ދުނިޔޭގެ ކޮންމެ 10 އަކުން 1 އަންހެނަކު ތަހަންމަލް ކުރަމުންދާ އެންޑޮމީޓްރިއޯސިސް ބަލީގަ އުޅޭ އަންހެނުން ދިވެހީންގެ ތެރޭގައިވެސް ވަރަށް ގިނައެވެ. އެގޮތުން މި ގެނެސްދެނީ އެންޑޮމީޓްރިއޯސިސް ބަލީގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ދިވެހި އަންހެނެއްގެ ހަގީގީ ވާހަކައެކެވެ.
އާއިޝާތު ހުދާ އަކީ އުމުރުން 41 އަހަރުގެ، 3 ކުދިންގެ މަންމައެކެވެ. ހުދާގެ މި ހަޔާތުގެ ގިނަ އަހަރުތަކެއް ހޭދަކޮށްފައިވަނީ ތާއަބަދު އެކި ކަހަލަ ވޭންތައް ކުރިމަތިވެ އޭނާގެ ބައްޔަށް ފަރުވާ ހޯދުމުގައެވެ. މިއީ ހުދާގެ އާދަޔާ ޚިލާފު ދަތުރުގެ ވާހަކައެވެ.

ހުދާ އެންމެ ފުރަތަމަ ޕީރިއަޑްވީ އުމުރުން 13 އަހަރުގައެވެ. އޭރުއްސުރެ ކޮންމެ މަހަކުވެސް ބަރާބަރަށް ޕީރިއަޑްވެއެވެ. އަދި ދުވަހަކުވެސް ޕީރިއަޑް މައްސަލައެއް ނުޖެހެއެވެ. ވަރަށް ޅައުމުރުގައި ކައިވެނިކޮށް ތިން ދަރިން ތިބި ހުދާއަށް، 2013 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޕީރިއަޑް ދުވަސްވަރުގެ އާދަޔާ ޚިލާފު ތަދު އިހުސާސްކުރެވެން ފެށިއެވެ. އޭރު ހުދާގެ އުމުރުން 30 އަހަރެވެ.
“ކުރިމަތި ފަރާތާއި ފުރަގަސް ފަރާތަށް ވަރަށް ތޫނު ތަދެއް ހުންނަނީ، ކޮޅަށް ނުހުރެވޭ އެއްގޮތަކަށްވެސް. އެދުވަސްކޮޅު އޮށޯވެ ނުވަތަ އިށީންދެ އިންނަން ޖެހެނީ. ޕީރިއަޑްގެ ފުރަތަމަ ދެދުވަސް، ތިން ދުވަސް ދަނީ އެގޮތަށް.”
މިގޮތަށް ރިއްސަން ފެށުމުން ފުރަތަމަ ހުދާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ޕީރިއަޑްއާއި ގުޅިގެން ވާކަމެއްކަމަށް ބަލާ މީމާބޮޑު މައްސަލައެއް ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް މި ތަދު ދިޔައީ ފަހަރަކަށްވުރެ ފަހަރެއް، ބޮޑު ވަމުންނެވެ. މިހެން ގޮސް 2014 ނިމޭހާ ހިސާބުގައި ޕީރިއަޑްވީމާ ކޮންމެ މަހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހެއެވެ. ދެން މި ތަދު ބޮޑު ވަމުންގޮސް ޕީރިއަޑް ވުމުގެ ދެދުވަހެއް ކުރިން ހުންއައިސް، ދެފައި ފިނިވެފަ، މުޅި ގައިގައި ރިއްސަންފަށައެވެ. ޕީރިއަޑް ވަނީ އެއަށްފަހުއެވެ. މިގޮތަށް ކަންތައް ވާން ފެށުމުން އެއުޅެނީ ޕީރިއަޑް ވާންކަން އެނގެއެވެ. ޕީރިއަޑްވުމަށްފަހު އެއްވެސް އެއްޗެއް ނުކެވެއެވެ. ބަނޑު ހުންނަނީ ވަރަށް ބޮޑަށް ފުއްޕާފައެވެ. ގައިތެރެ ބާރުވެ ފަޅައިގެންދާ ކަހަލަ އިހުސާސެއް ކުރެވެންފެށިއެވެ. ފަހުން ފަހުން އައިސް ތަދުވާވަރުން ހޭވެރިކަންވެސް ގެއްލެއެވެ.
“ކޮޅަކަށްވެސް ނުހުރެވޭ، އޮށޯވެއެއްވެސް ނޯވެވޭ. ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށް، ޕެއިންކިލާރ އަދި ގޭސް އިންޖެކްޝަން ޖަހައިގެން ކިރިޔާވެސް ހޭވެރިކަން ވަނީ.”
މިގޮތަށް އަބަދު ކަންތައް ވާތީ ހުދާ ހުރީ ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ތިން ކުދިން ގޮވައިގެން އެކަނި އުޅޭތީ ގޭތެރޭ މަސައްކަތްތަކާއި ކުދިންގެ ކަންތައްތައް ބެލެހެއްޓުމަށް ދަތިވެ، ސްކޫލަށް ކުދިން ގެންދިއުމުގައިވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ.
“ސްކޫލުދޮށަށް ގޮސް ހުއްޓާވެސް، ކުއްލިއަކަށް ތަދު އަރައިގެން ހަމަ ކެތްނުވާވަރުވެގެން ޕޭރެންޓުންވެސް އެހިވެދޭންޖެހޭ ހިސާބަށް ކަންކަންދިޔަ”
މި އުދަގޫތަކާއި ވޭނާއިހެދި ހުދާ ދިޔައީ ޑޮކްޓަރަށް ދައްކަމުންނެވެ. އެކަމަކު ޑޮކްޓަރަށް ދައްކާއިރު އެއްވެސް މައްސަލައެއް ޑޮކްޓަރުންނަކަށް ނުފެނެއެވެ. ދެ މަހުން، ތިން މަހުން ކަހަލަ ގޮތަކަށް ދިޔައީ ސްކޭން ހަދަމުންނެވެ. ސްކޭންއިން ސިސްޓު ހުންނަކަން ފާހަގަކުރެވެއެވެ. ޑޮކްޓަރުން ބުނަނީ ޕީރިއަޑް ރަނގަޅުވީމަ އައުމަށެވެ.
ނަމަވެސް 2017 ގެ މާޗް މަހު، ކުޅުދުއްފުށީ ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރަކަށް ދެއްކުމަށްފަހު ހެދި ސްކޭންއިން، ބަނޑުތެރޭ ލޭ ހުރިކަން ފާހަގަކުރެވުނެވެ. ކުޑަ ފެންފުޅިއެއްގެ މެދާހަމައަށް ލޭހުރިކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
“ޑޮކްޓަރު ކުޑަ ފެންފުޅިއެއް ދައްކާފަ ބުނި ގާތްގަނޑަކަށް އޭގެ މެދާ ހަމައަށް ވާވަރަށް ބަނޑު ތެރޭގައި ލޭ އެބަހުއްޓޭ.” ދެން އިތުރު ޓެސްޓް ތައް ހަދާފައި ޑޮކްޓަރު ދިންބޭސް ބޭނުންކުރުމަށްފަހު ހެދި ސްކޭން އިން ރަނގަޅުކަމަށް ބުންޏެވެ.
މެޑިކަލް ޑޮކިއުމެންޓްތަކުން:
2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ހަދާފައިވާ ސްކޭން ރިޕޯރޓްތަކުން ހުދާގެ ރަހިމާއި، ރަހިމުގެ ދޮރު ބޮޑުކަމަށް (ބަލްކީ ޔޫޓިރަސް އަދި ބަލްކީ ސަރވިކްސް) ފާހަގަކޮށްފައިވެއެވެ.
ހުދާ އެންމެ ފުރަތަމަ ދިރިއުޅުނީ މަންމައާއި ވަކިން އެހެން ރަށެއްގައެވެ. ނަމަވެސް ބަލީގެ ހާލަތު ގޯސްވުމާ ގުޅިގެން މަންމަގެ ރަށަށް ބަދަލުވާން މަޖުބޫރުވިއެވެ. ޕީރިއަޑްގެ ސަބަބުން ކޮންމެ މަހަކުވެސް ހޮސްޕިޓަލުގައި އެޑްމިޓްވާން ޖެހޭ ހިސާބަށް ދިޔައެވެ. ވޭނުގެ ބޮޑުކަމުން ކޮންމެ ދެ މަހުން ކަހަލަ ގޮތަކަށް ދިޔައީ ޑޮކްޓަރަށް ދައްކަމުންނެވެ.
2019 ވަނަ އަހަރުގެ މާޗް، އޭޕްރީލް ހިސާބުގައި ޕީރިއަޑްއާއި އެއްކޮށް ހުދާއަށް ފާނަބަސަންދު ޖެހުނެވެ. ދެކަންތައް އެއްކޮށް ޖެހުނީމަ އެއްކަހަލަ ތަދުތަކެއް އިހުސާސްކުރެވުނެވެ. އެކަމަކު މި ފަހަރު ބަނޑު ފުއްޕިގޮތަށް ޕީރިއަޑް ރަނގަޅުވުމަށްފަހުވެސް ބަނޑު ހިނދޭގޮތެއްނުވިއެވެ. ގާތްގަނޑަކަށް 7 މަހުގެ މާބަނޑު މީހެއްގެ ބަނޑާ އެއްވަރަށް ބަނޑު ހުރީފުއްޕާފައެވެ.
“ދެން އަމިއްލައަށް ހެދުންވެސް ނުލެވޭ، އޭރު ތިރިން ލަމުންގެންދިޔަ އެއްޗެހިތައްވެސް ނުލެވޭ.” ހުދާއަށް ނުވެސް ކެވެއެވެ. ނޭވާ ހާސްވެ، ނިދަންވެސް އުނދަގޫވިއެވެ. “ތަދުތައް ވާއިރުވެސް އޮށޯވެގެން އޮތީމަ މި ވާގޮތަކީ ކަރުގެ ނާރުތައް ހީވަނީ އުފުރާލަފާނެ ހެން. މިހެންވާތީ ޕީރިއަޑްވެގެން ފުރަތަމަ 2 – 3 ދުވަހު ޖެހެނީ އެނދުގެ ހެޑްބޯޑުގައި ބާލީސްތައް މަތިމައްޗަށް އަރުވާފަ އޭގައި ލެގިގެން އިންނަނީ. ތަދުވާ ވަރުން ނޭވާ ހާސްވެ ތެޅިތެޅި އޮއްވާ ކޮންމެވެސް ވަރަކަށް ނިދިޖެހޭ. ނިދިން ހޭލެވޭއިރު ބައެއްފަހަރު އަރިއަކަށް ވެއްޓިފައިވެސް އޮވޭ. އެއްގޮތަކަށްވެސް ހަމަ ނިދި ނުލިބޭ. ކޮންމެ މަހަކުވެސް މި ގޮތަށް ރަނގަޅަށް ނުނިދި ދޭ 10 ވަރަކަށް ދުވަސް.”
2019 ވަނަ އަހަރުގެ ޖޫން މަހު، އެއް މަހުގެ މުއްދަތަށް ދިމާވި ހުއްޓުމެއްނެތް ބަނޑުގެ ވޭނާއި، ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔަ ބަނޑުގެ ފުއްޕުމާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިޔައެވެ. އެތަނުން ފާހަގަކުރީ ބަނޑުތެރޭގައި ގިނަ އަދަދެއްގެ ލޭ ހުރިކަމާއި، ލަސްނުކޮށް މާލެ ދިއުމަށެވެ. މާލޭގައި ފަރުވާ ހޯދަމުން ދިޔައީ އަންހެނުންގެ ސްޕެޝަލިސްޓް ޑޮކްޓަރެއްގެ އަރިހުންނެވެ. އޭނާ ލަފާދެއްވި ޑޮކްޓަރެއްގެ އަރިހުން ސްކޭން ހެއްދެވިއެވެ.
ޑޮކްޓަރު ސްކޭން ހެއްދެވުމަށްފަހު، ހާލަތުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި، ވަގުތުން އައި.ޖީ.އެމް.އެޗްއަށް އެޑްމިޓްވުމަށް އިރުޝާދު ދެއްވިއެވެ. އަދި ކުރިން ދެއްކި އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދެއްކުމުން، އެ ޑޮކްޓަރުވެސް ފާހަގަކުރެއްވީ ބަނޑުތެރޭގައި ގިނަ އަދަދެއްގެ ލޭ ހުރިކަމާއި، ހާލަތުގެ ސީރިއަސްކަމުން އަވަހަށް އައި.ޖީ.އެމް.އެޗްގައި އެޑްމިޓްވުމަށެވެ.
މެޑިކަލް ރެކޯޑުތަކުން ދައްކާގޮތުގައި، 2019 ޖުލައި 1 ވަނަ ދުވަހު ހެދި ސްކޭނުން ދެ އޯވަރީގައި ސިސްޓްތަކާއި ގްރޮސް އެސައިޓްސް (ބަނޑުގެ އެތެރޭގައިވާ ގުނަވަންތަކުގެ ދޭތެރޭވާ ހުސް ޖާގައިގާ ގިނަ އަދަދަކަށް ދިޔަހެދުން) ފެނުނެވެ. އައި.ޖީ.އެމް.އެޗްގައި އެޑްމިޓްކުރިއިރު ލޭ ދަށްވެފައި ހުރުމުން، ލޭ އެޅުމުގެ މަސައްކަތް ކުރެވުނު ނަމަވެސް، ރިއެކްޝަނެއް އައުމާ ގުޅިގެން އެ މަސައްކަތް ހުއްޓާލަންޖެހުނެވެ. އޭގެފަހުން ހެދުނު ސީ.ޓީ ސްކޭނުން ކެންސަރަށް ޝައްކުކުރެވުމާ ގުޅިގެން ރާއްޖެއިން ބޭރަށް ފޮނުވާލެވުނެވެ.
އައި.ޖީ.އެމް.އެޗްގެ ޑިސްޗާޖް ސަމަރީގައިވާ ގޮތުން، 2019 ޖުލައި 2 ވަނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު، ބަނޑުގެ ސީޓީ ސްކޭނަކާއި ލޭ އެޅުމުގެ ފަރުވާއެއް ދިނުމަށް ނިންމުނެވެ. ނަމަވެސް ލޭ އެޅުމުގެ ތެރޭގައި ބަލިމީހާގެ ކަރު ދުޅަވެ، ގައިގައި ފިތްގަނޑު އުފެދުމާއެކު، ލޭ އެޅުން ހުއްޓާލައި، ހައިޑްރޯކޯޓިސޯނާއި އެވިލް އިންޖެކްޝަން ދިނުމުން އެ އަލާމާތްތައް ރަނގަޅުވިއެވެ.
2019 ޖުލައި 2 ގައި އައި.ޖީ.އެމް.އެޗްގައި ހެދުނު ބަނޑުގެ ސީޓީ ސްކޭނުން ފެނުނީ ބަނޑުގައި ފެންއުފެދުމާއި (ގްރޮސް އެސައިޓްސް) އަދި ދެ އޯވަރީގައިވެސް ސިސްޓް ހުރިކަމެވެ. މި ސިސްޓްތަކަކީ ކެންސަރުގެ ސިސްޓްތަކެއް ކަމަށް ޝައްކުކުރެވުނެވެ.
އައި.ޖީ.އެމް.އެޗްގެ 2019 ޖުލައި 3 ގެ ސިޓީގައި ބަޔާންކޮށްފައިވަނީ، ކަނާތު އޯވަރީގައި ހުރި ކޮމްޕްލެކްސް ސިސްޓަކީ ކެންސަރަށް ވަރަށް ބޮޑަށް ޝައްކުކުރެވޭ އެއްޗެއްކަމަށާއި، ވާތު އޯވަރީގައިވެސް ސިސްޓެއް ހުރިކަމަށެވެ. އެހެންކަމުން، އަވަސް ފަރުވާއަކަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމުނެވެ.
އޭގެފަހުން 2019 ޖުލައިގައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުން ހެދި ސްކޭނުން ދައްކާގޮތުގައި، ކަނާތު އޯވަރީގައި ހުރީ އެންޑޯމެޓްރިއޯޓިކް ސިސްޓެކެވެ. އަދި ވާތު އޯވަރީގައިވެސް ސިސްޓެއް ހުރިކަމަށް ފާހަގަކުރެވުނު ނަމަވެސް، ޓްރާންސް ވެޖައިނަލް ސްކޭނުން އެ އޯވަރީ ރަނގަޅަށް ނުފެނުމުގެ ސަބަބުން، އެ ސިސްޓަކީ ކޮން ބާވަތެއްގެ ސިސްޓެއްކަން ކަނޑައެޅިގެން ބުނަން ދަތިވިއެވެ.
ބަލި ދެނެގަތުމުގައި ރަހިމުގައި އެޑިނޮމަޔޯސިސްގެ ނިޝާންތައް ފާހަގަކުރެވުނެވެ. އަދި ބަނޑުގެ ތެރޭގައި، ޕެލްވިސްއާއި ޑައިފްރަމްއާ ދެމެދުގައި ދިޔައެއް އުފެދިފައިވާކަން ފާހަގަކުރެވުނެވެ. މީގެއިތުރުން، ދެ އޯވަރީ ދެމެދުގައިވާ ސަރަހައްދުން އެންޑޮމީޓްރިއޯސިސްގެ އިތުރު އަލާމާތެއްކަމުގައިވާ ފުން ނޮޑިއުލްއެއް ފެނުނެވެ. ހަމައެހެންމެ، ގުނަވަންތައް ވަރަށްބޮޑަށް ތަތްލެވިފައިވާކަން ފާހަގަކުރެވުނެވެ. މިގޮތުން ރަހިމުގައި އޯވަރީ ތަތްލެވިފައިވާކަން ފާހަގަކުރެވުނެވެ. ހޮސްޕިޓަލުން ބަލި ދެނެގަތީ ‘އެބްޑޯމިނަލް އެންޑޮމީޓްރިއޯސިސް’ ގެ ގޮތުގައެވެ.
އަލްޓްރާސައުންޑްގެ އެހީގައި ލޭގެ މި ދިޔަ ނެގުމުގެ ފަރުވާ ދެވުނެވެ. ޖުމްލަ 4.35 ލީޓަރުގެ ދިޔަ ނެގުނެވެ. އޭގެ ތެރެއިން 750 މިލިލީޓަރާއި ގާތްކުރާ މިންވަރަކީ ޗޮކްލެޓް ކުލައިގެ އެންޑޮމެޓްރިއޯޓިކް ދިޔައެވެ. ޓެސްޓުތަކުން ކެންސަރު ނެތްކަން ޔަގީންކުރެވުނެވެ. އެއަށްފަހު މިރީނާ (ދަރިމައިވުމާއި ޕީރިއަޑްވުމުން ގިނައިން ލޭ އައުން ކޮންޓްރޯލް ކުރުމަށް ރަހިމުގެ ތެރެއަށް ލައްވާ ޑިވައިސްއެއް) ހަރުކުރެވުނެވެ.
ފުރަތަމަ ފަހަރަށް ހުދާގެ ބައްޔަކީ އެންޑޮމީޓްރިއޯސިސްކަން އެނގުނީ މި ހޮސްޕިޓަލުންނެވެ. އޭނާއަށް މި ބައްޔާބެހޭ އެއްވެސް މައުލޫމާތެއް ކުރިން ނޭނގެއެވެ. ބަލީގެ މައުލޫމާތު އޭނާއަށް ލިބުނީ ޑޮކްޓަރުގެ މަޝްވަރާއާއި އިންޓަނެޓުން ހޯދި މައުލޫމާތުންނެވެ. މަނިޕާލް ހޮސްޕިޓަލުން އިރުޝާދު ދިނީ މިރީނާގެ ހާލަތު ބެލުމަށް 6 މަސް ފަހުން ޗެކަޕަކަށް އައުމަށެވެ.
މަނިޕާލް ހޮސްޕިޓަލުން ފަރުވާދިން ފަހުން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އިން ހެދި ސްކޭން އިންވެސް ރައިޓް އޯވޭރިއަން އެންޑޯމެޓްރިއޯމާގެ ނިޝާންތައް އަދި އެސައިޓްސް ފެނިފައިވެއެވެ. ބޮޑު ގޮހޮރުގެ އޮޅުންތައް (bowel loops) ދޭތެރޭ ވަރަށް ބައިވަރު ފްރީ ފްލުއިޑް ހުރި ކަމަށް ފާހަގަކޮށްފައި ހުއްޓެވެ. އެއަށްފަހު އޮކްޓޯބަރ 2019 ގައި އައި.ޖީ.އެމް.އެޗަށް ދެއްކުމުން ހިމަރޭޖިކް އެސައިޓްސްއަށް ޑައިގްނޯސްވެފައިވާކަމަށް ބަޔާންކޮށް، މެޑިކަލީ ބަލި މެނޭޖްކުރުމަށްޓަކައި 3 މަސް ދުވަސް ވަންދެން ބޭނުންކުރުމަށް އިންޖެކްޝަން ދީފައިވެއެވެ.
2020 ވަނަ އަހަރުގެ ފެބްރުވަރީ މަހު، 6 މަސްދުވަސް ފާއިތުވުމަށްފަހު މަނިޕާލް ހޮސްޕިޓަލުގައި ހެދުނު މެޑިކަލް ސްކޭނުން ދައްކާގޮތުގައި އަލުން ބަނޑުގެ ތެރެއަށް ގިނަ އަދަދެއްގެ ލޭ އެޅިފައިވާކަން ފާހަގަކުރެވުނެވެ.
މީގެ އިތުރުން، ކުރީގައި ފާހަގަކުރެވުނު ފަދައިން، ކަނާތްފަރާތު އޯވަރީގައި އެންޑޯމެޓްރިއޯމާ އަދި ކިލަނބު ދިޔައެއް ކަމަށް ބެލެވޭ އެންޑޯމެޓްރިއޯޓިކް ފްލުއިޑް ހުރިކަން ފެނުނެވެ. އަދި ރަހިމުގައި ޑިފިއުސް އެޑިނޮމަޔޯސިސްގެ ނިޝާންތައް ފެންނަން ހުއްޓެވެ. ސްކޭނިންގ ރިޕޯޓުން އިތުރަށް ދައްކާގޮތުގައި ދެ އޯވަރީއާއި ބޮޑު ގޮހޮރުވެސް ރަހިމުގައި ތަތްވެފައިކަން އެނގުނެވެ.
މިރީނާގެ ނޭދެވޭ އަސަރުތައް (ސައިޑް އިފެކްޓްސް) ހުދާއަށް ތަޖުރިބާ ކުރަން ޖެހުނެވެ. ހަށިގަނޑާއި ނުގުޅޭތީ، މައްސަރުކަންތައް ރަނގަޅުނުވެ ދެ މަސް ހޭދަވިއެވެ. ފަހުން މައްސަރު ސައިކަލް ނޯރމަލް ވި ނަމަވެސް ބަނޑުތެރެއަށް އެއްވަމުންދަ ލޭގެ މައްސަލައަށް ހައްލެއް ނުލިބުނެވެ. ޑޮކްޓަރުގެ ލަފައަކީ އިތުރު 3 މަސް ދުވަހު މިރީނާގެ އަސަރު ބެލުމަށެވެ.
އޭރު އުމުރުން 36 އަހަރު ކަމުން ވަގުތުން ރަހިމާއި އޯވަރީ ނެގުމަށް ޑޮކްޓަރު ބޭނުމެއް ނުވިއެވެ. އިތުރު 3 މަސް ފަހުން ޗެކްކޮށްލުމަށްފަހު އޮޕަރޭޝަނަށް ދާން ނިންމާނެ ކަމަށް ބުނިއެވެ. އެހެންނަމަވެސް، ކޮވިޑްގެ ސަބަބުން އަދި ދަތުރުފަތުރުގެ ހުރަސްތަކާ ހެދި ޑޮކްޓަރަށް ދެއްކުމަށް ރާއްޖެއިން ބޭރަށް ނުދެވުނެވެ.
މިރީނާގެ ސަބަބުން ޕީރިއަޑް ނުވުމުން، އޭގެ ވޭންތަކުން ސަލާމަތްވި ނަމަވެސް، ބަނޑުތެރެއަށް އެއްވަމުންދާ ލޭގެ ސަބަބުން އެހެން އުނދަގޫތައް ކުރިމަތިވާން ފެށިއެވެ. ބަނޑަށް ބާރުވެ، ހުން އައިސް، ބޯ އަނބުރާ ފަދަ އަލާމާތްތައް ފެންނަން ފެށިއެވެ. މާލޭގައި ހުރި ނަމަވެސް، ކޮވިޑް ކޭސްއެއް ފެނުމާ ގުޅިގެން ޑޮކްޓަރަށް ނުދެއްކުނެވެ. އޭގެ ބަދަލުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަށް އޮންލައިންކޮށް ދެއްކިއެވެ. ސްކޭނެއް ހެދުމަށްފަހު، ބަނޑުގެ ހުސްޖާގައިގައި ގިނަ އަދަދެއްގެ ދިޔަ އެއްވެފައިވާކަން ފާހަގަކުރެވުނެވެ.
ސްކޭންގެ ނަތީޖާއާ ގުޅިގެން އީ.އާރަށް ގެންދިއުމުން، ހަމަ އެރޭ އޮޕަރޭޝަން ކުރެވުނެވެ. މި އޯޕަން ސާޖަރީގައި ރަހިމާއި ދެ އޯވަރީ ނެގުނެވެ. ބަނޑުން 5 ލީޓަރުގެ ލޭ ނެގުނު އިރު، ގޮހޮރުތައް ތަތްވެފައި ހުރި މައްސަލަވެސް ހައްލުކުރެވުނެވެ.
އުމުރުން 37 އަހަރުގައި ހުދާގެ ރަހިމާއި ދެ އޯވަރީ ނެގުނެވެ. 2020 ގެ އޭޕްރީލް މަހު ކުރެވުނު އެ އޮޕަރޭޝަނަށް މިހާރު 5 އަހަރު ވެއްޖެއެވެ. މި އޮޕަރޭޝަނާއި ގުޅިގެން ޕީރިއަޑްގެ ވޭނާއި ގިނައިން ލޭއައުމުގެ މައްސަލަ ހައްލުވެގެން ދިޔައެވެ.
އެންޑޮމީޓްރިއޯސިސްއަކީ މުޅި ހަށިގަނޑުގެ ގުނަވަންތަކަށް ފެތުރުމުގެ ފުރުސަތު އޮންނަ ބައްޔަކަށްވާތީ، ރަހިމާއި އޯވަރީ ނެގުމަށްފަހުގައިވެސް ހަށިގަނޑުގައި ބަލި ހުރި މިންވަރު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ބަލީގެ ތަޖުރިބާކާރުން ބުނާ ގޮތުން އޯވޭރިއަން އެންޑޯމެޓްރިއޯމާ ނުވަތަ ޗޮކްލެޓް ސިސްޓަކީ ބަލި އެޑްވާންސްޑް ސްޓޭޖްއަކަށް ގޮސްފައިވާ ކަމުގެ އަލާމާތެކެވެ. އަދި އޯވަރީގައި އެންޑޯމެޓްރިއޯމާ ހުރިކަމުގައިވާނަމަ ގިނަފަހަރަށް އިތުރު ގުނަވަންތަކަށް ބަލި ހުންނަނީ ފެތުރިފައެވެ. އެހެންކަމުން، އެންޑޯމެޓްރިއޯމާގެ ކޭސްތަކުގައި، އެންޑޮމީޓްރިއޯސިސް ހަށިގަނޑަށް ފެތުރިފައި ހުރި މިންވަރު ދެނެގަތުމެއް ނެތި ހަމައެކަނި ސިސްޓް ޑްރެއިންކޮށްލުން ނުވަތަ އޯވަރީ ނެގުން އެއީ އަދި މުޅި ހައްލު ނޫންކަމުގައި މިބަލީގެ މާހިރުން ވިދާޅުވެއެވެ.
މިހާރުވެސް އަހަރަކު އެއްފަހަރު ހުދާއަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. ކުރިން ތަހައްމަލުކުރަމުން އައި ވޭން އަލުން އިހުސާސްވާން ފެށުމުން، އެއީ ކުރީގައިވެސް ތަހައްމަލު ކުރި ރިހުން ކަން ހުދާއަށް ވިސްނުނެވެ.
މި އުނދަގޫތަކުގެ އިތުރުން ހުދާގެ ކަނާތުގައި ނާރުގެ މައްސަލައެއްވެސް ދިމާވެފައިވެއެވެ. ވުޟޫކުރުމަށް އަތް އުނގުޅާލުމުން ކަރަންޓު ޖެހޭ ކަހަލަ އިހުސާސެއް ކުރެވެއެވެ. މިކަމާ ގުޅިގެން ކަށީގެ އަދި ނާރުގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކައި، އެމް.އާރު.އައި ސްކޭން ހަދާފައިވެއެވެ. ޑޮކްޓަރުން ވިދާޅުވީ އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ފަރުވާއެއް ހޯދައިދެވިފައެއް ނުވެއެވެ. އެންޑޮމީޓްރިއޯސިސްއާ ބެހޭ މަޢުލޫމާތު އިތުރަށް ލިބުމާއެކު، މިއީ އެ ބައްޔާ ގުޅުން ހުރި ކަމެއްތޯ ހުދާ ވިސްނަން ފެށިއެވެ.
މީގެ އިތުރުން، ވަކި ދުވަސްވަރެއްގައި ހުދާގެ ދެފައިގެ ކަކޫ ދުޅަވެ، އަތްލުމުން ޗިސްކޮށް، ލޮނދިގަނޑެއް އޮންނަކަހަލަ އިހުސާސެއްކުރެވެއެވެ. އެހެންނަމަވެސް މި ހާލަތު ވަގުތު ފާއިތުވުމާއެކު އަމިއްލައަށް ރަނގަޅުވެއެވެ. ސްކޭން ހެދުމުން ފެންނަނީ ކަނާތު ކިޑްނީ ދުޅަވެފައިވާ މަންޒަރެވެ. ނަމަވެސް ކިޑްނީގެ ފަންކްޝަން ރަނގަޅަށް ހުރުމާއެކު، މެޑިކަލް ޕްރޮފެޝަނަލުން ދެކޭ ގޮތުގައި މިއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ ސްކޭންއަކުންވެސް މިކަން ފާހަގަވާތީ، އިތުރު މެޑިކަލް ޓެސްޓުތައް ކުރިއަށްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 16 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ހުދާގެ ގޯލް ބްލެޑާގެ ސަރޖަރީއެއް ކުރެވުނެވެ. އޮޕަރޭޝަން ރިޕޯޓުގައިވާ ގޮތުން، ޕެލްވިކް އޭރިއާއިން ކުޑަ މިންވަރެއްގެ ‘ސެރަސް’ ފްލުއިޑް ފެނި، އެ ދިޔަ ރިމޫވްކުރެވުނެވެ. އަދި ހަމައެއާއެކު އޯގަންތަކުގައި ހުރި އެޑްހީޝަންތައް (ތަތްލެވުންތައް) ވެސް ވަނީ ނައްޓާލެވިފައެވެ.
ހުދާ ބުނި ގޮތުގައި ހަށިގަނޑުގައި ފްރީ ފްލުއިޑް އުފެދުމަކީ ވަރަށް ބިރުވެރިކަމެކެވެ. މީގެ ސަބަބުން ހަށިގަނޑު ބަރުވެ، ހިނގުމަށް އުނދގަގޫވެ އަދި ގޭސް މައްސަލަ ދިމާވެއެވެ. މިއީ މިވަގުތު ކުރިމަތިވެފައިވާ ދަތިތަކެވެ. މީގެ އިތުރުން ނަފްސާނީ ބަލިކަށިކަމާއި، ކަންބޮޑުވުމާއި، ހަނދާން ނެތުމުގެ މައްސަލަތަކާ ހެދި ދިރިއުޅެން ވަނީ އުނދަގޫވެފައެވެ. މިކަމާ ކުރިމަތިލުމަށް ވަރަށް ބޮޑު ހިތްވަރެއް ބޭނުންވާކަމަށް ހުދާ ބުންޏެވެ.
11 އަހަރު ވަންދެން އެކި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނަށް ދައްކައި، ގިނަ ފަރުވާތަކާއި އޮޕަރޭޝަންތައް ކޮށް ވަރުބަލިވެފައިވާ ހުދާ އިތުރަށް ބުނީ “މިފަހަރުގެ ގޯލް ބްލެޑާ އޮޕަރޭޝަންގައި ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި އޯގަންތައް ވަނީ ވަރަށް ބޮޑަށް ތަތްލެވިފައި، ޚާއްޞަކޮށް ގޮހޮރާއި ލިވަރ. އިންޓަރނަލް މެޑިސިން ސްޕެޝަލިސްޓަކަށް ދެއްކުމަށް ލަފާދެއްވި ނަމަވެސް، ދައްކަންވީ ކޮން ޑޮކްޓަރަކަށްކަން، ކުރިއަށްދާންވީ ކިހިނެއް ކަމެއް ނޭނގެ. ގައިނެކޮލޮޖިސްޓަށް ދެއްކިޔަސް، އޯވަރީއާއި ޔޫޓަރަސް ނަގާފައި ހުރުމުން އެބައިގެ މައްސަލައެއް ނެތްކަމަށް ވިދާޅުވޭ.”
ހުދާ ދެއްކި ވާހަކަތަކުން އޭނާގެ މަންމަގެވެސް އެންޑޮމީޓްރިއޯސިސްއާއި އެޑިނޮމަޔޯސިސްގެ ނިޝާންތައް ހުރިކަން ފާހަގަވިއެވެ. އެޑިނޮމަޔޯސިސްއަކީ ރަހިމުގެ މަސްފަށަލައިގެ ތެރެއަށް އެންޑޮމީޓްރިއޯސިސްގެ ސެލްތައް ވަދެގެން ދިއުމަށް ކިޔާ ނަމެކެވެ. މިއީ އެކަށީގެންވާ ފަރުވާއެއް ނުލިބި ދިގު މުއްދަތެއް ވެއްޖެނަމަ، ރަހިމަށް ގެއްލުން ލިބި، އެންމެ ނުރައްކާތެރި ހާލަތުގައި ރަހިމު ނެގުމަށް މަޖުބޫރުވެދާނެ ބައްޔެކެވެ.
އެންޑޮމީޓްރިއޯސިސްއަކީ ޖެނެޓިކް ފެކްޓަރވެސް އޮންނަ ބައްޔެއްކަމުން މި ބަލި ހުންނަ އަންހެނުންގެ އަންހެން ދަރިންނަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް މަތިވެއެވެ.
ހުދާގެ ކޭސްއަކީ އެންޑޮމީޓްރިއޯސިސްގެ ޚާއްސަ ކޭސްއެކެވެ. މި ބަލި ހުރި އެހެން އަންހެނުންނާ ތަފާތަށް، ހުދާގެ ބަނޑުތެރޭގައި މިހާ ގިނަ ލޭ އެއްވެފައި ހުރުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. އެހެންކަމުން މަނިޕާލް ހޮސްޕިޓަލުން މިކަން ޚާއްސަ ގޮތެއްގައި ފާހަގަކުރިއެވެ.
މަނިޕާލް ހޮސްޕިޓަލުންވެސް އެފަދަ ކޭސްއެއް އެތަނަށް އައިސްފައިނުވާކަމަށް ވިދާޅުވިއެވެ. އެންޑޮމީޓްރިއޯސިސްގެ ‘ޕެލްވިކް އެސައިޓްސް’ ކޭސް އެއް މި ނޫނީ ދިވެހިރާއްޖެއިން ފެނުނުކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ނޯޓް: ހުދާގެ އޯވަރީ ނެގިފައި ވީކަމުގައި ވީނަމަވެސް، އިތުރު ގުނަވަނަކަށް ނުވަތަ ގުނަވަންތަކަށް އެންޑޮމީޓްރިއޯސިސްގެ އަސަރުކޮށްފައި ހުރިކަން ދެނެގަނެވޭނީ އެމް.އާރ.އައި އެއް ހެދުމަށް ފަހު ބަލީގެ ޚާއްސަ ޑޮކްޓަރަކަށް ދައްކައިގެންނެވެ. ހުދާ އަދި މި އެމް.އާރ.އައި ހަދާފައި ނުވެއެވެ. ރާއްޖޭގައި ބަލީގެ ޚާއްސަ ޑޮކްޓަރުން ނެތުމުގެ ސަބަބުން މިހާރު ޖެހެނީ އެމް.އާރ.އައި ރީޑްކުރުމަށް ބޭރުގެ ޑޮކްޓަރަކަށް ފޮނުވާށެވެ.
