11މަހާ ގާތްކުރާއިރު، ހެދިބޮޑުވުމުގެ މުހިންމު މޭލުގާ ތަކަކާއި ދަރިފުޅު ބައްދަލުވެއެވެ. އޭގެ ތެރޭގައި ހިނގަންފެށުމާއި، ބަސްތަކަށް އިޖާބަދިނުމާއި، އެކުދިންގެ ވަށައިގެންވާ ދުނިޔެއާމެދު ޝައުގުވެރިކަން ފާޅުކުރުން ފަދަ ކަންކަން ހިމެނެއެވެ. މި ދުވަސްވަރަކީ އަމިއްލަ މިނިވަންކަން އުފެދެމުން އަންނަ އަދި ގުޅުން ބަދަހިވަމުންދާ ހާއްސަ ދުވަސްވަރެކެވެ. މި ވަގުތު އެކުދިންނަށް އެހީތެރިވުމުގެ ގޮތުން ލޯތްބާއިއެކު އައު ހުނަރުތައް ދަސްކުރުމަށް ހިތްވަރުދިނުމާއެކު ބައިވެރިވުން އަދި ރައްކާތެރިކަމާމެދު ހޭލުންތެރިވުމަކީ މުހިންމުކަމެކެވެ. މި ކަންކަމަށް އެންމެ ފަހުގެ ތަރައްޤީގެ ދިރާސާތަކުން ބާރުލިބެއެވެ.
ހަރަކާތްތެރިކަމުގެ ތަރައްޤީ

11މަސްވާއިރު، ގިނަ ކުދިން އަމިއްލައަށް ތެދުވެ ތަންތަނުގައި ހިފަހައްޓައިގެން ހިނގާއުޅެއެވެ. އަދި ބައެއް ކުދިން ކުޑަ ވަގުތުކޮޅަކަށް އެހީތެރިކަމެއް ނެތި ވެސް ކޮޅަށް ހުރެއެވެ. އަދި މަދުން ނަމަވެސް ބައެއް ކުދިން ހިނގަންފަށައެވެ. ނަމަވެސް ގިނަ ކުދިން ހިނގަން ފަށަނީ ގާތްގަނޑަކަށް 12 އާއި 15 މަހާ ދެމެދުގައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އާންމުކޮށްފައިވާ މުޅި ދުނިޔެއަށް ނިސްބަތްވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮޅަށް ހުރުމާއި ހިނގުމުގެ ހުނަރު ދަސްކުރުމަށް އާދައިގެމަތިން ތަންކޮޅެއް ދިގު މުއްދަތެއް ހޭދަވެއެވެ. އެހެންކަމުން ދަރިފުޅު އަދިވެސް ތަކެތީގައި ނުވަތަ ތަންތަނުގައި ހިފަހައްޓައިގެން ހިނގުމުގެ ހުނަރު ފުރިހަމަކުރަމުންދާނަމަވެސް އެއީ ކަންބޮޑުވާން ޖެހޭކަމެއް ނޫނެވެ. ރައްކާތެރި މާހައުލެއް، މިސާލަކަށް ތަޅުންމަތީ އަރާމުކޮށް ވަގުތު ހޭދަކޮށްލެވޭގޮތަށް ތައްޔާރުކުރުން، ބެލެންސް ކުރުމަށް ހިފެހެއްޓުމަށް ރައްކާތެރި ތަންތަން، އަދި ރަނގަޅު “ޕުޝް ޓޯއީސް” ފަދަ ތަކެތިން އެކުދިންގެ މަސްތަކުގެ ބާރާއި ކޯޑިނޭޝަން އިތުރުކުރުމަށް އެހީތެރިވެދެއެވެ. ފުރޮޅުލާފައި ހުންނަ “ވޯކަރ” ބޭނުންކުރުމުން ދުރުހެލިވާށެވެ. އެއީ އެފަދަ ތަކެތިން ގެއްލުންވުމުގެ ނުރައްކާ ބޮޑުކަމަކަށްވެފައި އަދި ހިނގުމުގެ ހުނަރު އަވަސްވުމަށްވެސް މަގުފަހި ކުރުވާކަމަކަށް ނުވާތީއެވެ.
ބަސް ދަސްކުރުމާއި މުއާމަލާތު ކުރުން
މި މަރުހަލާގައި، ކުއްޖާގެ ބަހުގެ ހުނަރު ކުރިއަރަމުންދާ މިންވަރު ފާހަގަކުރެވޭނެއެވެ. ދަރިފުޅު އެކި ބާވަތުގެ އަޑުތައް ނެރޭނެއެވެ. “މަންމަ” ނުވަތަ “ބައްޕަ” ފަދަ ވަކި ބަސްތައް ބޭނުންކުރަން ފަށާނެއެވެ. އަދި ދަރިފުޅުގެ ނަމުން ގޮވާލުމުން ނުވަތަ “ނޫން” ފަދަ ކުރު އަމުރުތަކަށް އިޖާބަދޭން ފަށާނެއެވެ. އަދި އިނގިލި ދިމާކޮށް ދައްކައިގެން ނުވަތަ އަތުން ހަނާއަޅައި އެކުދިން ބޭނުންވާ ކަމެއް ފާޅުކުރުމުގެ ގޮތުން އިޝާރާތްކުރުމަށް ވަރަށް ޝައުޤުވެރިވާނެއެވެ. ކުއްޖާއަށް ވާހަކަދެއްކޭ މިންވަރަށްވުރެ އަޑުއިވޭ އެއްޗެއް ދޭހަވުމުގެ ޤާބިލުކަން، ކުރިއަރާފައިވާކަން ފާހަގަކުރެވޭނެއެވެ. މި ހުނަރުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހިނގަމުންދާ ކަންތައްތަކާއި އެއްޗެހީގެ ނަން ކިޔައިދޭށެވެ. އަދި އެކުދިން އަޑުލައްވައި ނުވަތަ އިޝާރާތްތަކުން “ޖަވާބުދިނުމަށް” ވަގުތު ދޭށެވެ. ކޮންމެ ދުވަހަކު ފޮތް ކިޔައިދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަކީ ވަރަށްފައިދާ ހުރި ކަމެކެވެ. އެގޮތުން ބޯޑު ފޮތްތައްވެސް ބޭނުންކުރެވިދާނެއެވެ.
ވިސްނުމުގެ ތަރައްޤީ
11 މަހުގައި ކުއްޖާގެ އަމަލުތައް ހުންނަނީ ކަންކަން ތަހުގީގުކުރާ މީހަކަށްވެފައެވެ. އެގޮތުން އެއްޗެހި ވައްޓާލައި، ތަކެތީގެ މަތި ހުޅުވައި، ކުޅޭ ތަކެތިން ތަންތާ ޖަހައި، އަދި ޕީކަބޫ ފަދަ ކުޅިވަރުތަކުގައި ބައިވެރިވާނެއެވެ. އެކުދިން ސަބަބާއި ނަތީޖާ ގުޅުވާލެވޭ ކުޅިވަރުތަކަށް ޝައުޤުވެރިވެއެވެ. މިސާލަކަށް ބަޓަނަކަށް ފިއްތާލުމުން ދެންވާގޮތް ދެނެގަތުން ނުވަތަ ތަށިތައް އެއްތަށި މައްޗަށް އަނެއްތަށި ބަރިއަކަށް ޖަހާލުން ނުވަތަ އެކަތިން އަނެކައްޗަށް އެއްޗެހި އަޅައި ހުސްކޮށް ހަދާއިރު ވާ ކަންތައްތައް ދެނެގަތުމަށް ވަރަށް ލޯބިކުރާނެއެވެ. މި ހަރަކާތްތަކުން މައްސަލަ ޙައްލުކުރުމާއި މާއްދީ ދުނިޔެ ދެނެގަތުމަށް މުހިންމު ބިންގަލެއް އަޅައެވެ. އާ ކަމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދަރިފުޅުގެންގުޅޭ ކުޅޭސެޓްގައިވާ ކުޅޭތަކެތި ކޮންމެވެސް ވަރަކަށް ބަދަލުކުރަމުން ގެންދިއުމާއި، ގޭތެރޭގައި އަދި ޤުދުރަތީ މާޙައުލުގައި އެއްޗެހި ދެނެގަތުމަށް ފުރުސަތު ފަހިކޮށްދިނުމަކީ އެކުދިން ކަންކަމަށް ހުންނަ ޝައުގުވެރިކަން އިތުރުވެ ވިސްނުމުގެ ކުރިއެރުމަށް ފައިދާ ކުރާނެކަމެކެވެ.
ނިދުން
އެމެރިކަން އެކަޑަމީ އޮފް ސްލީޕް މެޑިސިން އިން ލަފާދޭ އަދި އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް އިން ތާއީދުކުރާ ގޮތުގައި، މިއުމުރުގެ ކުދިން އާންމުކޮށް 24 ގަޑިއިރުގެ ތެރޭގައި 12 އާއި 16 ގަޑިއިރު ނިދާނެއެވެ. މީގެ ތެރޭގައި އާންމުކޮށް ދުވާލުގެ ވަގުތު ދެއެއް ނުވަތަ ތިން ފަހަރު ނިދުން ހިމެނެއެވެ. ނަމަވެސް ބައެއް ކުދިން އެއް އަހަރު ފުރުމާ ކައިރިވާއިރު އެކެއް ނުވަތަ ދެ ފަހަރަށް ނިދުން ބަދަލުވެދާނެއެވެ. ނިދުމުގެ ކުރިން ފެންވަރުވާލުމާއި، މަޑުމަޑުން މަސާޖުކޮށްދިނުން އަދި ކުރު ވާހަކައެއް ކިޔައިދިނުންފަދަ ނިދުމުގެ ކުރިން ކުރަމުންގެންދާ ކަންކަން އެއް ގޮތަކަށް ހިފެހެއްޓުމުން މިއާދަތައް ހަރުދަނާކުރެވިދާނެއެވެ. ހަނދާންބަހައްޓަންވީ ކަމަކީ އަލަށް ހިނގަން ފެށުމާއި ދަތްފަޅަން ފެށުމާއި ގުޅިގެން ނިދުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމެވެ. އެހެންކަމުން ކެތްތެރިކަމާއެކު އެއްގޮތަކަށް ކަންތައްތައް ކުރުމުން ރަނގަޅު ނަތީޖާ ފެންނާނެއެވެ.
ރަނގަޅު ކާނާ އާއި ކާންދިނުން
އެއް އަހަރު ފުރުމާ ކައިރިވާއިރު، މައިގަނޑު ކާނާގެ ގޮތުގައި ބޭނުންކުރަނީ މައިމީހާގެ ގާތުން ލިބޭ ކިރު ނުވަތަ އަޔަން އިތުރުކޮށްފައިވާ ފޯމިއުލާ ކިރެވެ. 12 މަސް ފުރުމަށްފަހު، އާންމުކޮށް ޕާސްޗަރައިޒްކޮށްފައިވާ ފުރިހަމަ ގެރިކިރު ނުވަތަ ފޯޓިފައިޑް ސޯޔާ ކިރަށް ބަދަލުކުރެވިދާނެއެވެ. މިގޮތުން ދުވާލަކު ގާތްގަނޑަކަށް 16 އައުންސް (2 ތަށި) ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް އެހާތަނަށް، ފޯމިއުލާ ނުވަތަ ގާތުން ދިނުން ކުރިއަށް ގެންދަންވާނެއެވެ. އަދި ކެއުމުގެ ވަގުތުތަކުގައި ފެން ދެވިދާނެއެވެ. ދަރިފުޅަށް ދޭ ހަރުކާނާ ވާންޖެހޭނީ ފުރިހަމަ ކާނާއަކަށެވެ. އަޔަން ގިނަ ކާނާގެ ތެރޭގައި މަޑު މަސް، މުގު، ތޮޅި އަދި ފޯޓިފައިޑް ސީރިއަލް ފަދަ ތަކެތި ރަނގަޅުވާނެއެވެ. މީގެ އިތުރުން ތަރުކާރީ، މޭވާ، ހަނޑޫ، ޔޯގަޓް އަދި ޗީޒް ހިމެނެއެވެ. އެލަރޖީއެއް ހުންނަކަން ނޭނގޭނަމަ، ޑޮކްޓަރުގެ ލަފާގެ މަތިން، އާންމުކޮށް އެލަރޖީ ވާކަހަލަ ކާނާގެ ބާވަތްތައް މަދުން ދެވިދާނެއެވެ. ދަރިފުޅަށް އަމިއްލައަށް ކާން ދަސްކޮށްދިނުމަށް މަޑު އަދި ރައްކާތެރި، އިނގިލިން ނެގޭވަރުގެ ކާނާ ދިނުމުން، އިނގިލިތަކުގެ ހަރަކާތްތައް ރަނގަޅުވެ އަދި އަމިއްލައަށް ކަންތައްތައް ކުރުމުގެ ޤާބިލުކަން އިތުރުވާނެއެވެ.
އިޖްތިމާޢީ އަދި ޖަޒްބާތީ ތަރައްޤީ
ކުރިއަށްވުރެ އިޖްތިމާއީ ހޭލުންތެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވޭނެއެވެ. ގިނަ ކުދިން އާންމުކޮށް ނުފެންނަ މީހުންނާއި ރުޅިން ނުވަތަ ބިރުން އުޅޭކަން ފާހަގަ ކުރެވޭނެއެވެ. އަދި އާންމުކޮށް ފެންނަ މީހުންގެ ކައިރީ ތިބޭއިރު އެކުދިންނަށް ހިތްހަމަޖެހުން ލިބިދެއެވެ. އަދި އެތަނުން މީހަކު ދުރަށް ނުވަތަ ބޭރަށްދާނަމަ ހިތްހަމަނުޖެހި ރުޅިއައިސްފާނެއެވެ. ހަމައެއާއެކު، އެކުދިން އިޖްތިމާއީ އާދަތަކުން އުފާ ލިބިގަނެއެވެ. ތައުރީފު ކުރުމުން އަތްތިލަބަޑިޖެހުމާއި، ބެލެނިވެރިންނަށް އިޝާރާތްކޮށް ޝައުޤުވެރިކަން ހިއްސާކުރުމާއި، ސަމާލުކަން ހޯދުމަށް ކުޅޭ ތަކެތި ދިއްކުރުންފަދަ ކަންކަން ހިމެނެއެވެ. މިފަދަ ޖަޒްބާތީ ގުޅުން ފާޅުކުރުމަކީ ހަމްދަރުދީއާއި އިތުބާރު ބިނާކުރުމުގެ އަސާސެވެ. އެކުދިންގެ އިޖްތިމާއީ އިޝާރާތްތަކަށް އަވަހަށް އިޖާބަދިނުމުން ބެލެނިވެރިންނާއި އެކުދިންނާ ދެމެދުގެ ގުޅުން ބަދަހިވެ، ބެލެނިވެރިންނަށް އެކުދިންގެ އިހުސާސްތައް އެގޭކަން އަންގައިދެވެއެވެ.
ރައްކާތެރިކަން ކަށަވަރުކުރުން
ހަރަކާތްތެރިކަން އިތުރުވަމުންދާއިރު، ގޭތެރޭގެ މާހައުލު ކުޑަކުދިންނަށް ރައްކާތެރި ކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ބޭރު ދޮރު ނުވަތަ ސިޑި ކައިރީ އެކަނި ނުނިކުމެވޭ ނުވަތަ ސިޑިން ނޭރޭގޮތަށް އެއްޗެއް ހަރުކުރުމާއި، ފަރުނީޗަރު ނުވެއްޓޭނެހެން ފާރަށްހަރުކުރުމާއި، ކަރަންޓު އައުޓްލެޓްތައް ނިވައިކުރުމާއި، ތިރީގައި ހުންނަ ކަބަޑުތައް ތަޅުލުން ހިމެނެއެވެ. ދަރިފުޅުގެ 9 މަހުގައި ތަރައްޤީގެ ސްކްރީނިންގއެއް ހަދާފައި ނުވާނަމަ، މިއުމުރުގައި އެކަން ކުރުމަކީ ރަނގަޅު ވަގުތެކެވެ. އެއީ ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށްދޭތޯ ކަށަވަރުކުރުމަށްޓަކައެވެ. ހެދިބޮޑުވުމުގެ ތަރައްގީ ވަޒަންކުރުމުގައި އާންމުކޮށް ހިމެނެނީ ވެކްސިން ޖެހުމާއި، ހަރަކާތްތެރިކަމާއި މުއާމަލާތްކުރުމުގެ ހުނަރުތައް ވަޒަންކުރުމާއި، ދަތުގެ ފަރުވާއާ ބެހޭ އިރުޝާދާއި، ކާނާގެ އާއިގުޅޭ ކަންކަމެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން އެއްވެސް ކަންބޮޑުވުމެއް ނުވަތަ ސުވާލެއް ވާނަމަ ނޯޓުކޮށްލާށެވެ. އޭރުން ޑޮކްޓަރާއެކު އެ ކަންކަމާމެދު މަޝްވަރާކުރުމަށް ފަސޭހަވެގެންދާނެއެވެ.
ކުޑަކުދިންގެ ޑޮކްޓަރާ މަޝްވަރާކުރަން ޖެހޭނީ ކޮން ވަގުތެއްގައިތޯ
ކުއްޖާއަށް އަންނަނިވި ކަންތައްތަކުން ކުރެ ކަމެއް ދިމާވެއްޖެނަމަ ޑޮކްޓަރާއި މަޝްވަރާކުރުން މުހިންމެވެ.
- ވާހަކަދައްކާފަދަ ގޮތަކަށް އަޑުލައްވައި ނުހެދުމާއި، ކުއްޖާގެ ނަމުން ގޮވާލުމުން ނުވަތަ އެހެންވެސް އަޑުތަކަށް އިޖާބަނުދިނުމާއި، އަތުން އިޝާރާތްކުރުން ނުވަތަ އިނގިލިން ދެއްކުން ފަދަ ހަރަކާތްތައް ނުކުރުން.
- އެހީތެރިކަމާއެކުވެސް އިށީނދެ ނީންދެވުން ނުވަތަ ކޮޅަށް ނުހުރެވުން. ނުވަތަ ކުރިން ދަސްވެފައިވާ ހުނަރުތަކެއް ގެއްލިފައިވުން.
- އެކުގައި އުޅޭ މީހުންނާ މެދު ނުވަތަ ކުޅުމާ މެދު ޝައުޤުވެރިކަމެއް ނެތުން، ނުވަތަ އާދަޔާ ޚިލާފަށް އެކަހެރިވެފައިވާ ކަމަށް ފެނުން.
މި ނިޝާންތަކަކީ އެމެރިކާގެ ސީޑީސީގެ “އެކްޓް އާރލީ” ފަދަ އަވަހަށް ދެނެގަތުމުގެ ޕްރޮގްރާމްތަކުގެ ލަފާތަކާ އެއްގޮތްވާ ކަންތައްތަކެވެ. މި ޕްރޮގްރާމްތަކުން ބާރުއަޅަނީ ކުއްޖާގެ ތަރައްޤީއާ ގުޅޭ ކަންބޮޑުވުންތައް ފާހަގަވުމުން އަވަހަށް އެކަން ވަޒަންކުރުމަށެވެ. އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމުން ވަރަށް ބޮޑު ތަފާތެއް އަންނާނެއެވެ.
