އެންޒައިޓީ ނުވަތަ ކަންކަމާ މާ ބޮޑަށް ބިރުގަނެ ހާސްވުމަކީ ހަމައެކަނި ފުރާވަރުގެ ކުދިންނާއި ބޮޑެތި މީހުނަށް ކުރިމަތިވާ ކަމެއް ނޫނެވެ. މިއީ ކުޑަކުދިންނަށް ވެސް ކުރިމަތިވެދާނެ ކަމެކެވެ. ނަމަވެސް ބޮޑެތި ކުދިންނާ ހިލާފަށް، ކުޑަކުދިންނަށް އެކުދިންގެ އިހުސާސްތައް ރަނގަޅަށް ބުނެދޭން ނޭންގުމަކީ ބެލެނިވެރިންނަށް މިކުދިންނަށް މިފަދަ ކަމެއް ދިމާވުމުން ދެނެގަންނަން ދަތިވާ އެއް ސަބަބެވެ. މިކުދިންގެ ކިބައިން އެންޒައިޓީގެ ނިޝާން ފެންނާނީ ކޮން ސިފައަކުން ކަން ބެލެނިވެރިންނަށް ސާފުވެފައި އޮތުމީ ކުދިންނަށް ރައްކާތެރިކަން އިހުސާސްކުރެވި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވާނެ ކަމެކެވެ.
ކުޑައިރުގެ އެންޒައިޓީއަކީ ކޮބާ؟

ކަންބޮޑުވުމަކީ ނުވަތަ އެންޒައިޓީއަކީ ސްޓްރެސް ނުވަތަ ނުރައްކަލަކަށް އިންސާނުން ދޭ ޤުދުރަތީ ރައްދެކެވެ. ކުޑަކުދިންގެ ކިބައިގައި، ކޮންމެވެސް މިންވަރަކަށް ކަންބޮޑުވުންތަކާއި ބިރުގަތުން ހުރުމަކީ އެ ކުދިންގެ ހެދިބޮޑުވުމުގެ ބައެކެވެ. މިސާލަކަށް، ކުޑަކުދިން މައިންބަފައިންނާ ވަކިވުމުގެ ކަންބޮޑުވުން ކުރިމަތިވުމާއި، ޕްރީސްކޫލް އުމުރުގެ ކުދިން އަނދިރިއަށް ބިރުގަތުމަކީ އާންމު ކަމެކެވެ.
ނަމަވެސް، މާ ގިނައިން ނުވަތަ މާ ބޮޑަށް ބިރުގަނެ، ދިރިއުޅުމުގެ ކަންކަމަށް ހުރަސްއެޅޭ ހިސާބަށް ދިޔުމުން، އެއީ ހަމައެކަނި ވަގުތީ މަރުޙަލާއެއް ކަމުގައި ނުވެދާނެއެވެ.
ކުޑަކުދިންގެ ކިބައިން ފެންނަ އާންމު އެންޒައިޓީގެ އަލާމާތްތައް
ކުޑަކުދިންގެ ކިބައިގައި އެންޒައިޓީ ގިނަފަހަރު ފާހަގަކުރެވެނީ އެކުދިން އަނގަބަހުން އެކަން ބުނުމުގެ ބަދަލުގައި އުޅުމާއި ޖިސްމާނީ އަލާމާތްތަކުންނެވެ. ތިރީގައި މިވަނީ ސަމާލުކަން ދޭންޖެހޭ މުހިންމު އަލާމާތްތަކެވެ:
1. ޖިސްމާނީ ގޮތުން ފާހަގަ ކުރެވޭކަންކަން (ފިޒިކަލް ކޮމްޕްލެއިންޓްސް)
- ސިއްހީ ސަބަބެއް ނެތި މާގިނައިން ބޮލުގައި ރިއްސުން ނުވަތަ ބަނޑުގައި ރިއްސުން
- ސްކޫލަށް ނުވަތަ އިޖްތިމާޢީ ހަރަކާތްތަކަށް ދިއުމުގެ ކުރިން މޭނުބައިކުރުން ނުވަތަ ހޮޑުލުން
- ވަރުބަލިކަން ނުވަތަ ނިދުމަށް އުނދަގޫވުން
2. ބައެއް ކަންކަމާއި ދުރުވުމުގެ އާދަތައް (އެވޮއިޑެންސް ބިހޭވިއަރ)
- ސްކޫލަށް، ޑޭކެއަރއަށް ނުވަތަ އިޖްތިމާޢީ ހަރަކާތްތަކަށް ދިއުމަށް އިންކާރުކުރުން
- ވަކި ތަންތަނަށް ދިއުމަށް ބޭނުން ނުވުން، ވަކި ބަޔަކާ ބައްދަލުކުރަން ބޭނުން ނުވުން ނުވަތަ ހަރަކާތްތަކަށް ދިއުމަށް އިންކާރުކުރުން
- އާ މާހައުލުތަކުގައި މައިންބަފައިންނާ ދުރަށް ދާން ބޭނުންނުވުން.
3. ޖަޒުބާތީ ބަދަލުތައް (އިމޯޝަނަލް ޗޭންޖަސް)
- އަވަސް އަވަހަށް ރުއިމާއި، ރުޅިއައުން ނުވަތަ ހިތްހަމަނުޖެހުން
- އާންމު ކަންކަމާމެދު (މިސާލަކަށް، މޫސުން، ލަސްވުން) މާބޮޑަށް ކަންބޮޑުވުން
- ކުދިކުދި މައްސަލަތަކަށް ބޮޑަށް ރިއެކްޓްކުރުން
4. ތަކުރާރުކޮށް ކުރާ ޢަމަލުތައް (ރެޕިޓިޓިވް ބިހޭވިއަރ)
- އަބަދުވެސް ޔަގީންކަން ހޯދުމަށް އެދުން (“މަންމަ އެތާ ހުންނާނަންތަ؟)
- ރައްކާތެރިކަން އިހުސާސްކުރުމަށްޓަކާ ވަކި އަމަލުތަކެއް ނުވަތަ އާދަތަކެއް ތަކުރާރުކުރުން
- އެއް ހަރަކާތުން އަނެއް ހަރަކާތަށް ބަދަލުވުމަށް އުނދަގޫވުން
5. ފަހަތަށް ޖެހުން (ރިގްރެޝަން)
- ކުރިން ދޫކޮށްލާފައިވާ އާދަތަކަށް އަނބުރާ ދިއުން (މިސާލަކަށް، އިނގިލި ބުއިމާއި ނިދީގައި ކުޑަކަމުދިއުން)
- ހިތްހަމަޖެހުން ލިބޭ ތަކެއްޗަށް އިތުރަށް ބޭނުންވުން
- ކަންބޮޑުވާ ވަގުތުތަކުގައި އުމުރަށްވުރެ ހަގުކޮށް އަމަލުކުރުން
ކުޑަކުދިންގެ ކިބައިގައި އެންޒައިޓީ ނުވަތަ ކަންބޮޑުވުން އުފެދެނީ ކީއްވެ؟
ކަންބޮޑުވުމަށް މަގުފަހިވާ ކަންތައްތައް:
- ކުދިންގެ މިޒާޖުގެ ސަބަބުން- ބައެއް ކުދިންނަކީ ޠަބީއީ ގޮތުން ވަރަށް ނާޒުކު ކުދިންނެވެ.
- ޢާއިލާގެ ތެރޭގައި ކަންބޮޑުވުން (އެނޒައިޓީ) ނުވަތަ ނަފްސާނީ ބަލިތައް ހުރުން
- ދިރިއުޅުމުގައި ދިމާވާ ބޮޑެތި ކަންތައްތައް – މިސާލަކަށް: މައިންބަފައިން ވަރިވުން، ބަލިވުން، ދިރިއުޅޭ ތަން ބަދަލުވުން، އާ ކުއްޖަކު އުފަންވުން)
- ވަށައިގެންވާ މާޙައުލުގެ ނޭދެވޭ އަސަރު، މިސާލަކަށް މައްސަލަޖެހުމާއި ހަމަނުޖެހުން ބޮޑު މާހައުލެއް ފެނުން.
އެހީތެރިވެވޭނެ ގޮތްތައް
ކަންބޮޑުވުން ނުވަތަ އެންޒައިޓީ އަވަހަށް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅަށް އެހީތެރިވެވޭނެ ބައެއް ގޮތްތަކުގެތެރޭގައި:
1. ކުއްޖާގެ އިހުސާސްތަކަށް އިހުތިރާމްކުރުން
ދަރިފުޅަށް ބިރުގަތުމާއި ކަންބޮޑުވުމަކީ މައްސަލައެއް ނޫންކަން އަންގައިދޭށެވެ. “ކަންބޮޑުވާންޖެހޭ ކަމެއް ނެތޭ” ފަދަ ޢިބާރާތްތައް ބޭނުންކުރުމުގެ ބަދަލުގައި “ވަރަށް އުނދަގޫވާނެކަން އެނގޭ. މަންމަ މިހިރީ ދަރިފުޅާއެކު” މިފަދައިން ބުނެދޭށެވެ.
2. ދުވަހުން ދުވަހަށް ކުރާ ކަންތައްތައް އެއްގޮތަކަށް ހަމަޖެއްސުން
އެއްގޮތަކަށް ކަންތައްތައް ކުރުމުން ކުދިންނަށް ރައްކާތެރިކަން އިހުސާސްކުރެވެއެވެ. ކާން ކޮންމެ ދުވަހަކަށްވެސް އެއް ގަޑީއެއް ކަނޑައެޅުން، ނިދުމަށް ވަކި ތާވަލެއް ގެންގުޅުން އަދި ކުރީއްސުރެ އާންމުކޮށް ކުރަމުން އަންނަ ކަންތައްތައް (މިސާލަކަށް ނިދަން އޮށޯތުމުގެ ކުރިން ވާހަކަ ކިޔައިދިނުން ފަދަ ކަންކަން) ކުރުމުން ކަންބޮޑުވުން ކުޑަކުރެވިދާނެއެވެ.
3. ކަންބޮޑުވުމާ ކުރިމަތިލާނެ ފަސޭހަ ގޮތްތައް ދަސްކޮށްދިނުން
- ފުންކޮށް ނޭވާލެވޭފަދަ ކުޅިވަރުތައް (“މަލުން ވަސްބެލުން، އުއްބައްތީގެ ހުޅުގަނޑު ނިއްވާލުން”)
- އިހުސާސްތައް ކުރަހާލުން ނުވަތަ ކުލަ ޖެއްސުން
- އިހުސާސްތަކުގެ ނަން ކިޔުމަށް “އިހުސާސްތަކުގެ ޗާޓު” ބޭނުންކުރުން
4. ބިރުވެރިކަމާ ކުރިމަތިލުމަށް މަޑުމަޑުން ބާރުއެޅުން
ބިރުގަންނަ ކަންތައްތަކާ ކުރިމަތިނުލުމުން އެކަން އިތުރަށް ގޯސްވެދާނެއެވެ. ބެލެނިވެރިޔާގެ އެހީތެރިކަމާއެކު، ދަރިފުޅު މަޑުމަޑުން ބިރުގަންނަ ކަންތައްތަކާ ކުރިމަތިލުމަށް އެހީތެރިވެދޭށެވެ.
5. ބެލެނިވެރިޔާ ނަމޫނަ ދެއްކުން
ކުދިން ވަރަށް ފަސޭހައިން ބެލެނިވެރިޔާގެ އިހުސާސްތަށް ނަގައިގަންނާނެއެވެ. އުނދަގޫ އަދި ކަންބޮޑުވާ ވަގުތުތަކުގައި ހަމަޖެހިފައި ހުރުމަށް މަސައްކަތްކޮށް، ކަންބޮޑުވުމާ ކުރިމަތިލާނެ ރަނގަޅު ގޮތްތައް ދަރިފުޅަށް ދައްކުވައިދޭށެވެ.
ކަމުގެ ތަޖުރިބާކާރެއް ގާތުން އެހީ ހޯދަންވީ ކޮންވަގުތަކު؟
އެންޒައިޓީގެ ސަބަބުން ދަރިފުޅު ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމަށް ނުވަތަ އެހެން މީހުނާ އޮންނަ ގުޅުމަށް އަދި ކެއުމާއި ނިދުންފަދަ ކަންކަމަށް އަސަރުކުރާނަމަ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ނުވަތަ ކުޑަކުދިންގެ ސައިކޮލޮޖިސްޓަކަށް ދައްކަންވާނެއެވެ.
- ދިމާވާ ކޮންމެ ކަމަކަށް އިންތިހާއަށް ކަންބޮޑުވުން
- ޕެނިކް އެޓޭކް (ކުއްލިޔަކަށް އާދަޔާ ހިލާފަށް ބޮޑަށް ބިރުގަނެ، ހިތުގެ ވިންދު އަވަސްވުމާއި، ނޭވާ ހާސްވުމާއި، އެނބުރުން އެރުމާއި ތުރުތުރު އެޅުންފަދަ ޖިސްމާނީ އަލާމާތްތައް ހިމެނޭ ކަންތައްތަކެއް ތަކުރާރުކޮށް ކުރިމަތިވުން)
- އަމިއްލަ ނަފްސައް ގެއްލުންވާފަދަ ކަންކަން ކުރުމާއި، ދުނިޔޭގައި އުޅެން ބޭނުން ނުވުން.
މިފަދަ ކަންކަން ދިމާވޭތޯ ސަމާލުވުން ވަރަށް މުހިންމެވެ.
ކުޑަ ކުދިންގެ ކިބައިން އެންޒައިޓީ ދެނެގަތުމަކީ ފަސޭހަ ކަމަކަށް ނުވިނަމަވެސް، އެކުދިންގެ އުޅުމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި، ޖަޒުބާތުތަކަށް ސަމާލުކަން ދިނުމަކީ އަވަހަށް މިކަން ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. ލޯތްބާއި، ކެތްތެރިކަމާއި، ރަނގަޅު ވަސީލަތްތަކުގެ އެހީގައި ކުއްޖާއަކީ ހުރިހާ ހާލަތަކަށްވެސް ފެތޭ، ޖަޒުބާތީގޮތުން ހޭލުންތެރި ކުއްޖެއްގެ ގޮތުގައި ބޮޑުވުމަށް އެހީތެރިވެވިދާނެއެވެ.
