ސައިންސްގެ ހޯދުންތަކުން ދައްކާގޮތުގައި ހިޔާލީ ކުޅިވަރަކީ ހަމައެކަނި މަޖާކުރުމެއް ނޫނެވެ. އެއީ ކުޑަކުދިންގެ ސިކުނޑި ތަރައްގީވުމުގައި ވަރަށް މުހިންމު ބައެކެވެ.
ހިޔާލީ ކުޅިވަރަކީ ކޮބާ؟

ހިޔާލީ ކުޅިވަރު ނުވަތަ ޕްރިޓެންޑް ޕްލޭ އަކީ ކުދިން އެމީހުންގެ ހިޔާލު ބޭނުންކޮށްގެން ތަފާތު މަންޒަރުތަކާއި، ދައުރުތަކާއި، ވާހަކަތައް އުފައްދާ ކުޅިވަރެވެ. މިސާލަކަށް ކުޑަކުއްޖަކު ރިމޯޓެއް ފޯނެއްގެ ގޮތުގައި ބޭނުންކުރުން، ބުދެއް ބޭނުންކޮށްގެން ޑޮކްޓަރެއްގެ ގޮތުގައި ކުޅުން، ނުވަތަ ކުޅޭ ތަށްޓާއި ތަވާތަކުން ކެއްކުން ފަދަ ކަންކަމެވެ. މިފަދަ ކުޅިވަރު އާންމުކޮށް ފެށެނީ 18-24 މަހުގެ އުމުރުފުރާގައެވެ. އަދި އުމުރުން 3 ނުވަތަ 4 އަހަރާއި ހަމައަށް އަންނައިރު މިފަދަ ކުޅިވަރުތައް އިތުރަށް ތަރައްގީވެގެންދެއެވެ.
އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް (އޭއޭޕީ) އިން ބުނާގޮތުގައި ހިޔާލީ ކުޅިވަރަކީ ކުޑަކުދިންގެ އިޖްތިމާއީ، ވިސްނުމުގެ އިތުރުން ޖަޒްބާތީ ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ.
ހިޔާލީ ކުޅިވަރުން ސިކުނޑީގެ ބާރު އިތުރުވާ ގޮތް
1. ބަހުގެ ތަރައްގީއަށް މަގުފަހިކުރުން
ހިޔާލީ ކުޅިވަރުގައި ގިނަފަހަރަށް ވާހަކަ ކިޔުމާއި، ވާހަކަދެއްކުމާއި، އަދި ދައުރު އަދާކުރުން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ބަސްމޮށުންތެރިކަމާއި މުވާސަލާތުކުރުމުގެ ހުނަރު އިތުރުވެއެވެ.
އެގޮތުން ކުދިންނަށް ދަސްވެގެންދާ ކަންކަމުގެ ތެރޭގައި:
- އައު ބަސްތަކާއި އިބާރާތްތައް
- އިހްސާސްތަކާއި ބޭނުންތައް ފާޅުކުރުން
- އެހެން މީހުންގެ ބުނާ ބަސްތަކާއި އިޝާރާތްތަކުގެ މާނަ ދެނެގަތުން
2020 ވަނަ އަހަރު އޭއޭޕީ އިން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ހިޔާލީ ކުޅިވަރު ހިމެނޭ ބަހުގެ ގޮތުން މުއްސަނދި މާހައުލުތަކުގައި ހެދިބޮޑުވާ ކުދިންގެ 5 އަހަރުގެ އުމުރުގައި ބަހުގެ ހުނަރުތައް ރަނގަޅުވެއެވެ.
2. ހަނދާން ބެހެއްޓުމާއި ވިސްނުމުގެ ހުނަރު އިތުރުވުން
ކުޑަކުދިން ހިޔާލީ ކުޅިވަރުތަކުގައި ބައިވެރިވާއިރު (މިސާލަކަށް ފިހާރައެއް ހިންގުން ނުވަތަ ކުޅޭ ބުދެއް ބެލެހެއްޓުން ) އެކުދިން އަމަލީގޮތުން ދަސްކުރަނީ:
- ތަރުތީބުކުރުން (ފުރަތަމަ އަންނަނީ ކޮންކަމެއްތޯ، ދެން އަންނަނީ ކޮންކަމެއްތޯ، އަދި އެންމެ ފަހުން އަންނަނީ ކޮންކަމެއްތޯ)
- ކުރިކަންކަން ހަނދާން ބެހެއްޓުން (ވާހަކައިގެ ތަފްސީލުތައް ހަނދާން ބެހެއްޓުން)
- ބަދަލުތަކަށް ފަސޭހަ ވިސްނުން (އެކި ދައުރުތަކާއި މަސައްކަތްތައް ކުރުމުގައި ރޯލް ބަދަލުވުން)
ފްރޮންޓިއަރސް އިން ސައިކޮލޮޖީ (2017) ގައި ޝާއިއުކުރެވުނު ދިރާސާއަކުން ދައްކައިދެނީ ސިމްބޮލިކް ކުޅިވަރުން އެގްޒެކެޓިވް ފަންކްޝަންތައް ވަރުގަދަކުރާކަމެވެ. އޭގެ ތެރޭގައި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި ރޭވުންތެރިކަން ހިމެނެއެވެ.
3. އިޖްތިމާއީ އަދި ޖަޒްބާތީ ކުރިއެރުމަށް އެހީވެދޭ
ރޯލް ޕްލޭ މެދުވެރިކޮށް، ކުޑަކުދިން ދަސްކުރާކަންކަތައްތަކުގެ ތެރޭގައި:
- އެހެން މީހެއްގެ ނަޒަރުން ކަންކަން ދެކެން (ޅަ އުމުރުގައި އެހެން މީހުންގެ އިހުސާސްތައް ދެނެގަތުން)
- އެހެން މީހުންނާއެކު މަޝްވަރާކޮށް އެއްބާރުލުން ދިނުމަށް
- އިހްސާސްތައް ފާޅުކޮށް ބެލެހެއްޓުމަށް
މައިންބަފައިން، ޑޮކްޓަރުން، ނުވަތަ ރަހުމަތްތެރިންގެ ދައުރު އަދާކުރުމުން ކުދިންނަށް ގުޅުންތައް ދެނެގަނެ އިޖްތިމާއީ އާދަތައް ދަސްކުރެވެއެވެ. ހާވަޑް ޔުނިވަރސިޓީގެ ސެންޓަރ އޮން ދަ ޑިވެލޮޕިންގ ޗައިލްޑްއިން ފާހަގަކުރާގޮތުގައި މިފަދަ ކުޅިވަރުތަކުން ބޮޑުވުމާ ހަމައަށްވެސް ދެމިގެންދާ މުހިންމު ޖަޒްބާތީ ހުނަރުތައް އުފެދެއެވެ.
4. އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ޤާބިލުކަން އިތުރުވުން
ހިޔާލީ ކުޅިވަރުތަކުން ކުދިންނަށް ވާހަކަތަކާއި، ކެރެކްޓަރުތަކާއި، ނަތީޖާތައް އުފެއްދުމަށް ހިތްވަރުދެއެވެ. މިއީ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ހުނަރުތައް އާލާކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
މިސާލަކަށް:
- ހިޔާލީ ކުޅިވަރުގައި މީހަކު ބަލިވެއްޖެނަމަ، ޑޮކްޓަރު (ކުޑަކުއްޖާ) ކުރަންވީ ކޮންކަމެއްކަން.
- ސައި ޕާޓީއެއްގައި ތަށިތައް މަދުވެއްޖެނަމަ، އެކަން ހައްލުކުރާނީ ކިހިނެއްކަން.
ޒީރޯ ޓު ތްރީ، އާރލީ ޑިވެލޮޕްމަންޓަށް އަމާޒުކޮށްފައިވާ ނޮން-ޕްރޮފިޓް ޖަމްއިއްޔާއެއްގެ ދިރާސާތަކުން ދައްކާގޮތުގައި ހިޔާލީ ކުޅިވަރަކީ އުފެއްދުންތެރި ވިސްނުމުގެ އެންމެ ފުރަތަމަ ސިފަތަކުގެ ތެރެއިން އެއް ސިފައެވެ.
5. މޯޓަރ ސްކިލްސް ވަރުގަދަވުން (ކުދި އަދި ބޮޑެތި މަސްތައް ބޭނުންކޮށްގެން ހަރަކާތްކުރުމުގެ ހުނަރު)
ހިޔާލީ ކުޅިވަރުގައި ހަރަކާތްތެރިވުމާއި ކޯޑިނޭޝަން ހިމެނެއެވެ. ހެދުން އެޅުމާއި، ބްލޮކްސް ބޭނުންކޮށްގެން ގެޔެއް ހެދުމާއި، މަސައްކަތް ކުރަންގެންގުޅޭ އާލާތްތައް ފަދަ ކުޅޭ ތަކެތި ބޭނުންކުރުމުން ބޮޑެތި އަދި ކުދި މަސްތައް ބޭނުންކޮށްގެން ހަރަކާތްތައް ކުރުމުގެ ހުނަރުތައް ތަރައްގީވެއެވެ.
މި އަމަލީ ހަރަކާތްތަކަކީ ކުޑަކުދިންނަށް ސަބަބާއި ނަތީޖާ ދެނެގަތުމަށްވެސް ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް، ކުޅޭ ފޯނެއްގެ ފިތަކަށް ފިއްތާލާފައި މީހަކު ޖަވާބުދޭ ކަމަށް ހެދުން.
މައިންބަފައިންނަށް ހިޔާލީ ކުޅިވަރުތަކުގައި އެހީތެރިވެވޭނެ ގޮތްތައް
ހިޔާލީ ވިސްނުން (އިމޭޖިނޭޝަން) ކުރިއެރުވުމަށް އަގުބޮޑު ކުޅޭ ސާމާނު ބޭނުމެއް ނުވެއެވެ. މިކަމުގައި ބެލެނިވެރިންނަށް އެހީތެރިވެވޭނެ ގޮތްތަކުގެ ތެރޭގައި:
- ހިޔާލީ ކުޅިވަރުތަކަށް މަގުފަހިވާފަދަ ސާމާނު ފޯރުކޮށްދިނުން: މިސާލަކަށް، ބްލޮކްސް، ކުޅޭ ބުދު، ކައްކާ ސެޓް، ވަޑާން ސެޓް، ކަރުދާސް ފޮށިފަދަ ތަކެތި.
- ކުޅިވަރުގައި ބައިވެރިވުން: ހިޔާލީ ކުޅިވަރުގައި ދަރިފުޅު އިސްނަގައިގެން ހުށަހަޅާ ހާދިސާގައި ކުއްޖާއާ ބައިވެރިވުން.
- ތަފާތު ކުޅިވަރުތަކަށް “އާނއެކޭ” ބުނާ ޖާގައެއް އުފެއްދުން: ހަޑިވާފަދަ ކުޅިވަރާއި އުފެއްދުންތެރިކަންކަން ކުރެވޭފަދަ ރައްކާތެރި މާހައުލެއް ގާއިމުކުރުން.
- ދޭތެރެއަކުން ކުޅޭ ސާމާނު ބަދަލުކުރުން: ކުޅެން ގެންގުޅޭ ސާމާނު ތަފާތު ހިޔާލީ ކުޅިވަރެއް ކުޅެވޭފަދަ ސާމާނަށް ދޭތެރެއަކުން ބަދަލުކުރުމުން، އާ ފުރުސަތުތައް ލިބުމުގެ ސަބަބުން ހިޔާލީ ވިސްނުން ދިރުވައި އާލާވެއެވެ.
ހަރުދަނާ، ހިޔާލީ ކުޅިވަރަށް ބާރުއެޅުމަށްޓަކައި ކުޑަކުދިންގެ ސްކްރީން ވަގުތު މަދުކުރުމަށް ވެސް މާހިރުން ލަފާދެއެވެ.
ގިނައިން ހިޔާލީ ކުޅިވަރު ކުޅުމަކީ މައްސަލައެއްތަ؟
ގިނައިން ހިޔާލީ ކުޅިވަރު ކުޅުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ހިޔާލީ ކުޅިވަރު މާގިނައިން ތަކުރާރުވާނަމަ ނުވަތަ ކުއްޖާ އެހެން މީހުންނާ މުއާމަލާތް ކުރުމަށް ހުރަސްއަޅާނަމަ، އެކަން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާ މަޝްވަރާކުރުން މުހިންމެވެ. ކުޑަކުއްޖާ ބޮޑުވަމުން އަންނަވަރަކަށް ހިޔާލީ ކުޅިވަރު އިތުރަށް ފުރިހަމަވެ، ބަދަލުވަމުން ދާންވާނެއެވެ.
ހިޔާލީ ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫނެވެ. އެއީ ސިކުނޑީގެ، ޖަޒުބާތީ އަދި އިޖްތިމާއީ ތަރައްގީގެ އަސާސެކެވެ. ކައްކާ ކުޅުމާއި ޑޮކްޓަރުކުޅުން ފަދަ ސާދާ ހަރަކާތްތަކުން، ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކަންކަން ދަސްކުރުމަށް ސަޕޯޓުލިބޭނެ ސިކުނޑީގެ ބާރު އުފެދިގެން ދެއެވެ.
އެމެރިކަން އެކެޑަމީ އޮފް ޕީޑިއެޓްރިކްސްއިން ޔަގީންކޮށްދޭ ގޮތުގައި: “ކުޅިވަރަކީ ބޭކާރު އެއްޗެއް ނޫނެވެ؛ އެއީ ސިކުނޑި ބިނާކުރުމެވެ.”
