ފުރާވަރުގެ ދުވަސްވަރަކީ އެކުދިންނާއި, އެކުދިންގެ މައިންބަފައިންނަށް، ޖަޒުބާތީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ދުވަސްވަރެކެވެ. އެކުގައި ހީ ސަމާސަކުރާ ދަރިފުޅު، ކުއްލިއަކަށް މަޑުމައިތިރިވެ، މާ އަވަސް އަވަހަށް މޫޑު ބަދަލުވެ ނުވަތަ ހެދިފަ ހުންނަ ކޮންމެ ގަވައިދަކާމެދު ސުވާލު އުފައްދަން ފަށައެވެ. މިއީ ހަމައެކަނި އެކުދިންގެ ޝަހުސިއްޔަތުގައި ހިމެނޭ ކަމެއް ނޫނެވެ. މިއީ އެކުދިންގެ ސިކުނޑި ހެދިބޮޑުވުމުގެ މަރުހަލާއެކެވެ.
ފުރާވަރުގެ މި ސިކުނޑިއަކީ އަދިވެސް ހެދިބޮޑުވަމުންދާ ސިކުނޑިއެއްކަމުން، މިކަން ބެލެނިވެރިންނަށްވެސް އެނގުމަކީ ބެލެނިވެރިންވެސް ކެތްތެރިކަމާއެކު އެކުދިންގެ އިހުސާސްތައް ދެނެގަނެ، އެކުދިންނަށް ރަނގަޅު އިރުޝާދުދިނުމަށް މަގުފަހިވާނެ ކަމެކެވެ.

ފުރާވަރުކުއްޖެއްގެ ސިކުނޑިތެރޭ ހިނގަނީ ކޮން ކަންތައްތަކެއް؟
1. ސިކުނޑި ތަރައްގީވަނީ ފަހަތުންފެށިގެން ކުރިއަށް
ފުރާވަރުގެ ދުވަސްވަރަކީ ސިކުނޑީގެ ހެދިބޮޑުވުމަށް ވަރަށް ބޮޑު ބަދަލެއް އަންނަ ދުވަސްވަރެކެވެ. ގިނަ ބެލެނިވެރިންނަށް އިހުސާސް ނުކުރެވޭ ކަމަކީ، ސިކުނޑިއަކީ އެއްފަހަރާ ތަރައްގީވާއެއްޗެއް ނޫންކަމެވެ. ސިކުންޑި ތަރައްގީވަމުން އަންނާނީ އެކި މަރުހަލާ ތަކަށެވެ. ސިކުނޑި ތަރައްގީވަމުން ދަނީ ސިކުނޑީގެ ފަހަތުން ފެށިގެން ކުރިއަށެވެ. ސިކުނޑީގެ ފަހަތަކީ އެންމެ އާދައިގެ ކަންކަން ކުރުމަށް ބޭނުން ކުރާ ހިއްސާއެވެ. މިއީ ކުދިންގެ ޖަޒުބާތުތަކާއި އުޅުން ބައްޓަން ކުރާ ހިއްސާއެވެ. އަދި ސިކުނޑީގެ ކުރީބަޔަކީ (ޕްރީ ފްރަންޓަލް ކޯޓެކްސް) ޖަޒުބާތީ ގޮތުންނާއި ވިސްނުމުގެ ގޮތުން މާ އެޑްވާންސް ކަންކަމަށްބޭނުން ކުރާ ހިއްސާއެކެވެ. ސިކުނޑީގެ މި ހިއްސާއަކީ ސަބަބުތައް ދެނެގަތުން، ރޭވުންތެރިކަމާއި އަދި ކަންކަން ނިންމުމަށް ބޭނުން ކުރާ ހިއްސާއެކެވެ. ޕްރީ ފްރޮންޓަލް ކޯޓެކްސް އެކީ ތަރައްގީވެ ނިމޭނީ އުމުރުން ގާތްގަނޑަކަށް 25 އަހަރު ހިސާބުގައެވެ.
ނަތީޖާއެއްގެ ގޮތުން، ފުރާވަރުގެ ކުދިންނަށް ބޮޑެތި މީހުނާ އަޅާ ބަލާއިރު ޖަޒުބާތުތައް މާ ފުންކޮށް އިހުސާސްކުރެވި، އަދި އެ ޖަޒުބާތުތައް ވަކި ހަމައެއްގައި ހިފެހެއްޓުމުގައި ދަތިތަކެއް ހުރެއެވެ. އެހެންކަމުން، ރަނގަޅަށް ވިސްނުމެއްނެތި ނުވަތަ އެއިގެން ނިކުންނާނެ ނަތީޖާއަކަށް ވިސްނާލުމެއްނެތި އެއްޗެހި ބުނުމާއި ކަންކަން ނިންމުމަކީ މި ކުދިންގެ ކިބައިން ފެނިދާނެ ކަމެކެވެ. ދުރާލާ ކަންކަން ރޭވުމާއި، ކަމަކުން ދިގު މުއްދަތުގައި ނިކުމެދާނެ ނަތީޖާއަށް ވިސްނުމަކީ މިކުދިންނަށް ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ. މިއީ އެކުދިން ޒިންމާދާރުނުވެގެނެއް ނޫނެވެ. ނަމަވެސް އެކުދިންގެ ސިކުނޑިއަކީ އަދި ތަރައްގީވަމުންދާ އެއްޗަކަށް ވީތީއެވެ. މިކަން ރަނގަޅަށް އެނގި ދެނެގަނެވުމަކީ، ބެލެނިވެރިންގެ މާޔޫސްކަމާއި ހިތްހަމަނުޖެހުން، ކެތްތެރިކަމަށް ބަދަލުވެ، ކުދިން އެ ކުދިންގެ ވިސްނުމާއި ކަންކަން ނިންމުމަށް ދަސްކުރަމުންދާ މި ދަނޑިވަޅުގައި، އެ ކުދިންނަށް ތަރުހީބު ދިނުމުގެ ރަނގަޅު ގޮތްތަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
2. ކަމެއް ހާސިލްވުމުން އޭގެން ލިބޭ ބަދަލަށް (ރީވާރޑް) އިސްކަމެއްދޭންފެށުން
ފުރާވަރުގެ ކުދިންގެ ސިކުނޑީގައި ޑޯޕަމީންގެ ހަރަކާތް ގުދުރަތީ ގޮތުން އިތުރުވެއެވެ. ޑޯޕަމީންއަކީ އުފާވެރި ހިތްހަމަޖެހޭ ކަމެއް ހާސިލްކުރެވުމުން، ނުވަތަ ކަމެއް ކާމިޔާބު ކުރެވުމުން، އާ ކަމެއް ތަޖުރިބާ ކުރެވުމުން ނުވަތަ މީހެއްގެ ފަރާތުން ތައުރީފެއް ލިބުންފަދަ ކަންކަމުން އުފާވެރިކަން ގެނެސްދޭ ކެމިކަލެކެވެ. ފުރާވަރުގެ ކުދިންނަގެ ސިކުނޑިއަށް މި ކެމިކަލްގެ އަސަރުކުރާވަރު އިތުރުވެ މި ކަންކަމުން ލިބޭ ހިތްހަމަޖެހުން މާ އިތުރުވެއެވެ. މީގެ ސަބަބުން ، މި ކުދިން ނުރައްކާތެރި، އާދަޔާހިލާފު ކަންކަން ތަޖުރިބާކުރުމަށް ޝައުގުވެރިވެ، މާ ބޮޑު ވިސްނާލުމަކާ ނުލާ މިފަދަ ކަންކަން ކުރަން ފަށައެވެ. ހާއްސަކޮށް ރައްޓެހިންނާއެކު އުޅޭވަގުތުތަކުގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އާދަޔާ ހިލާފު ނުރައްކާތެރި ކުޅިވަރުތައް ( އެކްސްޓްރީމް ސްޕޯޓްސް)ގައި ބައިވެރިވުން ނުވަތަ ބެލެނިވެރިންނަށް ފިލައިގެން ތަންތަނަށް ދިއުމާއި ކަނޑައެޅިފައިވާ މިންގަނޑުތަކާއި ގަވައިދުތައް މުގުރާލުމަށް މަސައްކަތް ކުރެއެވެ. ނުރައްކާތެރިކަމަކުން ވިޔަސް، ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް މިކުދިންގެ ސިކުނޑި މަސައްކަތް ކުރެއެވެ. މިކަންކަން ދެނެގަނެވުމުގެ މާނައަކީ މިފަދަ ނުރައްކާތެރި ކަންކަން ކުރުމަށް ދޫކޮށްލުމެއް ނޫނެވެ. ނަމަވެސް މިފަދަ ނުރައްކާތެރި ކަންކަމަށް ޝައުގުވެރިކަން ހުރުމަކީ އެކުދިންގެ ސިކުނޑީގެ ހެދިބޮޑުވުމުގެ ބައެއްކަން ބަލައިގަތުމެވެ. އެހެންކަމުން، ކުދިންނަށް މިފަދަ ކަންކަން ރައްކާތެރި އަދި ބެލެނިވެރިންގެ ބެލުމުގެ ދަށުން ތަޖުރިބާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، ކުޅިވަރުތަކުގައި ބައިވެރި ކުރުމާއި، ސިކުނޑި ތަރައްގީވާފަދަ ޕްރެޖެކްޓްތަކުގައި މަސައްކަތް ކުރުވުމާއި، ގެއިން ބޭރުގައި ކުރެވޭ ތަފާތު ހަރަކާތްތަކުގައި ބައިވެރި ކުރުމަކީ ކުރެވިދާނެ ކަމެކެވެ. އަދި މީގެ އިތުރުން، ނުރައްކާތެރި ގޮތުގައި ކަންކަން ކުރެވިއްޖެނަމަ އޭގެން ނިކުމެދާނެ ނަތީޖާއާމެދު ތެދުވެރިކަމާއެކު ރަނގަޅަށް ވާހަކަ ދެއްކުމަކީވެސް މުހިއްމުކަމެކެވެ.
3. ނިދުމަށް ބަދަލު އައުން
ފުރާވަރަކީ ހަމައެކަނި ޖިސްމާނީ ގޮތުން ބަދަލު އަންނަ ދުވަސްވަރެއް ނޫނެވެ. ކުދިންގެ ނިދުން ހުންނަ ގޮތަށްވެސް ބަދަލު އަންނަ ދުވަސްވަރެކެވެ. މި ދުވަސްވަރަކީ، އެ ކުދިންގެ ނިދުމާއި ހޭލުމުގެ ބުރު ރެގިއުލޭޓްކުރާ، ހަށިގަނޑުގެ އެތެރޭގެ ގަޑިކަމުގައިވާ، ސާރކޭޑިއަމް ރިދަމްއަށް ލަސްތަކެއް އަންނަ ދުވަސްވަރެކެވެ. އެމެރިކާގެ ނެޝަނަލް ސްލީޕް ފައުންޑޭޝަން އަދި އަކަޑެމީ އޮފް ސްލީޕް މެޑިސިންއިން ހަދާފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި ބަދަލުގެ ސަބަބުން، ފުރާވަރުގެ އުމުރުގެ ކުދިންނަށް ގުދުރަތީގޮތުން ރޭގަނޑު ނިދިއަންނަލެއް ލަސްވެ، އަވަހަށް ނިދަން އުނދަގޫވެ، ހެނދުނު ހޭލެވޭ ވަގުތު ލަސްވެއެވެ. މި ބަޔޮލޮޖިކަލް ބަދަލަށް ކިޔަނީ “ސްލީޕް ފޭސް ޑިލޭ” އެވެ. މިއީ ގުދުރަތީ ގޮތުން ކުދިންގެ ހަށިގަނޑަށް އަންނަ އާދައިގެ ބަދަލެއްކަމުގައިވީނަމަވެސް، މި ކަމަކީ ހެނދުނު މާ އަވަހަށް ސުކޫލުގެ ގަޑިތައް ފެށުމާއި، ރޭގަނޑު ގޭމު ކުޅުމާއި، ސްކްރީންގައި ގިނަވަގުތު ހޭދަކުރުން ފަދަ ކަންކަމުގެ ސަބަބުން، މި އުމުރުގެ ކުދިންނަށް ނިދި މަދުވެ، އެ ކުދިންގެ ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމެކެވެ.
ނިދި މަދުވުމަކީ ފުރާވަރުގެ ކުއްޖެއްގެ ދުޅަހެޔޮކަމުގެ ގާތްގަނޑަކަށް ހުރިހާ ކަމަކަށް ވެސް އަސަރުކުރާ ކަމެކެވެ. އެއީ މޫޑު ބަދަލުވުމާއި، ރުޅިގަދަވުމާއި، ސަމާލުކަން ދަށްވުމާއި، ހަނދާނުގެ މައްސަލަތައް ކުރިމަތިވުމަށް މެދުވެރިވާ ކަމެކެވެ. އަދި މިއީ ކިޔެވުމާއި، ސުކޫލުގެ ނަތީޖާއާއި، ޖިސްމާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރާ ކަމެކެވެ. އާއްމުކޮށް ފުރާވަރުގެ ކުދިންނަށް 8 ގަޑިއިރާ 10 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދި ބޭނުންވާނަމަވެސް، ގިނަ ކުދިންނަށް ނިދި ލިބެނީ ވަރަށް މަދުންނެވެ. މިކަމުގައި އެހީތެރިވުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ނިދުމުގެ ވަކި ގަވައިދެއް ނުވަތަ ރޫޓީންއެއް ކަނޑައެޅުން، ނިދާ ގަޑި ޖެހުމުގެ ކުރިން ސްކްރީން ބޭނުން ކުރުން ހުއްޓުވުމުގެ އިތުރުން ސުކޫލު ފެށޭގަޑި ލަސްކުރަން ވަކާލާތު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. މި ކުދިންނަކީ ކަންނެއްކަމުން ލަހުން ހޭލާ ކުދިން ނޫންކަމާއި، މި ކުދިންގެ ސިކުނޑީގެ މަސައްކަތްތައް މި އުމުރުފުރައިގައި ހަމަޖެހިފައިވަނީ ލަހުން ހޭލާގޮތަށްކަން ދެނެގަނެ އެކަން ގަބޫލުކުރުމަކީ އެކުދިންނަށް ހިތްވަރާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދޭނެ ކަމެކެވެ.
ބެލެނިވެރިން ކަންތައް ކުރަންވީ ކޮންގޮތަކަށް؟
1. ދެބަސްވުމެއް ހިނގާ ވަގުތު ހަމަޖެހިލައިގެން ކުރިމަތިލުން
ފުރާވަރުގެ ކުދިންނަށް ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާ ވަގުތު، އެކުދިންގެ ސިކުނޑި މަސައްކަތްކުރާނީ ވިސްނުންތެރިކަމާއެކު ގޮތް ނިންމަން ބޭނުންކުރާ ޕްރީފްރަންޓަލް ކޯޓެކްސްގެ ބަދަލުގައި، އެ ކުދިންގެ ޖަޒުބާތުތައް ޕްރޮސެސް ކުރާ ސެންޓަރުކަމަށްވާ ސިކުނޑީގެ “އެމިގްޑަލާ” އިންނެވެ. މީގެ މާނައަކީ، ރުޅިއާއި، ހިތްހަމަނުޖެހުމާއި، ހާސްކަމުގެ މި ވަގުތުގައި، އެ ކުދިން ގަސްތުގައި ނުވަތަ ބުނަން މާނަ ނުކުރެވިވެސް އެއްޗެހި ބުނެވުން، ނުވަތަ ރުޅިއާދެވޭގޮތްވެއެވެ. މިހާލަތުގައި، ބެލެނިވެރިން، ރުޅިވެރިކަމާއެކު އަދަބުދީގެން ރައްދުދޭނަމަ، މައްސަލަ ހައްލުވުމުގެ ބަދަލުގައި އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ. އެވަގުތުގައި މި ކުދިންނަށް ބޭނުންވަނީ ކޮންޓްރޯލުގެ ކުރުމުގެ ބަދަލުގައި ހަމަޖެހިލުމެވެ.
ހަމަޖެހިލައިގެން ހުރުމުގެ މާނައަކީ ކަންކަން ބޮއްސުންލާން ދޫކޮށްލުމެއް ނޫނެވެ. އޭގެ މާނައަކީ އެކަންކަމާ ކުރިމަތިލުމަށް ރަނގަޅު ވަގުތުކޮޅެއް އިޚްތިޔާރު ކުރުމެވެ. ޖަޒުބާތުތައް މައްޗައްދާ ވަގުތުގައި، ކުޑަ ހުސްވަގުތުކޮޅެއް ނެގުމަކީ، ބެލެނިވެރިޔާ އަދި ކުއްޖާއަށްވެސް ހަމަޖެހިލެވި، ސާފު ސިކުނޑިއައާއެކު މައްސަލައަށް އަލުން ބަލާލެވޭނެ ކަމެކެވެ. މިގޮތުން ވާހަކަ ދެއްކުމުގެ ތެރޭގައި،ތަގުރީރެއް ދިނުމުގެ ބަދަލުގައި ބެލެނިވެރިންގެ ސަމާލުކަން ހުންނަންވާނީ އެކުދިންގެ ވާހަކަ އަޑުއެހުމަށެވެ. އުނދަގޫގޮތެއް ހުރިކަމުގައިވިޔަސް، އެ ކުދިންގެ އިހުސާސްތައް ބަޔާންކޮށްދޭން ފުރުސަތު ދިނުމަކީ ބެލެނިވެރިން އެކުދިންގެ ވާހަކަ އަޑުއަހާކަމާއި އިހުސާސްތަކަށް އިހުތިރާމު ކުރާކަން އެކުދިންނަށް އިހުސާސް ކުރެވޭނެ ކަމެކެވެ. އަދި ވަގުތާއެކު އެކުދިންގެ އިތުބާރު ލިބި ކުރިއަށް އޮތްތާ ބެލެނިވެރިންގެ ބަސް ގަބޫލުކުރާ ކުދިންތަކަކަށް ވުމަށް މަގުފަހިވާނެ ކަމެކެވެ.
2. ހަމައެކަނި ބުނުމުގެ ބަދަލުގައި ދަސްކޮށްދިނުމަށް މަސައްކަތްކުރުން
މި އުމުރުފުރައަކީ ޕްރީފްރަންޓަލް ކޯޓެކްސް އަދިވެސް ތަރައްގީވަމުންދާ އުމުރުފުރައެއްކަމުން، މި ކުދިންނަށް ދިގުމުއްދަތުގެ ކަންކަން ރޭވުމާއި ގޮތްނިންމުމުގައި ދަތިތަކެއް ހުރެއެވެ. ކަންތައްތަކުން ނިކުންނާނެ ނަތީޖާއާއި، ގެއްލުންތަކާއި ފައިދާތަކާއި، އަމިއްލައަށް ކުރެވޭ ކަންތައްތަކުގެ ޒިންމާ ނަގަން އަދި ދާނީ ދަސްކުރަމުންނެވެ. ހަމައެކަނި “ތިގޮތަށް ކަންތައް ނުކުރާށޭ” ނުވަތަ “ކަންތައް ތި ކުރެވެނީ ގޯސްކޮށް” ކަމަށް ބުނުމުން އެވަގުތައް އެކަމެއް ބަދަލުކުރިނަމަވެސް، ކުރިމަގުގައި ގޮތްނިންމަން ދަހެއް ނުވެއެވެ.
މީގެ ބަދަލުގައި، ބެލެނިވެރިން، އެކުދިންގެ ވިސްނުން ގެންގުޅެންވީގޮތުގެ މަގުދައްކައިދީ ވިސްނުމަށް މަގުފަހިވާނެފަދަ ސުވާލުތައްކޮށް ހެދިދާނެއެވެ. މިސާލަކަށް، “ދަރިފުޅު ދެކޭގޮތުގައި މިގޮތަށް ކަންތައް ކޮށްފިނަމަ ވާނީ ކިހިނެއް؟” ނުވަތަ “މިކަންތައް ކުރެވޭނެ މިއަށްވުރެ ރައްކާތެރި ގޮތެއް އޮތްތޯ؟” ސުވާލު ކުރެވިދާނެއެވެ. މިގޮތައް ކަންތައް ކުރުމުން ހަމައެކަނި އަދަބުން ސަލާމަތްވުމަށް ގަވައިދުތަކަށް ބޯލެނބުމުގެ ބަދަލުގައި، ކުދިންގެ ސިކުނޑީގެ މަސައްކަތްކުރުން އިތުރަށް ކުރިއަރާ، ވިސްނުން ތަރައްގީވެ، އަމިއްލަ ނަފުސު ކޮންޓްރޯލު ކުރަން ދަސްވެއެވެ.
3. ރައްކާތެރިގޮތުގައި ރިސްކު ނަގަން ދަސްކޮށްދިނުން
ފުރާވަރުގެ ކުދިންނަކީ ގުދުރަތީ ގޮތުން މިނިވަންކަމާއި އާ ތަޖުރިބާތައް ކުރުމަށް ލޯބިކުރާބައެކެވެ. މިއީވެސް ހެދިބޮޑުވުމުގެ ބައެކެވެ. ނަމަވެސް، ބެލެނިވެރިން، މިފަދަ ކަންކަން ހުއްޓުވަން މާ ބޮޑަށް މަސައްކަތް ކުރާނަމަ، މާ ނުރައްކާތެރި އަދި ސިއްރު ގޮތްގޮތައްވެސް އެކަންކުރުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ބެލެނިވެރިންގެ ބެލުމުގެ ދަށުން، ތަފާތު ވައްތަރުގެ ކުޅިވަރުތައް ކުޅުން، މަސްބާނަން ދިއުން، ފީނުން، އުފެއްދުންތެރިކަން އިތުރުވާފަދަ ހަރަކާތްތަކަކީ އެކުދިން ކުރަން ބޭނުންވާފަދަ ތަޖުރިބާތައް ހެޔޮގޮތެއްގައި ކުރުމަށް މަގުފަހިވާނެ ކަމެކެވެ. ކަންކަމުގައި އިސްނަގަން ހިތްވަރުދިނުމުގެ ތެރެއިން، އެ ކުދިން އަމިއްލަ ކުޑަ ވިޔަފާރިއެއް ފެށުމާއި، އިޖުތިމާއީ ކަންކަމުގައި އިސްކޮށް އުޅުންފަދަ ކަންކަމަކީ އެކުދިންނަށް ޒިންމާއާއި ދިރިއުޅުމުގެ މަގުސަދު ވިސްނުމަށް އެހީތެރިވެދޭނެ ކަމެކެވެ.
4. ނިދި ހަމަކުރުމަށް އިސްކަންދިނުން
ފުރާވަރުގެ ކުދިންނަކީ އާއްމުކޮށް ދަންވަންދެން ހޭލާތިބޭ އަދި ހެނދުނު އަވަހަށް ހޭލުމަށް ދަތިތަކެއް ހުންނަ ބައެކެވެ. މީގެ ސަބަބަކީ މި އުމުރުފުރައިގެ ކުދިންގެ ސިކުނޑިން ރޭގަނޑު ފަހުކޮޅު މެލަޓޮނިން ކިޔާ ނިދުމާ ގުޅުން ހުރި ހޯމޯން ދޫކުރުން އިތުރުވުމުގެ ސަބަބުން އެ ކުދިންނަށް ނިދުމަށް އުނދަގޫވާތީއެވެ. ހިތާމަޔަކީ ސުކޫލުތައް ފަށާ ވަގުތު އަވަސްވުމާއި، ރޭގަނޑު ސްކްރީން ބޭނުން ކުރެވޭ ވަގުތު ގިނަވުމުގެ ސަބަބުން މި ކަންތައް އިތުރަށް ގޯސްވެ، ކުދިންނަށް ނިދި މަދުވުމަށް މެދުވެރިވުމެވެ.
މާބޮޑަށް ނިދި މަދުވުމަކީ، މިކުދިންގެ މޫޑާއި، ސަމާލުކަން ދިނުމާއި، ހަނދާނުގައި ކަންކަން ހަރުލުމާއި، ގޮތް ނިންމުމާއި، ޖިސްމާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން މިކުދިންގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކާ، ރަނގަޅު ނިދާ ގަޑީގެ އާދަތަކެއް ކަނޑައެޅުމަކީ މުހިއްމު ކަމެކެވެ. ނިދުމުގެ ތާވަލެއް ކަނޑައަޅާ، ނިދުމުގެ މަދުވެގެން އެއް ގަޑިއިރު ކުރިން ސްކްރީން ބޭނުންކުރުން ހުއްޓުވުމާއި، ނިދުމަށް ހިތްފަސޭހަ މަޑުމައިތިރި މާހައުލެއް ގާއިމު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ފާޑުކިޔުމުގެ ބަދަލުގައި ފުރާވަރުގެ ކުދިންނަކީ އިތުރަށް ނިދި ބޭނުންވާ ބައެއްކަން ދެނެގަނެ އެކަމަށް އިހުތިރާމުކުރުމަކީ އާއިލާތެރޭ ގުޅުން ރަނގަޅުވެ ރަނގަޅު އާދަތައް އަށަގެންނުވޭނެ ކަމެކެވެ.
ފުރާވަރުގެ ސިކުނޑިއަކީ ބޮޑުމީހެއްގެ ސިކުނޑިއަށް ބަދަލުވުމަށް އިތުރައް ތަރައްގީވަމުން އަންނަ ސިކުނޑިއެކެވެ. ބެލެނިވެރިންގެ ލޯތްބާއި ހިތްވަރުދިނުމުގެ ތެރޭން މިކުދިންނަކީ ވިސްނުންތެރި އަދި ހަރުދަނާ މީހެއްގެ ގޮތުގައި ބޮޑުވެގެންދެއެވެ. މިކުދިންގެ ސިކުނޑި ބޮޑަށް ދެނެގަނެވުނު ވަރަކަށް، މިކުދިންނަށް ރަނގަޅު މަގުދައްކައިދިނުމަށް ފަސޭހަވެގެންދެއެވެ.