އޭ.ޑީ.އެޗް.ޑީ އަކީ އާދަޔާއި ޚިލާފަށް ޙަރަކާތްތެރިވެ އުޅުމާއި ފަހަށް ވިސްނުމެއްނެތި ކަންކަން ކުރުމަށް މަގުފަހިކުރުވާ ނިއުރޮލޮޖިކަލް ޑިސްއޯޑަރއެކެވެ. އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންނަށް އެއްކަމަކަށް ސަމާލުކަން ދީގެން އެކަމެއްކުރުމަށާއި ތަނެއްގައި މަޑުން ގިނައިރު އިނުންފަދަ ކަންކަން ކުރުމަށް އުނދަގޫތަކާއި ކުރިމަތިވެއެވެ. އޭ.ޑީ.އެޗް.ޑީ އަކީ ކުޑަކުދިންނަށް ދިމާވާ އެންމެ އާންމު އެއް މައްސަލައެވެ. މީގެ ސަބަބުން އެކުދިންނަށް ސްކޫލުގައާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި ދަތިތަކާ ކުރިމަތިވެއެވެ.
އޭ.ޑީ.އެޗް.ޑީގެ އަލާމާތްތައް

އޭ.ޑީ.އެޗް.ޑީ ހުންނަ އެކި ކުދިންގެ ކިބައިން ތަފާތު އެކި އަލާމާތްތައް ފެނުން އެކަށީގެންވެއެވެ. މިއަލާމަތްތައް ގުޅިފައިވަނީ ސަމާލުކަން ނުދެވުމާއި، އާދަޔާއި ޚިލާފަށް ޙަރަކާތްތެރިވެ އުޅުމާއި ވިސްނާނުލާ ކަންކަން ކުރުމާއެވެ. އޭ.ޑީ.އެޗް.ޑީއަށް ޑައިގްނޯސްކުރެވޭނީ ނުވަތަ ދެނެގަނެވޭނީ މީގެތެރެއިން ބައެއް އަލާމާތްތައް އެއް މާޙައުލަށްވުރެ ގިނަ މާޙައުލުން ފެންނަނަމައެވެ. މިސާލަކަށް ގެ އަދި ސްކޫލުގައި އުޅޭއުޅުމުގައި މިއަލާމާތްތައް އެކުދިންގެ ކިބައިން ފެންނަނަމައެވެ. އޭ.ޑީ.އެޗް.ޑީ ހުންނަ ކުއްޖެއްގެ ކިބައިން ފެނިދާނެ ބައެއް ކަންކަމުގެ ތެރޭގައި:
- ކަންކަމަށް ސަމާލުކަން ދިނުމަށް ދަތިވުން. މިސާލަކަށް ކުރާ މަސައްކަތެއްގައި އެކަމަށް ފަރުވާތެރިކަމާއިއެކު ފުރިހަމައަށް ސަމާލުކަން ނުދެވުމުގެ ސަބުބުން މަސައްކަތް ރަނގަޅަށް ނުކުރެވުން ނުވަތަ އެކަމެއް ގޯސްކޮށް ކުރެވުން.
- އެއްކަމަކަށް ގިނައިރު ސަމާލުކަން ދީގެން އިނުމަށް ދަތިވުމާއި ފަސޭހައިން ސަމާލުކަން ގެއްލުން.
- އާންމު ގޮތެއްގައި ކުރަންފަށާ ކަންކަން ނިންމުމަށް ހަނދާންނެތުން.
- ވާހަކަ ދެއްކުމުން ދައްކާ ވާހަކައަށް ސަމާލުކަން ނުދިނުން.
- މަސައްކަތްތައް ރާވައި ތަރުތީބު ކުރުމުގައި އުނދަގޫވުމާއި އެކަންކަމުގައި ބޭނުންކުރާ ތަކެތި ބޭއްވޭތަން ހަނދާންނެތުން.
- ސުކޫލުގެ މަސައްކަތްތައް ދެވޭ އިރުޝާދާއި އެއްގޮތައް ނިންމުމަށް ދަތިވުން.
- އަމިއްލަ ފިކުރާއި ވިސްނުމުން ކުރަންޖެހޭ ކަންކަން ކުރާހިތް ނުވުމާއި އެކަންކަން ނުކުރުން އަދި ކުރުމަށް ދެކޮޅުހެދުން.
- ގިނައިރު އިށީނދެ އިނުމަށް އުނދަގޫވުން ނުވަތަ ކޮންމެހެން އިށީނދެ އިންނަންޖެހޭ ޙާލަތްތަކުގައި ވެސް ތެދުވެގެން އުޅުން.
- އާދަޔާއި ޚިލާފަށް ދުވެހެދުމާއި ތަންތަނަށް އަރައި އުޅުން.
- މުނިފޫހި ފިލުވުމާއި، ކުޅިވަރު ކުޅުމުގެ ޙަރަކާތްތަކުގައި އަޑުގަދަ ނުކޮށް މަޑުން އެކަމެއް ނުކުރެވުން.
- އެއްތަނެއްގައި މަޑުން ހުރުމަށް ދަތިވުން. އަބަދުވެސް އެއްތަނުން އަނެއްތަނަށް ދިއުމަށް ބޭނުންވެފައި ހުރުން. މިސާލަކަށް އެއް ކޮޓަރިން އަނެއް ކޮޓަރި އަށް ދުވެލަ ދުވެލާ ހުރުން.
- މާގިނައިން ވާހަކަ ދެއްކުން.
- ސުވާލެއް ނިމުމުގެ ކުރިން ޖަވާބު ދިނުން ނުވަތަ ވިސްނުމެއް ނެތި ކޮންމެވެސް އެއްޗެއް ބުނުން.
- ފަހަރަކު ކުއްޖަކު ތަރުތީބުން ކުރެވޭ ކަމެއްގައި އެކުއްޖަކަށް ފުރުސަތު ލިބެންދެން މަޑުކުރަން އުނދަގޫވުން.
- އެހެން މީހުން ވާހަކަ ދައްކާއިރު އުނދަގޫ ކުރުން ނުވަތަ ހުއްޓުވުން.
މީގެތެރެއިން ގިނަ ކަންތައްތަކެއް ކުއްޖާގެ ފަރާތުން ފެންނަނަމަ ނުވަތަ އޭ.ޑީ.އެޗް.ޑީއަށް ޝައްކު ކުރެވޭނަމަ، ސައިކޮލޮޖިސްޓެއްގެ ނުވަތަ ޑޮކްޓަރެއްގެ އެހީ ލަސްނުކޮށް ހޯދާ ފަރުވާ ހޯދުން މުހިންމެވެ.