއްތު ކުދިންގެ ހަށިގަނޑުގެ ކޮންޓްރޯލް ވަރަށް ބޮޑަށް އިތުރުވެގެން ދެއެވެ. ގިނަ ކުދިން ބަންޑުން ބޭއްވުމުން މި އުމުރުގައި ބޯ ރަނގަޅަށް އުފުލާ އަދި ބައެއްފަހަރު އަތުން ހަށިގަނޑު އުފުލުމަށް މަސައްކަތް ކުރެއެވެ. މި އުމުރުގައި އެކުދިންގެ އަތާއި ފައި ފަސޭހަ ކަމާއެކު ހަރަކާތް ކުރަންފަށާ،ފައިން ޖެހުން ފަދަ ހަރަކާތްތައް އިތުރުވެއެވެ. މީގެ ސަބަބުން ފައިގެ މަސްތަކުގެ ބާރު އިތުރުވެގެންދެއެވެ. އަދި ދެއަތުން ތަކެތީގައި ހިފަން ފަށައެވެ. ބައެއްކުދިން ބަންޑުން ބޭއްވުމުން އަމިއްލައަށް އުއްޑުން ޖެހުންފަދަ ހަރަކާތްތައް ކުރަންފަށައެވެ. ހަށިގަނޑު ހެދިބޮޑުވުމުގައި އިތުރަށް އެހީތެރިވުމުގެ ގޮތުން ދުވާލު ދަރިފުޅު ހޭލާއުޅޭއިރު ދަރިފުޅު ބަންޑުން ވަގުތު ކޮޅަކު ބޭއްވުމަކީ ބެލެނިވެރިންނަށް ކުރެވިދާނެ ކަމެކެވެ. އަދި ދަރިފުޅަށް ހިފަހައްޓާލަން ފަސޭހަ މަޑު ކުޅޭއެއްޗެހި ދިނުމަކީ އަތުގެ ހަރަކާތްތައް އިތުރު ކުރުމަށް އެހީތެރިވެދޭނެކަމެކެވެ. އަދި ފައިގެ ހަރަކާތްތައް އިތުރު ކުރުމުގެ ގޮތުން ޕްލޭމެޓެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ.
ފެނުމާއި ވިސްނުމުގެ ތަރައްގީ
އުމުރުން 3 މަހަކީ ދަރިފުޅުގެ ސިކުނޑި ވަރަށް ހަލުވި މިނުގައި ތަރައްގީވަމުން ދާ މަހެކެވެ. އޭގެ ސަބަބުން ފެނުމުގެ ހިއްސު ވެސް އިތުރަށް ރަނގަޅުވެ އަދި ކަންކަން ހޯދުމަށް ހުންނަ ޝައުޤުވެރިކަން އިތުރުވެގެން ދެއެވެ. އެގޮތުން އާންމުކޮށް ފެންނަ މޫނުތައް ދެނެގަތުމާއި ހަރަކާތް ކުރަމުންދާ މީހުނަށް ނުވަތަ އެއްޗެހީގެ ހަރަކާތްތަކާއި އެއްގޮތަށް ކަޅިހިންގައި ދެނެގަންނަން ފަށާނެއެވެ. އަދި ގަދަ ކުލަތަކަށް އެކުދިންގެ ސަމާލުކަން އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، ވިސްނުމުގެ ހުނަރު ތަރައްގީ ވުމުގެ ތެރެއިން، ކަމެއް ދިމާވާން މެދުވެރިވާ ސަބަބު ދެނެގަތުން ހިމެނެއެވެ. މިސާލަކަށް، ރައިބޮލި ތަޅުވާލުމުން އަޑު ނިކުންނަކަން ދެނެގަތުން ހިމެނެއެވެ. މި އުމުގެ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން، ބެލެނިވެރިންނަށް ކުއްޖާއާއެކު ފީކޯތް ފަދަ ކުދި ކުދި ގޭމު ކުޅުން، ކުލަ ގަދަ ނުވަތު ކަޅު އަދި ހުދު ކުލައިން ހުންނަ ފޮތްތައް ދެއްކުން އަދި ހިފައިގެން އުޅެން ރައްކާތެރި އެއްޗެހި އަތަށް ދެވިދާނެއެވެ. ދުވަހުގެ ތެރޭ ވީހާވެސް ގިނައިން ދަރިފުޅާ ވާހަކަ ދެއްކުމަކީވެސް ދަރިފުޅުގެ ވިސްނުމުގެ ހުނަރު އިތުރަށް ތަރައްގީވުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރުން، ތަފާތު އެއްޗެހީގެ ނަންތައް ކިޔާދިނުން، އެކި އެކި ހަރަކާތްތައް ނުވަތަ ކަންކަން ކިޔައިދިނުމާއި ދަރިފުޅު ލައްވާ އަޑުތަކަށް ޖަވާބުދީ ވާހަކަ ދެއްކުމަކީ ދަރިފުޅުގެ ސަމާލުކަން އިތުރުވެ ބަހުގެ ހުނަރު ތަރައްގީވުމަށް އެހީވާނެ ކަމެކެވެ.
އިޖުތިމާއީ އަދި ނަފްސާނީ ކުރިއެރުންތައް
މިދުވަސްވަރަކީ ކުއްޖާއަށް އިޖުތިމާއީ އަދި ނަފްސާނީ ގޮތުން ފާހަގަކުރެވޭފަދަ ކުރިއެރުމެއް ފެންނަމުން އަންނަ ދުވަސްވަރެކެވެ. މި އުމުރުގައި އެންމެ ފާހަގަކޮށްލެވޭ މޭލުގާއަކީ މީހުންގެ މޫނަށް ބަލާ ނުވަތަ އިވޭ އަޑުތަކަށް ހިނިތުންވުމެވެ. އަދި އަޑުލައްވައި މުއާމަލާތު ކުރުމަށް މަސައްކަތް ކުރަންފަށައެވެ. މީގެ އިތުރުން އާންމުކޮށް އިވޭ އަޑުތަކަށް ސަމާލުވެ އަޑު އިވޭ ދިމާލަކަށް އެނބުރި ބެލުން ފަދަ ހަރަކާތްތައް ފާހަގަކުރެވޭނެއެވެ. މިދުވަސްވަރުގައި އެކުދިންނަށް ހިންހަމަޖެހުން ގެނުވާ ބައެއް ކަންކަމުގެ ތެރޭގައި ފިރުމާލުމާއި ބައްދާލުން އަދި އަހާލަން ފަސޭހަ އަޑުތައް ހިމެނެއެވެ. މިކަންތައްތަކަކީ ދަރިފުޅާއި ބެލެނިވެރިންނާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ އެކުދިންނަށް ރައްކާތެރިކަމުގެ އިހުސާސް ކުރުވާކަމެކެވެ. ދަރިފުޅުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ކުދިންނާއި ހަތަރުކަޅި ހަމަކުރުމާއި ގިނައިން ވާހަކަ ދައްކާ އުޅުން އަދި ކުދިން މަސަލަސްކޮށްދީ އަރާމުކޮށްދިނުމުގެ ގޮތުން މަސާޖުކޮށްދީ ހެދުމަކީ ރަނގަޅުކަމެކެވެ. އަދި އެކުދިން ލައްވާ އަޑުތަކާއި ރުއިމަށް ސަމާލުކަންދީ ލޯބިން ޖަވާބު ދިނުމަކީ އެކުދިންގެ ވާހަކަ އަޑުއަހާކަމާއި އެލޯބި ވާކަން އަންގައިދޭ ކަމެކެވެ. މީގެ ސަބަބުން ދަރިފުޅުގެ ކިބައިގައި ބެލެނިވެރިޔާއާއި ދެމެދު އޮންނަ އިތުބާރު ބޮޑުވެ، ދެރަވާފަދަ ކަމެއް ދިމާވާ ވަގުތުގައި އެކަމުން އަރައިގަތުމަށް ބާރަކަށް ވެގެންދެއެވެ.
ނިދުމަށް އަންނަބަދަލު
3 ވަނަ މަހުގައި ދަރިފުޅުގެ ނިދުމަށްވެސް ބަދަލުތަކެއް އާދެއެވެ. ކުރިން ކުޑަ ވަގުތުކޮޅަކަށް ނިދި ނަމަވެސް އުމުރުން 3 މަހުގައި ރޭގަނޑު ވަގުތުގައި ތަންކޮޅެއް ގިނަ ވަގުތު ނިދާފައި އޮންނަން ފަށާނެއެވެ. މިއުމުރުގައި އާނމުކޮށް ދުވާލެއްގެ މައްޗައް އެކި ވަގުތުތަކަށް ބަހާލައިގެން ޖުމްލަ 14 ގަޑިއިރާއި 17 ގަޑިއިރު ކުދިން ނިދުމުގައި ހޭދަކުރެއެވެ. އާއްމުކޮށް ރޭގަނޑު ނިދާ ވަގުތު އެއްފަހަކަށް 5 ގަޑިއިރާއި 6 ގަޑިއިރަށް ދެމިގެންދެއެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަމުން ހުރިހާ ކުދިން ހަމަ މިމިންވަރަށް ނުނިދުމަކީވެސް ވެދާނެކަމެކެވެ. ކުދިންނަށް ދުޅަހެޔޮ ނިންޖެއް ހޯދައިދިނުމުގެ ގޮތުން އެކުދިން ނިންދަވާވަގުތަށް ހާއްސަކޮށް ތާފަނާ ފެނުން ފެންވަރުވާލުން، މަޑު މަޑުން ތަޅުވާލައި ނާނާ ކިޔާލާ ހެދުމަކީ ކުރެވިދާނެ ކަމެކެވެ. އަދި އާފުރުމާއި ލޯއުނގުޅުން ފަދަ، ނިދިއައިސްގެން އުޅޭފަދަ ނިޝާނެއް ފެނިއްޖެނަމަ މާބޮޑަށް ދަރިފުޅު ވަރުބަލިވުމުގެ ކުރިން އެކަމާއި އަޅާލައި ނިންދަވަން ބޭއްވުން މުހިންމެވެ. މީގެ އިތުރުން ނިދަން ބޭއްވުމަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން ކުޑައެނދުގައި ދަރިފުޅު އުއްޑުން ވާގޮތަށް ބޭއްމާއި، ނިދަން ބާއްވާއިރު ބާލިސް ނުވަތަ ކުޅޭތަކެތި އެނދުގައި ނުބެހެއްޓުމަކީވެސް މުހިންމުކަމެކެވެ.
ދަރިފުޅާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުން.
ދަރިފުޅުގެ އުމުރުގެ ކުރީކޮޅު ދަރިފުޅާއި އޮންނަ ގުޅުން ބަދަހި ކުރުމަކީ އެކުދިންގެ ޖަޒުބާތީ އަދި އިޖުތިމާއީ ކުރިއެރުންތަކުގެ ފެށުމެވެ. މިގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި އެކުދިން ހީލުމުން ހީލުމާއި، ލައްވާ އަޑުތައް ކޮޕީކުރުމާއި އެކުދިންނާއި ވާހަކަ ދެއްކުން ހިމެނެއެވެ. އަދި ކުދިން އުރާލައި ބައްދާލުމާއި، މޫނުމަތީގެ ހަރަކާތްތަކުން އެކުދިނަށް ހިންހަމަޖެހުން ގެނެސްދީހެދުން ހިމެނެވެ.
ޖުމްލަކޮށް ބަލާއިރު ދަރިފުޅުގެ އުމުރުން 3 ވަނަ މަހަކީ ކަންކަން ބަލައި ހޯދައި، އެހެންމީހުނައި އޮންނަ ގުޅުން ބަދަހިވެ ހެދިބޮޑުވުމަށް ކުރިއެރުންތަކެއް ލިބިގެން ދާ މަހެކެވެ. މިކަން ހާސިލްވުމުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުމާއި ދެވޭ ވަގުތު ވަރަށް މުހިންމު ދައުރެއް އަދާކުރެވެ.