ގައިޑެޑް ރީޑިންގ އަކީ ކުޑަ ކުދިންނަށް، އެކުދިންގެ ކިޔުމުގެ ލެވެލްއާ އަޅާބަލާއިރު ކޮންމެވެސް ވަރަކަށް އުނދަގޫ ނަމަވެސް ކިޔޭވަރުގެ ލިޔުންތައް ކިޔަން ބޮޑުމީހަކު އެހީތެރިވެދޭ އުނގަންނައިދިނުމުގެ ގޮތެކެވެ. އެގޮތުން މުޅިލިޔުން ކިޔުމުގައި ބެލެނިވެރިޔާ އެކިޔުމުގެ ބަދަލުގައި ހަމައެކަނި ކުއްޖާއަށް ފަސޭހަކަމާއެކު ކިޔުމާއި، އަދި މާނަ ދެނެގަތުމުގައި އެހީތެރިވަނީއެވެ. ގައިޑެޑް ރީޑިންގއަކީ ސްކޫލުތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ގޮތެކެވެ. އަދި ގޭގައިވެސް ވަރަށް ފުރިހަމަކޮށް ބޭނުންކުރެވިދާނެ ގޮތެކެވެ. ކުރެވިފައިވާ ތައުލީމީ ދިރާސާތަކުން ދައްކާގޮތުގައި ގައިޑެޑް ރީޑިންގ އިން ވަކިވަކި ކުދިންނަށް އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށްދެވެއެވެ. އަދި މިއިން ކުދިންނަށް އެކުދިންގެ ފެންވަރާ ގުޅޭ ލިޔުންތައް ކިޔައި، ފަރިތަކުރުމާއި އަމިއްލަ ނަފްސަށް އިތުބާރު އުފެއްދުމަށް ފުރުސަތު ލިބެއެވެ. މި ގޮތަށް ކިޔުމަށްދެވޭ ލިޔުމުގެ އުނދަގޫކަމާއި އެކުދިންނަށް ފޯރުކޮށްދޭ އެހީތެރިކަން ހަމަހަމަކޮށްގެން ކުރިއަށްދިއުމުން އަމިއްލައަށް ކަންކަން ކުރުމުގެ ގާބިލުކަމާއި ހުނަރު ތަރައްގީވުމަށް މަގުފަހިވެއެވެ.
ގައިޑެޑް ރީޑިންގ ކާމިޔާބުވަނީ ކީއްވެ؟

ގައިޑެޑް ރީޑިންގ ކާމިޔާބު ކަމާއިއެކު މަސައްކަތްކުރާ އެއްސަބަބަކީ ކުދިން ގުދުރަތީ ގޮތުން ކިޔަން ދަސްކުރާ ގޮތާ އެއްގޮތްވާތީއެވެ. އެއީ ކިޔަން އުނދަގޫ ލިޔުންތައް ކިޔަން ފަށާއިރު ބޮޑު މީހެއްގެ އެހީތެރިކަންދީ، ކިޔަން ފަރިތަވާ ވަރަކަށް ދޭ އެހީތެރިކަން ކުޑަކުރަމުން ގޮސް ކުއްޖާ އަމިއްލަ އަށް ކިޔަން ދޫކުރުމާއި ލިޔުމުގައިވާ އެއްޗަކާމެދު ވިސްނާ ސުވާލުކޮށް، އަމަލީ ގޮތުން އެ ކިޔާ ލިޔުމެއްގައި ބައިވެރިވުމުމެވެ. ދިރާސާތަކުން ދައްކާގޮތުގައި ކުދިންގެ ފެންވަރާ ގުޅޭ ލިޔުންތައް ކިޔުމާއި، އެކަމަށް އެހީތެރިކަން ލިބުމުން، ލިޔެފައި އޮންނަ ލިޔުން، ކިޔުމަށް ބަދަލުކުރުމުގައި އޭގެ އެންމެރަނގަޅުގޮތުގައި ފަސޭހަކަމާއެކު ކިޔުމުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެއެވެ. މީގެ އިތުރުން، ގައިޑެޑް ރީޑިންގ އިން ކުދިންނަށް ލިޔުމާ ދޭތެރޭ ފުންކޮށް ވިސްނައި، ސުވާލުކޮށް، އަދި ގުޅުންތައް ހޯދުމަށް ބާރުއަޅައެވެ. މިއިން ކުދިންގެ މާނަ ދެނެގަތުމުގެ ގާބިލުކަން އިތުރުވެ، ޖުމުލަ ގޮތެއްގައި ކިޔުމުގެ ހުނަރު ތަރައްގީވުމަށް މަގުފަހިވެއެވެ. މީގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ގަވައިދުން ގައިޑެޑް ރީޑިންގ ސެޝަންތައް ކުރިޔަށް ގެންގޮސް މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުމުންނެވެ.
ބެލެނިވެރިންނަށް ގޭގައި ގައިޑެޑް ރީޑިންގ ބޭނުންކުރެވިދާނެ ގޮތް
ގޭގައި ކާމިޔާބުކަމާއެކު ގައިޑެޑް ރީޑިންގ ބޭނުންކުރެވޭނީ ކުއްޖާއަށް ކިޔުމުގެ ފެންވަރާއި ގުޅޭ ފޮތްތައް ހޯދުމުގައި ފަރުވާތެރިވެގެންނެވެ. އާންމުކޮށް މިފޮތްތަކަކީ ކުއްޖާއަށް %90 އާއި %95އާއި ދެމެދުގެ ބަސްތައް ރަނގަޅަށް ކިޔޭ ފޮތްތަކެވެ. ގައިޑެޑް ރީޑިންގްއަށް ރަނގަޅު ފޮތެއް ހޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ މާ ފަސޭހައިން ކިޔާލެވޭ ފޮތެއްނަމަ އެފޮތް ކުއްޖާއަށް ޗެލެންޖަކަށް ނުވާނެތީއާއި، މާ އުނދަގޫ ފޮތެއްނަމަ ކުއްޖާ ފޫހިވެ ހިންހަމަނުޖެހި އެކަމުން ދުރުވެދާނެތީއެވެ. ފޮތް ކިޔަން ފެށުމުގެ ކުރިން، ސުރުހީއާއި، ކުރެހުންތަކާއި އަދިވާނެކަމަށް ލަފާކުރެވޭ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދައްކާލާށެވެ. މިކަމުން ކުރިން އެނގިފައިވާ މައުލޫމާތުތައް އާލާވެ، އައު ބަސްތަކާއި ހިޔާލުތައް ދަސްކުރުމަށް ސިކުނޑި ތައްޔާރުވެއެވެ. ކިޔަމުންދާއިރު އެހީތެރިވެދޭނީ ނޭނގޭ ބަސްތައް އަކުރުތަކުގެ އަޑުތައް (އެއްއަކުރު އަނެއްއަކުރާއި ގުޅުވާލައިގެން ނުކުންނަ އަޑުތައް) ބޭނުންކޮށްގެން ނުވަތަ ލިޔުމުގައި ހިމެނޭ އިތުރު މައުލޫމާތުތައް ބޭނުންކޮށްގެން އެބަހުގެ މާނަ ދެނެގަންނަން އެނގޭފަދަ ގޮތަކަށް ބުނެދީގެންނެވެ. ނަމަވެސް މައްސަލަ ހައްލުކުރުމުގެ ހުނަރު ކުރިއެރުވުމަށްޓަކައި، މާއަވަހަށް ސީދާ އެބަސް ކިޔައިދިނުމުން ދުރުހެލިވާންވާނެއެވެ. ލިޔުން ނުވަތަ ވާހަކަ ކިޔާ ނިމުމުން، އެލިޔުމާއި ގުޅޭ އަމިއްލަ އިބާރާތުން ޖަވާބު ދެވޭފަދަ ސުވާލުތައްކޮށް ވާހަކައާ ބެހޭގޮތުން މަޝްވަރާކުރުމުން ކުދިންނަށް މާނަ ދޭހަކުރުމަށާއި ފަހުމުވުމުގެ ހުނަރު ބިނާކުރުމަށް އެހީތެރިވެދެއެވެ. މިއީ ކިޔަން ދަސްކުރުމުގެ ކާމިޔާބީއަށް ވަރަށް މުހިންމު ބައެކެވެ. އަދި އެއް ލިޔުމެއް ތަކުރާރުކޮށް ކިޔުމުން، ކިޔަން ފަރިތަވުމުގެ އިތުރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެއެވެ.
ތަފާތު އުމުރުފުރާތަކާއި އަދި ތަފާތު ގާބިލިއްޔަތުތަކުގެ ކުދިންނަށް އެހީތެރިވުން
ގައިޑެޑް ރީޑިންގް ނުވަތަ އިރުޝާދުތަކާއިއެކު ކިޔުމުގެ ހުނަރު އެކުދިންގެ ހެދިބޮޑުވުމުގެ ތަރައްގީއާއި ގުޅޭގޮތަށް ބަދަލުކުރެވިދާނެއެވެ. ބަސްތައް ކިޔާގޮތް އުނގަންނައިދިނުމުގެ އަސާސީ ހުނަރުތައް ތަރައްގީކުރުމަށްޓަކައި، އުމުރުން 4 އަހަރާއި 6 އަހަރާއި ދެމެދު ކުޑަ ކުދިންނަށް ކިޔަން ދަސްކޮށްދިނުމުގައި އަމާޒު ބަހައްޓަންވީ އާދައިގެ އަދި ހިޔާލަށް ގެންނަން ފަސޭހަ ލިޔުންތައް ބޭނުންކޮށްގެން، އަކުރުތަކުގެ އަޑުތައް ގުޅުވައިގެން ކިޔަންޖެހޭ ގޮތްތަކާއި (ފޮނިކްސް) ނުވަތަ ދޭހަ ކުރުމުގެ ހުނަރު އިތުރުކުރުމަށެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ފޮނިކްސްއަށް ތުއްތުއިރުއްސުރެ އަހައްމިއްޔަތުކަން ދިނުމާއެކު، ވާހަކަ ދެއްކުމާއި ކިޔުންފަދަ ބަހުގެ ތަޖުރިބާތަކަކީ އެކުދިން ބޮޑުވަމުންދާވަރަކަށް ކިޔުމުގެ ހުނަރު ހަރުދަނާކުރުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ. އުމުރުން 6 އަހަރާއި 8އަހަރާ ދެމެދުގެ ކުދިންނަށް، ގައިޑެޑްރީޑިންގް މަތީ ފެންވަރުގެ ލިޔުމަކަށް ބަދަލުވުމަށް އެހީތެރިވެދެއެވެ. މިގޮތުން ކިޔުމަށް ފަރިތަކުރުމާއި ދޭހަވުން ރަނގަޅުކުރުމަށްޓަކައި އެކުދިން އަމިއްލައަށް ލިޔުމުގައި ކުރިއަށް ވާނެގޮތް ލަފާ ކުރުމާއި، އަމިއްލަ އިބާރާތުން ލިޔުމުގައި އޮތް އެއްޗެއް ކިޔާދިނުން ހިމެނެއެވެ. ދިރާސާތަކުން ފާހަގަވާގޮތުގައި މި އުމުރުފުރާގެ ކުދިންނަށް އެންމެ ފައިދާކުރަނީ އައު ބަސްތަކާއި މާނަތަކާއި ބޭނުންކުރެވޭ ހާލަތްތައް ދެނެގަނެވޭފަދަ، އިރުޝާދުތަކާއިއެކު ކިޔާލެވޭ ލިޔުންތަކެވެ. 8އަހަރާއި 10އަހަރާއި ދެމެދުގެ ބޮޑެތި ކުދިން ބޮޑަށް ވިސްނައިގެން ދޭހަވާފަދަ ލިޔުންތައް ކިޔުމަށް އިރުޝާދު ދެވިދާނެއެވެ. އެގޮތުން ފުންކޮށް ވިސްނައި، ލިޔުމުގައިވާ ކެރެކްޓަރުންގެ މަގްސަދުތައް ދެނެގަތުމާއި ލިޔުން ހުލާސާކުރުމަކީ ކިޔުމުގެ ތެރެއިން ފާޑުކިޔުމުގެ ވިސްނުމުގެ ހުނަރުތައް ތަރައްގީކުރުމަށް ކުރެވިދާނެކަމެކެވެ. ގައިޑެޑް ރީޑިންގް، ކުއްޖާގެ ތަރައްގީގެ މަރުހަލާއަށް ފެތޭގޮތަށް ބައްޓަންކުރުމުން އިރުޝާދުތައް ކުދިންނަށް ފޯރުކޮށްދިނުމުގައި ފަސޭހަވެ އަދި ގޮންޖެހުންތަކެއް ކުރިމަތިކުރުވުމުގެ ސަބަބުން އެކުދިންގެ ކިޔެވުމަށް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ.
ބެލެނިވެރިންނަށް ބޭނުންކުރެވިދާނެ ވަސީލަތްތައް
އިރުޝާދާއެކު ކިޔުން ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް އެހީތެރިވެދޭ އެކި ބާވަތުގެ ވަސީލަތްތަކާއި ތަކެތި ލިބެން ހުރެއެވެ. އޭގެތެރޭގައި “Getepic”، “Raz-Kids” އަދި “Teach your monster” ފަދަ ޑިޖިޓަލް މަންސަތަކުގެ އިތުރުން ވަރަށް ގިނަ އޮންލައިން ލައިބްރަރީތަކާއި އުނގެނުމާއި ގުޅޭ ވެބްސައިޓް ތަކުން އުމުރާއި ގުޅޭ، ގައިޑެޑް ރީޑިންގްއަށް ބޭނުންކުރެވޭފަދަ ފޮތްތައް ލިބެން ހުރެއެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކިޔަން ދަސްކުރުމުގެ ނަތީޖާ އެންމެ ރަނގަޅު ކުރުމަށްޓަކައި، ޓެކްނޮލޮޖީ ބޭނުންކުރަންވާނީ ބެލެނިވެރިންނާއިއެކު ކިޔުމަށް ވަގުތު ހޭދަކުރުމުގެ އިތުރުން ކިޔަން ފަރިތަ ކުރުމަށް ކުރާކަމެއްގެ ގޮތުގައެވެ. ޓީޗަރުންގެ ފަރާތުން ކުދިންގެ ކިޔެވުމުގެ ފެންވަރާ ބެހޭ މައުލޫމާތު ހޯދައި، ކުރިއަށް ދިއުމަށް އެހީތެރިވެދޭނެ ފަދަ ފޮތްތައް ހޯދުމަށް ބެލެނިވެރިން މަސައްކަތްކުރުމަކީ ބޭނުންތެރި ކަމެކެވެ.
އިރުޝާދާއެކު ކިޔުމަކީ ދަރިވަރުންގެ ކިޔެވުމުގެ ހުނަރު ރަނގަޅުކުރުމަށް މައިންބަފައިންނަށް ގޭގައި ބޭނުންކުރެވިދާނެ، ދިރާސާތަކުން ސާބިތުވެފައިވާ ގޮތެކެވެ. ފެންވަރު ރަނގަޅު ލިޔުންތައް ހޯދައި، ކިޔުމުމުގެ ކުރިން، ކިޔަމުންދާއިރު އަދި ކިޔުމަށްފަހު ކުދިންނާއި މަޝްވަރާކޮށް އިރުޝާދު ދިނުމާއި ތަކުރާރުކޮށް ކިޔުމަށް ހިތްވަރުދިނުމުން ކުދިން ކިޔަން ފަރިތަކުރުމަށް ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. ދިރާސާތަކުން އަބަދުވެސް ފާހަގަކުރެވޭ ކަމަކީ ގައިޑެޑް ރީޑިންގއަކީ ފަރިތަކޮށް ކިޔުމާއި، ކިޔާ އެއްޗެއް ދޭހަވުމާއި، ކިޔެވުމަށް ޝައުގުވެރިކަން އިތުރުވެ، ތައުލީމީ ގޮތުން ކާމިޔާބު ހޯދުމަށް ފުރުސަތު ބޮޑުކަމެއްކަމެވެ.
