ކުދިންނަށް ފޮތް ކިޔައިދިނުމަކީ އަބަދުވެސް ނިދާގަޑީގެ އާދައެއްގެ ގޮތުގައި ދެކެވިފައިވާ ކަމެކެވެ. ނަމަވެސް އައު ދިރާސާތަކުން ދައްކާގޮތުގައި މިކަމުން ކުދިންނަށް ބަސްތައް ދަސްކޮށްދިނުމަށްވުރެ މާ ގިނަ ފައިދާތަކެއް ކުރެއެވެ. އެކުގައި ކިޔުމުން އިހުސާސީ ގުޅުންތައް އުފެދި، އެހެން މީހުންނާ މުޢާމަލާތު ކުރަން ކުދިންނަށް ދަސްވެ، އަދި ފަހުން ދިރިއުޅުމުގައި އުނގެނުމަށާއި، ސިއްހަތަށާއި އަދި އުފާވެރިކަމަށް ވަރުގަދަ ބިންގަލެއް އެޅެއެވެ. ތުއްތު ކުއްޖަކާއެކު ތަސްވީރު ފޮތެއް ބަލަމުން އެ ތަސްވީރުތަކާގުޅޭ ގޮތުން ވާހަކަ ދެއްކުން ވިޔަސް ނުވަތަ ޕްރީސްކޫލް އުމުރުގެ ކުއްޖަކާއެކު ކުރު ވާހަކައެއް ކިޔުމުގައި ވިޔަސް، މި ވަގުތުތަކުން ދަރިފުޅުގެ މުސްތަގުބަލު ބައްޓަންކުރެވެމުންދަނީ ހަމައެކަނި ލިޔަންކިޔަން ދަސްވުމަށްވުރެ މާ ފުޅާ ދާއިރާއެއްގައެވެ.
އެކުގައި ކިޔުމުގެ ފައިދާތަކާއި މައިންބަފައިންނަށް ގޭގައި މިކަމުގެ އެންމެ ފުރިހަމަ ބޭނުން ހިފޭނެ ގޮތްތައް

1. ތުއްތު އިރުން ފެށިގެން ފޮތް ކިޔައިދޭން ފެށުން
ފޮތް ކިޔަން ފެށުމަކީ ކުއްޖާ ވާހަކަ ދައްކަން ފަށަންދެން މަޑުކުރަންޖެހޭ ކަމެއް ނޫނެވެ. މާހިރުން ލަފާދެނީ ވީހާވެސް ކުރިން، ކުދިން އެންމެ ތުއްތު އިރުން ފެށިގެން ކުދިންނަށް ފޮތް ކިޔާދޭން ފެށުމަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ފޮތް ކިޔާދޭ ކުޑަކުދިންގެ ސަމާލުކަން ވަރުގަދަވެ، ހަނދާން ރަނގަޅުވެ، އަދި ބަހުގެ ތަރައްޤީ އަވަސްވެއެވެ. އާބަރން ޔުނިވަރސިޓީން 2025 ގައި ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ކުޑަކުދިންނާއެކު ފޮތް ކިޔުމުގައި ބައިވެރިވުމުން މައިންބަފައިންގެ ނަފްސާނީ ބުރަ ލުއިވެ، އަދި ދުޅަހެޔޮ ސިކުނޑީގެ ތަރައްޤީއަށް އެހީތެރިވެދެއެވެ. އަދި ކުޑަކުދިންނަށް ގިނައިން ފޮތް ކިޔައިދޭ މައިންބަފައިންނަށް އެކުދިންނާއެކު އޯގާތެރި ގުޅުމެއް ބިނާކުރެވެއެވެ. މިއީ މުޅި އުމުރަށްވެސް އުނގެނުމަށާއި ގުޅުން ބަދަހިކުރުމަށް އެޅޭ ބިންގަލެކެވެ.
2. ބަހުގެ ހުނަރު ތަރައްޤީވުން
ފޮތް ކިޔުމަކީ ކުދިންނަށް މުއާމަލާތު ކުރުމުގެ ތެރޭން އާންމުކޮށް އަޑުނީވޭ ވަރަށް ގިނަ އަދި ތަފާތު ބަސްތަކެއް ކުދިންނަށް އެނގިގެންދާނެ ކަމެކެވެ. މައިންބަފައިން ކުދިންނަށް އަޑުއިވޭގޮތަށް ބާރަށް ފޮތް ކިޔައިދޭއިރު، ބަހުގެ ގޮތުން މުއްސަނދި، ދިގު ޖުމްލަތަކާއި ތަފާތު ހިޔާލުތައް ހިމެނޭ ފޮތްތައް ކިޔާދެވޭނެއެވެ. މީގެ ސަބަބުން ކުދިންގެ ބަސްކޮށާރު އިތުރުވެ، ބަހުގެ ހަމަތަކާއި އަޑުއެހުމުގެ ހުނަރު ކުރިއަރައިގެންދެއެވެ.
3. އަޅާލުމާއި އިޖްތިމާޢީ ހުނަރުތައް އުފެއްދުން
ފޮތްތަކުގައި ގިނަފަހަރަށް ހިމެނެނީ ގޮންޖެހުންތަކާ ކުރިމަތިލާ ނުވަތަ މުހިންމު ފިލާވަޅުތައް ދަސްކުރާ ކެރެކްޓަރުތަކެކެވެ. މައިންބަފައިން މި ވާހަކަތައް ކުދިންނާއެކު ކިޔައި، އެ ކެރެކްޓަރުތަކުގެ އިހުސާސްތަކާ ބެހޭގޮތުން ވާހަކަދައްކާއިރު، އެއިން ކުދިންނަށް އަޅާލުމާއި އޯގާތެރިކަން ދަސްވެއެވެ. ފްރޮންޓިއަރސް އިން ސައިކޮލޮޖީގައި ކުރެވިފައިވާ ދިރާސާއަކުން ދައްކައިދެނީ އަހްލާގީ ނުވަތަ އިހުސާސްތަކާ ގުޅޭ މައުޟޫތަކުގެ ވާހަކަތައް ގަވާއިދުން ކިޔައިދެވޭ ޕްރީސްކޫލް ކުދިން އެހީތެރިވެދިނުމާއި އަދި އެއްބާރުލުން ދިނުން އިތުރު ވެގެންދާކަމެވެ. އެކުގައި ކިޔުމަކީ ހަމައެކަނި ކިޔަން ދަސްކުރުމެއް ނޫނެވެ. އެއީ އަޅާލަން ދަސްކުރުން ވެސް މެއެވެ.
4. އިހުސާސީ ގުޅުމާއި މައިންބަފައިންގެ ދުޅަހެޔޮކަން
އެކުގައި ކިޔުމުން ކުދިންނާއި މައިންބަފައިންނަށް ފައިދާކުރާ މަޑުމައިތިރި، ލޯބިވެތި މާހައުލެއް އުފެދެއެވެ. މި ހަމަހިމޭން ވަގުތުތަކުން ކުދިންނަށް ރައްކާތެރިކަމާއި ހަރުދަނާ ގުޅުން އިހުސާސްކުރެވެއެވެ. އަދި އެމެރިކަން އެކެޑަމީ އޮފް ޕީޑިއެޓްރިކްސްއިން ޝާއިޢުކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި މިކަމުން މައިންބަފައިންގެ ނަފްސާނީ ބުރަ ކުޑަވެއެވެ. ދުވަހުގެ އާދަކާދައިގެ ތެރެއިން ނިދަން އޮށޯންނަ ވަގުތު ކިޔުމުގެ ބައެއްގެ ގޮތުގައި ހިމެނުމުން ކުދިން ހަމަޖެހި، ނިދީގެ ފެންވަރު ރަނގަޅުވެ، އަދި މައިންބަފައިންނާއި ދަރިންގެ ގުޅުން ބަދަހިވެގެންދެއެވެ.
5. ކިޔުމަށް ބާރުއެޅުމާއި ކިޔުމުގެ ލޯބި އުފެއްދުން އަދި އުމުރަށް ދެމިގެންދާ ޝައުޤުވެރިކަން
ޅަފަތުގައި ފޮތް ކިޔުމަށް ޝައުވެރިވާ ކުދިން، ފަހުން އަމިއްލައަށް ކިޔުމަށް މަސައްކަތްކުރާ ވަރުގަދަ ކިޔުންތެރިންނަށް ވުމުގެ ފުރުސަތު ބޮޑެވެ. ދިރާސާތަކުން ދައްކާގޮތުގައި ކުޑައިރުއްސުރެ އެކުގައި ކިޔުމަކީ އެކަމަށް ޝައުގުވެރިކަން އިތުރުވެ އަދި އުނގެނުމާމެދު އެދެވޭ ވިސްނުމެއް އުފެދޭ ކަމެކެވެ. އެހެންނަމަވެސް، ފަހަކަށްއައިސް ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ ސަރވޭތަކުން ދައްކާގޮތުގައި ބޮޑެތި ކުދިންގެ މެދުގައި ކިޔުމުގެ ޝައުގުވެރިކަން ދަށްވަމުންދެއެވެ. ހާއްސަކޮށް ކުޑައިރު އެކުގައި ކިޔުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިނުވާ ކުދިންގެ މެދުގައެވެ. އެހެންކަމުން، ފެށުނީއްސުރެ ވާހަކަތައް ކިޔައިއުޅުމަށް ލޯބި އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ.
6. ދިގު މުއްދަތުގެ ތަޢުލީމީ އަދި ސިއްހީ ފައިދާތައް
އެކުގައި ކިޔުމުގެ ފައިދާތަކަކީ ޕްރީސްކޫލް މަރުހަލާއަށްވުރެ މާ ފަހަށްވެސް އޭގެ ފައިދާ ކުރާކަމެކެވެ. ވާހަކަދެއްކުމާއި ވާހަކަ ކިޔައިދިނުމުގެ ހުނަރުތަކާއެކު ސްކޫލަށް ވަންނަ ކުދިން، ގިނަފަހަރަށް ކިޔުމާއި ލިޔުމުގައި މޮޅު ނަތީޖާ ހޯދައެވެ. އެކުގައި ކިޔުމަކީ އެކި މާހައުލުތަކުން އަންނަ ކުދިންގެ މެދުގައި ހުންނަ އުނގެނުމުގެ ފަރަގު ކުޑަކުރުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. އަދި މިކަމުން ހުރިހާ ކުދިންނަށްވެސް ކުރިއެރުމުގެ ހަމަހަމަ ފުރުސަތުތައް ލިބިގެންދެއެވެ. ޔޭލް ޔުނިވަރސިޓީން ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ޅަފަތުގައި ކިޔުމާއި ދިގު މުއްދަތުގެ ސިއްހަތާ ދެމެދު ގުޅުމެއް ވެއެވެ. ލިޔެކިޔުމުގެ ހުނަރު ތަރައްގީވެފައިވާ ކުދިން، ބޮޑުވަމުން އަންނައިރު ސިއްހީގޮތުން ރަނގަޅު އާދަތައް އަށަގެންނެވުމާއި ސިއްހަތާ ގުޅޭ މައުލޫމާތު ދެނެގަތުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
7. ކުދިންގެ ބައިވެރިވުމާއިއެކު ކިޔުމުގެ މުހިންމުކަން
ކިޔައިދޭ ގޮތުގެ މުހިންމުކަން ވަރަށް ބޮޑެވެ. ދިރާސާތަކުން ދައްކާގޮތުގައި “ޑައަލޮޖިކް ރީޑިންގ” (މާނައަކީ މައިންބަފައިން ސުވާލުކޮށް، ވާނެގޮތް ލަފާކުރުމަށް ހިތްވަރުދީ، އަދި ވާހަކަ ހަގީގީ ދިރިއުޅުމާ ގުޅުވައިދޭ ގޮތަށް ކިޔައިދިނުން) އިން ކުރާ އަސަރު ވަރަށްބޮޑަށް ތަފާތުވެއެވެ. ކުދިން އެންމެ ރަނގަޅަށް އުނގެނެނީ އެކުދިން އަމަލީގޮތުން ބައިވެރިވާ ހިނދުގައެވެ. “ދެން ވާނެހެން ހީވަނީ ކިހިނެއް؟” ނުވަތަ “އެ ކެރެކްޓަރު އިހުސާސްކުރެވޭނީ ކިހިނެއް؟” ފަދަ ސުވާލުތަކުންވެސް ވިސްނުމާއި މުޢާމަލާތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވެދެއެވެ.
މައިންބަފައިންނަށް މުހިންމު ނުކުތާތައް
- ޅަފަތުގައި ފެށުން: ކުޑަކުދިންނަށް ހުރިހާ ބަސްތަކެއް ނޭނގުނު ނަމަވެސް، ކިޔައިދިނުމުގެ ފައިދާ ލިބެއެވެ.
- ދަރިފުޅު ބައިވެރިކޮށްގެން ކިޔުން ކުރިއަށް ގެންދިއުން: ސުވާލުކުރުމާއި ތަކެތީގެ ނަން ކިޔުއްވުން އަދި ވާހަކައާ ބެހޭގޮތުން ވާހަކަދައްކާށެވެ.
- އިބްރަތްތެރި ވާހަކަތައް ހިޔާރުކުރުން: ހެޔޮކަމާއި، ހިއްސާކުރުމާއި، ހިތްވަރުގަދަކަން ދަސްކޮށްދޭ ފޮތްތައް ހޯދާށެވެ.
- ދަރިފުޅަށް އެންމެ ކަމުދާ ފޮތްތައް ތަކުރާރުކޮށް ކިޔުން: ތަކުރާރުކުރުމުން އިތުބާރު ބޮޑުވެ، އައު ބަސްތައް ދަސްކުރަން ކުދިންނަށް އެހީތެރިވެދެއެވެ.
- ކިޔުމުގެ އާދައެއް އުފެއްދުން: ނިދަން އޮށޯންނަ ވަގުތަކީ އެކުގައި ކިޔައި، ހަމަޖެހިލުމަށް ރަނގަޅު ވަގުތެކެވެ.
- ނަމޫނާ ދެއްކުން: ބެލެނިވެރިންވެސް ފޮތް، މަޖައްލާ ފަދަ ކޮންމެވެސް އެއްޗެއް ކިޔާތަން ދަރިފުޅަށް ދެއްކުމަކީ މުހިންމުކަމެކެވެ.
އެކުގައި ކިޔުމަށް ބާރުއެޅުމަކީ ދަރިފުޅަށް ދެވޭނެ އެންމެ ރަނގަޅު އެއް ހަދިޔާއެވެ. މިއީ ވަރުގަދަ އިހުސާސީ ގުޅުންތައް އުފައްދައި، ސިކުނޑީގެ ތަރައްގީއަށް މަގުފަހިކޮށްދީ، އަދި ކުދިންނަކީ ކަންކަމަށް ޝައުގުވެރިވާ، އޯގާތެރި، އަދި އިތުބާރާއިއެކު އުނގެނޭ ދަރިވަރުންނަށް ހެދުމަށް އެހީތެރިވެދޭ އާދައެކެވެ. މިކަމަށް އަގުބޮޑު ފޮތްތަކެއް ނުވަތަ ގިނަ ވަގުތު ތަކެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ދުވާލަކު ކުޑަ ވަގުތު ކޮޅެއް ކިޔުމުގައި ހޭދަކޮށް ކިޔާއެއްޗަކާއިމެދު ކުޑަކޮށް ހިޔާލު ބަދަލުކޮށްލުމެވެ. މި ވަގުތުކޮޅުތަކަކީ އޭގެ ފައިދާ މުޅި އުމުރަށް ދެމިގެންދާނެ މުހިންމު ވަގުތު ކޮޅެކެވެ.
