އުމުރުން ހަތަރު މަސް ވާއިރު ކުދިންގެ އިޖުތިމާއީ ހޭލުންތެރިކަން އިތުރުވުމުގެ އިތުރުން ޖަޒުބާތުތައް ފާޅުކުރަން ފަށައެވެ. މިހަރުފަތަކީ އިހުތިޔާރުން ބޭރުން އެކުދިން ކުރާ ހަރަކާތްތަކުގެ ބަދަލުގައި އަމިއްލަ އިހުތިޔާރުގައި، އެކަމުގައި ކޮންމެވެސް މާނައެއް ހިމެނޭގޮތުން، އެހެންމީހުނާއި މުއާމަލާތުކުރުމުގެ ގޮތުން ހަރަކާތްތައް ކުރަންފަށާ ހަރުފަތެވެ. ބެލެނިވެރިންނާއި އޮންނަ ގުޅުން ބަދަހިވެ އެހެންމީހުންގެ އިހުސާސްތައް ދެނެގަންނަންފަށައި، ޖަޒުބާތީގޮތުން ގުޅުންތައް ހަރުދަނވާންފަށާ އުމުރެވެ. މިއީ އެކުދިންގެ ޝަހުސިއްޔަތު ބިނާކުރުމާއި، ކުރިމަގުގައި އިޖުތިމާއީ ހުނަރުތައް ކުރިއެރުވުމާއި ރައްކާތެރި ގުޅުންތައް ގާއިމްކުރުމަށް އެޅޭ ބިންގާއެކެވެ.
ހިނިތުންވުމާއި އިޖުތިމާއީ އުފާވެރިކަން

މިއުމުރުގައި ތުއްތު ކުދިން އެހެން މީހުނަށް ރައްދު ދިނުމުގެ ގޮތުން ހިނިތުންވާންފަށައެވެ. މިހިނިތުންވުންތަކަކީ ގިނަފަހަރަށް ބެލެނިވެރިން ފެނުމުން އަދި އަޑުއިވުމުން ނުވަތަ ދަރިފުޅާއިއެކު މަޖާކޮށްލުމުގެ ގޮތުން ކުރެވޭ އެކިއެކި ހަރަކާތްތެކުގެ ތެރެއިން އުފެދޭ ހަގީގީ އިހުސާސްތަކެކެވެ. މިހިނިތުންވުންތަކަކީ ހަމައެކަނި ރައްދު ދިނުމެއް ނޫނެވެ. އެއީ އިތުބާރާއި ހިތްހަމަޖެހުން ދައްކުވައިދޭ މުއާމަލާތުކުރުމުގެ ގޮތެކެވެ. އިޖުތިމާއި ގުޅުންތައް އުފެއްދުމަކީ ހިތްހަމަޖެހުން ލިބޭ ކަމެއްކަން އެކުދިން ދެނެގަންނަން ފަށައެވެ. އަދި ހެޔޮ ޖަޒުބާތުތަކުން ސިކުނޑިއަށް ހަމަޖެހުން ލިބިގެން ދެއެވެ. ދަރިފުޅަށް އަނބުރާ ހިނިތުންވެލުމާއި، ހަތަރުކަޅި ހަމަކުރުމާއި، އުފާވެރި އަޑުގެ ރާގެއް ބޭނުން ކުރުމަކީ މިސުލޫކު ވަރުގަދަވެ ޖަޒުބާތީ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ.
މޫނުމަތީގެ އަސަރުތައް ނަކަލުކުރުން
ހަތަރު މަހުގެ ތުއްތު ކުދިންނަކީ ވަރަށް ބޮޑަށް ކަންކަން ބަލާ ދެނެގަންނަ ކުދިން ކަމުން، ފެންނަ މޫނުމަތީގެ ކުލަވަރުތައް ނަކަލު ކުރަން ފަށައެވެ. މިސާލަކަށް ހިނިތުންވުމާއި، ބުމަ އެރުވުމާއި، ދޫބޭރައްލުން ފަދަ ހަރަކާތްތައް ހިމެނެއެވެ. މި ނަކަލުކުރުމަކީ ޖަޒުބާތީ އުނގެނުމުގެ މުހިންމު ބައެކެވެ. މޫނުގެ ހަރަކާތްތައް ކޮޕީކޮށްގެން ތުއްތު ކުދިންނަށް ތަފާތު އެކްސްޕްރެޝަންތަކުގެ މާނައަކީ ކޮބައިކަން އަދި ވާހަކަ ދެއްކުމާއި ނުލައިވެސް މީހުން އިހުސާސްތައް މުއާމަލާތުކުރާ ގޮތް ވިސްނެން ފަށައެވެ. އަދި މިއީ އެހެންމީހުންގެ އިހުސާސްތައް ދަސްކުރަން ފެށުމުގެ ނިޝާނެކެވެ. ކުޅެންއުޅޭ ވަގުތުގައި މޫނުމަތިން އެކި އަސަރުތައް ފާޅުކޮށް ދެއްކުމާއި، ހީސަމާސާކޮށް މަޖާ ގޮތްގޮތައް މޫނު ހެދުމާއި، މިކަންކަމާއިގުޅިގެން ދަރިފުޅު އަމަލުކުރާގޮތާއި ނަކަލުކުރާގޮތް ބަލައި ބެލެނިވެރިންނަށް މިކަން ކުރިއެރުވުމަށްޓަކައި އެހީތެރިވެވިދާނެއެވެ.
އެހެންމީހުނާއިއެކު ކުޅުމުގެ ތެރެއިން ލިބޭ އުފާވެރިކަން
މިއުމުރުގައި އެހެން މީހުނާއި ސަކަރާތްޖެހުމަށް އެކުދިން ވަރަށް ފޯރި ހުރެއެވެ. އެގޮތުން ފައިން ޖެހުމާއި، އަތުން ހަނާއެޅުމާއި ބާރަށް ހީހަދައެވެ. މީހުންގެ ބައިވެރިވުން ހިމެނޭ ކުޅިވަރުތަކުގައި (ޕީކަބޫ ފަދަ ކުޅިވަރުތައް) އެކުލެވޭ ދިނުމާއި ލިބިގަތުން (ގިވް އެނޑް ޓޭކް) އެކުދިން ދަސްކުރަންފަށައެވެ. އެގޮތުން މޫނުގައި އަތްއެޅުމުން އަލުން އަތްނަގާނެކަން ދެނެގަނެއެވެ. ނުވަތަ ދަންނަ އަޑަކުން ކުއްޖާގެ ނަމުން ގޮވާލުމުން އުފާވެރިކަމާއެކު އެއަޑަށް ސަމާލުކަންދެއެވެ. އަދި ކުޅުން ނިންމާލުމުން މޫނުމަތިން މާޔޫސްކަން ދައްކުވައި ދެރަވެ ރޮވޭތަންވެސް އާދެއެވެ. މިކަމުން އަންގައިދެނީ އެކުދިން ކައިރީގައިވާ މީހުނާއި ޖަޒުބާތީގޮތުން ގުޅިފައިވާ މިންވަރާއި އެހެންމީހުނާއި މުއާމަލާތުކުރުމަށް ކެތްމަދުވެފައިވާ މިންވަރެވެ. މިއަމަލުތަކުން އަންގައިދެނީ މީހުން ފެންނަންނެތްނަމަވެސް އުޅޭކަން އެނގުން ފަދަ އިހުސާސްތައް ތަރައްޤީވަމުންދާކަމެވެ.
އެކުގައިއުޅޭ މީހުން ދެނެގަނެ އިސްކަންދިނުން
އުމުރުން 4 މަހުގެ ތެރޭގައި އާންމުކޮށް ފެނިދެނިވާ ފަރާތްތައް ތުއްތު ކުދިން ދެނެގަންނަން ފަށައެވެ. އަދި ނުދަންނަ އައު މޫނުތަކަށްވުރެ އެފަރާތްތަކަށް އިސްކަންދޭކަން ފާގަހަކުރެވިދާނެވެ. ހާއްސަކޮށް މަންމަ ނުވަތަ ބައްޕަގެ އަޑު ފާހަގަކޮށް، އަޑު އިވުމުން ހިނިތުންވެ އެނބުރި ބަލާހަދާނެއެވެ. މިކަމަކީ ދަރިފުޅާއި ބެލެނިވެރިންނާއިމެދު އޮތް ޖަޒުބާތީ ގުޅުން ވަރުގަދަކަމުގެ ނިޝާނެކެވެ. އަދި އެކަމަކީ ދަރިފުޅުގެ ރައްކާތެރިކަމާއި އިތުބާރުގެ އިހްސާސްތަކަށް ވަރަށް މުހިންމު ކަމެކެވެ. ކުއްޖާގެ ބޭނުންތަކަށް ލޯތްބާއި ސަމާލުކަމާއެކު ރައްދުދިނުމަކީ ރައްކާތެރި ގުޅުމެއް އުފެއްދުމަށް އެހީތެރިވެދޭ ކަމެއް ކަމެކެވެ. އަދި މިކަމަކީ އުމުރުގެ ހުރިހާ ހިސާބެއްގައިވެސް ދުޅަހެޔޮ ޖަޒުބާތީ ގުޅުންތައް ތަރައްގީވުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
ތަފާތު ޖަޒުބާތުތައް ފާޅުކުރުން
އާނމުކޮށް ރުއިމަކީ ތުއްތު ކުއްޖެއްގެ ނުތަނަވަސްކަން ނުވަތަ ބޭނުންތައް ފާޅުކުރުމުގެ މައިގަނޑު ގޮތް ނަމަވެސް، ހަތަރު މަހުގެ ކުދިން ފުޅާ ދާއިރާއެއްގައި ޖަޒުބާތުތައް ފާޅުކުރަން ފަށައެވެ. އޭގެ ތެރޭގައި އުފާވެރިކަމާއި، މާޔޫސްކަމާއި، ފޯރިއާއި، އަދި ހައިރާންކަން ވެސް ހިމެނެއެވެ. މި އިޙްސާސްތައް ފާޅުކުރަނީ ތަފާތު ރުއިމާއި، މޫނުމަތީގެ ކުލަވަރު ނުވަތަ ހަށިގަނޑުގެ ހަރަކާތްތަކުގެ ތެރެއިންނެވެ. ކުދިން އުރާލުން، ބައްދާލުން ނުވަތަ މަޑުމައިތިރި އަޑުތަކަށް ޖަޒުބާތީގޮތުން އިޖާބަދޭވަރު ބޮޑެވެ. އަދި މަސަލަސްކުރަން ފަސޭހަވެއެވެ. މީގެން އަންގައިދެނީ މިއުމުރުގެ ކުދިން ޖަޒުބާތުތައް ފާޅުކުރަން ފަށައެވެ.
އިޖުތިމާޢީ-ޖަޒުބާތީ ކުރިއެރުމަށް ބެލެނިވެރިންނަށް އެހީތެރިވެވިދާނެ ގޮތް
ދަރިފުޅާއިއެކު ގިނައިން ވަގުތު ހޭދަކުރުން: ވާހަކަ ދައްކައި، ލަވަކިޔައިދީ ހެދުން އަދި ދަރިފުޅަށް މޫނުގެ ހަރަކާތްތައްފެނި އަޑު ސާފުކޮށް އިވޭނެހެން އެކުގައި ކުޅެހެދުން.
ދަރިފުޅުގެ އިޝާރާތްތަކަށް ސަމާލުވުން: ތަފާތު މީހުން ނުވަތަ ހާލަތްތަކާއި މެދު ދަރިފުޅު އަމަލުކުރާގޮތް ދެނެގަނެ ދަރިފުޅުގެ އިހުސާސްތަކާއިމެދު ވިސްނައިގެން އަމަލުކުރުން.
ހިންހަމަޖައްސައިދީ ލޯބިދިނުން: ޖިސްމާނީ ލޯތްބަކީ ތުއްތު ކުދިންނަށް ރައްކާތެރިކަން އިހުސާސް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އުރާލުމާއި، ހެއްލާލުމާއި އަދި މަޑުމަޑުން މަސާޖުކޮށްދީ ހެދުމަކީ ޖަޒުބާތީ ގުޅުން ބަދަހި ވެގެންދާކަމެކެވެ.
ގުޅިގެން ކުޅެވޭފަދަ ކުޅިވަރުތައް ކުޅުން: ފިކޯތް (ޕީކަބޫ) ފަދަ ކުދި ކުދި ގޭމްތައް ދަރިފުޅާއެކު ކުޅުމަކީ އިތުބާރު އުފެދި، ތުއްތު ކުދިންނަށް މުއާމަލާތުކުރުމުގެ ހުނަރު ދަސްކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ކަންކަން ކުރުމަށް ގަޑިތަކެއް ކަނޑައެޅުން: ލަފާކުރަންއެނގޭ ގޮތަށް ދުވަހުގެ ހަރަކާތްތައް ވަކި ތާވަލެއް ގޮތައް ބަހާލެވިގެން ކުރާނަމަ ރައްކާތެރިކަން އިތުރުވެ އިޖުތިމާއީގޮތުން ދިރިއުޅުން ބައްޓަންވަމުންދާގޮތް ދަސްކުރަން ފަށައެވެ.