އުމުރުން 8 މަސް ފުރުންވަނީ ހޯދުންތަކާއި، ހަރަކާތްތެރިކަމާއި އަދި އިހުސާސީ ގުޅުންތަކުން ފުރިގެންވާ ކުރިއެރުމުގެ ހަލަބޮލި މަރުހަލާއަކަށެވެ. ހެދިބޮޑުވުމުގެ ދުވެއްޔަށް ބަލާއިރު އެކިކުދިން ތަފާތުނަމަވެސް މި އުމުރުގައި ގިނަ ކުދިން ހާސިލުކުރާ އާންމު ކަންތައްތަކެއް ހުރެއެވެ. މި ކުރިއެރުމުގެ ދާއިރާތައް ދެނެގަތުމަކީ ބެލެނިވެރިންނަށް އިތުބާރާއި، އުފަލާއެކު ކުދިންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ޖިސްމާނީ ކުރިއެރުން

މި މަރުހަލާގައި، ކުދިންނަށް ލިބެމުންދާ ބާރާއި ގުނަވަންތަކުގެ ހަރަކާތްތައް ގުޅުވާލުމު ހުނަރުގެ ސަބަބުން އިތުރު ހަރަކާތްތަކަށް މަގު ފަހިވެގެންދެއެވެ. ގިނަ ކުދިންނަށް އެހީތެރިކަމެއް ނެތި އިށީނދެ އިނދެވެއެވެ. އަދި ބައެއް ކުދިން ކުޅޭ ތަކެތި ނެގުމަށް ކުރިއަށް ލެނބުމާއި އިށީނދެ އިންނަ އިރު އެނބުރުން ފަދަ ކަންކަން ކުރަން ފަށައެވެ. މި އުމުރުގައި ބައެއް ކުދިން ފިރުކެން ފަށައެވެ. ނަމަވެސް އެކި ކުދިން ފިރުކެން ފެށުމުގައި އަމަލުކުރާގޮތް ތަފާތު ގޮތަކަށް ފެނިގެން ހިނގައިދާނެއެވެ. ބައެއް ކުދިން ފިރުކެންފަށަނީ އަތާއި ކަކޫގެ މައްޗަށް ބަރޯސާވެގެން ކަމުގައިވާއިރު، އަނެއްބައި ކުދިން ފޫކޮޅު ޖައްސައިގެން ކައްސާލައިގެން ދާކަހަލަ ގޮތަކަށެވެ. އަދި އަނެއްބައި ކުދިން މުޅި ތަޅުންގަނޑުގައި ފުރޮޅޭކަހަލަ ގޮތަކަށެވެ. މިހުރިހާ ގޮތަކީވެސް ހަރަކާތްތެރިވުމުގައި އާންމު ގޮތްތަކެކެވެ. މިއުމުރުގައި ދަރިފުޅު ފަރުނީޗަރު ފަދަ ތަކެތީގައި ހިފަހައްޓައިގެން ތެދުވަން މަސައްކަތްކުރާ ތަންވެސް ފެނިދާނެއެވެ. ހަމައެހެންމެ، ކުދި ކުދި އެއްޗެހި ނަގައި، ދެ އަތް ބޭނުންކޮށްގެން އެ އެއްޗެހި ހިފައި ދެނެގަންނަން ފަށައެވެ. އޭގެ ސަބަބުން ކުދި މަސްތަކުގެ ހުނަރުތައް (ފައިން މޯޓަރ ސްކިލްސް) ވެސް ރަނގަޅުވަމުންދާކަން ފާހަގަކުރެވޭނެއެވެ. ޝަހާދަތް އިނގިއްޔާއި ބޮޑުވައި އިނގިލި ބޭނުންކޮށްގެން އެއްޗެހި ނެގުމުގެ ހުނަރު (ޕިންސަރ ގްރާސްޕް) ވެސް މި އުމުރުގައި ފެނިގެންދެއެވެ. މިކަމުގެ ސަބަބުން ކުދިންނަށް އިނގިލިން ކާތަކެތި ނުވަތަ ކުދި ކުޅޭ ތަކެތި ނެގުމަށް ފަސޭހަވެގެންދާނެއެވެ.
ސިކުނޑީގެ ކުރިއެރުން
8 މަހުގައި ކުއްޖާގެ ސިކުނޑީގެ ކުރިއެރުމުގައިވެސް ވަރަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިގެންދެއެވެ. ކުދިންނަށް ނުފެންނަ ހިސާބުގައިވިޔަސް އެ އެއްޗެހި ވުޖޫދުގައި ހުންނާނެކަން ދަސްވާން ފަށައެވެ. މިއީ “ޕީކަބޫ” ފަދަ ކުޅިވަރުތަކަށް މިއުމުރުގައި ފޯރިހުންނަ އަދި މުހިންމު ވާ ސަބަބެވެ. އަދި އެކުދިން ސަބަބާއި ނަތީޖާގެ ގުޅުން ދެނެގަންނަން ފަށައެވެ. މިސާލަކަށް، ކުޅޭ އެއްޗެއް ތަކުރާރުކޮށް ވައްޓާލުމަށްފަހު އެހެން މީހަކު އެ ނަގާތަން ބަލަން އިނދެދާނެއެވެ. މިއީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. މިއީ ދުނިޔެ މަސައްކަތްކުރާ ގޮތް ދަސްކުރުމުގެ ގޮތެކެވެ. މީގެ އިތުރުން ގިނަ ކުދިންގެ ފަރާތުން ދިރިއުޅުމުގެ އަސާސީ މައްސަލަ ހައްލުކުރުމުގެ ހުނަރުތައް ފެންނަން ފަށައެވެ. މިސާލަކަށް، ފޮތިގަނޑެއް ދަމާލައިގެން އޭގެ މަތީގައި އޮތް ކުޅޭ އެއްޗެއް ނެގުން ފަދަ ހަރަކާތްތަކުން އެކުދިންގެ ވިސްނުމާއި އެކުދިންގެ ވަށައިގެންވާ މާހައުލާ މެދު ކުދިންގެ ކިބައިގައި ކަންކަން ދަސްކުރުމުގެ ޝައުގު އިތުރުވެ، އެކުދިންގެ ސިކުނޑި ކުރިއަރައި އަދި ބަދަލުތަކަށް ހޭނެއެވެ.
ބަސްދަސްކުރުމާއި މުއާމަލާތްކުރުން
މި އުމުރުގެ ކުދިން އަދި ބަސްތައް ނުކީނަމަވެސް، އެކުދިން ވާހަކަ ދައްކަން މަސައްކަތްކުރެއެވެ. ތަފާތު ގޮތްގޮތަށް އަޑު ނެރެން ފަށައެވެ. “ބާ-ބާ”، “ދާ-ދާ” ނުވަތަ “މާ-މާ” ފަދަ އެކި ބާވަތުގެ އަޑުތައް ލައްވަން ފަށައެވެ. ނަމަވެސް މިއިން އެއްވެސް އަޑަކީ ވަކި މީހަކަށް އިޝާރާތްކުރުން ކަމަކަށް ނުވެދާނެއެވެ. މިއުމުރުގެ ގިނަ ކުދިން އެކުދިންގެ އަމިއްލަ ނަމުން ގޮވާލުމުން އިޖާބަދޭނެއެވެ. އަދި އާންމުކޮށް ދެކޭ މީހުން ވާހަކަދައްކާއިރު އެމީހުން ދެނެގަނެއެވެ. އަދި އެކުދިންނަށް “ނޫން”، “ބައިބައި” ނުވަތަ “މިލްކް” ފަދަ ކުރު ބަސްތަކާއި އިބާރާތްތައް ވެސް ފަހުމްވެދާނެއެވެ. ހާއްސަކޮށް އެ ބަސްތައް އިޝާރާތްތަކާއެކު ނުވަތަ އާދަވެފައިވާ ހަރަކާތްތަކާއެކު ބޭނުންކުރާނަމަ ވަރަށް ފަސޭހައިން އެނގޭނެއެވެ. މުއާމަލާތަކީ ހަމައެކަނި އަނގައިން ކުރާ ކަމެއް ނޫނެވެ. ކުދިންގެ މޫނުމަތިން ފާޅުކުރާ ކަންތައްތަކާއި، ހަށިގަނޑުގެ ހަރަކާތްތަކާއި، ލޮލުގެ ބެލުންތައް ބޭނުންކޮށްގެން އެހެން މީހުންނާ މުއާމަލާތްކުރެއެވެ. މިއީ ކުދިންނަށް ސާފުކޮށް އެނގޭނޭހެން ފަސޭހަ ބަހުރުވައަކުން އަދި ބުނާ އެއްޗެއް ސިފަކުރެވޭފަދަ ގޮތަކަށް ފާޅުކޮށްގެން ގިނަގިނައިން ކުދިންނާއި ވާހަކަދެއްކުމަށް ވަރަށް މުހިންމު ދުވަސްވަރެކެވެ.
އިޖްތިމާއީ އަދި ޖަޒްބާތީ ތަރައްގީ
އުމުރުން 8 މަހުގައި އިޖްތިމާއީ އަދި ޖަޒްބާތީ ގޮތުންވެސް ފާގަހަ ކުރެވޭ ބޮޑު ކުރިއެރުމެއް އާދެއެވެ. ކުދިން އާއިލާގެ މެންބަރުން ދެނެގަންނަންފަށައި، އަދި ނުދަންނަ މީހުންނާ ދިމާވުމުން ބިރުގަތުމުގެ އަލާމާތްތައް ދައްކަން ފަށައެވެ. މިގޮތުން އެކުދިން ނުދަންނަ މީހުން ފެނުމުން ކަންބޮޑުވެ ނުވަތަ ބައްޕައާއި މަންމައާއި ދުރުނުވާން އުޅެއެވެ. މިއީ ރައްކާތެރި ގުޅުމެއް އުފެދިފައިވާ ކަމުގެ ނިޝާނެކެވެ. އެކުގައި ހަމަޖެހޭ ފަސޭހަ ވަގުތުތަކެއް ހޭދަކުރުމާއި، ލޯބި ހާމަކުރުމާއި، އަދިއެކުގައި ކުޅެ މަޖާކުރުމުގެ ތެރެއިން މައިންބަފައިންނާއި ނުވަތަ ބެލެނިވެރިންނާއެކު ވަރުގަދަ ގުޅުމެއް އޮތްކަން ފާޅުވެގެންދެއެވެ. އެހެން މީހުން ކުރާ ކަންކަން މިއުމުރުގެ ކުދިން ކޮޕީކުރެއެވެ. މިސާލަކަށް ހަނާއެޅުމާއި އަތްތިލަބަޑި ޖެހުމާއި، އަދި އެހެން މީހުން ހިނިތުންވާ ވަގުތު ހިނިތުންވުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ އެކުވެރި މުއާމަލާތްތަކުން ކުޑަކުދިންނަށް ޖަޒްބާތުތަކާއި، އިޖްތިމާއީ ގުޅުންތަކާއި ބެހޭގޮތުން ކަންކަން ދަސްވެއެވެ.
ކާންދިނުމާއި ކެއުގައި ހިމެނޭ ބައިތައް
8 މަހުގެ ގިނަ ކުދިންގެ ކެއުމުގައި ހިމެނޭނީ މައިމީހާގެ ގާތުންދޭ ކިރު ނުވަތަ ފޯމިއުލާ އާއި އެކު އެކި ބާވަތްތަކުގެ ހަރުކާނާއެވެ. އެކުދިން ކާތަކެތި ހަފައި ދިރުވާލުމުގެގާބިލުކަން އިތުރުވެފައިވާތީ، ފުނޑުކޮށްލާފައި ނުވަތަ ވަރަށްކުދިކޮށް ކޮށާލާފައިވާ ތަރުކާރީއާއި، މޭވާއާއި، އަދި ގޮވާމުގެ ބާވަތްތައް ދެވިދާނެއެވެ. އަތުން ނަގައިގެން ކެވޭ ކަހަލަ ތަކެތި، މިސާލަކަށް މަޑު މޭވާގެ ކޮށާފައިވާ އެތި ކޮޅުކޮޅު، ކައްކާފައިވާ ޕާސްތާ، ނުވަތަ ކުޑަކުދިންގެ ސީރިއަލް ޕަފްސް ފަދަ ތަކެތި ދިނުމުން އެކުދިން އަމިއްލައަށް ކާން ދަސްކުރުމަށް އިތުރު ބާރަކަށް ވާނެއެވެ. އަމިއްލައަށް ކާން ދަސްކުރުމަށް ދޫކޮށްލުމަކީ ހަޑިވާ ކަމަކަށް ވެދާނެއެވެ. ނަމަވެސް މިއީ ދަރިފުޅުގެ އަމިއްލަ މިނިވަންކަމާއި، އަތާއި ލޮލުގެ ހަރަކާތްތައް ގުޅުވާލަން ދަސްކުރުމުގެ މުހިންމު ބައެކެވެ. ހަރުކާނާ ދިނުން މުހިންމުވަމުން ދިޔަ ނަމަވެސް، މައިމީހާގެ ގާތުންދޭ ކިރު ނުވަތަ ފޯމިއުލާ އަކީ އަދިވެސް ކެއުމުގެ މައިގަނޑު ބައިކަމުގައި ވާންވާނެއެވެ. އެއީ ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި، މިނަރަލްތަކާއި، އަދި ކެލަރީތައް ލިބެނީ އެއިންކަމަށްވާތީއެވެ.
ނިދުމުގެ އާދަތައް
މި މަރުހަލާގައި ނިދުމުގެ އާދަތަކަށް ބަދަލު އައި ނަމަވެސް، ކުއްޖާގެ ތަރައްގީގައި ނިދުން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. 8 މަހުގައި ގިނަ ކުދިން ދުވާލަކު 12 އާއި 16 ގަޑިއިރު ނިދުމުގައި ހޭދަކުރެއެވެ. މީގެ ތެރޭގައި ދުވާލު ގެ ވަގުތުގައި ނިދާލާ ދެ ތިން ފަހަރު ނިދާލާ ނިދުން ހިމެނެއެވެ. ނަމަވެސް، ބައެއް ކުދިން އަދިވެސް ރޭގަނޑު ހޭލައިގެން އުޅެފާނެއެވެ. ހާއްސަކޮށް ހެދިބޮޑުވުމުގެ އެކިމަރުހަލާތަށް ކުރިއަށް ދާއިރު، މިސާލަކަށް ދަތް ފެޅުން ފަދަ ކަންކަމާއި ގުޅިގެން އަންނަ ބަދަލުތަކުގައެވެ. މި އުމުރުގައި ނިދުމުގެ އާދަތަކަށް ބަދަލުތައް އައުމަކީ އާންމުކަމެކެވެ. އަދި މިއީ މައިންބަފައިންނަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. ނިދަން ދިއުމުގެ ކުރީގައި އަމަލުކުރާނެ ގޮތުގެ އާދަތަކެއް ކަނޑައަޅާ، އެއްގޮތެއްގައި އެކަންކަން ހިފަހައްޓަންފެށުމުން ކުދިން ފަސޭހައިން ނިދަން އޮށޯވެއެވެ. މިސާލަކަށް ފެންވެރުން، ނުވަތަ ވާހަކައެއް ކިޔައިދިނުން ފަދަ ކަންކަން ކުރެވިދާނެއެވެ. އަދި ނިދާ މާހައުލު އެއްގޮތަކަށް ބެހެއްޓުމުން ރަނގަޅަށް ނިދުމަށް އެހީތެރިވެދެއެވެ.
ޑޮކްޓަރަކާ ވާހަކަދައްކަންވީ ކޮން ވަގުތެއްގައި؟
ތަރައްގީގެ މަރުހަލާތަކުގައި ތަފާތުތަކެއް ހުރުމަކީ އާންމު ކަމެއް ނަމަވެސް، ކަންބޮޑުވުމެއް އޮތްނަމަ ޑޮކްޓަރަކާ ވާހަކަދެއްކުމަކީ މުހިންމު ކަމެކެވެ. ސަމާލުކަން ދޭންވީ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ ކުއްޖާ އަޑުލައްވައި ނޫޅުން، އަޑުތަކަށް ނުވަތަ ނަމުން ގޮވާލުމުން އިޖާބަ ނުދިނުން، އެހީއަކާއެކު ތެދުވެ ނުއިނދެވުން، ނުވަތަ ހަށިގަނޑު ހަރަކާތްތެރިވާން އުނދަގުލެއް ހުރުން ނުވަތަ ވަރަށް އާދަޔާ ހިލާފައް ހަށިގަނޑުގައި ހަރުދަނާ ކަމެއްނެތުން. ތަރައްގީގެ ލަސްކަމެއް ހުރިކަމަށް ޝައްކުކުރެވޭނަމަ، އަވަހަށް ފަރުވާ ހޯދުމަކީ ބޭނުންތެރި ކަމެކެވެ.
އުމުރުން 8 ވަނަ މަހަކީވެސް އަވަސް ބަދަލުތަކަކާއި އުފާވެރި މުހިންމު މޭލުގާތަކެއް ހާސިލްވަމުން އަންނަ ދުވަސްވަރެކެވެ. ދަރިފުޅު ދުނިޔެ ދަސްކުރަމުންދަނީ ހަރަކާތްތަކާއި، ކުޅުމާއި، އިޖްތިމާއީ ގުޅުންތަކުގެ ތެރެއިންނެވެ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން، ދަރިފުޅުގެ ހެދިބޮޑުވުމުގެ ތަރައްގީއަށް ޓަކައި އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ. ދަރިފުޅުގެ ކުރިއެރުންތައް ފާހަގަކޮށް، ގޮންޖެހުންތަކަށް އެހީތެރިވެދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
