ދޮގުހެދުމަކީ ކުޑަކުދިންގެ ކިބައިން މައިންބަފައިންނަށް ފެންނަ އެންމެ އާންމު އަދި އެންމެ ކަންބޮޑުވާ އާދަތަކުގެ ތެރެއިން އެއް އާދައެވެ. އެއީ ކުޑަދަރިފުޅު މެޓައެއް ނެގުމަށްފަހު ދޮގުހަދައިގެން އިންކާރުކުރުން ކަމުގައިވިޔަސް، ނުވަތަ ފުރާވަރަށް އަރަމުންދާ ކުއްޖަކު ގޭގައި ހަދަން ދޭ ފިލާވަޅެއް ނުވަތަ އެސައިންމަންޓެއް ނަހަދާ ދޮގު އުޒުރުތަކެއް ދެއްކުން ކަމުގައިވިޔަސް، ދޮގުހެދުމަކީ މައިންބަފައިންގެ ހިތުގައި ކަންބޮޑުވުމާއި، ފިކުރުބޮޑުވެ އަދި ބައެއްފަހަރު ކުއްޖާގެ އަހްލާގީ ގޮތުން އަންނަ ބަދަލާއިމެދު ބިރުވެރިކަން އުފެދޭ ކަމެކެވެ.
ނަމަވެސް ހަގީގަތަކީ ދޮގުހެދުމަކީ ކުއްޖާގެ ހެދިބޮޑުވުމުގެ މަރުހަލާގެ ބައެކެވެ. އަދި މައިންބަފައިން އެކަމަށް ރައްދު ދޭގޮތަކުން ކުރިމަގުގައި ކުދިންނަކީ ތެދުވެރި، އޯގާތެރި ބަޔަކަށްވުމާއި ނުވަތަ ބެލެނިވެރިންދެކެ ބިރުން ނުވަތަ ލަދުގަންނަވާލެވުމުގެ ސަބަބުން އިތުރަށް ސިއްރުން ކަންތައްކުރާ ބަޔަކަށް ވުމަކީ ވެދާނެކަމެކެވެ.

ކުދިން ދޮގުހަދަނީ ކީއްވެ؟
ދޮގެއް ހެދުމުގެ ފަހަތުގައިވާ ސަބަބު ދެނެގަތުމަކީ، އެކަމާމެދު އޯގާތެރިކަމާއިއެކު މުއާމަލާތުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.
1. ހިޔާލީ ވިސްނުމުގައި ދޮގުހެދުން (އުމުރުން 2-4 އަހަރު)
2 އަހަރާއި 4 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ގިނަފަހަރު ހިޔާލާއި ހަގީގަތާ ދެމެދުގައިވާ ތަފާތު ދެނެގަންނަން އުނދަގޫވެއެވެ. މިއުމުރުގެ ކުއްޖަކު ބުނެފާނެއެވެ، “އަޅުގަނޑު ފާރުގައި ނުކުރަހަން – އެކަން ކުރީ ހަންޑިއެކެވެ!” މިއީ ގަސްދުގައި ހަދާ ދޮގެއް ނޫނެވެ. ނަމަވެސް މިއީ ހިޔާލީ ވިސްނުންތަކާއި ޖަޒުބާތުތައް ނަގައިގަންނަ ގޮތެކެވެ.
2. އަދަބުން ސަލާމަތްވުން (އުމުރުން 5-10 އަހަރު)
ކުދިން ބޮޑުވަމުން ދާވަރަކަށް، ކަންކަމުގެ ނަތީޖާއާމެދު އެމީހުންގެ ހޭލުންތެރިކަން އިތުރުވެއެވެ. ހާއްސަކޮށް އުޅޭ މާހައުލަކީ ހަރުކަށި ނުވަތަ ކަންކަމާ ފަސޭހައިން ރުޅިއަންނަ ފަދަ މާހައުލެއްނަމަ، ދޮގުހެދުން ގިނަފަހަރު ވެގެންދަނީ އަދަބުން ސަލާމަތްވުމަށް ބޭނުންކުރާ ވަސީލަތަކަށެވެ.
3. ބެލެނިވެރިން ހިތްހަމަޖެއްސުމަށް ނުވަތަ އިހުސާސްތައް ފޮރުވުމަށް
ބައެއްފަހަރު ކުދިން ދޮގުހަދަނީ ބެލެނިވެރިން ނުވަތަ މައިންބަފައިން ހިތްހަމަޖައްސާލުމަށް ނުވަތަ އެހެން މީހެއް ރައްކާތެރިކުރުމަށެވެ. މިސާލަކަށް، ކާއެއްޗެއް ރަހަ މީރު ނޫނަސް “ކާއެއްޗެހި ރަހަ ރަނގަޅު” ކަމަށް ބުނުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.
4. ހައްދުތައް ޓެސްޓުކުރުން ނުވަތަ އަމިއްލަ މިނިވަންކަން ހޯދުން (ފުރާވަރުގެ ކުދިން)
ފުރާވަރުގެ ކުދިން ގިނަފަހަރު ދޮގުހަދަނީ އެމީހުންގެ މައިންބަފައިންގެ ހައްދުތައް ޓެސްޓުކުރުމަށް ނުވަތަ އަމިއްލަ މިނިވަންކަން ހޯދުމަށް ނުވަތަ އެކުގައި އުޅޭ ކުދިންގެ ސަބަބަން އެކުދިންގެ މެދުގައި ބާކީވެދާނެކަމުގެ ބިރަށްށެވެ.
ނުކުރަންވީ ކަންތައްތައް: ކުއްޖާ ލަދުގަންނަވާލުން
ދޮގުހެދުމުގެ ސަބަބުން ކުއްޖަކު ލަދުގަންނަވާލަފަދަ ކަމެއްކުރުމަކީ ދަރިފުޅު ކުރާ އިތުބާރު ގެއްލި، މުސްތަގުބަލުގައި ސިއްރުކުރުން ކަންކަން ކުރުމަށް ހިތްވަރުދޭ ކަމެކެވެ. މިހިމަނާލަނީ އެކަމަކުން ދުރުހެލިވުން ވަރަށް މުހިންމު ކަންތައްތަކެވެ.
- ތިއީ ދޮގުވެރިއެކޭ ނުވަތަ އެހެންވެސް އެފަދަ ގޮތަކަށް ކުދިންނަށް ނަންދީ ގޮވުން
- މީހުންގެ ތެރޭގައި އަދަބުދިނުން (އެހެން މީހުންގެ ކުރިމަތީގައި ކުއްޖާ ލަދުގަންނަވައިލުން)
- މާބޮޑަށް ރުޅިއައުން ނުވަތަ ހަޅޭއްލެވުން (މިއީ ޒިންމާދާރުކުރުވުމުގެ ބަދަލުގައި ބިރުގަންނަން ދަސްކޮށްދޭ ކަމެކެވެ)
- އެއަމަލުގެ ފަހަތުގައިވާ ސަބަބުތަކަށް އިސްކަންނުދިނުން
މީގެ ބަދަލުގައި ކަންކުރަންވީގޮތް: ތެދުވެރިކަމުގެ އާދަތައް އޯގާތެރިކަމާއެކު ބިނާކުރުން
1. ހަމަޖެހިލައިގެން ކަންކަން ދެނެގަތުމަށް މަސައްކަތްކުރުން. އެގޮތުން މެދުމިނުގެ އަޑަކުން ވާހަކަދެއްކުން ރަނގަޅެވެ. މިސާލަކަށް: “އެއީ ރަނގަޅު ވާހަކައެއް ހެނެއް ހިޔެއް ނުވޭ. ހަގީގަތުގައި ކަން ވީގޮތް ކިޔައިދީބަލަ” މިފަދަ ގޮތަކަށް ސުވާލުކުރުމުން ކުދިން ބިރުގަތުމުގެ ބަދަލުއި ތެދުވެރި ބަޔަކަށް ވެއެވެ.
2. ދޮގާއި ދޮގުހަދާ މީހާ ވަކިކުރުން
ކުއްޖާއަށްވުރެ ބޮޑަށް ކުރި އަމަލަށް ސަމާލުކަން އަމާޒުކުރާށެވެ.
“ތެދުބުނުމަކީ އުނދަގޫ ކަމެއް ނަމަވެސް ދޮގުހެދުމަކީ ރަނގަޅުކަމެއްޅުކަމެއް ނޫނެވެ.”
މިގޮތަށް ވިސްނައިދިނުމަކީ އަމިއްލަ ނަފްސަށް ކުރާ އިހްތިރާމް ކުޑަނުވެ ރަނގަޅު އާދަތައް ދެމެހެއްޓުމަށް ބާރުއެޅޭނެ ގޮތެކެވެ.
3. ތެދުވެރިކަމުގެ މުހިންމުކަން ބަޔާންކޮށްދިނުން
ތެދުވެރިކަމަކީ ކިހާ އަގުހުރި ކަމެއްކަން ކުދިންނަށް ބުނެދޭންޖެހެއެވެ.
“ތެދުވެރިވުމަކީ މީހުންކުރާ އިތުބާރު ބޮޑުވެގެންދާކަމެކެވެ. އިތުބާރަކީ އަހަރެމެން އެންމެން އެއްކޮށް އުޅެން އެހީތެރިވެދޭ އަދި އަހަރުމެން ރައްކަތެރިވެ ތިބުމަށް އެހީވާ ކަމެކެވެ.”
މިފަދަ ނަސޭހަތްތައް ދިނުމަކީ ތެދުވެރިވުމުގެ މުހިންމުކަން ދަސްވެގެން ދާނެކަމެކެވެ.
4. ރައްކާތެރި މާހައުލެއް އުފެއްދުން
ކުއްޖާ ލަދުގަންނަވާ ނުލާނެކަން ނުވަތަ ހަރުކަށި އަދަބެއް ނުދޭނެކަން ކުއްޖާއަށް އެނގޭނަމަ ކުއްޖާ ތެދުބުނުމުގެ ފުރުސަތު ބޮޑެވެ.
“ދަރިފުޅު ތެދުބުނެފިނަމަ، ހަމަޖެހިގެން އެކަމާ މެދު ވާހަކަދައްކައި، އެކުގައި އެކަން ހައްލުކުރަން މަސައްކަތް ކުރާނަން.” މިފަދަ ބަސްތަކުން ކުއްޖާއަށް އެ ޔަގީންކަން ދެވިދާނެއެވެ.
5. ވާހަކަތަކާއި ރޯލް-ޕްލޭއިންގ ބޭނުންކުރުން
ތަފާތު މެސެޖުލިބޭ ވާހަކަ ތަކާއި ރޯލް ޕްލެތަކުން ކުދިންނަށް އަހްލާގީ ފިލާވަޅުތައް ފޯރުކޮށްދިނުމުން އެކުދިންނަށް ދެނެގަންނަން ފަސޭހަވެއެވެ. ތެދުވެރިވުމުގެ ރަނގަޅު ނަތީޖާ އަންގައިދޭ ވާހަކަ ކިޔައިދިނުމާއި ނުވަތަ ރޯލްޕްލޭތައް ތައްޔާރުކުރުމަކީ މިކަމަށް އެހީތެރިވެދޭނެކަމެކެވެ.
ގޭގައި ތެދުވެރިކަމުގެ ސަގާފަތެއް އާލާކުރުމަށް ހިތްވަރުދިނުން
- ބެލެނިވެރިންގެ އަމަލުން ކުދިންނަށް މިސާލު ދެއްކުމަކީ މުހިންމުކަމެކެވެ. މިސާލަކަށް ކުށެއް ކުރެވިއްޖެކަން އިއުތިރާފުވުން ފަދަ ކަންކަމުގައެވެ.
- ކުދިންގެ ފަރާތުން ތެދުވެރިކަން ފެންނަ ހިނދު، ހާއްސަކޮށް އެކަން ކުރަން އުނދަގޫވާ ފަދަ ހާލަތެއްގައި ތެދުވެރިކަން ފެންނަ ހިނދު، އެކަމަށް ތައުރީފުކުރާށެވެ. “ތެދު ބުނީތީ ޝުކުރިއްޔާ. ތިއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް” މިފަދަ ބަހަކުންވެސް ތައުރީފުކޮށްލެވިދާނެއެވެ.
- ޖަވާބު އެނގިހުރެ ނޭންގޭކަމަށްހަދައި ސުވާލުކޮށް ޕްރެޝަރު ކުރިމަތިކުރުވުމުން ދުރުހެލިވާށެވެ. މިޕްރެޝަރުގެ ސަބަބުން ދޮގުހެދުމަށް އިތުރަށް ހިތްވަރުދެއެވެ.
ކަންބޮޑުވާންޖެހޭ ހާލަތު
ދޮގުހެދުމަކީ އާންމު ކަމެއް ނަމަވެސް، ގިނަގިނައިން ދޮގުހެދުމާއި، މަކަރުވެރިކަމާއެކު އޮޅުވާލުން ނުވަތަ ގެއްލުމެއްލިބޭފަދަ ގޮތަކަށް ދޮގުހެދުމަކީ ކުއްޖާގެ ކިބައިގައި ކަންބޮޑުވުން، ޓްރޯމާ، ނުވަތަ އޭ.ޑީ.އެޗް.ޑީ ފަދަ މައްސަލަތަކެއް ހުރިކަމުގެ ނިޝާނަކަށް ވެދާނެއެވެ. ދޮގުހެދުމުގެ ސަބަބުން ގުޅުންތަކަށް ނުވަތަ ދިރިއުޅުމަށް އަސަރުކޮށް އާދައަކަށް އެކަން ވެއްޖެނަމަ، ކުޑަކުދިންގެ ނަފްސާނީ ޑޮކްޓަރެއް ނުވަތަ ކައުންސެލަރެއްގެ އެހީތެރިކަން ހޯދުމަށް ވަރަށް މުހިންމެވެ.
ކުދިން ދޮގުހެދުމަށް ދިމާވާ ގިނަ ސަބަބުތަކައް އެބަހުއްޓެވެ. އާކަންތައްތަކެއް ދަސްކުރުމުގެ ތެރެއިން، ބިރުން، ނުވަތަ ދިމާވެދާނެ ކަމަކުން ރައްކާތެރިވުމަށް ނުވަތަ އަމިއްލަ މިނިވަންކަން ހޯދުމަށް ވެސް ބައެއް ކުދިން ދޮގު ހަދައެވެ. އެއްފަހަރުން ދޮގު ހެދުން ހުއްޓުވާލުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ. ނަމަވެސް ލަނޑުދަނޑިއަކަށް ހަދަންވީ ކުއްޖާއާއި އަދި ބެލެނިވެރިޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި އެކު ދަރިފުޅަށް ތެދުވެރިކަމާ ދިމާއަށް މަގުދެއްކުމެވެ. އޯގާތެރިކަމާއެކު މުއާމަލާތްކޮށްފިނަމަ، މިކަމަކީ ތެދުވެރިކަމުގެ މުހިންމުކަން އުނގަންނައިދިނުމަށް ލިބޭ ވަރުގަދަ ފުރުސަތަކަށް ވެގެންދެއެވެ.
