ކުޑަކުދިންނަށް ހިއްސާކުރުމާއި (ޝެއަރ ކުރުން) ފުރުސަތު ދިނުން (ޓާރން ޓޭކިން) އުނގަންނައިދިނުމަކީ އެކުދިންގެ އިޖްތިމާއީ ތަރައްގީގެ އަސާސީ ބައެކެވެ. މި ހުނަރުތަކުން އެއްބާރުލުމާއި، އަޅާލުމާއި، ކެތްތެރިކަން އިތުރުވެއެވެ. މިއީ ކުދިންނަށް ހަރުދަނާ ގުޅުންތައް ބިނާކޮށް، އިޖްތިމާއީ މާހައުލުތަކުގައި އުޅެން އެހީވެދޭ ސިފަތަކެކެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް، ހިއްސާކުރުމާއި ފުރުސަތު ދިނުމަށް ކުދިންނަށް ދަސްކޮށްދިނުމުގައި ބައެއްފަހަރު ގޮންޖެހުންތަކެއް ހުރެދާނެއެވެ. ހާއްސަކޮށް ކުޑަކުދިންނާއި ޕްރީސްކޫލް އުމުރުގެ ކުދިންނަށް އެކުދިންގެ ޖަޒުބާތުތަކާއި، ކަންކަމާމެދު މާބޮޑަށް ވިސްނާނުލާ އަވަސްއަވަހަށް އަމަލުކުރާ ކުރުން މެނޭޖްކުރަން ދަސްވަމުންދާ ދުވަސްވަރު މިކަން ވަރަށް އުނދަގޫވެދާނެއެވެ. ނަމަވެސް، ފަހުގެ ދިރާސާތަކާއި މާހިރުންގެ ލަފާއިން، ކުދިންނަށް މި މުހިންމު އިޖްތިމާއީ ހުނަރުތައް އުފާވެރި އަދި ޝައުގުވެރި ގޮތެއްގައި ދަސްކޮށްދިނުމަށް އުފެއްދުންތެރި އުކުޅުތަކެއް ލިބެއެވެ.
ހިއްސާކުރުމާއި ފުރުސަތު ދިނުން މުހިންމުވާ ސަބަބު

ތަރައްގީއާ ބެހޭ ނަފްސާނީ ދިރާސާތަކުން ދައްކާގޮތުގައި، ހިއްސާކުރުމާއި ފުރުސަތު ދިނުމަކީ ފިތުރީ ސުލޫކުތަކެއް ނޫނެވެ. އެއީ ދަސްކުރެވޭ އިޖްތިމާއީ ހުނަރުތަކެކެވެ. އާންމުކޮށް މި ހުނަރުތައް ތަރައްގީވާން ފަށަނީ 2 އަހަރާއި 3 އަހަރާ ދެމެދުގެ އުމުރުގައެވެ. މިފަދަ މުއާމަލާތްތަކަކީ ޖަޒްބާތީ ހުނަރާއި އިޖްތިމާއީ ކުޅަދާނަކަމަށް ވަރަށް މުހިންމު ކަންކަމެވެ. ޗައިލްޑް ޑިވެލޮޕްމަންޓް ޖާނަލްގައި 2022 ވަނަ އަހަރު ޝާއިއުކުރެވުނު މުރާޖައާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޅަފަތުގައި ހިއްސާކުރުމާއި އެއްބާރުލުން ދިނުމުގެ ތަޖުރިބާ ލިބޭ ކުދިން، ބޮޑުވަމުން އަންނައިރު އެހެން މީހުންނަށް އަޅާލުން އިތުރުވެ، އަނިޔާވެރިވުމުގެ ސިފަތައް ކުޑަވުމުގެ ފުރުސަތު ބޮޑެވެ.
މީގެ އިތުރުން، ފުރުސަތު ދިނުމުގެ ހުނަރު ރަނގަޅުވުމުން ކުދިންގެ އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމާއި، ކަންކަމަށް އިންތިޒާރުކުރުމާއި، ގަވާއިދުތަކަށް ތަބާވުމުގެ ގާބިލުކަން އިތުރުވެއެވެ. މިކަމަކީ ތައުލީމީ ކާމިޔާބީއާއި ޖަޒްބާތީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ.
ހިއްސާކުރުމާއި ފުރުސަތުދިނުން އުނގަންނައިދިނުމަށް އުފެއްދުންތެރި އުކުޅުތައް
1. ކުޅިވަރުތައް ބޭނުންކޮށްގެން ހިއްސާކުރުން ނަމޫނާ ދެއްކުން
ކުދިން އެންމެ ރަނގަޅަށް ދަސްކުރަނީ ކުޅުމުގެ ތެރެއިންނެވެ. މައިންބަފައިން ނުވަތަ ބޮޑެތި ކުދިން، ކުޅޭ އެއްޗެއް ނުވަތަ ލުއިކާނާއެއް ފަދަ އެއްޗެއް އެންމެންގެ މެދުގައި ބަދަލުކޮށް ހިއްސާކޮށްގެން ދައްކުވައިދޭ ރޯލްޕްލޭތަކުން ރަނގަޅު މިސާލުތަކެއް ކުޑަކުދިންނަށް ދައްކުވައިދެވޭނެއެވެ. މިސާލަކަށް، ކުޅެން ގެންގުޅޭ އެކްޝަން ފިގަރތަކާއެކު ކުޅެ، “މިހާރު މީ ކޮއްކޮގެ ފަހަރު” ފަދަ ހިއްސާކުރުމުގެ ބަސްތައް ބޭނުންކުރުމުން، ހަގީގީ ދިރިއުޅުމުގައި ހިއްސާކުރުން މަސައްކަތްކުރާ ގޮތް ކުދިންނަށް ވިސްނޭނެއެވެ.
އެމެރިކަން އެކެޑަމީ އޮފް ޕީޑިއެޓްރިކްސް (2023) ގައި މާހިރުން ލަފާދެނީ ކުޅޭއިރު ކުރާ ކަންކަން ކިޔައިދިނުމަށެވެ: “ދައްތަ މި ބޯޅަ މިދެނީ ހިއްސާކުރުމަކީ ވަރަށް ރަނގަޅު ކަމަކަށް ކަމަށްވާތީއެވެ.”
2. ވަގުތު ފެންނަ ޓައިމަރެއް ތައާރަފުކުރުން
ކުޑަކުދިންނަށް އިންތިޒާރުކުރުމަކީ އުނދަގޫކަމަކަށް ވެދާނެއެވެ. ދަންފުޅި (އަވަރ ގްލާސް) ނުވަތަ ޑިޖިޓަލް ގުނާ އެޕްތައް ފަދަ ވަގުތު ފެންނަ ގުނާ އެއްޗެއް ބޭނުންކުރުމުން އެއްކުއްޖަކު އަނެއްކުއްޖަކަށް ފުރުސަތު ދިނުން ހަރުދަނާ ވެގެން ދެއެވެ. ކުދިންނަށް އެމީހުންގެ ބުރު އަންނަން ކިހާ ވަގުތެއް އޮތްކަން ފެންނާނެއެވެ. މިއިން ކެތްތެރިކަން އިތުރުވާނެއެވެ.
2021ވަނަ އަހަރު އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން ޖާނަލްގައި ޝާއިއުކުރެވުނު ދިރާސާއެއްގައި ދައްކާފައިވާ ގޮތުގައި ގްރޫޕް ހަރަކާތްތަކުގައި ވަގުތު ފެންނަ ގުނާ އެއްޗެހި ބޭނުންކުރި ކުދިންގެ ހިއްސާކުރުމުގެ އާދަތައް ފާހަގަކުރެވޭ ވަރަށް ރަނގަޅުވެ، ހަމަނުޖެހުން އެފެދުން ކުޑަވެފައިވެއެވެ.
3. ހިއްސާކުރުމުގެ ކުޅިވަރުތަކާއި ޗެލެންޖުތައް އުފެއްދުން
ހިއްސާކުރުން ކުޅިވަރަކަށް ހެދުމަކީ ކުދިންގެ ޝައުގުވެރިކަން އިތުރުވެގެންދާކަމެކެވެ. ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ކުޅޭ އެއްޗެއް ޕާސްކުރުން ނުވަތަ “ޓްރެޝަރ ހަންޓް” ފަދަ ވަރަށް އާދައިގެ ކުޅިވަރުތަކުން އެންމެންގެ އެއްބާރުލުން ލިބި އެކަން ބަދަލުވަނީ މަޖާ ޗެލެންޖުތަކަކަށެވެ. ހިއްސާކުރާ ވަގުތުތައް ފާހަގަކުރާ ސްޓިކާ ޗާޓުތައް ފަދަ އެކަން ފާހަގަ ކުރެވޭނެ ނިޒާމުތަކުން ހެޔޮ އަހްލާގު އިތުރަށް ހަރުދަނާވެއެވެ.
ޖާނަލް އޮފް ޕޮޒިޓިވް ބިހޭވިއަރ އިންޓަވެންޝަންސްގެ 2022 ވަނަ އަހަރުގެ ރިޕޯޓެއްގައި ބުނާ ގޮތުން، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން ހިތްވަރު ދިނުމުން ކުދިންގެ ހިއްސާކުރުމުގެ އާދަ %40 އިށް އިތުރުވެގެންދެއެވެ.
4. ވާހަކަ ކިޔައިދިނުމާއި ފޮތްތައް ބޭނުންކުރުން
ކުޑަކުދިން ވާހަކައިގެތެރެއިން ކަންކަން ނަގައިގަނެއެވެ. ހިއްސާކުރުމާއި ރަހުމަތްތެރިކަމަށް އަމާޒުކޮށްފައިވާ ފޮތްތަކުން މި ހިޔާލުތައް ގުޅުން ހުރި ގޮތްތަކަކުން ތައާރަފުކޮށްދެއެވެ.
އިންޓަރެކްޓިވް ކިޔުމުގައި، މައިންބަފައިން މަޑުކޮށްލާފައި ކުއްޖާއަށް ހީވާގޮތުގައި ވާހަކައިގެ ކެރެކްޓަރއަށް އިހުސާސް ކުރެވެނީ ކޮންގޮތަކަށްތޯ ފަދަ ސުވާލުތައް ކުރުމުން، ކުދިން އެހެން މީހުންގެ ނަޒަރިއްޔާތަށް ވިސްނަން ހިތްވަރުދެއެވެ. މިއީ ހިއްސާކުރުމާ ދިމާއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
5. އިހްސާސްތަކާ ގުޅޭ ބަހުރުވަ ބޭނުންކުރުމަށް ހިތްވަރުދިނުން
ކުދިންނަށް ފުރުސަތު ނުލިބުމުގެ ސަބަބުން ކުރާ އިހްސާސްތަކާއި ބޭނުންވާ ކަންކަން ފާޅުކުރުމަށް ބަސްތައް ބޭނުންވެއެވެ. ” އަޅުގަނޑަށް ފުރުސަތެއް ދެވިދާނެތޯ؟” ނުވަތަ “އަޅުގަނޑު މަޑުކޮށްގެން މިހުރީ” ފަދަ އިބާރާތްތައް ދަސްކޮށްދިނުމުން، ކުދިންނަށް ތަކެތި އަތުލުމުގެ ބަދަލުގައި ނުވަތަ ހަޅޭއްލެވުމުގެ ބަދަލުގައި މުއާމަލާތްކުރަން އެހީތެރިވެދެއެވެ. ކުއްޖާ ހަމަޖެހިފައި ހުންނަ ވަގުތުތަކުގައި މި އިބާރާތްތައް ބޭނުންކޮށްގެން ރޯލްޕްލޭކުރުމުން، ކުދިން ހަގީގީ ހާލަތްތަކަށް ތައްޔާރުވެއެވެ.
އެމެރިކާގެ ނެޝަނަލް އެސޯސިއޭޝަން ފޮރ ދަ އެޑިޔުކޭޝަން އޮފް ޔަންގް ޗިލްޑްރަން (އެން.އޭ.އީ.ވައި.ސީ) އިން ބާރުއަޅަނީ އިހްސާސްތަކާ ގުޅޭ ބަސްމަގު އިތުރުކުރުމުން އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ ކަމަށެވެ. މިއީ ހިއްސާކުރުމާއި ފުރުސަތު ދިނުމަށް ވަރަށް މުހިންމު ކަމެކެވެ.
6. ދިރިއުޅުމުގައި ހިއްސާކުރުމުގެ ނަމޫނާ ދެއްކުން
ކުޑަކުދިން ބޮޑެތި މީހުންގެ ކަންތައްތައް ކޮޕީކުރެއެވެ. މައިންބަފައިން އެމީހުންގެ އެއްބަނޑު އެއްބަފާ މީހުންނާއި، ރަހްމަތްތެރިންނާއި، އަދި އަވަށްޓެރިންނަށްވެސް އެއްޗެހި ދީ ހިއްސާކުރުމަކީ ވަރަށް ބާރުގަދަ މިސާލުތަކެކެވެ. މިސާލަކަށް، މަންމަ އަވަށްޓެރިއަކަށް އެއްޗެއް ދޭތަން ނުވަތަ އާއިލާގެ މެންބަރުންނާއެކު ކާއެއްޗެހި ހިއްސާކުރާތަން ދައްކާލުމަކީ ކުއްޖާއަށް ދަސްކޮށްދޭން ބޭނުންވާ އަމަލު ދައްކައިދިނުމެވެ.
2023ވަނަ އަހަރު “ޑިވެލޮޕްމެންޓަލް ސައިންސް” ގައި ޝާއިއުކުރެވުނު ދިރާސާއަކުން ދައްކައިދިނީ، މައިންބަފައިން އިޖްތިމާއީ ގޮތުން ފައިދާހުރި ސުލޫކު ދައްކުވައިދިނުމުން، 4 އަހަރު ވުމުގެ ކުރިން ކުދިން އެހެން މީހުންނާ ހިއްސާކުރުމުގެ އަމަލުތައް ކުރުމަށް މަގުފަހިވާކަމެވެ.
ގޮންޖެހުންތަކާއި ކުދިންގެ ރުޅިއައުން ކޮންޓްރޯލްކުރުން
ކުދިން ހިއްސާކުރުމަށް ދެކޮޅުހެދުމަކީ އާދައިގެ ކަމެކެވެ. ހާއްސަކޮށް އެކުދިން ވަރަށް ކުޑައިރު ނުވަތަ އެކުދިން ވަރަށް ބޮޑަށް ލޯބިވާ ކުޅޭ އެއްޗަކާ ދޭތެރޭގައެވެ. މާހިރުން ލަފާދެނީ އެންމެ ފުރަތަމަ ކުއްޖާގެ އިހްސާސްތައް ގަބޫލުކުރުމަށެވެ. ކުއްޖާ ވަރަށް ލޯބިން ގެންގުޅޭ ކުޅޭ އެއްޗެއް އެހެން ކުއްޖަކާ ހިއްސާ ކުރަން އުނދަގުވެދާނެކަން ގަބޫލުކުރާކަން ބުނެދޭށެވެ. މިގޮތަށް އިހްސާސްތައް ގަބޫލުކުރުމުން ކުދިންނަށް އިހްސާސްވަނީ އެކުދިން ދެނެގަނެވިފައިވާކަމަށެވެ. އަދި ފަހުން ހިއްސާކުރުމަށް އެކުދިން އިތުރަށް ތައްޔާރުވެއެވެ.
ކުއްޖަކު ހިއްސާކުރަން އިންކާރުކޮށްފިނަމަ، މަޑުމައިތިރިކަމާއެކު ހިޔާރުތަކެއް ހުށަހަޅާށެވެ. މިސާލަކަށް ދަރިފުޅަށް މިހާރު 5 މިނެޓް ކާރު ކުޅެވިދާނެ ކަމާ، އެއަށްފަހު ކޮއްކޮ ކުޅެން ދޭނީކަން ބުނެވިދާނެއެވެ. އެއްގޮތަކަށް ކަންތައްކުރުމާއި ކެތްތެރިވުމަކީ މުހިންމު ކަމެކެވެ. އަދި ކުރާ ކޮންމެ މަސައްކަތަކަށް ތައުރީފުކުރުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.
ހިއްސާކުރުމާއި ފުރުސަތު ދިނުން ދަސްކޮށްދިނުމަކީ ކެތްތެރިކަމާއި، އުފެއްދުންތެރިކަމާއި، އަދި އެހެން މީހުންގެ އިހްސާސްތައް ދެނެގަތުމުގެ ގާބިލުކަން ބޭނުންވާ ދިގު ދަތުރެކެވެ. ކުޅިވަރުގެ ތެރެއިން ނަމޫނާ ދެއްކުމާއި، ފެންނަ އާލާތްތަކާއި، ވާހަކަ ކިޔައިދިނުމާއި، އަދި އިހްސާސްތަކާ ގުޅޭގޮތުން މަޝްވަރާކުރުން ހިމަނައިގެން، މައިންބަފައިންނަށް ކުދިންގެ އިޖްތިމާޢީ ހުނަރުތައް ތަރައްގީކޮށްދެވޭނީ ގުދުރަތީ އަދި އުފާވެރި ގޮތްތަކަކުންނެވެ. ކޮންމެ ކުއްޖަކުވެސް އުނގެނެނީ އެކުއްޖެއްގެ އަމިއްލަ ދުވެލީގައިކަން ހަނދާންކުރާށެވެ. އަދި ކޮންމެ ދުވަހަކު ކުރެވޭ ކުދިކުދި މަސައްކަތްތަކުން އެހީތެރިވެދިނުމާއި އޯގާތެރިކަމުގެ ބިންގާ އަޅައިދެއެވެ.
