ދަރިފުޅުގެ އުމުރުން ހަތް މަސް ފުރޭއިރު ދުވަހެއް ދުވަހަކަށް ހަށިގަނޑު ވަރުގަދަވެ، ކަންކަން ދަސްކުރުމަށް ޝައުގުވެރިވެ އަދި ކުޅިވަރުގައި ޝާމިލުވަމުންދެއެވެ. މިއީ އައު ހުނަރުތަކާއި ހޯދުންތަކުން ފުރިގެންވާ އުފާވެރި ތަޖުރިބާތަކެއް ކުރެވޭ އުމުރެކެވެ.
ޖިސްމާނީ ކުރިއެރުން

މިހާރު ދަރިފުޅަށް އިތުރު އެހީތެރިކަމެއް ނެތި އިށީނދެ އިނދެވޭނެއެވެ. އަދި ދެފަރާތަށް ވެސް ފުރޮޅިހަދާނެއެވެ. ބައެއް ކުދިން އަތާއި ކަކޫގެ މައްޗަށް ތެދުވެ ފިރުކެން މަސައްކަތްކުރާނެއެވެ. ދަރިފުޅު ކޮޅަށް ބަހައްޓައިގެން ހުންނައިރު ފުންމާހެދުމަށް ވަރަށް ލޯބިކުރެއެވެ. މީގެ ސަބަބުން ފައިގެ މަސްތަކުގެ ބާރު ވަރުގަދަވެއެވެ.
ގިނަ ވަގުތު ތަޅުންގަނޑުމަތީ ހޭދަކުރުމާއި “ޓަމީ ޓައިމް” ހެދުމަކީ އަދިވެސް ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން ކުއްޖާ ހަރަކާތްތެރިވެ، ކަންކަން ހޯދާ ބެލުމާއި އަދި ހިނގުމަށް ބޭނުންވާ މަސްތައް ތަރައްގީވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކުރީކޮޅު ވަރުގަދަ ހަރަކާތްތެރިކަމުގެ ހުނަރުތައް ދަސްކުރާ ކުދިންނަށް ފަހުން ވިސްނުމާއި އުނގެނުމުގެ މަސައްކަތްތަކުގައި ރަނގަޅު ނަތީޖާ ހޯދިދާނެއެވެ.
ސިކުނޑީގެ ކުރިއެރުން
މި އުމުރުގައި ކުޑަކުއްޖާގެ ސިކުނޑި ވަރަށް ހަލުވިކަމާއިއެކު ކުރިއަރަމުންދެއެވެ. އެކުދިންނަށް އެއްޗެއް ނުފެނުނު ކަމުގައި ވިޔަސް އެ އެއްޗެއް ވުޖޫދުގައި ވާކަން މިހާރު އެކުދިންނަށް ދެނެގަންނަން އެނގެއެވެ. އެގޮތުން ކުޅޭ އެއްޗެއް ފޮރުވުމުން އެ އެއްޗެއް ހޯދަން އުޅެއެވެ. މިއަށް ކިޔަނީ “އޮބްޖެކްޓް ޕަރމަނަންސް” އެވެ. މިއީ ވަރަށް މުހިންމު މޭލުގާއެކެވެ.
މިއުމުރުގެ ކުދިން ބަލައިގެންނާއި، އަޑުއަހައިގެންނާއި، އަތާއި އަނގައިން ތަކެތި ތަޖުރިބާކޮށް ދެނެގަތުމުގެ ތެރެއިން ކަންކަން އުނގެނެމުންދެއެވެ. ކޮންމެ ދުވަހަކުވެސް ވާހަކަދައްކައި އަދި އެކުގައި ކުޅެއުޅުމަކީ މިފަދަ އުނގެނުމަށް އެހީތެރިވެދޭ ކަންކަމެވެ.
ބަސް ދަސްކުރުމާއި ވާހަކަ ދައްކަން މަސައްކަތްކުރުން
ކުއްޖާގެ އުމުރުން 7 މަހުގައި “ބަ-ބަ” ނުވަތަ “ދަ-ދަ” ފަދަ މަޖާ އަޑުތައް ނެރެފާނެއެވެ. މިއީބަސްކިއުމަށް ފަރިތަ ކުރުމުގެ ތެރެއިން ހިމެނޭކަމެކެވެ. ކުއްޖާ ބެލެނިވެރިޔާގެ އަޑުގެ ރާގު ނުވަތަ މޫނުމަތީގެ ހަރަކާތްތައް ކޮޕީކޮށް ހަދާނެއެވެ. އަދި ބެލެނިވެރިޔާ ވާހަކަދެއްކުމުން ނުވަތަ ލަވަކިޔާދިނުމުން އުފާވާނެއެވެ. ގިނަ ބަސްތަކާއި ލަވަތައް އަޑުއިވޭ ކުދިން އާންމުކޮށް އަވަހަށް ވާހަކަދައްކަން ފަށައެވެ. އެހެންކަމުން ވާހަކަދެއްކުމާއި، ފޮތްކިޔައި ދިނުމާއި، ލަވަކިޔައިދިނުން ފަދަ ކަންކަން ކުރިއަށް ގެންދިއުމުން ވަރަށް ބޮޑު ތަފާތެއް ފާހަގަ ކުރެވިގެން ދާނެއެވެ.
އިޖްތިމާއީ އަދި ޖަޒްބާތީ ކުރިއެރުން
އެކުގައި އުޅޭ ނުވަތަ އާންމުކޮށް ފެންނަ މޫނުތައް ފާހަގަކުރެވޭނެއެވެ. އަދި އާނމުކޮށް ނުފެންނަ ނުވަތަ ބީރައްޓެހި ފަރާތެއް ފެނުމުން ކައިރިއަށްނުދާން ބިރުން އުޅުންފަދަ ކަންކަމަކީ މިއުމުރުގައި އާންމުކަމެކެވެ. މިކުދިން ފީކޯތް ފަދަ ކުޅިވަރުތަކަށް ވަރަށް ލޯބި ކުރެއެވެ. އަދި ސަމާލުކަން ހޯދުމުގެ ގޮތުން ހިނިތުންވެލުން، ހުނުން އަދި މީހަކަށް އަތުން އިޝާރާތްކޮށް ހަދާފާނެއެވެ. މި ފަދަ ކުދިކުދި މުއާމަލާތްތަކުން ޖަޒްބާތީ ގުޅުމާއި މުވާސަލާތީ ހުނަރުތައް އުފެދި އިތުރަށް ވަރުގަދަ ވުމަށް އެހީތެރިވެދެއެވެ.
ކާންދިނުމުގެ ވަގުތު: އައު ކާނާތައް ތަޖުރިބާކުރުން
މައިމީހާގެ ގާތުންދޭ ކިރު ނުވަތަ ފޯމިއުލާ އަކީ އަދިވެސް ދަރިފުޅުގެ މައިގަނޑު ކާނާގެ ގޮތުގައި އޮތްނަމަވެސް، މިހާރު ހަރުކާނާ ތަޖުރިބާކުރުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. މޭވާ ޕިއުރީ، ތަރުކާރީ، ކުޑަކުދިންގެ ސީރިއަލް، މޭޝްޑް މީޓް، ނުވަތަ ބަރަބޯ ފަދަ ތަކެތި ދެވިދާނެއެވެ.
މަޑުމަޑުން ފަހަރަކު އެއްޗެއް ތައާރަފް ކުރަމުން އަދި އެލަރޖީގެ އެއްވެސް ރިއެކްޝަނެއް ފާހަގަކުރޭވޭތޯ ބަލަމުން ކުރިއަށް ގެންދިއުން މުހިންމެވެ. ކުއްޖާ އަތަށް މަޑު، އިނގިލިތަކުން ފިތައި ޗިސްކޮށްލެވޭފަދަ ރައްކާތެރި ކާއެއްޗެހި އަމިއްލައަށް ކާން މަސައްކަތްކުރެވޭނެގޮތަށް ދޭށެވެ. ދަގަނޑުގެ ބައި އެކުލެވޭ ކާނާ ކަމުގައިވާ ކުޑަކުދިންގެ ސީރިއަލް ނުވަތަ އެއްގަމު މަހުގެ ބާވަތްތައް މުގުރާފައި (ޕިއުރީޑް މީޓް) ދިނުން މިހާރު ވަކިން މުހިންމެވެ.
ނިދުމުގެ އާދަތައް
7މަހުގެ ގިނަ ކުދިން (2 – 3 ނެޕްސް ހިމެނޭހެން) ދުވާލަކު 14 ގަޑިއިރާއި 15 ގަޑިއިރާއި ދެމެދުގެ މިންވަރަކަށް ނިދާނެއެވެ. ރޭގަނޑު ގާތްގަނޑަކަށް 11 ވަރަކަށް ގަޑިއިރު ނިދައެވެ. ނަމަވެސް ބައެއް ކުދިން އަދިވެސް ބަނޑުހައިވެގެން ނުވަތަ ހަމަޖެހިލުމަށް ހޭލައެވެ.
އަރާމު ކޮށް ހަމަޖެހިލައިގެން ނިދާލެވޭނެ އާދަތަކަކާއި، ނިދުމަށް އެއްވަގުތުތަކެއް ހަމަޖައްސާށެވެ. މިކަމުން ކުއްޖާ ހަމަޖެހި، ރަނގަޅަށް އަރާމުކުރުމަށް އެހީތެރިވެދެއެވެ.
“އެންމެ މުހިންމީ ރައްކާތެރިކަން”: ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުން
ދަރިފުޅު އިތުރަށް ހަރަކާތްތެރިވާން ފެށުމާއެކު ގޭތެރެ އަކީ ދަރިފުޅަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމުގެ ވަގުތު އައިސްޖެހިއްޖެއެވެ. ކަރަންޓު އައުޓްލެޓްތައް ނިވާކޮށް، ސިޑިތައް ބަންދުކޮށް، ދިރުވާލަފާނެ ކުދިކުދި ތަކެތި އަތުޖެހޭ ހިސާބުގައި ނުބެހެއްޓުމާއި އަދި އެނދާއި ސޯފާގައި ދަރިފުޅު އެކަނި ދޫކޮށްނުލާށެވެ.
އަދި ހަމައެހެންމެ، ކުއްޖާ ހެދިބޮޑުވުމުގެ ތަރައްގީ ބެލުމަށް ޑޮކްޓަރަށް ދެއްކުން މެދުނުކެނޑި ކުރިއަށް ގެންދާށެވެ. އިށީނދެ ނީންދުން، އަޑުލައްވައި ނުހެދުން، ނުވަތަ މީހުންނަށް ޝައުގުވެރިކަން ނުދެއްކުން ފަދަ ކަމެއް ފާހަގަވެއްޖެނަމަ، ޑޮކްޓަރާ ވާހަކަދައްކާށެވެ. އަވަހަށް އެހީތެރިކަން ހޯދުމަކީ ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމެކެވެ.
7 މަހުގެ ކުދިންނަކީ ކުޅުމާއި، ހަރަކާތްތެރިވުމާއި، އަޑުތަކާއި ލޯބީގެ ތެރެއިން ކޮންމެ ދުވަހެއްވެސް ކަންކަން ދަސްކުރުމުގައި އަވަދިނެތި އުޅޭ ބައެކެވެ. މި މަރުހަލާއަކީ އާ ހޯދުންތަކުން ފުރިގެންވާ މަރުހަލާއެކެވެ. ކޮންމެ ކުއްޖަކުވެސް ބޮޑުވަނީ އެ ކުއްޖަކަށް ހާއްސަ ދުވެއްޔެއްގައެވެ.
