ދަރިން ތަރުބިއްޔަތު ކުރުމަކީ ހިންހަމަޖެހުމާއި އުފާވެރިކަން ލިބިދޭ ކަމެކެވެ. ހަމައެއާއެކު ގޮންޖެހުންތަކާއި، ޒިންމާތަކާއި، އަދި ނަފްސާނީ ގޮތުން ކުރިމަތިލާންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. ކޮންމެސް ވަރެއްގެ ކަންބޮޑުވުމަކީ އާންމު ކަމެއް ނަމަވެސް، ނަފްސާނީ ކަންބޮޑުވުންތައް ގިނަ ދުވަހަށް ދިގުދެމިގެންދާނަމަ މީގެ ސަބަބުން ކުދިންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ. ހާއްސަކޮށް އެކުދިންގެ އަހްލާގަށާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި، އަދި ދުރު މުސްތަގްބަލުގައި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މިކަމުގެ އަސަރު ކުރެއެވެ. މިކަން ދެނެގަތުމަކީ ގޭތެރޭގައި ހަމަޖެހޭ މާހައުލެއް ގާއިމުކޮށް ދަރިފުޅުގެ ދުޅަހެޔޮކަމަށް އެހީތެރިވެދިނުމުގެ ފުރަތަމަ ފިޔަވަޅެވެ.
ނަފްސާނީ ކަންބޮޑުވުމުގެ ސަބަބުން ދަރިންތަރުބިއްޔަތު ކުރުމުގެ ސްޓައިލަށް އަންނަ ބަދަލު

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ނަފްސާނީ ކަންބޮޑުވުމުން ނުވަތަ ސްޓްރެސްގެ އަސަރު ކުރަނީ ހަމައެކަނި އެމީހުންގެ އަމިއްލަ ނަފްސަކަށް ނޫނެއެވެ. އޭގެ އަސަރު ދަރިންނާ މުއާމަލާތު ކުރާ ގޮތަށްވެސް ކުރެއެވެ. 2023 ވަނަ އަހަރު “ޗައިލްޑް ޑިވެލޮޕްމަންޓް” ގައި ޝާއިއުކުރެވުނު ދިރާސާއެއްގައި ވާގޮތުން، ނަފްސާނީ ކަންބޮޑުވުމެއްގެ ތެރޭގައި ދިގުމުއްދަތަކަށް އުޅެންޖެހިފައިވާ މައިންބަފައިން، ދަރިންގެ އުޅުން ކޮންޓްރޯލް ކުރުން ނުވަތަ ރަނގަޅު ކުރުވުމަށްޓަކައި ހަރުކަށި އަދަބުދިނުމާއި އަދި ނަފްސާނީ ގޮތުން އިޖާބަދޭ މިންވަރު ކުޑަވެ އެއްގޮތަކަށް ކަންތައްތައް ކުރުމަށް އުނދަގޫވާ ގޮތް މެދުވެރިވެއެވެ. މިފަދަ ބަދަލުތަކަކީ ގިނަފަހަރަށް ގަސްތުގައި ކުރާކަމެއް ނޫނެވެ. ނަމަވެސް މިކަމުގެ ސަބަބުން ކުދިންނަށް އިހުސާސްކުރެވޭ ގޮތަށާއި، އަހްލާގަށާއި އަދި ގޮންޖެހުންތަކާ ކުރިމަތިލާ ގޮތަށް ބަދަލު އާދެއެވެ.
މިސާލަކަށް، ނަފްސާނީ ކަންބޮޑުވުމެއްގެ ތެރޭގައި ހުންނަ މައިންބަފައިންގެ ތެރެއިން މީހަކު ފަސޭހައިން ރުޅިއައިސް، ކެތްތެރިކަން ކުޑަވެ، ކުޑަކުޑަ ކަމަކަށްވެސް ދަރިފުޅާ މެދު ހަރުކަށިވެދާނެއެވެ. މިކަން މިގޮތަށް ދިގު މުއްދަތަކަށް ދެމިގެން ދިއުމުގެ ސަބަބުން ކުދިން ބިރުގަތުމާއި، ދެކޮޅުވެރިވުމާއި، ނުވަތަ ނަފްސާނީ ގޮތުން އެކަހެރިވުމަށް މަގުފަހިވެދާނެއެވެ. ނަފްސާނީ ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިލާންޖެހޭ ގޭބިސީތަކުގައި، ކުޑަކުދިންނަށް ރައްކާތެރިކަމާއި، ހިންހަމަޖެހުން ފަދަ ކުރިއެރުން ލިބުމަށް ބޭނުންވާކަންކަން ހިނގުން މަދުވެއެވެ.
މައިންބަފައިންގެ ނަފްސާނީ ޕްރެޝަރުގެ އަސަރު ކުދިންނަށްކުރާ ގޮތް
ކުޑަކުދިންނަކީ ގޭތެރޭގެ ނަފްސާނީ މާހައުލަށް ވަރަށް ހައްސާސް ބައެކެވެ. މައިންބަފައިން އެމީހުންގެ ނަފްސާނީ ޕްރެޝަރު ފޮރުވަން މަސައްކަތްކުރި ނަމަވެސް، ވާހަކަ ދައްކާއިރު އަޑުގެ ރާގާއި، ހަށިގަނޑުގެ ހަރަކާތްތައް (ބޮޑީ ލެންގުއެޖް) އިން ނުވަތަ އާންމުކޮށް ކުރާ ކަންކަމަށް އަންނަ ބަދަލުތަކުން ކުޑަކުދިން އެކަން ދެނެގަނެއެވެ. ޖާނަލް އޮފް ޕީޑިއެޓްރިކް ސައިކޮލޮޖީގައި 2022 ވަނަ އަހަރު ޝާއިއުކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި 3 އަހަރުގެ ކުޑަކުދިންނަށްވެސް މައިންބަފައިންގެ ނަފްސާނީ ޕްރެޝަރު ދެނެގަނެވެއެވެ. އަދި އެކުދިންގެ އުޅުމުން އެ އިހްސާސްތައް ކޮޕީކުރާކަން ފެންނަން ފަށައެވެ. މިގޮތުން ރުޅިގަދަވުމާއި އެކަހެރިވުންފަދަ ކަންކަން ފެނުން އެކަށީގެންވެއެވެ.
ނަފްސާނީ ޕްރެޝަރުގެ ސަބަބުން ހަށިގަނޑުގައި ސްޓްރެސްއާ ގުޅުންހުރި ކޯޓިސޯލް ފަދަ ހޯމޯނުތައް ބޭރުކުރެއެވެ. ކުޑަކުދިން އާންމުކަމެއްގެ ގޮތުގައި ބަލެނިވެރިންގެ ފަރާތުން ނަފްސާނީ ޕްރެޝަރުގެ ނިޝާންތަކާ ކުރިމަތިލާންޖެހޭނަމަ އެކުދިންގެ އަމިއްލަ ނަފްސާނީ ޕްރެޝަރަށް ރައްދު ދިނުމުގެ ނިޒާމަށް ބުރޫއަރައެވެ. މިކަމުގެ ސަބަބުން ކުއްލިއަކަށް ރުޅިއައުމާއި، ހަމަނިދި ނުލިބުމާއި، ސަމާލުކަން ދިނުމަށް އުނދަގޫވުމާއި، ސްކޫލުގައި އަހުލާގީ މައްސަލަތައް ކުރިމަތިވެދާނެއެވެ. ސީރިއަސް ހާލަތްތަކުގައި، އެންޒައިޓީ ، ޑިޕްރެޝަން ނުވަތަ އަހުލާގީ ބޮޑެތި މައްސަލަތަކަކަށް ކުރިމަގުގައި މަގުފަހިވެދާނެއެވެ.
ސްޓްރެސްގެ ސަބަބުން ސިކުނޑި ތަރައްގީވުމަށް ކުރާ އަސަރު
ނިއުރޯސައިންސްގެ ދާއިރާގައި ކުރެވެމުންދާ ދިރާސާތަކުން ދައްކާގޮތުގައި، އެކަށީގެންވާ އެހީތެރިކަމެއް ނުލިބި އާންމުގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ސްޓްރެސްގެ އަސަރުކުރުމުގެ ސަބަބުން ކުޑަކުދިންގެ ސިކުނޑި ތަރައްގީވާ ގޮތަށް ބަދަލު އަތުވެދާނެއެވެ. ހާވަޑް ޔުނިވަރސިޓީގެ ސެންޓަރ އޮން ދަ ޑިވެލޮޕިންގ ޗައިލްޑް (2024) އިން ބުނާގޮތުގައި، އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި ބަލެނިވެރިންގެ ސްޓްރެސްއަށް އަބަދުވެސް ހުށަހެޅިފައި ހުރުމުގެ ސަބަބުން ސިކުނޑީގައި ހިމެނޭ، ނިންމުންތައް ނިންމުމާއި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ޒިންމާ އަދާކުރާ ޕްރީފްރަންޓަލް ކޯޓެކްސްއާއި، ބިރުވެރިކަމާއި އިހްސާސްތައް ޕްރޮސެސްކުރާ އަމިގްޑަލާގެ ތަރައްގީއަށް ހުރަސްއެޅެއެވެ.
މީގެ މާނައަކީ އަބަދު ސްޓްރެސްއަށް ހުށަހެޅިފައިވާ މާހައުލެއްގައި ބޮޑުވާ ކުދިންނަށް އިހްސާސްތައް ކޮންޓްރޯލް ކުރުމާއި، ކަންކަމާއި ވިސްނާނުލާ އަވަސްކޮށްލައިގެން ކަންކަންކުރުން ހުއްޓާލުމާއި، މައްސަލަތައް ހައްލުކުރުމުގައި އުނދަގޫތަކާ ކުރިމަތިވެދާނެ ކަމެވެ. އަދި މިކަމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރިމަތިވާ ސްޓެރެސްތަކަށް އެކުދިން ރިއެކްޓްކުރާވަރު އިތުރުވުމާއި، ބެލެނިވެރިންނާއި ދަރިން އެކަކު އަނެކަކުގެ ސްޓްރެސްގެ ސަބަބުން ދެބައިމީހުންވެސް އިތުރަށް ސްޓެރެސް ބޮޑުވާ ގޮތް މެދުވެރިވެގެންދެއެވެ.
ސްޓްރެސް މެނޭޖްކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތައް
މައިންބަފައިންގެ ސްޓްރެސް ކުޑަކޮށް ދަށްކޮށްލުމުން ވެސް ކުދިންގެ އުޅުން ރަނގަޅުވެ، މައިންބަފައިންނާއި ދަރިންގެ ގުޅުން ބަދަހިވެގެންދާކަމީ ފާހަގަކުރެވޭ ރަނގަޅު ކަމެކެވެ. ކަމުގެ މާހިރުން ބާރުއަޅުއްވާގޮތުގައި އަމިއްލަ ނަފްސަށް އަޅާލުމަކީ އަމިއްލަ އެދުން އިސްކުރުމެއްނޫނެވެ. އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މައިންބަފައިންނަށް ސްޓްރެސް މެނޭޖްކުރެވޭނެ ސައިންސްގެ އެހީގައި ސާބިތުކޮށްދެވިފައިވާ ބައެއް ގޮތްތަކުގެ ތެރޭގައި:
- އެދުވަހަކު ކުރާނެ ކަންތައްތައް ކަނޑައެޅުން: ނިންމުންތައް ނިންމުމުގެ ވަރުބަލިކަން ކުޑަކުރުމަށާއި ކުރިއަށްދާނެގޮތް ލަފާކުރަން އެނގޭނެގޮތަކަށް ކަންކަން ލަފާކުރުން.
- ދުވާލަކު މަދު ވަގުތުކޮޅަކަށް ނަމަވެސް، މައިންޑްފުލްނެސް ނުވަތަ ފުން ނޭވާލުމުގެ ކަސްރަތެއްފަދަ ކަމެއްކުރުން.
- ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ލިބުން. ހަމަނިދި ލިބުމަކީ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ.
- ރައްޓެހިންނާއި، އާއިލާގެ މެންބަރުން ނުވަތަ ބެލެނިވެރިންގެ ގްރޫޕުތަކުގެ ފަރާތުން އިޖްތިމާއީ އެހީތެރިކަން ހޯދުން
- މަސައްކަތްތައް ބަހާލުމާއި، ހާސިލްނުކުރެވޭނެފަދަ އުންމީދުތައް ދޫކޮށްލުން.
2023ވަނަ އަހަރު “ދަ ޖާނަލް އޮފް ފެމިލީ ސައިކޮލޮޖީ” އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި، ސްޓްރެސް ކުޑަކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވި ބެލެނިވެރިން، ހަޅޭއްލެވުން މަދުވެ، ކެތްތެރިކަން އިތުރުވެ އަދި 6 ހަފްތާއާއި 8 ހަފްތާގެ ތެރޭގައި ދަރިންގެ އަހްލާގު ރަނގަޅުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ދަރިންނަށް ރަނގަޅު ގޮތުގައި ކަންކަމާ ކުރިމަތިލާން ދަސްކޮށްދިނުން
ކުޑަކުދިން ނަފްސާނީ ޕްރެޝަރާ ކުރިމަތިލާން ދަސްކުރަނީ ބޮޑެތި މީހުން އެކަން ކުރާގޮތް ބަލައިގެންނެވެ. މައިންބަފައިން އެމީހުންގެ އިހްސާސްތަކާ ބެހޭގޮތުން ވާހަކަދައްކައި، ނަފްސާނީގޮތުން ބާރުބޮޑުވެއްޖެ ހިނދެއްގައި ހުސްވަގުތުކޮޅެއް ނަގައި ނުވަތަ ރުޅިއައިސްގެން ކަމެއް ކުރެވިއްޖެނަމަ މައާފަށް އެދުންފަދަ ރަނގަޅު ގޮތުގައި ކަންކަމާ ކުރިމަތިލާ ނަމޫނާ ދައްކާނަމަ ޖަޒުބާތުތައް ކޮންޓްރޯލް ކުރެވިދާނެކަން އެކުދިންނަށް ދަސްވާނެއެވެ.
މައިންބަފައިންނަކީ އެންމެ ފުރިހަމަ މީހާއަށް ވާކަށް ނުޖެހެއެވެ. ހަގީގަތުގައި ކުދިންގެ ކަންކަމުގައި އަޅާލާ، ޖަޒުބާތީގޮތުން އެކުދިންނަށްޓަކައި ވަގުތުދޭ އެއްގޮތެއްގައި ދެމިތިބުމަކީ ކަންކަން އެންމެ ފުރިހަމައަށް ބެހެއްޓުމަށްވުރެ މުހިންމު ކަމެކެވެ. ނަފްސާނީ ޕްރެޝަރު އިހްސާސްވިޔަސް، ވިސްނުންތެރިކަމާއެކު އަމަލުކުރެވޭކަން ދަރިފުޅަށް ދައްކައިދިނުމަކީ، ޖަޒުބާތީގޮތުން ދަރިފުޅަށް ދަސްކޮށްދެވޭ މުހިންމު ފިލާވަޅެކެވެ.
ކަމާބެހޭ ހާއްސަ ފަރާތެއްގެ އެހީ ހޯދަންވީ ކޮންވަގުތަކު
ނަފްސާނީ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ދަތިވާނަމަ، ނުވަތަ ދަރިފުޅުގެ ކިބައިން ސުލޫކީ ނުވަތަ ޖަޒުބާތީ މައްސަލަތަކެއް ފެންނަމުންދާނަމަ، ކަމާބެހޭ މާހިރެއްގެ ލަފާހޯދުން ރަނގަޅެވެ. ކައުންސެލިންގ، ބެލެނިވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް، އަދި ސައިކޮތެރަޕީ ފަދަ ކަންކަމުން ނަފްސާނީ ގޮތުން އުނދަގޫ ހާލަތްތަކާއި ކުރިމަތިލުމައް ފަސޭހަވެގެން ދެއެވެ.
މައިންބަފައިންގެ ސްޓްރެސްއާ ދަރިންގެ ސުލޫކާ ދެމެދު ހުރި ގުޅުން ސާފުކޮށް އެނގެއެވެ. ނަމަވެސް މިއީ އަމިއްލަ ނަފްސު ކުއްވެރިކުރަން ޖެހޭކަމެއް ނޫނެވެ. މިއީ ދަރިފުޅަށް އަޅާލާ ފަދައިން އަމިއްލަ ނަފްސަށްވެސް އަޅާލުމުގެ މުހިންމުކަން އެނގިގެންދާ ކަމެކެވެ. ސްޓްރެސް މެނޭޖްކުރުމުގައި ކުދިކުދި ބަދަލުތައް ގެނައުމުންވެސް، ގޭތެރޭގެ ހަމަޖެހުމާއި، ގުޅުން ބަދަހިވުމާއި، އަދި ޖަޒުބާތީ ގޮތުން ކުރިއެރުން ލިބިގެން ދާނެއެވެ.
