އެންޑޮމީޓްރިއޯސިސް އަކީ ރަހިމުގެ އެތެރެފަށަލައާ އެއްގޮތް ޓިޝޫއެއް ރަހިމުން ބޭރުގައި ފެތުރިގެންދާ ދިގު މުއްދަތުގެ ބައްޔެކެވެ. މި ޓިޝޫތައް އާންމުކޮށް ފެންނަނީ އޯވަރީގައި، ފެލޯޕިއަން ހޮޅިތަކުގައި (އޯވަރީއާއި ރަހިމު ގުޅުވައިދޭ ހޮޅި)، ނުވަތަ އެކަމާ ގުޅުންހުރި ޓިޝޫތަކުގައެވެ. އަދި މިތަންތަން ވެސް ރަހިމުގެ އެތެރެފަށަލައާ އެއްގޮތަށް ކޮންމެ މަހަކު މައްސަރުކަންތައް ދިމާވާ ދުވަސްކޮޅު ދުޅަވެއެވެ. އަދި ގިނަދުވަސްވާ ވަރަކަށް މިކަމުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައި، ވަކިން ހުންނަ ބައެއް ގުނަވަންތައް އެކުވެއެވެ. މި ބަދަލުތަކުގެ ސަބަބުން ފެލޯޕިއަން ހޮޅިތައް ބަންދުވެ ނުވަތަ އޯވަރީގެ ސިސްޓްތަކުގައި ބިސްތައް ހިފެހެއްޓި، މާބަނޑުވުމަށް އުނދަގޫވެއެވެ.
އެންޑޯމީޓްރިއޯސިސްއަކީ ފުދޭވަރަކަށް އާއްމު ބައްޔެކެވެ. ސިއްހީ އިދާރާތަކުން ހާމަކުރާގޮތުގައި، ދަރިމައިވާ އުމުރުގެ %10 އާއި %11 އާއި ދެމެދުގެ އަންހެނުންނަށް އެންޑޯމެޓްރިއޯސިސްއާ ކުރިމަތިލާން ޖެހެއެވެ. އަދި މިއީ ދަރިމައިވުމުގެ ދަތިކަން ދިމާވާ މައިގަނޑު އެއް ސަބަބެވެ.

އަލާމާތްތަކާއި ދަރިމައިވުމަށް ކުރާ އަސަރު
އެންޑޯމީޓްރިއޯސިސްގެ ސަބަބުން ދިމާވާ މައިގަނޑު އެއްކަމަކީ ދަށްބަނޑުގައި (ޕެލްވިކް ޕެއިން) ރިއްސުމެވެ. މައްސަރު ދުވަސްވަރު އާދަޔާ ހިލާފަށް ބޮޑަށް ބަނޑުގައި ރިއްސުމާއި، ގިނަދުވަސް ވަންދެން އުނަގަނޑުގައި ރިއްސުމާއި، ދައްބަނޑުގައި ރިއްސުމުގެ އިތުރުން ދެމަފިރިކަމުގެ ގުޅުން ހިންގާއިރު ތަދުވުމުކީ އެންޑޯމީޓްރިއޯސިސް ހުންނަނަމަ ދިމާވާ ކަންކަމެވެ. މީގެ އިތުރުންވެސް މައްސަރު ދުވަސްވަރު މާގިނައިން ލޭއައުމާއި، ހަޖަމުގެ މައްސަލަތަށް (ބަނޑުގައި ވައި ހެދުމާއި، ބަނޑު ހަރުވުމާއި، މައްސަރު ދުވަސްވަރު ބޭރަށް ހިންގުން) ހިމެނެއެވެ. ހާއްސަކޮށް ދަރިމައިވުމަށް މަސައްކަތް ކުރާ އަންހެނުންނަށް، ދަރިމައިވުމުގެ މައްސަލަ ދިމާވުމަކީވެސް މިކަމުގެ އާއްމު ސިފައެކެވެ.
ދިރާސާ ކުރާ މީހުން ގަބޫލު ކުރާ ގޮތުގައި، އެންޑޯމީޓްރިއޯސިސްގެ ސަބަބުން ދަރިމައިވުމަށް ދަތިވެދާނެ އެތައް ސަބަބުތަކެއް ވެއެވެ:
- ބެދިފައިވާ ހޮޅިތަކާއި، އެއްވެ ގުޅިފައިވާ ގިނަ ޓިޝޫތަކެއްގެ ސަބަބުން: ރަހިމުގައި އުފެދޭފަދަ ޓިޝޫތަކެއް ރަހިމުން ބޭރުގައި އުފެދެން ފެށުމުގެ ސަބަބުން އޯވަރި އަދި އޯވަރީ އާއި ރަހިމު ގުޅުވައިދޭ ހޮޅި ބެދެން މެދުވެރިވެއެވެ. މިކަމުގެ ސަބަބުން ބިހާއި ހަމައަށް ދަރި ފަންޏަށް ދިއުމަށް ހުރަހަކަށް ވުމުގެ ސަބަބުން ދަރިމައިވުމަށް އުނދަގޫވެއެވެ.
- އެންޑޯމެޓްރިއޯމަސް ކިޔާ ސިސްޓްތަކެއް އޯވަރީގައި އުފެދުމުގެ ސަބަބުން، އޯވަރީގެ ޓީޝޫތަކަށް ގެއްލުންވެ ބިހުގެ ކޮލިޓީ ދައްވުން.
- ދަރިމައިވުމާއި ގުޅުން ހުރި ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަށް ދުޅަވުމުގެ ސަބަބުން، ބިހުގެ ކޮލިޓީ ދަށްވުމާއި ދަރިމައިވުމުގެ މާހައުލަށް ގެއްލުންވުން އެކަށީގެން ވެއެވެ. މީގެ ސަބަބުން އޯވަރީގައި ބިސް ހެދި ބޮޑުވާ ފޮލިކަލްސް ބޮޑުވުމަށް ހުރަސްއެޅުމުގެ އިތުރުން އެމްބްރިއޯ ރަހިމުގެ ތެރެއަށް ގުޅުމަށް ހުރަސް އެޅުމުގެ ސަބަބުން މާބަނޑުވުމުގެ ފުރުސަތު ކުޑަވެއެވެ.
- ހޯމޯނަށް އަންނަ ބަދަލުތައް: އެސްޓްރޮޖަން ފަދަ ހޯމޯންތައް ގިނަވުމާއި، އެންޑޯމެޓްރިއޯސިސްގެ ސަބަބުން ދިފާއީ ނިޒާމަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން އޯވަރީން ބިސް ބޭރުވުމާއި، ރަހިމުގައި ދަރިފުޅު އަށަގެންނެވުމުގައި މައްސަލަ ދިމާވުން އެކަށީގެންވެއެވެ.
- ދެމަފިރިކަމުގެ ގުޅުން ހިންގާއިރު ތަދުވުމުގެ ސަބަބުން، ގުޅުން ހިންގޭވަރު މަދުވެ ދަރިމައިވުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.
ކުރުކޮށް ބުނާނަމަ، އެންޑޯމެޓްރިއޯސިސްގެ ސަބަބުން، ގުދުރަތީގޮތުންނާއި، ވަސީލަތްތައް ބޭނުންކޮށްގެން ދަރިމައިވުމުގެ ފުރުސަތުވެސް ކުޑަވެއެވެ.
އެންޑޯމީޓްރިއޯސިސް ހުންނަ މީހަކު ގުދުރަތީ ގޮތުން މާބަނޑުވުން
އެންޑޮމީޓްރިއޯސިސް ހުންނަ ގިނަ އަންހެނުން، ހާއްސަކޮށް މި ބަލި ކުޑަކޮށް ހުންނަނަމަ، ގުދުރަތީގޮތުން މާބަނޑުވެއެވެ. 35 އަހަރުން ދަށުގެ ޒުވާން އަންހެނުންގެ ތެރެއިން ސްޓޭޖް I-II އެންޑޮމީޓްރިއޯސިސް ހުންނަ ފަރާތްތަކަށް، ޑޮކްޓަރުން އާންމުކޮށް ލަފާދެނީ މާބަނޑުވުމަށް ގުދުރަތީގޮތުން މަސައްކަތްކުރުމަށް ނުވަތަ ފެންނަން ހުންނަ އެންޑޯމީޓްރިއޯސިސްގެ އިމްޕްލާންޓްތައް ސަރޖަރީކޮށްގެން ނަގައި، މާބަނޑުވުމުގެ ފުރުސަތު އިތުރުކުރުމަށެވެ. ދިރާސާތަކުން ދައްކާގޮތުގައި ކުދި އިމްޕްލާންޓްތައް ނެގުމުން ވިހެއުމުގެ ގާބިލުކަން އިތުރުވެދާނެއެވެ. ނަމަވެސް ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު ދެފަރާތަށް ވެސް ބުރަވެވެއެވެ. ކުޑަކޮށް އެންޑޮމެޓްރިއޯސިސް ހުންނަ ބައެއް މީހުން، އާންމު މިންވަރަކަށް މާބަނޑުވެއެވެ. އެހެންނަމަވެސް، މިބަލި ނެތް އަންހެނުންނާ އަޅާބަލާއިރު، އާންމުކޮށް މާބަނޑުވުމަށް ދިގު މުއްދަތެއް ނަގައެވެ.
ބަލި އިތުރަށް ބޮޑުވަރުވެފައިވާނަމަ (ސްޓޭޖް III-IV ) ، ޤުދުރަތީގޮތުން މާބަނޑުވުމުގެ ނިސްބަތް ދަށެވެ. މި ލެވެލްގެ އެންޑޮމީޓްރިއޯސިސްގައި އާންމުކޮށް ހިމެނެނީ އޯވަރީގެ ސިސްޓްތަކާއި އެއްވެ ގުޅިފައިވާ ޓިޝޫތަކެކެވެ. މިކަންކަމުގެ ސަބަބުން ކޮންމެ މަހަކު މާބަނޑުވުމުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެއެވެ (އެއް ސައިކަލްއަކަށް ވަރަށް ކުޑަ އިންސައްތައަކަށް ވެސް ވެދާނެއެވެ). ނަމަވެސް، މިފަދަ ހާލަތްތަކުގައި ވެސް މާބަނޑުވުމަކީ އެކަށީގެންވާ ކަމެކެވެ. 2024 ގައި ކުރެވުނު މުރާޖައާއަކުން ފާހަގަކުރެވުނު ގޮތުގައި އެންޑޮމީޓްރިއޯސިސްއަކީ ވިހެއުމުގެ ގާބިލުކަމަށް ގިނަ މަރުހަލާތަކެއްގައި އަސަރުކުރާ ބައްޔެކެވެ. ނަމަވެސް، އެންޑޮމީޓްރިއޯސިސް ހުންނަ އެތައްހާސް އަންހެނުން ގުދުރަތީގޮތުން ނުވަތަ ފަރުވާގެ އެހީގައި ކާމިޔާބުކަމާއެކު މާބަނޑުވެ ވިހައެވެ. މާހިރުން އިއްތިފާގުވަނީ އެންޑޮމީޓްރިއޯސިސް ހުންނަ އަންހެނަކު 6-12 މަސްދުވަހުގެ ތެރޭގައި (އުމުރަށް ބަލައިގެން) މާބަނޑު ނުވެއްޖެނަމަ، އޭނާ ބަލިވެއިނުމުގެ ފުރުސަތު އިތުރުކުރުމަށް ކުރެވިދާނެ ފަރުވާތަކާ ބެހޭގޮތުން ޑޮކްޓަރަކާއި މަޝްވަރާކުރަންވާނެ ކަމަށެވެ.
އެންޑޯމީޓްރިއޯސިސްގެ ސަބަބުން ކުރާ ޖަޒްބާތީ އަދި ނަފްސާނީ އަސަރު
އެންޑޮމީޓްރިއޯސިސްއާއެކު ދިރިއުޅުމަކީ ޖަޒްބާތީގޮތުން ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ދާއިމީ ވޭނެއްގައި އުޅެން ޖެހުމާއި، ގަވައިދުން މައްސަރު ކަންތައް ދިމާނުވުން، އަދި ދަރިމައިވުމުގެ ދަތިތަކުގެ ސަބަބުން ގިނަފަހަރު ކަންބޮޑުވުމާއި، ހިތްދަތިކަމާއި، ނުވަތަ ހިތާމައިގެ އިހްސާސްތަކަށް މަގުފަހިވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އެންޑޮމީޓްރިއޯސިސް ހުންނަ އަންހެނުންގެ ތެރެއިން ގިނަ މީހުން ބުނަނީ އެމީހުންނަށް ފާހަގަކުރެވޭވަރަށް ޖަޒްބާތީ ނުތަނަވަސްކަން ކުރިމަތިވާކަމަށެވެ. 2023 ވަނަ އަހަރު ކުރެވުނު ސިސްޓަމެޓިކް ރިވިއުއަކުން ދައްކާގޮތުގައި އެންޑޮމެޓްރިއޯސިސް ހުންނަ ބަލިމީހުންގެ ތެރޭގައި ހިތްދަތިކަމާއި ކަންބޮޑުވުމުގެ އަލާމާތްތައް ވަރަށް ބޮޑަށް ހުރެއެވެ. އަދި އެމީހުންގެ ދިރިއުޅުމުގެ ކޮލިޓީ ދައްވާކަން ފާހަގަކުރެވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވެސް ފާހަގަކުރާގޮތުގައި އެންޑޮމީޓްރިއޯސިސްއާ، ހިތްދަތިކަމާއި، ކަންބޮޑުވުމާއި، އަދި ދަރިމައިނުވުން ގުޅިފައިވެއެވެ.
އާންމުކޮށް ކުރިމަތިވާ އިހްސާސްތަކުގެ ތެރޭގައި ހިތްހަމަނުޖެހުމާއި، ހިތާމަވެރިކަމާއި، ނުވަތަ އެކަހެރިވުން ހިމެނެއެވެ. ހާއްސަކޮށް މާބަނޑުވުން ލަސްވާ ހިނދުގައެވެ. މިކަންތައްތައް ދިމާވަނީ ކީއްވެބާއޭ ހިތައްއެރުމާއި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާކުރަން ޖެހުމާ ގުޅިގެން އަމިއްލަ ނަފްސު ކުއްވެރިކުރުން ފަދަ ކަންކަމަކީވެސް ދިމާވެދާނެ ކަންކަމެވެ. މިފަދަ ހާލަތްތަކުގައި ނަފްސާނީ އެހީތެރިކަން ހޯދުން ވަރަށް މުހިންމެވެ. ކައުންސެލަރުންނާ ވާހަކަދެއްކުމާއި، އެންޑޮމީޓްރިއޯސިސް ސަޕޯޓް ގްރޫޕްތަކުގައި ބައިވެރިވުމާއި، ނުވަތަ އެއް މައްސަލައެއް ދިމާވެފައިވާ އެހެން އަންހެނުންނާ ގުޅުން ބަދަހިކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ދެމަފިރިންގެ ދެމެދުގައި ހުޅުވިގެންވާ މުއާމަލާތެއް ބޭއްވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެއީ ދެމަފިރިންނަށް ވެސް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، އެކުގައި ރޭވުންތައް ރޭވޭނެތީއެވެ.

Endometriosis ge sababun hashigandu ge ehen nizaam thakaa gunawan thakah kuraa asaru adhi adenomyosis aa behey article eh vx fennaane kamah unmeedhu kuran