ތުއްތުކުދިން ރޭގަނޑު ނިދިން ހޭލުމަކީ އާންމު ކަމެކެވެ. ނަމަވެސް ދަރިފުޅަށް އަހަރު ފުރުމަށްފަހުވެސް މިކަން ދެމިގެންދާނަމަ، ބެލެނިވެރިން ކަންބޮޑުވެ، ހަމަނިދި ނުލިބި، އަދި ހާސްވާގޮތްވެއެވެ. އެހެންނަމަވެސް، 1-3 އަހަރާ ދެމެދުގެ ކުދިން ރޭގަނޑު ހޭލުމަކީވެސް އާންމު ކަމެކެވެ. އަދި އެއީ ކުދިންގެ ދުޅަހެޔޮ ކުރިއެރުމުގެ ބައެކެވެ.
ރޭގަނޑު ނިދިން ހޭލުމަށް ދިމާވާ ސަބަބުތައް

1. ވަކިވުމުގެ ކަންބޮޑުވުން
އުމުރުން 12 މަހާއި 18 މަހާ ދެމެދުގެ ކުދިން، އެކުދިންނަކީ މައިންބަފައިން ނުވަތަ ބެލެނިވެރިންނާއި ވަކި ބައެއްކަން ދެނެގަނެއެވެ. މިގޮތުން ހޭލުންތެރިކަން އިތުރުވުމުގެ ސަބަބުން ބެލެނިވެރިންނާއި ވަކިވެދާނެކަމުގެ ކަންބޮޑުވުން އެކުދިންގެ ހިތުގައި އުފެދިދާނެއެވެ. ހާއްސަކޮށް ރޭގަނޑު އެކަނި ވާވަގުތު މިފަދަ ހިޔާލުތައް އިހުސާސްކުރެވެއެވެ.
އެމެރިކަން އެކެޑަމީ އޮފް ޕީޑިއެޓްރިކްސް (އޭއޭޕީ) އިން ފާހަގަކުރާ ގޮތުގައި، މިއުމުރުގެ ކުދިން ހޭލެވޭވަގުތު ބިރުން ނުވަތަ ޔަގީންކަން ހޯދުމުގެ ގޮތުން ރޮއި މައިންބަފައިންނަށް ގޮވުމަކީ އާންމު ކަމެކެވެ. މިކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ 18 މަހުގައެވެ. އަދި މިކަން 3 އަހަރާ ހަމައަށް މެދުކެނޑުމަކާނުލައި ކުރިއަށް ދެމިގެންދިއުމަކީ އެކަށީގެންވާކަމެކެވެ.
ބެލެނިވެރިންނަށް ކުރެވިދާނެ ބައެއްކަންތައްތައް:
ނިދާ ވަގުތުގެ އާދަތަކާއި، ނިދުމަށް ފަސޭހަ މަޑު އައްޔެއް ކޮޓަރީ ބެހެއްޓުން އަދި ބެލެނިވެރިން ކުދިން ހޭލާވަގުތު ގަވައިދުން ކުދިންނަށް އަޅާލުމަކީ ކުދިންނަށް ރަނގަޅަށް ނިދުމަށް ބޭނުންވާ އިހުސާސީ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަންކަމެވެ.
2. ހެދިބޮޑުވުމުގެ ތަރައްގީގެ މޭލުގާތައް
މިއުމުރުގެ ކުދިން ހެދިބޮޑުވުމުގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދެއެވެ. އެގޮތުން ހިނގުމާއި، ވާހަކަދެއްކުން، ތަންތަނަށް އެރުން، އަދި އަމިއްލައަށް ކަންކަން ކުރަން ދަސްކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މި އައު ހުނަރުތަކުގެ ސަބަބުން ދެގޮތަކަށް ނިދުމަށް ދަތިވެދާނެއެވެ:
- އައު ހުނަރުތައް އަމަލީގޮތުން ކުރުމަށް ހުންނަ ޝައުގެއް ނުވަތަ ފޯރިއެއްގެ ސަބަބުން
- މި ހުނަރުތައް ޕްރޮސެސްކުރުމަށް ނުވަތަ “އަލުން ދައްކާލުމަށް” ރޭގަނޑު ހޭލުން.
ނަފްސާނީ އަދި ޖިސްމާނީ ތަރައްގީގެ ބަދަލުތަކާއިއެކު އެކުދިންގެ ނިދުމުގެ އާދަތަކަށް ހުރަސްއެޅި ރޭގަނޑު ހޭލެވޭގޮތް މެދުވެރިވުން އެކަށީގެންވެއެވެ.
ބެލެނިވެރިންނަށް ކުރެވިދާނެ ބައެއްކަންތައްތައް:
ދުވާލުގެ ވަގުތުތަކުގައި ހަރަކާތްތެރި ކުޅިވަރުތަކަށް ވަގުތު ދިނުމާއި، ނިންދެވުމުގެކުރިން ސްކްރީން އާއި ދުރު އާދައެއް ދެމެހެއްޓުން.
3. ނިދުމާ ގުޅުންހުރި ކަންކަމާއި އޭގެ މައްޗަށް ބަރޯސާވުން
ކުޑަކުއްޖަކު ނިންދެވުމަށް އާދަ ކުރެވިފައިވަނީ ބުއްފުޅި ބޮމުން، އުރާލައި ހެއްލާލައިގެން ނުވަތަ ބެލެނިވެރިން ކައިރީގައި ތިބެގެންނަމަ، އެކުދިން ރޭގަނޑު ހޭލެވުމުން އަލުން ނިދަން އެކަންކަން ބޭނުންވެދާނެއެވެ. ސްލީޕް ހެލްތު (2019) ގައި ޝާއިއުކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި އަމިއްލައަށް ހަމަޖެހިލައިގެން ނިދުމަށް ދަސްކޮށްފައިވާ ކުދިން، ނިދުމަށް އެހީތެރިވުމަށް އެހެން ކަންކަމުގެ މައްޗަށް ބަރޯސާވާ ކުދިންނާ އަޅާބަލާއިރު، ރޭގަނޑު ގިނަގިނައިން ހޭލުމުގެ ފުރުސަތު ކުޑައެވެ.
ބެލެނިވެރިންނަށް ކުރެވިދާނެ ބައެއްކަންތައްތައް:
ނިދުމަށް އެހީތެރިވާ މިފަދަ ކަންކަން މަޑުމަޑުން މަދުކޮށް، އަނގަބަހުން އެކުދިންނަށް ހިތްވަރުދިނުމާއި ނުވަތަ ސޮފްޓް ޓޯއީ އެއްފަދަ އެއްޗެއްދީ އަމިއްލައަށް ނިދުމުގެ އާދަތައް އާލާކުރުމަށް މަސައްކަތް ކުރުން.
4. ބިރުވެރި ހުވަފެންތަކާއި ރޭގަނޑަށް ބިރުގަތުން
ކުދިންގެ ހިޔާލީ ބާރު ތަރައްގީވުމާއެކު، ބިރުވެރި ނުވަތަ ގޯސް ހުވަފެންތައް ފެނުން ނުވަތަ ރޭގަނޑަށް ބިރުގަތުން ކުރިމަތިވެދާނެއެވެ. ބައެއް ފަހަރު މިފަދަ ބިރުވެރި ހުވަފެންތަކުގެ ސަބަބުން ކުއްޖާ ފުރިހަމައަށް ނިދިން ހޭލައެވެ. އަދި އަނެއްބައެއްފަހަރު ކުއްޖާ ބިރުގަތްކަމަށް ފެނުނު ނަމަވެސް، ފުރިހަމައަށް ނުހޭލެވި އޮތުންވެސް އެކަށީގެންވެއެވެ.
ކްލިވްލޭންޑް ކްލިނިކްއިން ފާހަގަކޮށްފައިވާ ގޮތުގައި ރޭގަނޑުގެ ބިރުވެރިކަމާއި އާނމުކޮށް ކުރިމަތިވަނީ ކުދިންގެ އުމުރުން 18 މަހާއި 3 އަހަރާއި ދެމެދުއެވެ.
ބެލެނިވެރިންނަށް ކުރެވިދާނެ ބައެއްކަންތައްތައް:
ނިދުމަށް ވަކި ޝެޑިއުލްއެއް ގެންގުޅުމާއި، ބިރުވެރި މަންޒަރުތަކާއި ވީޑިއޯ ފަދަ ތަކެތި ނުދެއްކުން ރަނގަޅެވެ. އަދި ރޭގަނޑަށް ބިރުގަތުން ދިގުލައިގެންދާނަމަ ކަމާއިގުޅޭ ހާއްސަ ޑޮކްޓަރެއް ނުވަތަ ސްޕެޝަލިސްޓަކާއި މަޝްވަރާކުރުން މުހިންމެވެ.
5. ދަތްފެޅުން އަދި ޖިސްމާނީގޮތުން އުނދަގޫތަކެއްވުން
އުމުރުން 2 އަހަރުވާއިރު ހުންނާނީ ގިނަ ދަތްތައް ފަޅާ ފައެވެ. ނަމަވެސް ކޮލުދަތް ހާއްސަކޮށް ދެވަނަ ކޮލުދަތް ފަޅަނީ އުމުރުން 2.5 އަހަރާއި ހަމާގައެވެ. މިކަމަކީ ތަދުވުން ނުވަތަ އުނދަގޫ ވުމުގެ ސަބަބުން ނިދިން ހޭލެވޭކަމެކެވެ. މީގެ އިތުރުން އިންފެކްޝަން، އެލާޖިކްވުން ނުވަތަ ހަޖަމުކުރުމުގެ މައްސަލަތައް ފަދަ ކަންކަމަކީވެސް ޖިސްމާނީގޮތުން ކުރިމަތިވާ ނިދުމަށް އަސަރުކުރާ ކަންކަމެވެ.
ބެލެނިވެރިންނަށް ކުރެވިދާނެ ބައެއްކަންތައްތައް:
ޑޮކްޓަރާއި މަޝްވަރާކުރުން އަދި ދެއްވާ އިރުޝާދާއި އެއްގޮތަށް، ބޭސް ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި ބޭސް ދިނުން.
6. ނިދުމުގެ ތާވަލާއި މާހައުލުގެ މައްސަލަތައް
ނިދުމުގައި ވަކި ތަރުތީބެއް ނުވަތަ ތާވަލެއް ނެތުމަކީ ރޭގަނޑު ނިދުމަށް އުނދަގޫވާކަމެކެވެ. މިސާލަކަށް ލަސްކޮށް ނިދަން އޮށޯވުން، ނުވަތަ ދުވާލުގެ ވަގުތުގައި މާގިނައިން ނިދުމަކީ ކުޑަކުދިން ރޭގަނޑުގެ ނިންޖަށް އަސަރުކުރާނެ ކަންކަމެވެ. ކަމާއިބެހޭ މާހިރުން ލަފާދެއްވަނީ އުމުރުން 1 އަހަރާއި 2 އަހަރުގެ ކުޑަކުދިން، 24 ގަޑިއިރުގެ ތެރޭގައި ކުޑަ ވަގުތު ކޮޅަކަށް ނިދާލާ ވަގުތުތައްވެސް ހިމަނައިގެން ޖުމްލަ 11 ގަޑިއިރާއި 14 ގަޑިއިރުގެ ނިދި ބޭނުންވާނެކަމަށެވެ.
ނިދުމަށް ރަނގަޅު ތާވަލެއް ހަމަޖެއްސުމުގެ ގޮތުން ދަރިފުޅު ނިންދަވަން ބާއްވާ ގަޑިއަކީ ރޭގަނޑު 7:00 އާއި 8:30 ދެމެދުގެ ވަގުތެއް ކަމަށް ހަމަޖެއްސުން ރަނގަޅެވެ. އަދި ނިދުމަށް މަޑުމައިތިރި، ފިނި އަދި އަނދިރި ކޮޓަރިއެއް ހިޔާރުކުރުމަކީ ދަރިފުޅަށް ރޭގަނޑު ހަމަނިދި ނިދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
ބެލެނިވެރިންނަށް ކުރެވިދާނެ ބައެއްކަންތައްތައް:
އެއް ތާވަލަކަށް ނިދުމުގެ ކަންކަން ހަމަޖެއްސުން އަދި ނިންދަވަން ބޭއްވުމުގެ 1 ނުވަތަ 2 ގަޑިއެއްހާއިރު ކުރިން ސްކްރީންއާއި ދުރުކުރުން އަދި ނިދާ ކޮޓަރިއަކީ އަރާމު މަޑުމައިތިރި ތަނެއްކަމުގައި ހަމަޖެއްސުން.
7. ކާންދެވޭ ބައެއްކާނާގެ ސަބަބުން އަދި ނިދަން އޮށޯވުމުގެ ކުރިން މާބޮޑަށް ހަރަކާތްތެރިވުން
ކެއުމުގައި ހަކުރު، ޗޮކްލެޓް ނުވަތަ ސައިގައި ހިމެނޭ ކެފެއިންގެ ސަބަބުންނާއި އަދި ނިދުމުގެ ކުރިން ގިނައިން ކެއުމުގެ ސަބަބުން ނިދުމަށް ދަތިވެއެވެ. ހަމައެގޮތަށް، މާބޮޑަށް ހަރަކާތްތެރި ކުޅިވަރުތައް ކުޅުމާއި ނުވަތަ ސްކްރީން ބޭނުންކުރުމަކީ ސިކުނޑި މާބޮޑަށް ހަރަކާތްތެރިކޮށްދީ ކުދިންނަށް ހަމަޖެހިލައިގެން ނިދުމަށް އުނދަގޫވާނެ ކަމެކެވެ.
ބެލެނިވެރިންނަށް ކުރެވިދާނެ ބައެއްކަންތައްތައް:
ދަރިފުޅު ބަނޑުހައިކަމަށް ފެންނަނަމަ ނިންދެވުމުގެ ކުރިން ދުޅަހެޔޮ ލުއިކެއުމެއް ދިނުން އަދި އިރާކޮޅުގައި ފޮތްކިޔުން ފަދަ މަޑުމައިތިރި ހަރަކާތެއް ކުރިއަށް ގެންދެވިދާނެއެވެ.
ކުޑަކުދިން ރޭގަނޑު ނިދިން ހޭލުމަކީ ބެލެނިވެރިން ވަރަށްބޮޑަށް ވަރުބަލިކޮށްލައި ކަމަކަށްވީ ނަމަވެސް، އެއީ އާންމުކޮށް ކުދިންގެ ހެދިބޮޑުވުމުގެ ތަރައްގީގެ ތެރޭގައި ހިމެނޭ އާދައިގެ ކަމެކެވެ. ނިދުމުގައި ދިމާވާ ގިނަ ދަތިތަކަކީ ވަގުތީ ކަންތައްތަކެކެވެ. މިކަންތައްތަކަކީ އިހްސާސްތަކާއި، ވިސްނުމުގެ ނުވަތަ ޖިސްމާނީ ކުރިއެރުމާ ގުޅިފައިވާ ކަންކަމެވެ.
މިގޮތަށް ރޭގަނޑު ދޭތެރެ ދޭތެރެއިން ދަރިފުޅު ހޭލުމަކީ އާންމުކަމެއް ނަމަވެސް އެސަބަބުތައް ދެނެގަނެ ކެތްތެރިވުމަކީ މުހިންމު ކަމެކެވެ. އަދި ދަރިފުޅުގެ ދުޅަހެޔޮކަމާއި މުޅިއާއިލާގެ ނިންޖަށް ބުރޫއަރާފަދަ ކަންތައްތަކެއް ފާހަގަ ކުރެވޭނަމަ ކަމާއިގުޅޭ ޑޮކްޓަރެއް ނުވަތަ ސްޕެޝަލިސްޓެއްގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
