އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ (އޭއެސްޑީ) ހުންނަ ކުދިންނަށް، ހާއްސަކޮށް މުއާމަލާތުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކުދިންނަށް، އެންމެ ގިނައިން ދެވޭ ފަރުވާތަކުގެ ތެރޭގައި ސްޕީޗް ތެރަޕީ ހިމެނެއެވެ. އޯޓިޒަމްގެ މައިގަނޑު ސިފަތަކުގެ ތެރޭގައި މުއާމަލާތުކުރުމުގެ ދަތިކަން ހިމެނެއެވެ. މީގެ ތެރޭގައި ވާހަކަދެއްކުމުގައި ދަތިތައް ހުންނަ ކުދިން ނުވަތަ ވާހަކަ އެއްގޮތަކަށްވެސް ނުދައްކާ ނުވަތަ އިޖްތިމާއީ ހުނަރު ދަށްކުދިން ހިމެނެއެވެ. އެހެންކަމުން އެ ކުދިންނަށް އެކުދިންގެ ބޭނުންތައް ފާޅުކުރުމަށާއި، ގުޅުންތައް ބިނާކުރުމަށާއި، އާންމު ދިރިއުޅުމުގައި އިތުރަށް ބައިވެރިވުމަށް އެހީތެރިވުމުގައި ސްޕީޗް-ލޭންގުއޭޖް ތެރަޕީއަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. ޕްރޮފެޝަނަލް ސެޝަންތަކުގެ އިތުރުން، މައިންބަފައިންނަށް ގޭގައި ސްޕީޗް ތެރަޕީގެ ހަރަކާތްތަކުގެ ތެރެއިން ދަރިފުޅުގެ ކުރިއެރުމަށް އެހީތެރިވެވިދާނެއެވެ.
އޯޓިޒަމްގައި ސްޕީޗް ތެރަޕީގެ ދައުރު ދެނެގަތުން

އޯޓިޒަމްއަށް ދެވޭ ސްޕީޗް ތެރަޕީއަކީ ހަމައެކަނި ކުއްޖަކަށް ވާހަކަދައްކަން ދަސްކޮށްދިނުމަށް އެކަނި އަމާޒުކުރެވިފައިވާ އެއްޗެއް ނޫނެވެ. އޭގައި ވަރަށް ގިނަ މުއާމަލާތުކުރުމުގެ ހުނަރުތައް ހިމެނެއެވެ. ކުއްޖާގެ ބޭނުންތަކަށް ބަލައި، ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓުން (އެސްއެލްޕީ)، ތެރަޕީ އަމާޒުކުރާނެ ކަންތައްތަކުގެ ތެރޭގައި:
- އެކްސްޕްރެސިވް ލޭންގުއޭޖް: ކުއްޖާއަށް ބަސްތައް، އިޝާރާތްތައް، ނުވަތަ އެހެނިހެން މުއާމަލާތުކުރުމުގެ ވަސީލަތްތައް (މިސާލަކަށް މަންޒަރު ކާޑުތައް ނުވަތަ ވާހަކަދެއްކުމަށް އުފައްދާ އާލާތްތައް) ބޭނުންކޮށްގެން އަމިއްލަ އިހުސާސްތައް ފާޅުކުރަން އެހީތެރިވެދިނުން.
- ރިސެޕްޓިވް ލޭންގުއޭޖް: އެހެން މީހުން ބުނާ އެއްޗެހި ދޭހަކުރުމުގެ ގާބިލުކަން ކުއްޖާގެ ކިބައިގައި އިތުރުކުރުން.
- ނޮންވަރބަލް ކޮމިއުނިކޭޝަން: އެހެންމީހުނާ މުއާމަލާތު ކުރުމުގައި ހަތަރުކަޅި ހަމަކުރުމާއި، އިޝާރާތްތަކާއި، ހަށިގަނޑުގެ ހަރަކާތްތަކާއި، މޫނުމަތީގެ ހަރަކާތްތައް (ފޭޝަލް އެކްސްޕްރެޝަން) ބޭނުންކުރަން ދަސްކޮށްދިނުން.
- އިޖްތިމާއީ މުއާމަލާތް (ޕްރެގްމެޓިކްސް): ވާހަކަދެއްކުމުގައި ދައުރު ބަދަލުކުރާނެ ގޮތާއި، މައުޟޫއުގައި ދެމިހުރުމާއި، އިޖްތިމާއީ އިޝާރާތްތައް ދެނެގަންނާނެ ގޮތް ކުދިންނަށް އިރުޝާދު ދިނުން.
- ވާހަކަ ދެއްކުމުގެ ފަރިތަކަމާއި އަޑުގެ ސާފުކަން: ކުއްޖާއަށް އެހެން މީހުންނަށް ވިސްނޭ ގޮތަށް ވާހަކަދެއްކުމަށް އެހީތެރިވެދިނުން.
- ކެއުމާއި ދިރުވުން: ބައެއް ހާލަތްތަކުގައި، ކެއުމާއި ބުއިމާ ގުޅޭ އަނގައިގެ މަސްތަކުގެ ހުނަރުތަކަށް ސްޕީޗް ތެރަޕިސްޓުން އެހީތެރިވެދެއެވެ.
އަވަހަށް ފަރުވާ ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ޅަފަތުގައި ސްޕީޗް ތެރަޕީ ލިބޭ ކުދިންނަށް މުއާމަލާތުކުރުމާއި އިޖްތިމާއީ ހުނަރުތަކުގައި ބޮޑެތި ކުރިއެރުންތައް ލިބުމުގެ ފުރުސަތު ބޮޑެވެ.
މައިންބަފައިންނަށް ގޭގައި ސްޕީޗް ތެރަޕީއަށް އެހީތެރިވެވޭނެ ގޮތްތައް
ޕްރޮފެޝަނަލް ތެރަޕީ ސެޝަންތައް މުހިންމު ނަމަވެސް، ގޭގައި މުވާސަލާތީ ހުނަރުތައް އަށަގެންނެވުމަކީ ކުއްޖާގެ ކުރިއެރުން އަވަސްކޮށް، ހަރުދަނާކުރެވޭނެ ކަމެކެވެ. އެގޮތުން މައިންބަފައިންނަށް ބޭނުންކުރެވިދާނެ އުކުޅުތަކުގެ ތެރޭގައި:
1. ބަހުގެ ގޮތުން މުއްސަނދި މާހައުލެއް އުފެއްދުން
ކުއްޖާ ޖަވާބު ނުދިންކަމުގައިވިޔަސް، ކުއްޖާއާ ގިނަގިނައިން ވާހަކަދައްކާށެވެ. ދުވަހުގެ އާދަކާދަތައް ބަޔާންކުރާށެވެ. މިސާލަކަށް، “މިހާރު އަހަރެމެން މިއުޅެނީ ދަތްއުނގުޅަން”. ތަކެތި ތަފްސީލުކޮށް ސިފަކޮށްދޭށެވެ. އަދި އިހްސާސްތަކާއި އަމަލުތަކަށް ނަން ދޭށެވެ. ކުއްޖާއަށް ފަސޭހައިން ދޭހަވާނެ ގޮތަށް ކުރު، އާދައިގެ ޖުމްލަތައް ބޭނުންކުރާށެވެ.
2. މަންޒަރުފެންނަ އެހީތައް ބޭނުންކުރުން
އޯޓިޒަމް ހުންނަ ގިނަ ކުދިން ފެންނަ އެހީތަކަށް ރަނގަޅަށް އިޖާބަދެއެވެ. ކުއްޖާއަށް ކަންކަން ދޭހަކޮށްދީ އޭނާއަށް ފާޅުކުރެވޭނެގޮތަށް ދަސްކޮށްދިނުމަށް ފޮޓޯތަކާއި، ފްލޭޝްކާޑުތަކާއި، ފެންނަ ތާވަލުތައް ބޭނުންކުރާށެވެ. ޕިކްޗަރ އެކްސްޗޭންޖް ކޮމިއުނިކޭޝަން ސިސްޓަމް (ޕެކްސް) ފަދަ ވަސީލަތްތަކަކީ ގޭގައި ކުރެވޭ އިންޓަރވެންޝަންތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އެއްޗެކެވެ.
3. ބަސް މޮޑެލްކޮށް ފުޅާކުރުން
ދަރިފުޅު އެއް ބަހެއް ނުވަތަ އިޝާރާތެއް ބޭނުންކޮށްގެން މުއާމަލާތު ކުރާއިރު، އެކަން އިތުރަށް ފުޅާކޮށްދޭށެވެ. މިސާލަކަށް، “ކާރު” ބުނެފިނަމަ، “އާނ، އެއީ ރަތް ކާރެއް!” މިފަދައިން ޖަވާބުދޭށެވެ. މިކަމުން ބަހުގެ ވަޒަނާ އަދި ޖުމުލަ އެތުރުމުގެ ހުނަރު ތަރައްގީކުރުމަށް އެހީތެރިވެދެއެވެ.
4. ކޮޕީކުރުމަށް ހިތްވަރުދިނުން
ކުޅުމުގެ ތެރޭގައި އިވޭ އަޑުތަކާއި، ބަސްތަކާއި، އަދި އަމަލުތައް ކޮޕީކުރުމަށް ހިތްވަރުދޭށެވެ. ކޮޕީކުރުމުން ކުދިންނަށް ވާހަކަދެއްކުމާއި އިޖްތިމާއީ ގުޅުމުގެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދެއެވެ. އާދައިގެ ކުދިކުދި އަމަލުތަކުން (އަތްތިލަބަޑިޖެހުން ފަދަ) ފަށައިގަނެ، ދެން އަޑުތަކާއި ބަސްތައް ކޮޕީކުރުމަށް ދަސްކޮށްދިނުމަށް މަސައްކަތް ކުރާށެވެ.
5. ކުޅިވަރުގެ ތެރެއިން އުނގެނުން ހިމެނުން
ވާހަކަދެއްކުމުގެ ތެރަޕީއަކީ މަޖާ ކަމަކަށްވެސް ހެދިދާނެއެވެ. ކުޅޭ ސާމާނާއި، ހިޔާލީ ކުޅިވަރާއި، ދައުރު ބަދަލުކޮށްގެން ކުޅޭ ކުޅިވަރުތައް ބޭނުންކޮށްގެން މުއާމަލާތުކުރުމަށް ހިތްވަރުދޭށެވެ. މިސާލަކަށް، ކުޅޭ ބަދިގެ ސެޓެއް ބޭނުންކޮށްގެން ކާތަކެތީގެ ނަންތަކާއި، ކަންތައްތައް ކުރާ ގޮތް (ކޮށުން، ގިރުން) ފަދަ ކަންކަމާއި އަދި އިޖްތިމާއީ އިބާރާތްތައް މިސާލަކަށް (މަރުހަބާ، ޝުކުރިއްޔާ) ފަދަ އިބާރާތްތައް ތައާރަފުކުރެވިދާނެއެވެ.
6. ކޮންމެ ދުވަހަކު އެކުގައި ފޮތް ކިޔުން
ސާފުކޮށް ފެންނަ ކުރެހުންތަކާއި އެއް އިބާރާތެއް ތަކުރާރުކޮށް ބޭނުނުންކޮށްފައި ހުންނަ ފޮތްތައް ހިޔާރުކުރާށެވެ. ވާހަކަ ކިޔަމުންދާއިރު މެދުކަނޑާލައި ސުވާލުކޮށް، ފޮތުގައި ހުރި ކުރެހުން ދައްކައި، އަދި ކުއްޖާއަށް ކުރެހުންތަކުގައިވާ ތަކެތީގެ ނަން ކިޔަން ނުވަތަ އިޝާރާތުން ދައްކަން ބާރުއަޅާށެވެ. އަޑުގަދަކޮށް ކިޔުމުން ބަސްކޮށާރާއި، އަޑުއެހުމާއި، އަދި ވިސްނުމުގެ ގާބިލުކަން އިތުރުވެއެވެ.
7. ލަވައާއި ރައިމްސް ބޭނުންކުރުން
ކުދިން ގިނަފަހަރު މިއުޒިކް އަޑުއެހުމަށް ޝައުގުވެރިކަން ހުރެއެވެ. އަދި ތަކުރާރުކޮށް ބުނެވޭ ފޮޅުވަތްތައް ހުންނަ ލަވަތަކުން ބަސް ދެނެގަތުމާއި ހަނދާންކުރުމުގެ ގާބިލުކަން އިތުރުކުރެވިދާނެއެވެ. ކުޑަކުދިންގެ ލަވަތައް ކިޔައި، ލަވަޔާއިއެކު އިޝާރާތްތައް ކުރުން (މިސާލަކަށް، “ކުދި ކުދި ކަރުދާސް”)، އަދި އެއްބައި ކިޔުމަށް ފަހު މަޑުކޮށްލައި ކުއްޖާއަށް ބަސްތައް ފުރިހަމަކުރަން ފުރުސަތު ދޭށެވެ.
8. ވާހަކަދެއްކުމުގެ ދައުރު ބަދަލުކުރުމާއި ހަތަރުކަޅި ހަމަކުރުމަށް ދަސްކުރުން
ވާހަކަ ނުދައްކާ ކުދިން ވެސް އިޝާރާތްތަކުން ނުވަތަ މުވާސަލާތީ ބޯޑުތައް ބޭނުންކޮށްގެން ވާހަކަދެއްކުމުގެ ދައުރު ބަދަލުކުރުން އަމަލީގޮތުން ދަސްކުރެވިދާނެއެވެ. ކުރިއަށް ފަހަތަށް ބޯޅައެއް ފޮނުވާލާ ގޮތަކަށް އެކަކު އަނެކަކަށް ޕާސްކުރާ ކުޅިވަރުތަކުން މުވާސަލާތުގެ ރިދަމް ދަސްވެއެވެ.
ކާމިޔާބީ ހޯދުމަށް ކުރެވިދާނެ ކަންތައްތައް
- އެއްގޮތަކަށް ކަންތައްތައް ކުރުން: ދުވަހުގެ އާދަކާދަތަކުގެ ތެރޭގައި ވާހަކަދެއްކުމުގެ ހަރަކާތްތައް ހިމަނާށެވެ.
- ކުދިކުދި ކާމިޔާބީތައް ފާހަގަކުރުން: ކިތަންމެ ކުޑަ ކުރިއެރުމެއް ނަމަވެސް އެކަން ބަލައިގަންނާށެވެ.
- ކެތްތެރިކަމާއި ހިތްވަރުދިނުން ދަމަހައްޓާށެވެ: ކުރިއެރުން ލިބުމަށް ވަގުތު ނަގާފާނެއެވެ، އަދި ހިތްވަރުދިނުމަކީ މުހިންމު ކަމެކެވެ.
- ދަރިފުޅުގެ ސްޕީޗް ތެރަޕިސްޓާއެކު މަސައްކަތްކުރުން: ގޭގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުންނާއި ހިންގޭ ހަރަކާތްތަކާއި ގުޅޭގޮތުން ހިޔާލު ހޯދާށެވެ.
- ކުރިއެރުން ދެނެގަތުން: ރަނގަޅަށް މަސައްކަތްކުރާ ކަންތައްތަކާއި، ދަރިފުޅު އުފާވާ ކަންތައްތަކާއި، އަދި އައު ބަސްތަކާއި އާދަތައް ނޯޓުކުރާށެވެ.
ޕްރޮފެޝަނަލް އެހީތެރިކަމަށް އެދެންވީ ކޮން އިރަކުތޯ
މައިންބަފައިންނަށް ގޭގައި ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެ ނަމަވެސް، ޕްރޮފެޝަނަލް ލަފާ ވަރަށް މުހިންމެވެ. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖިސްޓަކާ މަޝްވަރާކުރަން މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ދަރިފުޅު މުވާސަލާތުކުރުމުގެ މުހިންމު މަރުހަލާތައް ފުރިހަމަ ނުކުރުން.
- ގޭގައި މަސައްކަތްކުރުމުން ވެސް ކުރިއެރުމެއް ނުފެނުން.
- އޭއޭސީ (އޯގްމެންޓެޓިވް އެންޑް އޯލްޓަރނޭޓިވް ކޮމިއުނިކޭޝަން) ނުވަތަ ތެރަޕީގެ ކަންކަން ތަންފީޒުކުރުމަށް އެހީތެރިކަން ބޭނުންވާނަމަ.
- ދަރިފުޅުގެ ވަކި ބޭނުންތަކަށް ހާއްސަކޮށްގެން ތެރަޕީ ޕްލޭނެއް އެކުލަވާލަން ބޭނުންވާނަމަ.
އޯޓިޒަމް ހުންނަ ކުދިންގެ މުވާސަލާތީ ހުނަރުތައް ބިނާކުރުމަށް އެހީތެރިވުމުގައި ސްޕީޗް ތެރަޕީއަކީ ވަރަށް މުހިންމު ވަސީލަތެކެވެ. ޕްރޮފެޝަނަލުންގެ އެހީތެރިކަމާއި ގޭގައި މަސައްކަތްކުރުމާއެކު، ގިނަ ކުދިން މުހިންމު ކުރިއެރުންތަކެއް ހޯދައެވެ. ދުވަހުން ދުވަހަށް ކުރާ ކަންކަމުގައި ވާހަކަދެއްކުމަށް ފަހި ހަރަކާތްތައް ހިމެނުމުން، ދަރިންގެ ހެދިބޮޑުވުމުގެ ތަރައްގީގައި އަމަލީގޮތުން ބައިވެރިވާ ބައިވެރިންނަށް ބެލެނިވެރިން ބަދަލުވެއެވެ. މިކަމުން ދުނިޔެއާ ގުޅުން ބަދަހިކުރުމުގެ ގާބިލުކަމަށް ދެމިގެންދާނެ އަސަރެއް ކުރެއެވެ.
