އުމުރުން 9 މަހަކީ ދަރިފުޅުގެ ހެދިބޮޑުވުމުގައި ވަރަށް ހާއްސަ ދުވަސްވަރެކެވެ. އެގޮތުން ޖިސްމާނީގޮތުން ބޮޑެތި ކުރިއެރުންތަކެއް ފާހަގަ ކުރެވޭނެއެވެ. އަދި ޖަޒުބާތީގޮތުންނާއި ނަފްސާނީގޮތުން ވެސް ކުރިއެރުންތަކެއް ހާސިލްކުރެވެއެވެ. މިދުވަސްވަރު ކަންކަން ހޯދާބެލުމާއި ވަށައިގެން ވާ މާހައުލުގައިވާ ކަންކަމާއި މަސްއޫލުވެ އުޅެންފަށައެވެ. އެކި ކުދިން ހެދިބޮޑުވަނީ އެކި ދުވެލީގައިކަމުގައިވީ ނަމަވެސް ދަރިފުޅަށް އެހީތެރިވުމަށްޓަކައި، މި އުމުރު ފުރާއަށް ހާއްސަ މޭލުގާތަށް އެނގުމަކީ މައިންބަފައިންނާއި ބެލެނިވެރިންނަށް މުހިންމުކަމެކެވެ.
ޖިސްމާނީ ކުރިއެރުންތައް

9 މަހުގެ ގިނަ ކުދިން ވަރަށް ބޮޑަށް ހަރަކާތްތެރިވެ، ޖިސްމާނީގޮތުން ހަލުވިވެއެވެ. މި އުމުރުގައި ފާހަގަކުރެވޭ އެއް ކަމަކީ ފިރުކެން ފެށުމެވެ. ބައެއް ކުދިން އަތާއި ކަކޫ ބޭނުންކޮށްގެން ފިރުކިފައިދާއިރު، އަނެއްބައި ކުދިން ފޫކޮޅުޖައްސައި ފުއްމައިގެން ދާފަދަ ގޮތަކަށް ނުވަތަ އެނޫންވެސް އެހެން ގޮތަކަށް ފިރުކެން ފެށުމަކީ ވެދާނެކަމެކެވެ. ގިނަ ކުދިން ތަންތާގައި ނުވަތަ މީހެއްގެ އަތުގައި ހިފައިގެން ކޮޅަށް ތެދުވާން ފަށައެވެ. މިކަންކަމުގެ ސަބަބުން ފައިގެ މަސްތައް ވަރުގަދަވެ، ހިނގަން ފެށުމަށް ހަށިގަނޑު ތައްޔާރުވެއެވެ. އަތާއި އިނގިލިތަކުގެ ބާރު އިތުރުވުމާއެކު، ކުދި ހަރަކާތްތައް ކުރުމުގެ ހުނަރު ރަނގަޅުވެގެންދެއެވެ. ބައެއް ކުދިން ބޮޑުވައި އިނގިއްޔާއި ޝަހާދަތްއިނގިލި ބޭނުންކޮށްގެ ކުދިކުދި އެއްޗެހި ނަގަންފަށައެވެ. އަދި ދެ އެއްޗެއް އެކުގައި ޖަހުމާއި، ފޮތުގެ ގަނޑުތައް އެއްލުމާއި ނުވަތަ ކުޅޭ އެއްޗެހި އަނގައަށްލައި، ތަޅުވާލައި، ނުވަތަ ވައްޓާލާ ހަދައިގެން އެކަންކަން ތަޖުރިބާ ކުރަން ފަށައެވެ.
ސިކުނޑީގެ ތަރައްޤީ
9 މަހުގެ ކުދިންގެ ސިކުނޑީގެ ތަރައްޤީ އަމާޒުވަނީ ކަންކަން ދެނެގަތުމުގެ ޝައުޤުވެރިކަމާއި، ކަންކަން ބަލައިގެންނާއި ކަންކަމުގައި ބައިވެރިވެގެން އުނގެނުމަށެވެ. މި މަރުޙަލާގައި ސިކުނޑީގެ މުހިންމު އެއް ކުރިއެރުމަކީ އެއްޗެހި ދެމިހުރުމުގެ ހިޔާލު އުފެދުމެވެ. އެއީ ލޮލަށް ނުފެނުނު ކަމުގައިވިޔަސް އެއްޗެހި ވުޖޫދުގައި ހުންނަކަން ދެނެގަތުމެވެ. މިއީ “ފީކޯތް” ފަދަ ކުޅިވަރުތައް މި އުމުރުގައި އިތުރަށް މަޖާވާ ސަބަބެވެ. މި އުމުރުގެ ކުދިން ސަބަބާއި ނަތީޖާ ދެނެގަންނަން ފަށައެވެ. މިސާލަކަށް، އެ ކުދިން ކުޅޭ އެއްޗެއްގެ ފިތަކަށް ފިތާލުމުން މިއުޒިކް އަންނަކަން ނުވަތަ ކައިރީގައި ހުންނަ މީހާ ނަގާތަން ބަލާލުމަށްޓަކައި ތަކުރާރުކޮށް އެއްޗެއް ވައްޓާލައިފާނެއެވެ. މިއުމުރުގައި އެކުދިންގެ ހަނދާންވެސް ގަދަވެގެން ދެއެވެ. އެގޮތުން އާނމުކޮށް ފެންނަ މީހުނާއި ތަންތަނާއި، ގަވައިދުން ކުރާކަންކަން ފާހަގަ ކުރެއެވެ.
ބަސްދަސްކުރުމާއި އަދި މުއާމަލާތުކުރުން
ކުޑަކުދިން ބަސްތައް ކިޔަން ފެށުމުގެ ކުރިން ވެސް، މުހިންމު މުވާސަލާތީ ހުނަރުތައް ތަރައްޤީ ކުރަމުންދެއެވެ. ގާތްގަނޑަކަށް 9 މަސް ވާއިރު، ގިނަ ކުދިން ގިނަގިނައިން ވާހަކަދެއްކުމުގެ ގޮތުން އަޑުލައްވާހަދާނެއެވެ. އެގޮތުން “ބާ”، “ދާ” އަދި “މާ” ފަދަ އަޑުތައް އެއްކޮށްލައެވެ. ބައެއް ކުދިން “މަންމަ” ނުވަތަ “ބައްޕަ” ކިޔައެވެ. ނަމަވެސް އަދި މިއީ ކޮންމެހެން މައިންބަފައިންނަށް ނިސްބަތްކޮށް ބުނާ ބުނުމަކަށް ނުވެދާނެއެވެ. އަދި މީގެ އިތުރުން “ނޫން”، “ބައިބައި” ނުވަތަ އެކުއްޖާގެ އަމިއްލަ ނަން ފަދަ މަދު ބަސްތަކެއްގެ މާނަ ދެނެގަންނަން ފަށައެވެ. ކުޑަކުދިން، އަތުން އިޝާރާތްކޮށްގެން ވެސް މުއާމަލާތު ކުރަން ފަށައެވެ. މިގޮތުން އަތުން ބައިބައި ކިޔުމާއި، އިނގިލިން ދެއްކުމާއި، ބޭނުންވާ އެއްޗަކަށް އަތް ދިއްކުރުން ހިމެނެއެވެ. މުއާމަލާތުކުރުމުގެ ފުރަތަމަކޮޅުގެ މި އިޝާރާތްތަކުން ދައްކުވައިދެނީ ކުޑަކުދިން އަމިއްލައަށް ޝުއޫރުތައް ފާޅުކުރަން ދަސްކުރަމުންދާކަމާއި އެހެން މީހުން ދެނެގަންނަން ދަސްކުރަމުންދާކަމެވެ.
އިޖްތިމާއީ އަދި ޖަޒްބާތީ ކުރިއެރުން
މި މަރުހަލާގައި އިޖްތިމާއީ އަދި ޖަޒްބާތީ ކުރިއެރުން ވެސް ހާސިލުވަމުންދެއެވެ. ކުޑަކުދިން އެކުދިން ގެންގުޅޭ މީހުންނާ އެކު ވަރުގަދަ ގުޅުމެއް ބަދަހިކުރުމާއެކު، އެމީހުންނާ ވަކިވާވަގުތު ހިތްދަތިވެ، ކަންބޮޑުވެދާނެއެވެ. 9 މަހާ ގާތްވާއިރު، ނުދަންނަ މީހުންނާ މެދު ބިރުގަތުމަކީ އާންމު ކަމެކެވެ. މިގޮތުން ނުދަންނަ މީހަކު ކައިރިވުމުން ރުއިމުގެ އިތުރުން ނުތަނަވަސްކަން ދައްކައިފާނެއެވެ. މިއިން ދައްކުވައިދެނީ އެކުދިންގެ ވަށައިގެންވާ ތަކެއްޗާ މެދު ހޭލުންތެރިކަން އިތުރުވަމުންދާކަމެވެ. މީގެ އިތުރުން ކުޑަކުދިން އެހެން މީހުންގެ އަމަލުތައް ކޮޕީކުރުމަށް ލޯބިކުރެއެވެ. މިގޮތުން މޫނުމަތިން ދައްކުވައިދޭ އިހުސާސްތަކާއި، އަޑުތަކާއި، އަތްތިލަބަޑިޖެހުން ނުވަތަ އަތުން “ބައިބައި” ކިޔުން ފަދަ އަމަލުތައް ކޮޕީކޮށްހަދައެވެ. މި އިޖްތިމާއީ ބައްދަލުވުންތަކުން އިތުބާރާއި ޖަޒްބާތީ ގުޅުން ބަދަހިވެ، އެހެން މީހުންނާ އެކު މުއާމަލާތު ކުރާނެ ގޮތް ކުޑަކުދިންނަށް ދަސްވެއެވެ.
ކާންދިނުމާއި ކެއުމުގެ ކަންތައްތައް
9 މަހުގެ ކުދިން އާންމުކޮށް މައިމީހާގެ ކިރު ނުވަތަ ފޯމިއުލާއާއެކު ތަފާތު ވައްތަރުގެ ހަރުކާނާ ކައި އުޅެއެވެ. އެކުދިންނަށް ކައްކާފައިވާ ތަރުކާރީ، މޭވާގެ ބާވަތްތައް ކުދިކޮށް ކޮށާފައި އަދި ޕާން ފަދަ ތަކެތި ދެވިދާނެއެވެ. ގިނަ ކުދިން އަމިއްލައަށް ކާން ޝައުޤުވެރިވެ، އަތުން ނަގައިގެން ކެއުމަށް ނުވަތަ އެހީތެރިކަމާއެކު ސަމުސާ ބޭނުންކުރަން މަސައްކަތްކުރަން ފަށައެވެ. މި އުމުރުގައި ސިޕީ ކަޕެއް ބޭނުންކޮށްގެ ބުއިމަށް ތަމްރީނުކުރަން ފެށިދާނެއެވެ. ތަފާތު ވައްތަރުތަކާއި ރަހަތައް ހުންނަ ކާނާ ދިނުމުން ދުޅަހެޔޮ ކެއުމުގެ އާދަތައް އަށަގެންނެވުމަށާއި ހެފުމާއި، ދިރުވުމުގެ ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެދެއެވެ.
ނިދުމުގެ އާދަތައް
9 މަހުގެ ކުދިން އާންމުކޮށް 24 ގަޑިއިރުގެ ތެރޭގައި 14 ގަޑިއިރު ނިދައެވެ. މީގެ ތެރޭގައި ދުވާލުގެ ވަގުތު ނިދާ ވަގުތު (ނެޕް ޓައިމް) ހިމެނެއެވެ. ރޭގަނޑު، ބައެއް ކުދިން އަދިވެސް މަދުމަދުން ހޭލަފާނެއެވެ. ނަމަވެސް ގިނަ ކުދިން ތަންކޮޅެއް ގިނަވަގުތަށް ނިދަން ފަށައެވެ. ކޮންމެ ދުވަހަކުވެސް އެއްގޮތަކަށް ނިދުމުގެ އާދަތައް ހަމަޖެއްސުމަކީ ކުއްޖާއަށް ނިދާ ވަގުތު ޖެހުނުކަން އަންގައިދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެކެވެ. މީގެ ތެރޭގައި ފެންވެރުވުން، ވާހަކައެއް ކިޔައިދިނުން، ނުވަތަ ނާނާ ލަވައެއް ކިޔައިދިނުން ހިމެނިދާނެއެވެ. މިފަދަ ހިތްހަމަޖެހޭ އާދަތަކެއް ހަމަޖެއްސުމުން ކުއްޖާއަށާއި ބެލެނިވެރިޔާއަށް ރަނގަޅު ނިދުމެއް ލިބުމަށް އެހީތެރިވެދެއެވެ.
ޑޮކްޓަރަކާ ވާހަކަދައްކަންވީ ހާލަތްތައް
ކުދިން ތަރައްގީވަމުން އަންނަނީ އެކުދިންގެ އަމިއްލަ ދުވެއްޔެއްގައި ކަމުގައިވީ ނަމަވެސް، ފާހަގަ ކުރެވުނު މޭލުގާތައް ހާސިލްވުމުގައި ލަސްކަމެއް ހުރިކަން ދައްކުވައިދޭ ކަންތައްތަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. 9 މަސްވީ ކުއްޖަކު އޭނާގެ ނަމަށް އިޖާބަ ނުދިނުން، ވާހަކަ ދެއްކުމުގެގޮތުން އަޑުތައް ނުނެރުން، އެހީތެރިކަމެއް ނެތި އިށީނދެ ނީންދެވުން ނުވަތަ މީހުންނާއި ކުޅޭ ސާމާނަށް ޝައުޤުވެރިކަމެއް ނުދެއްކުން ފަދަ ކަމެއް ފެނިއްޖެނަމަ، ކުޑަކުދިންގެ ޑޮކްޓަރަކާ މަޝްވަރާކުރުމަކީ ރަނގަޅު ވިސްނުމެކެވެ. މިފަދަ ކަންކަމުގައި ކުރީކޮޅު ކަމެއް ދެނެގަނެވި އެހީތެރިކަން ފޯރުކޮށްދެވުމަކީ ތަފާތު ފެނިގެންދާނެ ކަމެކެވެ.
އުމުރުން 9 މަހަކީ ކަންކަން ހޯދައި ދެނެގަތުމާއި ހެލިފެލިވެ އުޅުމާއި އަމިއްލައަށް ބައެއްކަންކަން ކުރަން ދަސްކުރާ ވަގުތެކެވެ. ފިރުކެންފެށުމާއި، މުއާމަލާތުކުރުމުގެ ގޮތުން އަޑުއަޑު ލެއްވުމާއި، ވަކި ބަޔަކަށް އިސްކަންދިނުން ފަދަ ކަންކަން ދުވަހެއް ދުވަހަކަށް ކުރިއަރައިގެން ދެއެވެ. އެކުދިންގެ ހަރަކާތްތައް މޮނިޓަރ ކުރުމާއި ދުޅަހެޔޮ ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ އެކުދިންގެ ހެދިބޮޑުވުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަންކަމެވެ.
